ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު “ކިންގް” ގެ އިންތިޒާރުގައި ތިބި ފޭނުންނަށް، އޭނާގެ 61 ވަނަ އުފަންދުވަހާ ގުޅުވައިގެން އެ ފިލްމުގެ ފުރަތަމަ ލަވަ “ތޫ މިލް ޖާއޭ” މިއަދު އާންމުކޮށްފިއެވެ.
ޝާހްރުކް ޚާނާއި ދީޕިކާ ޕަޑުކޯން އެކުގައި ފެނިގެންދާ މި ލޯބީގެ ލަވައަކީ ބޭރުގެ ރީތި ލޮކޭޝަންތަކެއްގެ ތެރޭގައި ކުޅެފައިވާ 3 މިނެޓާއި 42 ސިކުންތުގެ ލަވައެކެވެ. މަޝްހޫރު މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ސަޗިން-ޖިގަރް މިޔުޒިކް ތައްޔާރުކޮށްފައިވާ މި ލަވަ ކިޔާފައިވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އާއި، ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އަދި މަދޫބަންތީ ބަގްޗީއެވެ. މިއީ އެޑް ޝީރަން އާއި އަރިޖީތު އެކުގައި ފެނިގެންދިޔަ ތާރީޚީ ކޮލަބަރޭޝަނެކެވެ.
ލަވަ ރިލީޒްކުރުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޝާހްރުކް ބުނެފައިވަނީ، މި ލަވައަކީ ލޯތްބާއި ހަނގުރާމައިގެ ވާހަކަ ދައްކުވައިދޭ ލަވައެއް ކަމަށެވެ. އަދި ފިލްމު ސިނަމާތަކަށް އަންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު 24 ގައި ކަމަށްވެސް އޭނާ ހާމަކުރިއެވެ.
މި ލަވައިގެ ވީޑިއޯ ފެށިގެން އަންނަނީ ޝާހްރުކްގެ އަސަރުގަދަ ޑައިލޮގަކުންނެވެ. ލަވައިގައި ޝާހްރުކްގެ ރޮމޭންޓިކް ހަރަކާތްތަކުގެ އިތުރުން، އޭނާގެ ދުޝްމަނުންނާ ދެކޮޅަށް ހިންގާ ވަރުގަދަ އެކްޝަން މަންޒަރުތަކުގެ ކުޑަ މިންވަރެއްވެސް ދައްކުވައިދެއެވެ. މީގެ އިތުރުން، ގޮނޑުދޮށެއްގައި ކުޅެފައިވާ މަންޒަރުތަކުން ޝާހްރުކްގެ ހަށިގަނޑު ހުރި ވަރުގަދަ ބައްޓަން ފެނިގެންދާއިރު، އޭނާއާއި ދީޕިކާގެ ދެމެދުގައިވާ ފުރިހަމަ ކެމިސްޓްރީއަށް ގިނަ ބައެއްގެ ތަޢުރީފު ދަނީ ލިބެމުންނެވެ.
ކާމިޔާބު ފިލްމު “ޕަތާން” ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާ ފިލްމަކީ ގިނަ ތަރިންތަކެއް ފެނިގެންދާނެ ފިލްމެކެވެ. އޭގެ ތެރޭގައި ރާނީ މުކަރްޖީ، ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން، އަބީޝެކް ބައްޗަން، ޖެކީ ޝްރޮފް، އަދި އަރްޝަދު ވަރްސީ ފަދަ މަޝްހޫރު އެތައް ތަރިންނެއް ހިމެނެއެވެ.
ފިލްމު “ކިންގް” އެޅުވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށެވެ.
