ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފެނުން މަސައްކަތްކުރާ އުނދުނެއް
ފޮޓޯ/މރ.ހެލްތީ-ފޭސްބުކް

ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާއިން ހޯދުނު އާ އީޖާދަކާއެކު، ބޭނުންވާ ވަގުތު އަމިއްލައަށް ތެޔޮ އުފައްދާ ހައިޑްރޮޖެން އުނދުނެއް އިންޑިޔާގެ ހަރްޔާނާ އަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ “ގްރީންވައިޒް” ކުންފުނިން ތައާރަފުކޮށްފިއެވެ. މިއީ މުޅި ދުނިޔޭގައި ކެއްކުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނުވާނެ އީޖާދެއް ކަމަށް ބެލެވެއެވެ.

އަލަށް އުފެއްދި މި ނިޒާމުގައި ބޭނުންކޮށްފައިވަނީ ސައިންސްގެ ދާއިރާގައި މަޝްހޫރު “އިލެކްޓްރޯލިސިސް”މަރުހަލާއެވެ. މީގައި ކަރަންޓު ބޭނުންކޮށްގެން ފެނުގައިން ހުންނ ހައިޑްރޮޖެން އަދި އޮކްސިޖަނަށް ބަދަލުކޮށްލައެވެ. އުފެދޭ ހައިޑްރޮޖެން ވަގުތުން ކެއްކުމަށް ބޭނުންކުރެވޭއިރު، މީގެ ސަބަބުން އާދައިގެ ގޭސް ފުޅި ނުވަތަ ތެޔޮ ރައްކާކުރަންޖެހޭ އުނދަގޫތައް ނެތިގެންދެއެވެ.

މި މަހު އެ ކުންފުނިން ހާމަކުރި ގޮތުގައި، އެންމެ 100 މިލިލީޓަރުގެ ފެނާއި ގާތްގަނޑަކަށް 1 ކިލޯވޮޓް-އަވަރގެ ކަރަންޓު ބޭނުންކޮށްގެން 6 ގަޑިއިރަށްވުރެ ގިނަ އިރު ކެއްކޭނެއެވެ. މިފަދަ ހަކަތައެއް އާންމު ދިރިއުޅުމުގައި ބޭނުންކުރަން ފެށުމަކީ ގޭބިސީތަކުގެ ހަކަތަ ބޭނުންކުރާ ގޮތަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޒަމާނީ ހައިޑްރޮޖެން ޓެކްނޮލޮޖީ

މި ނިޒާމުގެ މައިގަނޑު އަސާސަކީ “ޕްރޮޓޯން އެކްސްޗޭންޖް މެމްބްރޭން އިލެކްޓްރޮލައިޒާ” އެކެވެ. މިއީ ވަގުތުން ހައިޑްރޮޖަން ގޭސް އުފައްދައިދޭ ކުޑަ މެޝިނެކެވެ. މީގެ ސަބަބުން އަލިފާން ހިފާ ފަދަ ނުރައްކާތެރި ތެޔޮ ރައްކާކޮށްގެން ގެންގުޅެން ނުޖެހުމުން ރައްކާތެރިކަން އިތުރުވެގެންދެއެވެ. އަދި ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް، ހާއްސަކޮށް ތޮއްޖެހިފައިވާ ސަރަހައްދުތަކާއި ދުރު ރަށްރަށުގައި ދިމާވާ ދަތިތަކަށް މީގެ ސަބަބުން ހައްލެއް ލިބޭނެއެވެ.

ކެއްކުމަށް ބޭނުންކުރާ ގޭސް ހޯދުމަށް ދަތި ނުވަތަ އަގުބޮޑު ސަރަހައްދުތަކަށް މިއީ އިންގިލާބީ ބަދަލެކެވެ. ހަމައެކަނި ފެނާއި ކަރަންޓަށް ބަރޯސާވެގެން އަމިއްލައަށް ތެޔޮ އުފެއްދުމުގެ ފުރުސަތު މި ޓެކްނޮލޮޖީގެ ސަބަބުން ގޭބިސީތަކަށް ލިބިގެންދެއެވެ.

މިއީ ރާއްޖެ ފަދަ އިމްޕޯޓް ކުރާ ތެލަށް ބަރޯސާވާ ޖަޒީރާ ގައުމުތަކަށް ވަރަށް މުހިންމު އީޖާދެކެވެ. މީގެ ސަބަބުން ތެޔޮ އިމްޕޯޓް ކުރުމަށް ކުރާ ބޮޑު ހޭދަ ކުޑަވެ، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް މެދުވެރިވާ ބުރޫތަކުން ސަލާމަތްވުމަށް މަގުފަހިވާނެއެވެ.

ހައިޑްރޮޖެން އަންދައިގެން ބޭރުވަނީ ހަމައެކަނި ފެން އާތްވެވެ. އެހެންކަމުން މިއީ އެލް.ޕީ.ޖީ ފަދަ ތެލާ އަޅާބަލާއިރު ތިމާވެއްޓާ މާ ބޮޑަށްވެސް ރައްޓެހި އެއްޗެކެވެ. އަދި މި އުނދުން ބޭނުންކުރަން ބޭނުންވާ ކަރަންޓަކީ އިރުގެ ހަކަތަ ފަދަ އިއާދަކުރަނިވި ހަކަތައެއް ކަމުގައިވާނަމަ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ވަރަށް ބޮޑަށް މަދުކުރެވޭނެއެވެ.

މި އީޖާދަކީ އުއްމީދީ ކަމެއް ނަމަވެސް، މިއީ އާންމުކޮށް ބޭނުންކުރެވޭނެ އެއްޗަކަށް ވާނީ މީގެ އަގާއި، ދެމެހެއްޓެނިވިކަމާއި، އަދި ހަކަތަ ބޭނުންކުރާ މިންވަރުގެ މައްޗަށެވެ. ގްރީންވައިޒް ކުންފުނިން އަދި މިއީ މުޅި ދުނިޔެއަށް ބޭނުންކުރަން ދޫކޮށްލާނެ ތާރީޚެއް އިއުލާނެއް ނުކުރެއެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ފަހުކޮޅު މީގެ ތަޖުރިބާކުރުމުގެ ޕްރޮގްރާމްތައް ފަށާނެ ކަމަށް ބެލެވެއެވެ.

މި މަސައްކަތް ކާމިޔާބުވެއްޖެނަމަ، މިއީ ދެމެހެއްޓެނިވި ދިރިއުޅުމަކަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އޭރުން ބަދިގެތަކަކީ ބޭރުން ގެންނަ ތެލަށް ބަރޯސާވާ ތަނެއްގެ ބަދަލުގައި، ދުނިޔޭގައިވާ އެންމެ އާދައިގެ ވަސީލަތް ކަމަށްވާ “ފެން” ބޭނުންކޮށްގެން ހަކަތަ އުފައްދާ ތަނަކަށް ވެގެންދާނެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top