ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކައިވެންޏާ ބެހޭގޮތުން މީހުން ކިޔައިނުދޭ 5 ހަޤީޤަތެއް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ކައިވެނީގެ ހަފުލާތަކާ ބެހޭ ވިޔަފާރިތަކުން އަބަދުވެސް ކުރަހައިދެނީ ހުވަފެނީ މަންޒަރެކެވެ. އެންމެ ފުރިހަމަ ހެދުމާއި، ހިތްގައިމު މާހައުލާއި، ދެމީހުންގެ ހަތަރުކަޅި ހަމަވުމުން މުޅި ދުނިޔެ ހުއްޓޭ ފަދަ ވަގުތުކޮޅުތަކެވެ. އަދި ކައިވެންޏަށްފަހު “އަބަދަށް އުފަލުގައި” އުޅޭނެކަމުގެ ވާހަކަތަކެވެ. ނަމަވެސް ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ނިމި، އާންމު ދިރިއުޅުމުގެ ހަޤީޤަތާ ކުރިމަތިލާންޖެހޭ ހިސާބުން މި ހުވަފެނީ ދުނިޔެ ބަދަލުވެގެންދެއެވެ. ކައިވެނީގެ ހަޤީޤީ ދިރިއުޅުމުގައި ހުންނަ ދަތިތަކާ ބެހޭގޮތުން ގިނަ ފަހަރަށް މީހުން އިންޒާރެއް ނުދެއެވެ. މި ކިޔައިދެނީ ކައިވެންޏާ ބެހޭގޮތުން ގިނަ މީހުން ކިޔައިނުދޭ ފަސް ހަޤީޤަތެކެވެ.

1 – ކައިވެންޏަކީ ފުލޯކު ވާހަކައެއް ނޫނެވެ.

ކައިވެންޏަކީ އަބަދުވެސް ހިތްހަމަޖެހުމާއި އުފަލުގައި އުޅެވޭނެ ކަމެއްކަމަށް ބުނާ ވާހަކައަކީ ހަޤީޤަތެއް ނޫނެވެ. ބަދިގޭގެ ބައްތި ނިއްވާނުލުމާއި، އެނދުމަތީގައި ތުވާލި ބޭއްވުމާއި، ބާޒާރުން ގެންނަން ބުނި އެއްޗެއް ހަނދާން ނެތުމުން ކުރެވޭ ކުދިކުދި ބަހުސްތަކަކީ ކައިވެނީގެ ބައެކެވެ. ބައެއް ފަހަރު އެއްވެސް މާނައެއް ނެތް ކަންކަމުގައި ދެބަސްވާން ޖެހިދާނެއެވެ. ތިމާ ބައިވެރިޔާ ދެކެ ކިތަންމެ ލޯބިވީ ނަމަވެސް، ދިރިއުޅުމުގެ އާދައިގެ ކަންކަމުގައި މިފަދަ ދެބަސްވުންތައް ހިނގާނެއެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް

2 – ކައިވެންނަކީ ހުރިހާ މައްސަލައެއްގެ ހައްލެއް ނޫނެވެ.

ފިލްމުތަކާއި ވާހަކަތަކުން ބުނެދެނީ ތިމާގެ ދިރިއުޅުން ފުރިހަމަކޮށްދޭނެ ބައިވެރިޔަކު އަންނާނެ ކަމަށެވެ. ނަމަވެސް، ކައިވެންޏަކީ ތިމާގެ ނަފްސާނީ ނުވަތަ އެހެނިހެން ޒާތީ މައްސަލަތަކުގެ ހައްލެއް ނޫނެވެ. އެހެން މީހަކު ތިމާއަށް ދީފައިވާ އަނިޔާއެއް ނުވަތަ ހިތްދަތިކަމެއް ކައިވެނި ކުރި މީހާއަކަށް ފަސޭހައެއް ނުކޮށްދެވޭނެއެވެ. ހަމައެކަނި ކައިވެނި ކުރިކަމަށްޓަކައި ތިމާގެ ހާސްކަމާއި ނުތަނަވަސްކަން ފިލައިގެނެއް ނުދާނެއެވެ. ކައިވެންޏަކީ ޖާދޫއެއް ނޫނެވެ. އެއީ ދެމީހަކު ގުޅިގެން ކުރާ މަސައްކަތެކެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް

3 – ލޯބި ފާޅުކުރާ ގޮތް ބަދަލުވެއެވެ.

