ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އާދައިގެ ކުޑަކުޑަ ކަމަކުންވެސް ކައިވެނި ސަލާމަތްކުރެވިދާނެ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ކައިވެންޏެއް ރޫޅުމުގެ އަސްލަކީ ހަމައެކަނި ބައިވެރިޔާ ބޭވަފާތެރިވުމެއް ނޫނެވެ. ދެމީހަކު އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރުވެސް، އެކުގައި ނޫޅެން ނިންމަފާނެއެވެ. ގުޅުންތަކަކީ ކުއްލިއަކަށް ހަލާކުވެގެންދާ އެއްޗެއް ނޫނެވެ. ގިނަ ފަހަރަށް ގުޅުންތައް ހީނަރުވަނީ ވަރަށް ހިމޭންކަމާއެކުގައެވެ. އަޅާނުލެވި ދޫކޮށްލެވޭ ކުދިކުދި ކަންތައްތަކުގެ ސަބަބުން ކައިވެންޏަށް ނޭދެވޭ އަސަރުތައް ކުރެއެވެ. ނަމަވެސް، ނިއުޔޯކުގެ މަޝްހޫރު ވަރިކުރާ ވަކީލެއް ކަމަށްވާ ޖޭމްސް ޖޭ. ސެކްސްޓަން ވަނީ ކައިވެނި ސަލާމަތްކުރެވިދާނެ ވަރަށް އާދައިގެ، އެހެނަސް ނުހަނު ފައިދާހުރި އުކުޅެއް ފާހަގަކޮށްފައެވެ.

އާދައިގެ އުކުޅެއް: ހިނގާލަން ގޮސް ވާހަކަދެއްކުން

މި ވަކީލު ބަޔާންކުރާ ގޮތުގައި، ކޮންމެ ކައިވެންޏެއްވެސް ރަނގަޅުކޮށްދޭނެ އާދައިގެ އުކުޅެއްވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި، ބައެއް ދެމަފިރިން “ވޯކް އެންޑް ޓޯކް” ނުވަތަ ހިނގާލަން ގޮސް ވާހަކަދެއްކުމުގެ އާދަ ހިފަހައްޓައެވެ. މިއީ ހަފުތާއަކު އެއްފަހަރު ބައިވެރިޔާއާއެކު ދިގު ހިނގާލުމަކަށް ގޮސް، ހިތް ހުޅުވާލައިގެން ވާހަކަދެއްކުމެވެ. މީގައި އެންމެ މުހިންމު ކަމަކީ، މި ހިނގާލުމުގައި ވަކި ޚާއްސަ ކަންތައްތަކަކަށް މަޝްވަރާކުރުމަށް ކަނޑައަޅާފައި އޮތުމެވެ. ސެކްސްޓަން ބުނާގޮތުގައި މި އާދައިގެ ކަމަކީ ގިނަ ކައިވެނިތައް ސަލާމަތްކޮށްދޭނެ ވަރަށް ބާރުގަދަ ވަސީލަތެކެވެ.

ހިނގަމުންދާއިރު، ބައިވެރިޔާގެ ތިން ކަމެއް ފާހަގަކުރުން

މި ހިނގާލުމަކީ ހަމައެކަނި ހިތްހަމަނުޖެހުންތައް ބޭރުކުރުމެއް ނޫނެވެ. މިއީ ގުޅުމުގައި ރޫޅިފައިވާ ތަންތަން މަރާމާތުކުރުމެވެ. މި ހިނގާލުމުގެ ތެރެއިން 20 ނުވަތަ 30 މިނެޓު ތެދުވެރިކަމާއެކު ވާހަކަދެއްކުމަށް ހުސްކުރަން ޖެހެއެވެ. މިއީ އެއްވެސް އަވަސްއަރުވާލުމެއް ނެތް، ހިތްހަމަޖެހިގެން ވާހަކަދެއްކޭނެ ރައްކާތެރި މާހައުލަކަށް ވާންޖެހެއެވެ.

މީގައި އެންމެ މުހިންމު ބަޔަކީ، ވާހަކަދައްކާއިރު ކޮންމެ ބައިވެރިޔަކުވެސް އަނެކާ އެ ހަފުތާގައި ކުރި ކަންތައްތަކުގެ ތެރެއިން ތިމާއަށް ލޯތްބާއި، އަޅާލުމާއި އަދި ޤަދަރު ލިބުނު ތިން ކަމެއް ހިއްސާކުރުމެވެ. މީގެ އިތުރުން ބައިވެރިޔާއަށް މިއަށްވުރެ ރަނގަޅަށް ކޮށްލެވުނީސް ކަމަށް ފެންނަ ނުވަތަ ތިމާއަށް އަޅާނުލެވޭކަމުގެ އިޙުސާސްކުރެވުނު އެކެއް ނުވަތަ ދެކަމެއްގެ ވާހަކަވެސް ބުނެދޭން ޖެހެއެވެ. ވަކީލު ފާހަގަކުރި ގޮތުގައި، ހަފުތާއެއް ނިމިގެންދާއިރު ބައިވެރިޔާ ކުރި ކަންތައްތަކުގެ ތެރެއިން ލޯބި އިޙުސާސްވި ތިން ކަމެއް ހިތަށް ނުގެނެވޭނަމަ އެއީ ހަޤީޤަތުގައިވެސް ބޮޑު މައްސަލައެކެވެ.

މިއީ ކާމިޔާބު އުކުޅަކަށް ވަނީ ކީއްވެ؟

ކައިވެންޏެއް ސަލާމަތްކުރުމަކީ މައްސަލަތަކަށް ކަނުލޯ މަރާލުމެއް ނޫނެވެ. އެއީ ގޯސްކޮށްދާ ކަންތައްތައް ދެނެގަނެ، އެކަންކަން އިސްލާހުކުރަން މަސައްކަތްކުރުމެވެ. މިބުނި “ވޯކް އެންޑް ޓޯކް” އާދައިގެ ސަބަބަން ކަންކަން އޮޅުންބޮޅުންވުން ހުއްޓުވައިދެއެވެ. ބައިވެރިޔާ ހިތުގައި އޮންނާނެ އެއްޗެއް އަމިއްލައަށް ހީކުރުމުގެ ބަދަލުގައި، ސީދާ ބައިވެރިޔާގެ ދުލުން އެކަން އެނގުމަކީ އަބަދުވެސް ރަނގަޅު ގޮތެވެ.

ގުޅުމުގައި ދުރުކަމެއް އިޙުސާސްވާން ފަށާފައިވާ ދެމަފިރިންނަށް، ހަފުތާއަކު އެއްފަހަރު ބާއްވާ މި ބައްދަލުވުމަކީ ރަނގަޅު ފެށުމެކެވެ. މީގައި އެކަކު އަނެކަކަށް މަލާމާތްކުރުމެއް ނޯވެއެވެ. އޮންނަނީ ހަމައެކަނި ތިމާގެ އިޙުސާސްތައް ބަދަލުކުރުމެވެ. ތިމާ ލޯބިވި ކަންތައްތަކާއި، ތިމާގެ ހިތުގައި ޖެހުނު ކަންތައްތައް ބައިވެރިޔާއަށް ބުނެދެނީއެވެ. މިއީ އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމް އެޅުވުމެއް ނޫނެވެ. އެއީ ތެދުވެރިކަމާއެކު ގުޅުން ކުރިއަށް ގެންދިއުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top