ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާސްތާ – ޗެޕްޓަރ 16

ކަނޑުގެ ރާސްތާ

ރޭވުން ވަރަށް އާދައިގެއެވެ. އެހާމެ ސާދާއެވެ. އަމީރާގެ މިހާރުގެ ދިރިއުޅުމުގެ މަގާމަށް ބަލާއިރު، އެފަދަ ސާދާކަމަކީ ނުރައްކަލުގެ ނިޝާނެކެވެ.

ބާކީ އޮތީ އެންމެ ދެ ރެއެވެ. އަމީރާއަށް ލިބިފައިވާ މުހުލަތަކީ އެއީއެވެ. އޭނާގެ ކޮންމެ ފިޔަވަޅެއް އަޅަންޖެހެނީ އިންތިހާއަށް ސަމާލުވެގެންނެވެ. އާދައިގެ ގޮތަކަށް އުޅެމުން، އޭނާގެ ހިތުގައިވާ ކަންބޮޑުވުމުގެ ކުޑަވެސް އަސަރެއް މޫނުމަތިން ފާޅުވިޔަ ނުދީ ހިފެހެއްޓުމަށެވެ.

ނަމަވެސް އެ ގޭގެ މާހައުލަށް ބަދަލުތަކެއް އައިސްފައިވެއެވެ. ކުރިއަށްވުރެ ބަރުހެލި، ނުތަނަވަސް ގޮތެއް ހުއްޓެވެ. ކޮންމެވެސް ބަޔަކު އޭނާގެ ހަރަކާތްތަކަށް ފާރަލަމުންދާ ކަހަލައެވެ. އޭގެ ސަބަބަކީ ޒީވާކަން އަމީރާއަށް އެނގެއެވެ.

އެ އަންހެންމީހާ އަމީރާއާ އަލުން ކުރިމަތިލާކަށް ނޫޅެއެވެ. ވާހަކައެއް ނުދައްކައެވެ. އިންޒާރެއްވެސް ނުދެއެވެ. އެކަމަކު އެއީ މާ ބިރުވެރި ކަމެކެވެ. އެފަދަ އަންހެނުންނަކީ ބޭކާރު ވާހަކަ ދައްކައި ވަގުތު ނަގާލާނެ ބައެއް ނޫނެވެ. އެމީހުން ބަލަން ތިބެނީ އެންމެ ރަނގަޅު ވަގުތަށެވެ. އެންމެ ފުރުސަތެއް ލިބުމާއެކު، ހަމަލާދޭނެއެވެ.

އެ ރޭ އަމީރާއަށް އަނެއްކާވެސް އަމުރެއް އައެވެ. އަނެއްކާވެސް ތަކެތި ހަވާލުކުރަން ދާށެވެ. ނަމަވެސް މިފަހަރު ކަންތައްތައް ހުރީ ތަފާތު ގޮތަކަށެވެ. އާދަޔާ ހިލާފު ހިމޭންކަމެކެވެ. ގާއްޑޭ އެތާކު ނެތެވެ. އެކަން އެކަނިވެސް އަމީރާއަށް އަންގައިދިނީ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމެވެ.

ގާއްޑޭގެ ބަދަލުގައި އަމީރާ ހަވާލުކުރެވުނީ އެ އަންހެންމީހާއާއެވެ. “އޭނާއާ އެކު ދޭ.” މީހަކު ބުންޏެވެ. އަމީރާގެ ބަނޑަށް ފިނިވެގެން ދިޔައެވެ. އެ އަންހެންމީހާ ހުރީ ދޮރުމަތީގައި ލެނގިލައިގެންނެވެ. ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. “ހިނގާ!” އޭނާ ބުންޏެވެ. އޭނާގެ އަޑުގައި އެއްވެސް އިހުސާސެއް ނެތެވެ. ހަމައެކަނި ފެންނަނީ ކޮންޓްރޯލް ކުރަން ބޭނުންވެފައި ހުރިވަރެވެ.

