ގަލަންގަލް (އަލްޕިނިއާ ގަލަންގަލް) ނުވަތަ ދިވެހިބަހުން ބުނާނަމަ ފޮތިހުވަނދަކީ ގިނަދުވަސްތަކެއް ވާންދެން ހައްދައިގެން ގެންގުޅެވޭ އިންޑޮނޭޝިޔާގެ ޖާވާގައި އާއްމު ގަހެކެވެ. މިއީ ތައިލޭންޑްގެ ކެއުންތައް ތައްޔާރުކުރުމުގައި އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް ގިނަ ދިވެހިން ދަންނަގޮތުން ފޮތިހުވަނދަކީ ދިވެހިބޭހުގެ ބާވަތެކެވެ. މިއީ ގަހެއްގެ އަޑިއަށް ފައިބާ މީރުވަސްދުވާ ގޮނޑިއެކެވެ. މި ގޮނޑި ވައްތަރުވާނީ އިނގުރުގަނޑަކާއެވެ. ދިވެހިން ދަންނަ ފޮތިހުވަނދަކީ ގަލަންގަލް ގެ ގޮނޑި ވަށް ފޮށްޗަށް ކޮށައި ހިއްކާފައި ހުންނަ އެއްޗެކެވެ.
ގަލަންގަލް ނުވަތަ ފޮތިހުވަނދަކީ އިނގުރާއި ކިތަންމެ ވައްތަރު އެއްޗެއް ނަމަވެސް، މުޅިން ދެ ބޭނުމެއް ކުރާ، ތަފާތު ދެވަހަކާއި ރަހައެއް ހުންނަ އެއްޗެކެވެ. އިނގުރަށްވުރެން މާބޮޑަށްވެސް ފޮތިހުވަނދު ކޮށަން އުނދަގޫވާނެ އެވެ. އަދި އިނގުރުގެ ރަހައަށްވުރެން ގަދަ ރަހައެއް ފޮތިހުވަނދުގައި ހުންނާނެއެވެ. މި ގަސް ހުންނާނީ ކޮލިޒާން ގަހާއި އެއްގޮތަށެވެ. ގަސްހެދޭނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނަކަށެވެ. ފަތެއްގެ ދިގުމިނުގައި 10 އިންޗިއާއި 13 އިންޗި ހުންނާނެ އެވެ. ފޮތިހުވަނދަކީ ގޯތިތެރޭގައާއި ގޭތެރޭގައި ގަސްމުށީގައިވެސް ހެއްދިދާނެ ގަހެކެވެ.

ގަލަންގަލް (ފޮތިހުވަނދު)
ގަލަންގަލް (ފޮތިހުވަނދު) ހައްދާނެގޮތް:
1- މާލޭގެ ތަރުކާރީ ވިއްކާ ފިހާރަތަކާއި ބައެއް ޑިޕާޓްމެންޓް ސްޓޯރުތަކުން ގަލަންގަލް (ފޮތިހުވަނދު) ގަންނަން ލިބެން ހުންނާނެ އެވެ. ގަލަންގަލް (ފޮތިހުވަނދު) ގެ ގޮނޑިއެއް ގަންނާށެވެ. އާއްމުގޮތެއްގައި ގަލަންގަލް (ފޮތިހުވަނދު) ވިއްކަން ހުންނާނީ އަތްތިލައެއްގެ އިނގިލިތައް ހުންނަ ގޮތަށް ހުންނަ ގޮނޑިގޮނޑިއެވެ.
2- ގަލަންގަލް (ފޮތިހުވަނދު) ގެ ގޮނޑި އިންދުމުގެ ކުރިން އައިސްއަލަމާރީގައި ދެތިން ހަފުތާއެއްވާންދެން ބާއްވާށެވެ. ބޭނުންނަމަ، ގަލަންގަލް (ފޮތިހުވަނދު) ގެ ގޮނޑި އެއްކޮށް ނުވަތަ ކުދިކުދި ބައިބަޔަށް ބުރިކޮށްލައިގެންވެސް އިންދިދާނެ އެވެ. ބޮޑު ގޮނޑިއެއް އިންދުމުން ގަސްފަޅައި އެއިން ބޮޑު ގަލަންގަލް (ފޮތިހުވަނދު) ގޮނޑިއެއް ލިބޭނެއެވެ.
3- ކުޑަކޮށް ތެތްކަން ހުންނަ، އަވި ނުދޭތަނެއްގައި ކަޅުފަހުގައި ގަލަންގަލް (ފޮތިހުވަނދު) އިންދާށެވެ. މާބޮޑަށް ތެތްކަން ހުންނަ ވެލިނަމަ ގަލަންގަލް (ފޮތިހުވަނދު) ފީވެ ހަލާކުވެދާނެއެވެ. ގޮނޑި އިންދާނީ 2 އަކާއި 5 އިންޗި ފުންމިނުގައި އެއް ގޮނޑި އަނެއް ގޮނޑިއާއި ދެމެދު 12 ވަރަކަށް އިންޗި ދުރުމިނުގައެވެ.
4- ވެލިގަނޑު ތެތްކޮށް ބަހައްޓާށެވެ. ނަމަވެސް އެހާ ބޮޑަށް ތެތްކޮށް ބަހައްޓައިގެން ކަމަކުނުދާނެ އެވެ. ވެލިގަނޑު މާބޮޑަށް ތެތްވެއްޖެ ނަމަ، ކުރިންވެސް ބުނިފަދައިން ގަލަންގަލް (ފޮތިހުވަނދު) ގެ ގޮނޑި ފީވާނެއެވެ.
5- ކޮންމެވެސް ވަރަކަށް ގަސްކާނާކޮޅެއް އަޅަންވާނެ އެވެ.
6- ގަލަންގަލް (ފޮތިހުވަނދު) އިންދަން ރަނގަޅީ އިރުވައިމޫސުން ފެށޭ ހިސާބުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް