އެއްދުވަހެއްގެ ހަވީރު، ގޭގެ ފެންޑާ ތެރޭގައި ތަރުކާރީ ސާފުކޮށް ކޮށާ ހަދަން މީރާމެން ތިއްބާ، މަންމަ އޭނާއަށް ފުން ނަޒަރަކުން ބަލާލިއެވެ.
“މިހާރު ދަރިފުޅު މާ އުފާވެފައި ހުންނަހެން ހީވޭ.”
މީރާ ހިނިތުންވެލިއެވެ. “އަޅުގަނޑަށްވެސް ހީވަނީ އެހެން.”
“އަދިވެސް ޒިމާންގެ މަތިން ހަނދާންވޭތަ؟”
“ބައެއް ފަހަރު.”
އޭނާގެ މަންމަ އިތުރު އެއްޗެއް ބުނޭތޯ މަޑުކޮށްލިއެވެ.
“އަޅުގަނޑު އޭނާދެކެ ރުޅިއެއް ނާދޭ މަންމާ.” މީރާ ބުންޏެވެ. “އަޅުގަނޑުމެން އެހީއަކަށް ބޭނުންވި ވަގުތު އޭނާ އެހީތެރިވި. އަދި އަޅުގަނޑުމެންގެ ދެމެދުގައި ރަނގަޅު ވަގުތުތަކެއްވެސް ދިޔަ. އެކަންކަމަށްޓަކައި އަބަދުވެސް އަޅުގަނޑު ޝުކުރުވެރިވާނަން.”
އޭނާ ކަނޑާ ދިމާލަށް ބަލާލިއެވެ.
“އެކަމަކު މީހަކު ދިން އެއްޗަކަށްޓަކައި ޝުކުރުވެރިވުމުގައި މުޅި އުމުރު ހޭދަކުރާއިރު، އަޅުގަނޑު ބޭނުންވި ނަމަވެސް ދުވަހަކުވެސް ނުލިބުނު ކަންކަމަށް ފުރަގަސްދީގެންނެއް ނުހުރެވޭނެ.”
އޭނާގެ މަންމަ އޯގާތެރިކަމާއެކު މީރާގެ އަތުގައި ހިފާލިއެވެ.
“ޝުކުރުވެރިވުމަކީ ހިތުގައި އެޅޭ ކަސްތޮޅަކަށް ވެގެންނުވާނެ.”
މީރާ އޭނާގެ މަންމައަށް ބަލާލިއެވެ. އަދި މިރާގެ ލޮލުން ކަރުނަ ހިލުނެވެ.
ފުރަތަމަ ފަހަރަށް އޭނާއަށް ވިސްނުނު ގޮތުގައި، އޭނާ ވަކިވުމަކީ އޭނާއަކީ ހިތުގެ ފުންމިނުން ޝުކުރުވެރިނުވާ މީހަކަށް ވުމެއް ނޫނެވެ. އެއީ ހަމައެކަނި އޭނާގެ އަމިއްލަ ދިރިއުޅުމަކީވެސް މުހިންމު އެއްޗެއްކަން ޤަބޫލުކުރުމެވެ.
*****
މީރާ ދިޔަތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، ޒިމާންގެ އޮފީހަށް ކުޑަ ޕާރުސަލެއް ލިބުނެވެ. އެ ޕާރުސަލް އޮތީ މުށި ކަރުދާހުން އޮޅާލާފައެވެ. އޭގައި އެޑްރެސް ލިޔެފައިވަނީ އޭނާއަށް ވަގުތުން ދެނެގަނެވުނު އަތުލިޔުމަކުންނެވެ. އޭނާ އެ ޕާރުސަލް ހިފައިގެން އަމިއްލަ ކެބިނެޓަށް ވަދެ ދޮރު ލެއްޕިއެވެ. އޭގެ ތެރޭގައި އޮތީ އޭނާގެ ކުޑައިރުގެ ހަނދާނަކާ ގުޅިފައިވާ ފޮތެކެވެ. އެއީ އޭނާގެ އާއިލާއާ ބެހޭގޮތުން މީރާއާ ދެއްކި މަދު ވާހަކަތަކެއްގެ ތެރޭގައި އޭނާ ފާހަގަކުރި ފޮތެކެވެ. އެ ފޮތުގެ ދަށުގައި އޮތީ ފަތްޖަހާފައިވާ ސިޓީއެކެވެ.
ޒިމާން ވަރަށް ފަރުވާތެރިކަމާއެކު އެ ސިޓީ އުރަ ހުޅުވާލިއެވެ.
