ދެ ސޫރަ، އެއް ހުވަފެން
ހުވަފެނަކީ ހަޤީޤަތެއް ކަމަށް ތިބާއަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ހެނދުނުގެ އަލިކަމާއެކު ފިލައިގެންދާ ކަހަލަ ހުވަފެންތަކުގެ ވާހަކައެއް ނޫން ނަމަވެސް، ހިތުގެ ފުންމިނުގައި ބީހިލާ، ވަރަށް މަޑުމައިތިރިކަމާއެކު، ނަމަވެސް ގަދަޔަށް ވަކިހިއްޕާލާ، ވިސްނުމަށް މަޖުބޫރު ކުރުވާ، އަމިއްލަ ނަފުސަށްވެސް އޭގެ މާނަ ނޭނގޭ ހަޤީޤަތްތަކަކާއިއެކު ސިއްރުސިއްރުން ބިންވަޅު ނެގޭ ކަހަލަ ހުވަފެންތަކުގެ ވާހަކައެވެ. ފަރި، ރީތި ރާނީއެއް ނުވަތަ ޕަރީއެއް ގޮތުގައި އަމިއްލަ ނަފުސު ސިފަކޮށްލެވޭ ކަހަލަ ހުވަފެންތަކެވެ. ކޮންމެ ކަމަކީ ވެދާނެ ކަމެއްކަމަށް ޤަބޫލުކުރެވޭ، ޖާދޫއާއި ރީތިކަމުން ފުރިގެންވާ ދުނިޔެއެއްގެ ތެރެއަށް ގެއްލިގެން ދާކަހަލަ ހުވަފެންތަކެވެ. ކޮންމެ ވާހަކައެއްގެ ނިމުން އުފާވެރިވާނެކަމަށް އުންމީދުކުރެވޭ ދުނިޔެއެއް ހުވަފެނުގެ ތެރޭގައި ވާކަމަށް ޤަބޫލުކުރެވޭ ހުވަފެންތަކެވެ. ނަމަވެސް ހަޤީޤަތަކީ، ކޮންމެ ޚިޔާލީ ވާހަކައެއްގެ ފެށުން އުފާވެރިކަމަކުން ނުފެށޭކަމެވެ. އަދި ބައެއް ހުވަފެންތަކަކީ ހަމައެކަނި ލޯ ހުޅުވާލުމުން ހަނދާނުން ފޮހިވެގެން ނުދާ، އޭގައި އިތުރު ބައިވަރު މާނައާއި އިންޒާރުތަކެއް އެކުލެވިގެންވާ ހަޤީޤަތްތަކެކެވެ.
މިއީ ދެބެންގެ ވާހަކައެވެ.
އެއްމާބަނޑު ދެބެންނެވެ.
އެއް ނޭވާއެއްގައި، އެއް ވިންދެއްގައި، އެއް ފެށުމަކުން ފެށުނު ދެ ދިރިއުޅުމެވެ. ސާރަ އާއި ސޯފީއެވެ.
ނަމަވެސް މިއަދު އެ ދެބެން އުޅެމުންދަނީ ތަފާތު ދެ ދުނިޔެއެއްގެ ތެރޭގައެވެ.
ސާރާއަކީ މަޑުމައިތިރި، މަޑުމޮޅި އެކަހެރި ކުއްޖެކެވެ. ވަގުތާއެކު އަމިއްލަ ނަފުސު ކުޑަކޮށް، ދުނިޔެއަށް ނުފެންނަ ހިޔަންޏަކަށް ވެފައިވާ ކުއްޖެކެވެ. ދިރިހުއްޓަސް، އެކަކަށްވެސް އޭނާގެ ހަޤީޤީ އިޙުސާސްތަކެއް ނޭނގެއެވެ. ސޯފީއަކީ ދިމާވި ހާދިސާއަކުން ހިމޭން، ހަރަކާތެއް ނެތް ކޯމާއެއްގައި އޮތް ކުއްޖެކެވެ. މި ދުނިޔެއާއި އެހެން ދުނިޔެއެއްގެ ދެމެދުގައި، ނިމުމެއް ނެތް ފުން ނިންޖެއްގެ ތެރެއަށް ގެއްލިފައިވާ ކުއްޖެކެވެ. އޭނާ އިންތިޒާރު ކުރަމުންދަނީ މުޢުޖިޒާތަކަށެވެ. ބުނެވޭ ގޮތުގައި އެއްމާބަނޑު ދެބެންގެ މެދުގައި ބުނެދޭން ނޭނގޭ ފަދަ ގުޅުމެއް ވެއެވެ. އެއީ ދުރުމިނަކުން، ހިމޭންކަމަކުން ނުވަތަ ވަގުތަކުންވެސް ކަނޑާނުލެވޭނެ ފަދަ ވަރުގަދަ ގުޅުމެކެވެ. ނަމަވެސް، އެ ގުޅުމަކީ އެކަކު ދުނިޔޭގައި ހުރުމަށް އޮތް ހަމައެކަނި ވަސީލަތަށް ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އަދި އެ ދެބެންނަށް ބައްދަލުކުރެވޭ ހަމައެކަނި ތަނަކީ ހުވަފެންތައް ކަމުގައި ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތެރެއިން، ޒަމާނުއްސުރެން މީހުން ވާހަކަދައްކަން ޖެހިލުންވާ ރަށެއް އޮވެއެވެ. އެއީ ކޮންތަނެއްކަން ނޭނގޭތީއެއް ނޫނެވެ. ވެރިރަށް މާލެއާ ދުރުން ބަލާއިރު، އެއީ ފެހިކަން ގަދަ، އާދައިގެ ހިމޭން ރަށެއް ފަދައިން ފެނެއެވެ. ނަމަވެސް އެ ސަރަހައްދުގައި އުޅޭ މީހުންނަށް އެއީ ތަފާތު ތަނެއްކަން އެނގެއެވެ. ދޯނިފަހަރު އެ ރަށާ މާ ކައިރިއަކަށް ނުދެއެވެ. މަސްވެރިން އެއްވެސް ސުވާލެއް ނެތި އެ ސަރަހައްދުން މަސްވެރިކަން ކުރުމާއި ދަތުރުކުރުން ހުއްޓާލައެވެ. ކަންކަން އޮޅުންފިލުވަން ބޭނުންވާ މީހުންވެސް ތިބެނީ ދުރުގައެވެ. އެއީ ސަރުކާރުގެ ރަށެއް ކަމަށް ބައެއް މީހުން ބުނެއުޅެއެވެ. އަނެއްބަޔަކު ބުނަނީ އެއީ ކޮންމެވެސް ސިއްރުވެރި ދިރާސާތަކެއް ކުރާ ހިމާޔަތްކުރެވިފައިވާ ރަށެއް ކަމަށެވެ. މިފަދަ އެތައް ވާހަކައެއް ދެކެވުނު ނަމަވެސް، އޭގެ ތެރެއިން އެއްވެސް ވާހަކައަކީ ހަޤީޤަތެއް ނޫނެވެ. ބިޔަ ގަސްތަކުން ފުރިފައިވާ ވަލުގެ ތެރޭގައި، އިރުގެ އަލިކަން ބިމަށް ފޯރުމަށްވެސް އުނދަގޫވާ ހިސާބެއްގައި، ސެޓެލައިޓަކަށްވެސް ސާފުކޮށް ނުފެންނަވަރުގެ ބިޔަ ގަނޑުވަރެއް ހުރެއެވެ. ސިއްރުވެރިކަމުގެ ފަރުދާތަކުގެ ނިވަލުގައިވާ އެ ގަނޑުވަރުގައި ވަނީ ބިރުވެރި ހިމޭންކަމެކެވެ. އަދި އެތެރޭގައި ދުނިޔެއަށް ދުވަހަކުވެސް އެނގެން، ފެންނަން ނޭދޭ ދިވެހި އާއިލާއެއް ދިރިއުޅެމުންދެއެވެ.