ދަތުރު ދިޔައީ ހިމޭންކަމުގައެވެ. މާލޭގެ މަގުތައް ފަހަތަށް ދޫކުރަމުން ދިޔައިރު، އަމީރާގެ ސަމާލުކަން ހުރީ މަގުމައްޗަކަށް ނޫނެވެ. އޭނާ ބަލަމުން ދިޔައީ އެ އަންހެންމީހާއަށެވެ. ކޮންމެ ދިމާލަކަށް އޭނާ ބަލަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. މި ދަތުރު ނިމޭނެ ގޮތް ކުރިންވެސް އޭނާއަށް އެނގޭ ފަދައެވެ. އެމީހުން މަޑުކުރީ އާންމުކޮށް މަޑުކުރާ ތަނަކަށް ނޫނެވެ. މީހުން ގިނަ ހިސާބަކަށްވެސް ނޫނެވެ. އޭގެ ބަދަލުގައި، އެމީހުން ވަނީ ވަރަށް އެކަހެރި ހިސާބަކަށެވެ. އަނދިރި، ފަޅު ގޯޅިގަނޑެކެވެ. “ފައިބާ!” ޒީވާ އަމުރުކުރިއެވެ. އަމީރާ ވަގުތުން ހަރަކާތެއް ނުކުރެއެވެ. “ކޮބާ އެ މީހަކީ؟” އަމީރާ ސުވާލުކުރިއެވެ. އެ އަންހެންމީހާ ކުޑަކޮށް ހިނިތުންވެލިއެވެ. “ނެތް.” މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ. އަމީރާއަށް ހުރިހާ ކަމެއް ވިސްނުނެވެ. މިއީ އެ ވަގުތެވެ.

“ކަލޭގެ ހަރަކާތްތައް މަށަށް ފާހަގަނުވާނެ ކަމަށްތަ ހީކުރީ؟” ޒީވާ ގާތަށް ޖެހިލަމުން ބުންޏެވެ. “ކަލޭ އުޅޭ ގޮތާއި، ކަލޭ ބަލާ ގޮތް. އަދި އޭނާ ކަލެއަށް ބަލާ ގޮތްވެސް.” އަމީރާ ހިތްވަރު ދޫނުކޮށް، ސާބިތުކަމާއެކު ހުއްޓެވެ. “ތީ ކަލެއަށް ހީވާ ގޮތް.” އެ އަންހެންމީހާ ފިނި ގޮތަކަށް ހީނގަތެވެ. “މަށަކަށް ހީއެއް ނުވާނެ. މަގޭ ކުރިމަތީގައި ހުރި ހުރަސްތައް މަ ނައްތާލަނީ.” ހަމަ އެވަގުތު އޭނާގެ އަތް ވަރަށް ހަލުވިކަމާއެކު ހަރަކާތްކުރިއެވެ. އަމީރާގެ އަތުގައި ބާރަށް ހިފައި، ކުރިއަށް ދަމައިގަތެވެ. “ބިޗް. ކަލެއަކީ މިތަނަށް ބޭނުން މީހެއް ނޫން.” އޭނާގެ އަޑުގައި ހުރީ ނަފުރަތެވެ. “އަދި މިތާ ބަހައްޓާކަށް މަ ބޭނުމެއް ނޫން.”

އަމީރާ ކުޑަކޮށް އަރިއަޅާލި ނަމަވެސް، އޭނާގެ ނަފްސު ކޮންޓްރޯލް ކުރިއެވެ. އޭނާގެ ސިކުނޑި ބާރަށް މަސައްކަތް ކުރަމުން ދިޔައެވެ. މިތާކު ހެކިވެރިއެއް ނެތެވެ. އެހީތެރިވާނެ މީހަކު ނެތެވެ. ސަލާމަތްވާނެ މަގެއްވެސް ނެތެވެ.

“ކަލޭ ތި ހުންނަނީ މަދެކެ ބިރުން.” އަމީރާ ކުއްލިއަކަށް ބުންޏެވެ. ބިރުވެރިކަން އޭނާގެ ދޫ ހިފެހެއްޓުމުގެ ކުރިން އެ ޖުމްލަ ބޭރުވިއެވެ. އެ ހިނދުކޮޅު، އެ އަންހެންމީހާ މަޑުޖެހިލިއެވެ. އެއީ ވަރަށް ކުޑަ ހިނދުކޮޅެކެވެ. ނަމަވެސް އަމީރާއަށް އެ ފުރުސަތު ފުދުނެވެ.