“ޒިމާން،
މި ފޮތް ފެނުނީ އަހަރެމެން އެކުގައި ހޭދަކުރި އަހަރުތަކުގެ ތަކެތި ރައްކާކޮށްފައި ހުރި ފޮށީގެ ތެރެއިންނެވެ. ކުޑައިރު ދިރިއުޅުމުގެ ކަންކަން ދަތިވެ އުނދަގޫވި ދުވަސްވަރު، މި ފޮތް ކިޔުމުން ހިތްހަމަޖެހުމާއި ރައްކާތެރިކަން އިޙުސާސްވާކަމަށް ޒިމާން ބުނި ހަނދާން އަހަރެން ހުރެއެވެ. އުންމީދު ކުރަނީ މިހާރުވެސް އެފަދަ ހިތްހަމަޖެހުމެއް ލިބޭނެ މަގެއް ކަލެއަށް ފެނިފައިވާނޭ ކަމަށެވެ.
އަހަރެމެންގެ އާއިލާއަށް އެންމެ ބޭނުންވި ވަގުތު ވެދިން އެހީތެރިކަމަށްޓަކައި ޝުކުރުވެރިވަމެވެ. ޒިމާން ކޮށްދިން ކަންތައްތަކަށް އަހަރެން އަބަދުވެސް ޝުކުރުވެރިވާނަމެވެ. އަދި އަހަރެން ވަކިވެގެން ދިޔައީ ނަފުރަތެއް އޮވެގެން ނޫންކަން ޤަބޫލުކުރާނެ ކަމަށް އުންމީދު ކުރަމެވެ.
އަހަރެން ބޭނުންވީ ޒިމާންއަށްޓަކައި ބިނާކުރި ދިރިއުޅުމުގެ ބޭރުން، އަހަރެންގެ އަމިއްލަ ނަފްސަކީ ކާކުކަން ދެނެގަތުމަށެވެ.
އަމިއްލަ ސިއްޙަތާއި ނަފްސަށް އިސްކަންދޭނެ ކަމަށް އުންމީދު ކުރަމެވެ. އަދި ކޮންމެހެން އެހެން މީހަކު ކައިރީގައި ހުރެގެން ނޫނަސް، އަމިއްލަ ނަފްސަށް ހަޤީޤީ ހަމަޖެހުން ލިބޭނެ ދުވަހެއް އަންނާނެ ކަމަށް އުންމީދު ކުރަމެވެ.
ވަކިވަނީ ހެޔޮ ދުއާއާއެކުގައެވެ.
މީރާ.”
ޒިމާން އެ ސިޓީ އެއްފަހަރު ކިޔާލިއެވެ. ދެން ދެވަނަ ފަހަރަށްވެސް ކިޔާލިއެވެ. ތިންވަނަ ފަހަރަށް ކިޔަން ފެށިއިރު، ލޮލުން ކަރުނަ ފޭދި މަންޒަރު ފުސްވާން ފަށައިފިއެވެ.
ޒިމާން ގޮނޑީގައި ލެނގިލައިގެން އިނދެ، އެ ސިޓީގައި ހިފަހައްޓާލައިގެން، އެތައް އަހަރެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ހިތާމަތަކަށް ފުރުސަތު ދިނެވެ.
ޒިމާން މީރާގެ ހިނިތުންވުމާއި ހުނުމުގެ އަޑު މަތިން ހަނދާންވިއެވެ. ކެއުމަށް ގޮވާލާ މީރާގެ އޯގާތެރި އަޑު މަތިން ހަނދާންވިއެވެ. ކުރިން މާ މުހިންމު ކަމަކަށް ނުބެލެވުނު އާދައިގެ ވާހަކަތައް މަތިންވެސް އޭނާ ހަނދާންވިއެވެ. ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި، ހިތްހަމަޖައްސައިދޭން ކައިރީގައި މީހަކު ހުންނާނެކަމުގެ އިޙުސާސުން ލިބޭ ހިތްހަމަޖެހުން އޭނާއަށް މިއަދު އުނިވެއްޖެއެވެ.
ނަމަވެސް އެ ހިތާމައިގެ ތެރެއިން އާ އިޙުސާސެއް އުފެދެން ފެށިއެވެ. އެއީ ޝުކުރުވެރިވުމުގެ އިޙުސާސެވެ. މީރާ އެނބުރި އައީ އޭނާގެ އެކަނިވެރިކަމުން ސަލާމަތްކޮށްދޭކަށް ނޫނެވެ. އަދި އޭނާއަށް ގެއްލުނު އެއްޗެއްގެ އަގު ވަޒަންކުރެވުނީތީ، އަލުން އާ ފުރުސަތެއް ދޭކަށްވެސް ނޫނެވެ. އެކަމަކު އޭނާއަށް އެ ފޮނުވައިދިނީ ހަނދާނެކެވެ. އޯގާތެރިކަމެކެވެ. އެމީހުން އެކުގައި ހޭދަކުރި އަހަރުތަކަކީ މުހިންމު ދުވަސްތަކެއްކަން ހަނދާންކޮށްދިނުމެވެ. އެ ދުވަސްތައް އޭނާ އުންމީދު ކުރި ފަދަ މުސްތަޤުބަލަކަށް ބަދަލު ނުވި ނަމަވެސްމެއެވެ.