މާލެއަށް ބަލާއިރު، އާންމު މީހުންގެ ތެރޭގައި އެއީ ހަމަ އާދައިގެ ބައެކެވެ. ސޯފީ އަދި ސާރާ އަކީ އެއްސޫރައެއްގެ ދެބެންނެވެ. އެމީހުންގެ ހިނިތުންވުމާއި، ޒަމާނީ ކަންކަމަށް ހުންނަ ޝައުޤުވެރިކަމުގެ ސަބަބުން މާލޭގެ މާހައުލާ މި ދެކުދިން ވަރަށް ފަރިތަވެފައި ވަރަށް ބޮޑަށް ގުޅެއެވެ. އެމީހުން ސްކޫލަށް ދެއެވެ. ކަންކަމަށް ހޭލުންތެރިވެފައި ދަސްކުރުމުގެ ޝައުޤުވެރިކަން ހުރެއެވެ. އަދި އެހެން މީހުންގެ ތެރޭގައި އުޅެއެވެ. ނަމަވެސް އެއްވެސް މީހެއް އެމީހުންގެ މައްޗަށް މާ ބޮޑު ސަމާލުކަމެއް ނުހުރެއެވެ. އާދައިގެ މީހުންގެ ގޮތުގައި ދިރިއުޅުމުގެ ހުނަރު އެމީހުން ވަނީ ވަރަށް ރަނގަޅަށް ދަސްކޮށްފައެވެ. ސަބަބަކީ އެމީހުންގެ ހަޤީޤަތް ފޮރުވާފައިވަނީ އެގޮތުގެ ފަހަތުގައި ކަމަށް ވާތީއެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސުމާއެކު އެމީހުން އެނބުރި ދަނީ އާދައިގެ ގެއަކަށް ނޫނެވެ. ބޮޑު ސިއްރެއްގެ ތެރެއަށް އެ ރަށަށެވެ. އެ ބިޔަ ބޮޑު ގަނޑުވަރަށެވެ. އެ ވަރުގަދަ ޝަޚުސިއްޔަތު އަދި އެމީހުންގެ ބައްޕަ ގާތަށެވެ. އަލްފާޟިލް މޫސާ މަނިކް، އެއީ އެމީހެއްގެ މުއްސަނދިކަމާ މެދު އެއްވެސް މީހަކު ސުވާލުނުކުރާ މީހެކެވެ. ސަބަބަކީ އެ މުއްސަނދިކަން އަންނަ ގޮތް އެއްވެސް މީހަކަށް ނޭނގޭތީއެވެ. އޭނާގެ ހައިބަތަކީ ކަނޑުގެ ފުންމިނަށްވުރެ ބަރު އެއްޗެކެވެ. އަދި އޭނާގެ އަނބިމީހާ، ޚަދީޖާ ބާނޫ އަކީ ކިޔަވައިގެން ހުރި ރީތި، ހިތްތިރި، ނަމަވެސް ބަސްމަދު، އަންހެނެކެވެ. މިއީ އިންތިހާއަށް ލޯބިވާ ދެމީހުންނެވެ. ނަމަވެސް އެއީ އޯގާތެރި ލޯތްބެއް ނޫނެވެ. އެމީހުންގެ ދަރިން ބޮޑުކުރީ އެހެން ދިވެހި މައިންބަފައިން ފަދައަކުން ނޫނެވެ. އެމީހުން އެކުދިން ރައްކާތެރިކުރިއެވެ. އަލިކަމުން ދުރުގައި ފޮރުވާފައިވާ އަލިމަސްތަކެއް ފަދައިންނެވެ. ނަމަވެސް ވަރަށް ގިނަ ކަންތައްތަކެއް އެ ބިރުވެރި، ހިތާމަވެރި ދުވަހު ބަދަލުވެގެން ދިޔައެވެ.
އެއީ ސާރާ އާއި ސޯފީގެ 15 ވަނަ އުފަންދުވަހެވެ. ވަރަށް ފުރިހަމަ ދުވަހަކަށް ވާނެކަމަށް އުންމީދުކުރެވުނު ދުވަހެކެވެ. އެރޭ މުޅި ގަނޑުވަރު ވަނީ ދިއްލާ ޒީނަތްތެރި ކުރެވިފައެވެ. ގަސްތަކުގެ ތެރޭގައި ހަރުކޮށްފައިވާ ފަނޑު ބައްތިތަކާއި ފުއްޕާހަމާއި، ޖައްވުގައި ހިފާލާފައިވާ މިއުޒިކުގެ އަޑާއި، މަދުން ނޫނީ އުފާވެރިކަމެއް ނުފެންނަ އެ ތަނުގައި އިވެމުންދިޔަ ހުނުމުގެ އަޑެވެ. އެރޭ، ސޯފީ އާއި ސާރާއަކީ ހަމައެކަނި ދެ އަންހެން ކުދިންނެއް ނޫނެވެ. އެއްވެސް ސިއްރުތަކެއް، ޒިންމާއެއް، ވިސްނުމެއް ނެތް ލޯބިވާ ދެ ދަރިންނެވެ. ދެބެއިންނެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ ނުހަނު ހަލުވިކަމާ އެކުގައެވެ. އެއްޗެއް ގޮވުމުގެ އަޑާއި، އަލިފާނުގެ ހާދިސާ އަދި މޫނު ނިވާކޮށްގެން ހުރި މީހަކު އެ ތަނަށް ވަދެ ސޯފީގެ ބޮލުގައި ބާރަށް ދަގަނޑަކުން ޖެހުމުންނެވެ. އެއަށްފަހު ދިގު ދެމިގެން ދިޔަ ނާމާން ހިމޭންކަމެވެ. ހިތާމައަކީ ސޯފީ އެއަށްފަހު ދުވަހަކުވެސް ލޮލެއް ނުހުޅުވައެވެ. ސިއްޙީގޮތުން އޮތީ މެޑިކަލް ކޯމާއެއްގައެވެ.