“ކަލެއަށް ކޮންޓްރޯލް ނުކުރެވޭ ކަމެއް މަގޭ ކިބައިން ކަލެއަށް އެބަ ފެނޭ. އެކަމާ ކަލޭ ބިރުގަންނަނީ.” އަމީރާ ކުރިއަށް ގެންދިޔައެވެ. އެ ބަސްތަކުން އެ އަންހެންމީހާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ އަމީރާގެ އަތަށް ބާރުކޮށްލިއެވެ. “މިއީ ބިރުގަތުމުގެ ކަމެއް ކަމަށްތަ ކަލެއަށް ހީވަނީ؟” އޭނާ ރުޅިވެރިކަމާއެކު ބުންޏެވެ. އޭނާގެ އަނެއް އަތުން ކަޓަރު ތިލައަކުން އަމީރާ މޫނުގައި ހަލުވިކަމާއެކު އަޅަން މަސައްކަތްކުރިއެވެ.

އަމީރާ ވަގުތުން ދިފާއުވިއެވެ. އޭނާގެ ހަށިގަނޑު އަނބުރާލައި، އެ އަންހެންމީހާގެ އަތްދަށުން ސަލާމަތްވެ، ފަހަތަށް ޖެހުނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. “ޒީވާ.” އަމީރާ މަޑުމައިތިރި އަޑަކުން ބުންޏެވެ. “މަށަށް ކަމެއް ވެއްޖެއްޔާ.. އެއީ ކަލޭ ކުރި ކަމެއްކަން ގާއްޑޭއަށް އެނގޭނެ.”

މިއީ އަމީރާ ކުޅުނު ބޮޑު ގޭމެކެވެ. މުޅި ތަނަށް އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. ޒީވާ ބަލަން ހުރީ ނުރައްކާތެރި ނަޒަރަކުންނެވެ. އޭނާ މިކަމުގެ ނަތީޖާއާ މެދު ވިސްނަމުންދާ ކަހަލައެވެ. ގާއްޑޭގެ ކުރިމަތީގައި އޭނާގެ މަގާމު ގެއްލިދާނެތީ އޭނާ ފަސްޖެހުނެވެ.

އަމީރާއަށް އެކަން ފާހަގަވިއެވެ. “އޭނާގެ އަތުގައި ކަލެއަށް އޮތް އިތުބާރު ގެއްލޭކަށް ކަލޭ ބޭނުމެއް ނުވާނެ.” އަމީރާ މަޑުމަޑުން ބުންޏެވެ. އަންހެންމީހާ ދަތްކުނޑިވިކާލިއެވެ. ސަބަބަކީ އެއީ ތެދަކަށް ވީތީއެވެ. އޭނާ އަމީރާ މަރާލަން އުޅޭ ފަދަ ގޮތަކަށް ހުރެފައި، މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އޭނާގެ މޫނުމައްޗަށް އަނެއްކާވެސް ހިނިތުންވުމެއް އައެވެ. ނަމަވެސް އެއީ މާ ބިރުވެރި ހިނިތުންވުމެކެވެ. “ޔޫ އާ ސްމާރޓް.” އޭނާ ބުންޏެވެ. “މަ ކަލޭ ދުއްވާލާ ދުވަހަކުން، އެކަމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ.”

އޭނާ އެނބުރި ކާރާ ދިމާލަށް ހިނގައިގަތެވެ. ކަމެއް ނުވާ ފަދައެވެ. ހަމައެކަނި އެ ނިންމުން ފަސްކޮށްލީއެވެ. އަމީރާ ކުޑަ ވަގުތުކޮޅަކަށް އެތާ ހުއްޓެވެ. އޭނާ ދިރިހުރީ ކިރިޔާއެވެ. ދެން އޭނާވެސް ޒީވާގެ ފަހަތުން ދިޔައެވެ. ސަބަބަކީ އޭނާއަށް އެހެން ގޮތެއް ނެތީމައެވެ. މި ކުޅިވަރު އަދި ނުނިމެއެވެ.

ނަމަވެސް މިހާރު ހުރިހާ ކަމެއް ސާފެވެ. ވަގުތު ކުޑަތަންވަމުން ދަނީއެވެ. އޭނާ މިތަނުން ފިލަން ޖެހޭނެއެވެ. ވަރަށް އަވަހަށެވެ. އެމީހުން އެނބުރި ގެއަށް އައިއިރު ގާއްޑޭ ހުއްޓެވެ. އޭނާގެ ނަޒަރު ވަގުތުން އަމީރާއަށް ހުއްޓުނެވެ. ދެން ޒީވާއަށް ބަލާލިއެވެ. “އޯލް ގުޑް؟” ގާއްޑޭ ސުވާލުކުރިއެވެ. “އޯ ޔެސް ލަވް.” ޒީވާ ވަރަށް އޮމާންކޮށް ޖަވާބުދިނެވެ.