ލޯބިވުމަކީ އަބަދު އެކުގައި އުޅުން ނޫންކަން ޒިމާނަށް ފުރަތަމަ ފަހަރަށް ވިސްނުނެވެ. ބައެއް ފަހަރު ލޯތްބަކީ، މީހަކު ދިން އޯގާތެރިކަމާއި ލޯބީގެ އަގު ވަޒަންކުރުމެވެ. އެމީހަކު އަބަދު ކައިރީގައި ހުންނަން މަޖުބޫރު ކުރުމެއް ނެތިއެވެ.
އޭނާ އެ ސިޓީ، އެނދު ކައިރީގައި ހުރި ލަކުޑި ފޮށްޓަށް ލިއެވެ.
ދެން އިރުކޮޅަކު ހިމޭނުން އިނދެ، މީގެ ދިހަ އަހަރު ކުރިން އޭނާގެ ގެއަށް އައި ޒުވާން އަންހެން ކުއްޖާގެ މަތިން ހަނދާން ކުރިއެވެ. އާއިލީ ބޮޑު މަސްއޫލިއްޔަތަކާއި، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ ވަރުގަދަ އަޒުމެއްގައި އައި ކުއްޖާގެ މަތިންނެވެ.
އޭނާ އޭނާގެ ޒިންމާތައް ފުރިހަމައަށް އަދާކުރިއެވެ. އެމީހުންގެ ދެމެދުގައި ވީ އެއްބަސްވުމަށް އިޙުތިރާމް ކުރިއެވެ. އޭނާގެ ހަޔާތުގެ އެންމެ އަނދިރި ވަގުތުތަކުގައި އަޅާލުމާއި އޯގާތެރިކަން ދިނެވެ. އަދި ވަކިވެގެންދާން ޖެހުނު ވަގުތު، އޭނާގެ އަމިއްލަ ޙައްޤަކަށް ނުވާ އެއްވެސް އެއްޗެއްގައި އަތްނުލާ އިސްއުފުލާލައިގެން ހިނގައިގަތެވެ.
ވޭތުވެދިޔަ ދިހަ އަހަރު ޒިމާން ޤަބޫލުކޮށްގެން ހުރީ އޭނާގެ މުއްސަނދިކަމަކީ އޭނާގެ ރައްކާތެރިކަން ކަމަށެވެ. ނަމަވެސް، އޭނާގެ ދިރިއުޅުމުގައި ހުރި އެންމެ އަގުބޮޑު އެއްޗަކީ ދުވަހަކުވެސް އޭނާގެ މިލްކަކަށް ނުވާ އެއްޗެއްކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ.
މީރާގެ އޯގާތެރިކަމަކީ އެއްވެސް ބަދަލަކަށް އެދިގެން ދިން އެއްޗެއް ނޫނެވެ. އޭނާގެ ލޯތްބަކީ އޭނާގެ އަމިއްލަ އިޙުސާސެކެވެ. އަދި އޭނާ ކައިރީގައި ހުރުމަކީ ޒިމާނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.
*****
އެދުވަހުގެ ހަވީރު ޒިމާން ގެއަށް އައީ އާދައިގެ ވަގުތަށްވުރެ އަވަހަށެވެ. އޭނާ ކޮޓަރިއަށް ވަދެ، މީރާ ފޮނުވި ފޮތް އެނދު ކައިރީ ހުރި މޭޒުމަތީގައި ބޭއްވިއެވެ. ކުޑަދޮރުން ބޭރު ބަލާލިއިރު، މާލޭގެ ރޭގަނޑުގެ ހަލަބޮލިކަން ފެންނަން ގެންނަންހުއްޓެވެ. ފަޅުތެރޭގައި ހުރި ބައްތިތަކުގެ އަލި ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާއިރު، ރަށްރަށުން އަންނަ ދޯނިފަހަރުގެ އަޑު ރީތިކޮށް އިވެމުންދިޔައެވެ.
