ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ޝާހްރުކް ޚާންގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ އާދަކާދަތައް ހުންނަ ގޮތާ ބެހޭ ގޮތުން ކުރިން އާންމުންނަށް ނޭނގޭ މުހިންމު މައުލޫމާތުތަކެއް އޭނާގެ ކުރީގެ ބޮޑީގާޑަކު ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ ނޫހެއް ކަމަށްވާ “ޖަންގް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝާހްރުކް ޚާންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މި ބޮޑީގާޑު ވަނީ އެކްޓަރުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.
މި ހާމަކުރުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޝާހްރުކް ޚާން އަކީ ނިދުމުގެ އާދަ ވަރަށް ތަފާތު ބޭފުޅެއް ކަމެވެ. ބޮޑީގާޑު ބުނި ގޮތުގައި ޝާހްރުކް އަކީ ރޭގަނޑުގެ ވަރަށް ދެބައިވަންދެން ހޭލައި އުޅޭ މީހެކެވެ. އޭނާ އާންމުކޮށް ނިދަނީ ފަތިހު 5 ޖަހާ އެހާކަންހާއިރު ކަމަށާއި، އަދި ހެނދުނުގެ ގަޑިތަކުގައި ގިނަވަގުތު ނިދީގައި ހޭދަކުރާކަން ބޮޑީގާޑު ފާހަގަކުރިއެވެ.
މީގެ އިތުރުން، ޝާހްރުކް ޚާންގެ ކެއުމުގެ އާދަކާދައާ ބެހޭގޮތުން ވާހަކަ ދައްކަމުން ބޮޑީގާޑު ބުނީ، އޭނާއަކީ ކެއުމަށް އެހާ ބޮޑު ސަމާލުކަމެއްދޭ މީހެއް ނޫން ކަމަށެވެ. ބައެއް ދުވަސްދުވަހު މުޅި ދުވަސް އެއްކޮށް ކެއުމެއްނެތި ހޭދަކޮށްލާ އިރު، އޭނާގެ ހަކަތައަކީ ސައި ނުވަތަ ކޮފީ ކަމުގައި ބޮޑީގާޑު ކިޔައިދިނެވެ.
ޝާހްރުކް ޚާންގެ މިޒާޖާ ބެހޭގޮތުން ބޮޑީގާޑު ބުނީ، އޭނާއަކީ ވަރަށް ހިތްހެޔޮ، މަޑުމައިތިރި އަދި މަސައްކަތަށް ވަރަށް ބޮޑަށް ފަރުވާތެރިވާ މީހެއް ކަމަށެވެ. އެގޮތުން ޝޫޓިންގްތަކުގައި އެތައް ގަޑިއިރެއް ވަންދެން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރުމަކީ ޝާހްރުކްގެ އާދައެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މި މައުލޫމާތުތައް ހާމަކުރުމާ ގުޅިގެން ޝާހްރުކް ޚާންގެ ސަޕޯޓަރުން އަންނަނީ އޭނާގެ މި ތަފާތު އާދަކާދަތަކާ މެދު ސޯޝަލް މީޑިއާގައި ބަހުސްކުރަމުންނެވެ. ޚާއްޞަކޮށް އޭނާގެ ބުރަ މަސައްކަތާއި، މަދު ނިދީގައި ހޭދަކުރާ ވަގުތުތަކަކީ އޭނާގެ ކާމިޔާބީގެ ސިއްރު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