ގާއްޑޭ އަނެއްކާވެސް އަމީރާއަށް ބަލާލިއެވެ. އޭނާގެ ހިތުގައި ސުވާލުތަކެއް ހުރި ފަދައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިހުސާސް ކުރެވެއެވެ. އަމީރާ އޭނާގެ ލޮލަށް ބަލާލިއެވެ. އެންމެ ސިކުންތަކަށެވެ. ދެން ނަޒަރު ބަދަލުކޮށްލިއެވެ. އަމީރާ އޭނާގެ ދައުރު ކުޅެމުން ދިޔައެވެ. ނަމަވެސް އަމީރާގެ ހިތުގައި އޭނާގެ ނިންމުން ވަނީ ވަރުގަދަވެފައެވެ. އިތުރަށް އިންތިޒާރު ކުރުމެއް ނެތެވެ. އިތުރަށް ބަލަން ހުރުމެއް ނެތެވެ. މާދަމާ ރޭ.. އެ ދޯނި.. ސަލާމަތްވުން.. އެއީ އޮތް ހަމައެކަނި ފުރުސަތެވެ. ކޮންމެ ފަހަރަކު ޑީލްއެއް ނިމުނީމަ އިތުރަށް އެއްޗެއް މީހަކު ދިއްކޮށްލައިފިނަމަ އަމީރާ އެ ވަރަށް ހުޝިޔާރުކަމާއެކު ފޮރުވައެވެ. ލައިގެނަ ހުންނަ ހެދުން އެތެރެއަށް، ބުރާ ތެރެއަށް.. މިހާރު މިއޮތީ އޭގެ ބޭނުން ހިފަން ޖެހޭ ވަގުތު އައިސްފައެވެ. އަމީރާ ހިނގާފައި ދިޔައިރު، އޭނާގެ ބުރަކަށީގައި މީހެއްގެ ނަޒަރު ހުރިކަން އިހުސާސްވިއެވެ. އެއީ ގާއްޑޭގެ ނަޒަރެއް ނޫނެވެ. އެއީ ޒީވާއެވެ. ބަލަހައްޓައިގެން، އިންތިޒާރުގައި، ދަނޑިވަޅެއް ހޯދަހޯދައެވެ.

އަމީރާ ކޮޓަރިއަށް ވަނުމާއެކު އަވަހަށް ދޮރުލައްޕާލާ ފާޚާނާއަށް ވަދެ އިސްކުރު ދޫކޮށްލިއެވެ. އެއަށްފަހު އަވަސްއަވަހަށް ފޮރުވާފައި ހުރި ފައިސާކޮޅު ނަގައި ގުނާލިއެވެ. 3125 ރުފިޔާ އޭނާ އަތުގައި އެބަ އޮތެވެ. އަދި އޮޅާލައި ބޮނޑިކޮށްލާފައި އޮތް ކަރުދާސްކޮޅެކެވެ. ލިބުނު މެސެޖު ވަރަށް ކުރުވެފައި ސާފެވެ. “މިރޭ.” އެއްވެސް ނަމެއް ނެތެވެ. ގަޑިއެއް ދެފަހަރަކު ލިޔެފައެއް ނެތެވެ. ކުށަކަށް އެއްވެސް ޖާގައެއް ނެތެވެ.

އަމީރާއަށް ނުނިދޭތާ، އޭނާގެ ސިކުނޑިއަށް އެއްވެސް އަރާމެއް ނެތެވެ. އެ ކަނު އަނދިރި ކޮޓަރީގައި އޭނާ މަޑުމަޑުން އިނީ މާލޭގެ އަޑުތަކަށް ކަންފަތް ދީގެންނެވެ. މާލެއަކީ ނިދާފައިވާކަމަށް ދެއްކި ނަމަވެސް، ދުވަހަކުވެސް ހަޤީޤީ އަރާމެއް ލިބޭ ސިޓީއެއް ނޫނެވެ. އެ އަޑުގަދަ މާހައުލުގެ ކޮންމެވެސް ހިސާބެއްގައި ގާއްޑޭ އުޅޭނެއެވެ. އަދި ޒީވާ ވެސްމެއެވެ. އަމީރާގެ މައްޗަށް އެމީހުންގެ ބާރު ކެނޑެމުންދާކަން އެއިން އެކަކަށްވެސް ރޭކާނުލައެވެ. އަމީރާގެ ރޭވުން ސާދާވެފައި ހަލުުތްވެވެ. ދެވަނަ ފުރުސަތެއް ނެތެވެ. ކުދިން ގޮވައިގެން، ދޯނި އޮތް ތަނަށް ދިއުން، ރަށްފުށުގެ މަގުން ދަތުރު ފެށުން، ވިލަރެސްފުށީ ކައިރީގައިވާ އަތޮޅުތަކުގެ ތެރެއަށް ގެއްލުން، ބޮޑުބޭބެ ހޯދުން، މި ނުބައި ސިލްސިލާ ނިމުމަކަށް ގެނައުން. ނަމަވެސް އޭނާއަށް އެނގެއެވެ. މި ދުނިޔޭގައި އެއްވެސް ކަމަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫންކަމެވެ.