ދެމީހުން ރައްޓެހިވެގެން އުޅޭއިރު ލޯބި ފެންނަނީ ވަރަށް ފުރިހަމަ، ހިތްގައިމު ކަމެއްގެ ގޮތުގައެވެ. ނަމަވެސް ކައިވެންޏަށްފަހު، ލޯބި ބަދަލުވެގެންދެއެވެ. ބައިވެރިޔާ ދެކެވާ ލޯބި ދުވަހެއް ދުވަހަކަށް އިތުރުވި ނަމަވެސް، އެ ލޯބި ފާޅުކުރާ ގޮތް ތަފާތުވެއެވެ. މިހާރު މުހިންމުވަނީ ބޮޑެތި ހަދިޔާތަކަށްވުރެ، ވަރުބަލި ދުވަހެއްގެ ނިމުމުގައި ބައިވެރިޔާއަށް ސައިތަށްޓެއް ގިރައިދިނުން ނުވަތަ އޭނާގެ ދުވަސް ދިޔަ ގޮތް އަހާލުމެވެ. ކައިވެނީގެ ލޯތްބަކީ ބައިވެރިޔާ ގޭގެ ކުނި އުކާލުމުގައި އެހީތެރިވުން ފަދަ އާދައިގެ ކަންކަމެވެ. މިއީ ގިނަ މީހުންގެ ނަޒަރުގައި މާ ހިތްގައިމު ކަންކަމަށް ނުވެދާނެއެވެ. ނަމަވެސް މިއީ ހަޤީޤީ ލޯތްބެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް

4 – އެކަނިވެލަން ބޭނުންވުމަކީ ދިމާވާނެ ކަމެކެވެ.

ކައިވެނި ކުރަނީ އެކަނިވެރިކަން ފިލުވައިލުމަށް ކަމަށް ވިޔަސް، ކައިވެނީގެ ތެރޭގައި އެކަނިވެލަން ބޭނުންވާ ވަގުތުތައް އަންނާނެއެވެ. އެއްވެސް މީހެއްގެ އުނދަގުލެއް ނެތް ހަމަހިމޭން ވަގުތުކޮޅަކަށް ހިތް އެދޭނެއެވެ. މިފަދަ ވަގުތުތަކުގައި ތިމާއަށް ކުށްވެރިކަމުގެ އިޙުސާސް ކުރެވިދާނެއެވެ. ނަމަވެސް އެކަނިވެލަން ބޭނުންވުމަކީ ބައިވެރިޔާ ދެކެ ލޯބިނުވާކަމުގެ ނިޝާނެއް ނޫނެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް

5 – ކައިވެންޏަކީ ހީކުރާ ވަރަށްވުރެ އުނދަގޫ ކަމެކެވެ.

ކައިވެންޏަކީ އަބަދު ފިނިފެންމާ ބަގީޗާއެއްގައި އުޅުން ފަދަ ކަމެއް ނޫނެވެ. އެއީ ދެމީހަކު އެކުގައި އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ބައިވެރިވުމެވެ. ބައެއް ފަހަރު ދިރިއުޅުން ވަރަށް އާދައިގެ ގޮތުގައި ފެނިދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި ބައިވެރިޔާ ގާތުގައި ހުރެމެ، އެކަނިވެރިކަން އިޙުސާސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ކައިވެންނަކީ މީހުން ބުނާ ވަރަށްވުރެ ބޮޑަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ، ކެތްތެރިކަން ބޭނުންވާ ކަމެކެވެ.

ކައިވެންޏެއް ކުރާއިރު، މިފަދަ ކަންކަމަށް ރަނގަޅަށް ތައްޔާރުވެގެން ކައިވެނިކޮށްފިނަމަ ކައިވެނި ދެމެހެއްޓުމުގައި ވަރަށް ބޮޑު އެހީއެއް ވެދޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top