މިހެން ސޯފީ ނިދާފައި އޮންނަތާ ފަސް އަހަރު ފާއިތުވެގެން ދިޔައީއެވެ. ނަމަވެސް އެ ގަނޑުވަރުގެ ތެރޭގައި ވަގުތު ހީވަނީ ހުއްޓިފައިވާހެނެވެ. ސޯފީ އޮތީ އެއްވެސް ބަދަލެއް ނައިސް، އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ކޮޓަރިއެއްގައެވެ. މެޝިންތަކުގެ މަޑު އަޑު އިވެމުންދެއެވެ. ބޭރުގެ ދުނިޔޭގެ ރެޔާއި ދުވާލާ އެއްގޮތަށް އަލިކަން ބަދަލުވަމުންދެއެވެ. ސޯފީ ފެންނަނީ އެއްވެސް ބަދަލެއް ނައިސް އޮތް ތަނެވެ. ރީތިކަންމަތީގައެވެ. ނިމުމެއް ނެތް ހުވަފެނެއް ފަދައިންނެވެ. ހަނދާނުން ފޮހެވިފައިވާ ފުލޯކު ވާހަކައެއްގެ ސިފައެއްގައެވެ. ނަމަވެސް މިއީ ފުލޯކު ވާހަކައެއް ނޫނެވެ. ސަބަބަކީ އޭނާ ސަލާމަތްކުރަން އަންނާނެ އެއްވެސް މީހަކު ނެތީމައެވެ. ހުރީ ހަމައެކަނި ސާރާއެވެ.
އެއްބަނޑު، އެއް ފިކުރު، އެންމެ 10 މިނިޓުން ކުޑަ އަންހެން ކޮއްކޮ ސާރާ ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް އޭނާ ދިރިއުޅެމުންދާކަމާ މެދު އެއްވެސް މީހަކު ސުވާލެއް ނުކުރެއެވެ. ސަބަބަކީ ސޯފީ ވެއްޓުނު ދުވަހު، ސާރާވެސް ގެއްލުނީމައެވެ. ޖިސްމާނީ ގޮތުންނެއް ނޫނެވެ. ނަމަވެސް މަޑުމަޑުން އޭނާގެ އަމިއްލަ ނަފުސެވެ. އޭނާގެ މައިންބަފައިން އެއްވެސް ބަހެއް ބުނުމެއް ނެތި ސާރާއަށް އެކަން ވިސްނައިދިނެވެ. އޭނާގެ ދައްތަ ސޯފީއަށް ދިރިއުޅުން ކުރިއަށް ނުގެންދެވޭ ނަމަ ސާރާއަށްވެސް އެ ފުރުސަތެއް ނެތްކަމެވެ. ޔުނިވާސިޓީއެއް ނެތެވެ. ވަޒީފާއެއް ނެތެވެ. ލޯތްބެއް ނެތެވެ. މުސްތަގުބަލެއް ނެތެވެ. އޮތީ ހަމައެކަނި މަސްއޫލިއްޔަތެވެ. ސާރާ ވެގެންދިޔައީ ސޯފީގެ ހިޔަންޏަށެވެ. އޭނާ ބަލަހައްޓާ އޭނާގެ އަޑަށެވެ. އޭނާގެ އަތަށެވެ. ސާރާ އޭނާގެ އިސްތަށިގަނޑު އޮމާންކޮށްދެއެވެ. ކާންދެއެވެ. ފެންވަރުވައިދެއެވެ. އެއްވެސް ޖަވާބެއް ނުލިބޭނެކަން އެނގިހުރެވެސް، ސޯފީގެ ކަންފަތްދޮށުގައި ވާހަކަދައްކައެވެ. ލަވަކިޔައެވެ. ދުވަހަކަށްފަހު ދުވަހެކެވެ. އަހަރަކަށްފަހު އަހަރެކެވެ. ކޮންމެ ކަމަކަށް މުވައްޒަފުން އައްޔަންކުރެވިފައިވާ ގަނޑުވަރެއްގައި ހުރި ނަމަވެސް، ސާރާއަށް އިޙުސާސް ކުރެވެނީ އޭނާ މުޅިން އެކަނިވެރިވެފައިވާ ކަމެވެ.
(ނުނިމޭ)