މެންދަމުގެ ކުރިން އެ ގޭތެރޭގެ ހާލަތު ބަދަލުވިއެވެ. ފިޔަވަޅުތަކުގެ އަޑެވެ. އަމުރުތަކެވެ. ނުތަނަވަސްކަމެވެ. ގާއްޑޭ އެގެއިން ނުކުމެގެން ހިނގައްޖެއެވެ. އެއީ ލިބުނު ފުރުސަތެވެ. ނަމަވެސް ޒީވާ މަޑުކުރިއެވެ. މިއީ އިއްތިފާޤެއް ނޫނެވެ. މިއީ ބިރުވެރި ރޭވުމެކެވެ. “ކުދިން ގޮވައިގެން ހިނގާ.” އެއްވެސް މީހަކަށް ފެންނަ ހިސާބެއްގައި ނެތް ވަގުތު ބަލާފައި ނަރުސް މީހާ ބުންޏެވެ “މިހާރު ދޭ. ފަހަތު ދޮރުން. އަހަންނަށް މާގިނަ އިރަކު އެމީހުން ހިފަހައްޓައެއް ނުލެވޭނެ.” އަމީރާ އެއްވެސް ސުވާލެއް ނުކުރެއެވެ. މިއަދު މި ނަރުސް މީހާ އަމީރާއަށް އެހީތެރި މިވަނީ ކީއްވެގެން ކާކު ބުނެގެން ކަމެއް ނޭނގެއެވެ. ނަމަވެސް ފަސްޖެހުމެއް ނެތި އޭނާ ހަރަކާތްތެރިވިއެވެ. ވަރަށް ހަލުވިކޮށެވެ.

މާވިން އަމީރާގެ އަތުގައި ބާރަށް ހިފިއެވެ. މީޝާ އޭނާގެ އަތްމަތީގައި އެލިގަތެވެ. ސުވާލެއް ނެތެވެ. އޮތީ ހަމައެކަނި ބިރުވެރިކަމާއި އިތުބާރެވެ. އެމީހުން ދުއްވައިގަތެވެ. ގޯޅިތަކުގެ ތެރެއިންނެވެ. ނިދާފައި ތިބި ފާރަވެރިންގެ ކައިރިންނެވެ. ފަހަތު ދޮރުން ނުކުމެ، ރޭގަނޑުގެ ތެތް ފިނި ވަޔާ ކުރިމަތިލިއެވެ. މާލޭގެ ބޭރުން ފެންނަ ރަށްފުށުގެ މާހައުލު ތަފާތެވެ. ނަމަވެސް މިރޭ އެއީ ނުދަންނަ ނުރައްކަލަކާ ކުރިމަތިލާ ރެއެވެ. ކޮންމެ ހިޔަންޏަކީ ދިރިހުރި އެއްޗެއް އަދި ކޮންމެ އަޑަކީ ދެވޭ އިންޒާރެއް ފަދައެވެ.

ކުޑަ މަސްދޯންޏެއް އަޅާފައިވާ ފާލަމެއް ކުރިމަތިން ފެނުނެވެ. ބާވެ، ދަބަރު ޖަހާފައެވެ. ފަނޑު އަލިކަމެއްގައެވެ. އަދި އެތަނުގައި ދޯންޏެއް އޮތެވެ. އިންތިޒާރުގައެވެ. އޮއިވަރާއެކު މަޑުމަޑުން ތަޅުވާލަ ތަޅުވާލައެވެ. އޭގެ ކައިރީގައި މީހަކު ހުއްޓެވެ. އެ އަންހެން ކުއްޖާއެވެ. މަސްތުގެ ވަބާގައި ޖެހިފައިވާ، އެމީހުންގެ އެހީތެރިޔާއެވެ. އޭނާ އަމީރާއަށް ބަލާލުމަށްފަހު މަޑުމަޑުން ބުންޏެވެ. “ކޮބާ ރުފިޔާ؟ އެމީހުން އެބަ އާދޭ. ވީ ހޭވް ޓު ހަރީ.”