ޒިމާން ކުޑަދޮރު ކުޑަކޮށް ހުޅުވާލިއެވެ. އެތައް އަހަރެއް ވަންދެން، ރޭގަނޑުގެ ހިމޭންކަމުގެ ތެރޭގައި ޒިމާން ވަށާލާ ހަނދާންތަކުން ސަލާމަތްވުމަށްޓަކައި، ޓީވީއާއި ފޯނު ކޯލްތަކާއި ވިޔަފާރީގެ ކަންކަމުގައި އޭނާ މަސްޣޫލުވެ އުޅުނެވެ. ނަމަވެސް މިރޭ އެ ހިމޭންކަމާ ކުރިމަތިލާން އޭނާ ނިންމިއެވެ.
ޒިމާން އެނދުގައި އޮށޯތެވެ. އެނދު އަދިވެސް ވަރަށް ބޮޑެވެ. މަތީގައި އަޅާފައިވާ އޮތް ބޯ ރަޖާގަނޑުތައް އަދިވެސް އެހާ މަޑެވެ. ޒިމާންގެ ކައިރީގައި އޮތް ބާލީސް އަދިވެސް އޮތީ ހުސްކޮށެވެ. ޒިމާން އެ ބާލީހާ ދިމާއަށް އެނބުރިލިއެވެ. އެތަނުގައި ކުރިން ނިދި އަންހެންކުއްޖާގެ މަތިން ހަނދާން ކުރިއެވެ. އޭނާގެ ބިރުވެރިކަން ފިލުވައިދީ، ހިތްވަރުދިން އޯގާތެރި އަންހެންކުއްޖާގެ މަތިންނެވެ.
އޭނާ ފުރަތަމަ ފަހަރަށް މީރާ އޭނާގެ އަތުގައި ހިފާލި ރޭގެ ހަނދާންވިއެވެ. އޭނާ ހޭލާއިރު ކައިރީގައި ސައިތަށި ބަހައްޓާފައި ހުންނަ ހެނދުނުތައް މަތިން ހަނދާންވިއެވެ. އޭނާ އަޅާނުލާ ދޫކޮށްލި އުފަންދުވަހުގެ ކެއުމާއި، އަގުވަޒަން ނުކުރި ސިޓީ އުރައިގެ މަތިން ހަނދާންވިއެވެ. އަދި މީރާގެ އާއިލީ ގޭގެ ބޭރުގައި ހުރެ، އޭނާދެކެ ލޯބިވާކަމަށާއި ނަމަވެސް އެކަނިވެރިކަމުގައި ދެން ނުހުރެވޭނެކަމަށް ބުނި ވަގުތު އޭނާގެ ލޯމައްޗަށް ސިފަވިއެވެ.
އިރުކޮޅަކަށް އޭނާގެ ހިތުގައި ބަޔާންކުރަންދަތި ރިހުމެއް އުފެދުނެވެ.
“މީރާ.” އޭނާއަށް މަޑުމަޑުން ގޮވާލެވުނެވެ.
ކޮޓަރިތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ޒިމާން ދެލޯ މަރާލިއެވެ.
އެއްްޒަމާނެއްގައި ޒިމާން ޤަބޫލުކުރި ގޮތުގައި އެކަނިވުމަކީ ބާކީވުމެވެ. އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވުމަކީ ނިކަމެތިކަމެކެވެ. އަދި ލޯތްބަކީ، ނުތަނަވަސްކަމެއް ކުރިމަތިނުވާނޭ ފަދަ އިންތިޒާމެއްގެ ތެރެއިން ރައްކާތެރިކަމާއެކު ދެމެހެއްޓޭނެ އެއްޗެކެވެ. ނަމަވެސް، އޭނާއަށް ކުރެވުނީ ކުށްހީއެއްކަން މިހާރު ވިސްނެއެވެ.
މީހެއްގެ ގާތުގައި އަހަރުތަކަކު ނިދި ނަމަވެސް، އެމީހަކަށް ޙައްޤުވާ ގޮތުގައި ލޯބިވާން ނޭނގިދާނެއެވެ. އެހެން މީހެއްގެ އޯގާތެރިކަމަށް ބަރޯސާވެގެން އުޅޭއިރު، އެ އޯގާތެރިކަން ދިނުމަށް އެމީހަކު އުފުލަންޖެހޭ ތަކުލީފާމެދު ވިސްނާނުލެވި އޮވެދާނެއެވެ. އަދި ކޮންމެ އެއްޗެއް ގަނެވޭނެ ފަދަ މުއްސަނދިކަމެއް ހުއްޓަސް، އެންމެ މުހިންމު ކަންތައް ހޯދުމަށް ނުކުޅެދިދާނެއެވެ. އެއީ ތިމާ ދޫކޮށް ދިއުމުގެ ފުރިހަމަ އިޚުތިޔާރު އޮވެމެ، އަމިއްލަ އިޚުތިޔާރުގައި މީހަކު ދޭ ލޯތްބާއި އަޅާލުމެވެ.
(ނުނިމޭ)