އަމީރާ ޖީބުން ފައިސާ ނޯޓުކޮޅު ނެގުމަށްފަހު އޭނާއަށް ދިއްކޮށްލިއެވެ. އެއަށްފަހު ކުދިންނާ އެކު ދޯންޏަށް އެރިއެވެ. ހިތް ބާރަށް ތެޅެމުންދެއެވެ. އަތް ހިފެހެއްޓުމެއްނެތި ތުރުތުރުލަމުންދެއެވެ.

އެވަގުތު ދުރުން އިންޖީނެއްގެ އަޑު އިވުނެވެ. ބާރަށެވެ. އެ އަންހެންކުއްޖާ ހުއްޓުން އެރިއެވެ. “ނޫން..” އޭނާ މަޑުމަޑުން ބުންޏެވެ.

“އެމީހުންނަށް އެނގިއްޖެހެން ހީވަނީ.” އަމީރާ އެނބުރި ބަލާލިއެވެ. އަނދިރި ބަނދަރުމަތީ މަގުން ކާރުގެ ހެޑްލައިޓްތަކުގެ އަލި ފެނުނެވެ. އެތައް އަލިތަކެކެވެ. ކައިރިވަމުން އާދެއެވެ. އެއީ ޒީވާއެވެ. ނޫނީ ގާއްޑޭއެވެ. ނުވަތަ ދެމީހުން އެކުގައެވެ. މިހާރު އޭގެ އެއްވެސް މުހިންމުކަމެއް ނެތެވެ. ވަގުތު ގެއްލެނީއެވެ.

“ދޭ! އަވަހަށް ނައްޓާލާ!” ދޯނި ދުއްވަން ހުރި މީހާއަށް އެ އަންހެންކުއްޖާ ހަޅޭއްލަވައިގަތެވެ. އިންޖީނުގެ އަޑު އިރުކޮޅަކުން ގުގުމާލިއެވެ. ލޮނުގަނޑު ކަފާލިއެވެ. ދަތުރު ފެށުނެވެ. އަމީރާ އޭނާގެ ކުދިންގެ ގައިގައި ބާރަށް ބައްދާލިއެވެ. މާވިން މަޑުމަޑުން އަހާލިއެވެ. “މަންމާ.. އާ ވީ ސޭފް؟ ވެއާ އާ ވީ ގޮއިންގް؟” އަމީރާ ޖަވާބެއް ނުދެއެވެ. ސަބަބަކީ އޭނާއަށްވެސް ނޭނގޭތީއެވެ.

ބޮކިތަކުގެ އަލި ފުސްވަމުން ދިޔައެވެ. ސިޓީ ކުޑަވަމުން ދިޔައެވެ. އަނދިރި ކަނޑު ފުރާނާލަމުން ދޯނި މިސްރާބު ޖެހީ ލާމު އަތޮޅަށެވެ. ނޭނގޭ ލޮނުގަނޑަކަށެވެ. މިނިވަންކަން ނުވަތަ ގެއްލިދިއުން، މިއިން ކޮންމެ ފަދަ މާނައެއްވެސް ދޭހަވާ ހިމޭންކަމަކަށެވެ. އަދި ކުރިމަތީގައި ރާއްޖޭގެ ރަށްތަކުގެ ކޮންމެވެސް ހިސާބެއްގައި ކުށުގެ ދުނިޔެއަށްވުރެ ފުންކޮށް ވަޅުލެވިފައިވާ ހަޤީީޤަތެއް އެބައޮތެވެ. ހުރިހާ ކަމެއް އެނގޭ މީހެކެވެ. ފަހު ހެއްކާއި ސިއްރުތައް ހިފަހައްޓައިގެން ހުރި މާޒިންގެ ބޮޑުބޭބެއެވެ. އަދި ދުވަހަކުވެސް ދޫކޮށްލުމެއް ނެތް ނުބައި ނިޒާމެކެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top