މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ތިބީ އާދަޔާޚިލާފު މަރުހަލާއެއްގައެވެ. ޓިކްޓޮކް ފަދަ މީސްމީޑިއާގެ އެކި މަންސަތަކުގައި ހަރަކާތްތެރިވާން ފަށައި، ކުއްލިއަކަށް “އިންފްލުއެންސަރެއް” ނުވަތަ ނުފޫޒުގަދަ ފަރާތެއްގެ ލަގަބު ލިބިގެންދެއެވެ. މިއީ ގިނަ ފަހަރަށް އާދައިގެ ގޮތަކަށް އުފައްދާ ކޮންޓެންޓްތަކަކުން ފެށިގެން އަންނަ ބަދަލެކެވެ. ކުދި ވިޔަފާރިތަކަށާއި އެކި ހަރަކާތްތަކަށް އެހީތެރިވެދީ، ލޮލަށް ފެންނަ މިންވަރު އިތުރުވުމުން، ދެން ފެންނަނީ އެކި ޕްރޮމޯޝަންތަކާއި، ފިލްމު ޕްރިމިއާތަކާއި، ރިސޯޓް ދަތުރުތަކުގެ ދައުވަތުތައް އޮހެން ފަށާ ތަނެވެ. ބޭރުފުށުން ބަލާއިރު މިއީ ބޮޑު ކާމިޔާބީއެއްހެން ހީވިޔަސް، މީގެ އަޑީގައި ހަރުދަނާ އުސޫލީ އޮނިގަނޑެއް ނެތުމުގެ މައްސަލަ ވަރަށް ބޮޑެވެ.
ޑިޖިޓަލް ކްރިއޭޓަރުންނަށް ލިބޭ ގިނަ ހުށަހެޅުންތަކަކީ އެއްވެސް ކަހަލަ ޕްރޮފެޝަނަލް އެއްބަސްވުމެއް ނުވަތަ ސާފު އުސޫލުތަކެއް އޮންނަ ކަންކަމެއް ނޫނެވެ. މީހަކު މީސްމީޑިއާގައި މަޝްހޫރުވުމުން، އެމީހަކީ ކޮންމެ ވަގުތަކުވެސް ލިބޭނެ، ދޫދޭނެ، އަދި ހިލޭސާބަހަށް މަސައްކަތް ކޮށްދޭންޖެހޭނެ މީހެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. މަސައްކަތުގެ އިންތަކާއި އުސޫލުތައް ސާފުކޮށް ނެތުމުން، އެކަށީގެންވާ އިޙްތިރާމް ލިބުމުގައި ވެސް ހުރަސްތަކެއް ކުރިމަތިވެއެވެ.
މީގެ އިތުރުން، މާ ބޮޑަށް އަޅާނުލެވި އޮތް މައްސަލައެއް އެބައޮތެވެ. ޑިޖިޓަލް ކްރިއޭޓަރުންނާ މެދު، ޚާއްޞަކޮށް އަންހެނުންނާ މެދު، މުޖުތަމައު ދެކޭ ގޮތް ބައެއް ފަހަރު އިންސާފުވެރިއެއް ނޫނެވެ. މީސްމީޑިއާގައި ހަރަކާތްތެރިވުމަކީ “ސީރިއަސް” ނޫން ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކޭއިރު، އެ މީހުންގެ އަޚުލާގާއި ސުލޫކާ މެދު ނުރަނގަޅު ތަސައްވުރުތަކެއް އުފައްދައެވެ. ނަމަވެސް، މިއީ ހަގީގަތާ މުޅިން ޚިލާފު ކަމެކެވެ. މީސްމީޑިއާގައި މީހަކު ފެންނަ ފެނުމަކީ، އެ މީހެއްގެ އަޚުލާގީ މިންގަނޑު ނުވަތަ އަމިއްލަ ގަދަރު މިނެކިރަން އޮތް އާލާތެއް ނޫނެވެ.
ގިނަ ހާލަތްތަކުގައި ޑިޖިޓަލް ކްރިއޭޓަރުންނަކީ ޕްރޮފެޝަނަލް މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ބަލައެއް ނުގަނެއެވެ. ކޮންމެ ޕޯސްޓެއްގެ ފަހަތުގައި އެތައް ވަގުތަކާއި، ބުރަ މަސައްކަތާއި، އުފެއްދުންތެރިކަމެއް ވީ ނަމަވެސް، އެއީ ހަމައެކަނި ފަރުދީ ފެންވަރުގައި ކުރާ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އެހެންނަމަވެސް، އެމީހުންގެ ފަރާތުން ބޭނުންވާ ކަންކަމުގައި އުންމީދުތައް އޮންނަނީ ވަރަށް މަތީގައެވެ.
ޑިޖިޓަލް ކްރިއޭޓަރުންނަކީ މިއަދުގެ ކުރިއަރަމުން އަންނަ އިގްތިސާދީ ސިނާއަތެއްގެ މުހިންމު ބައިވެރިންގެ ގޮތުގައި ބަލައިގަންނަން އެބަޖެހެއެވެ. ވިޔަފާރި ގުޅުންތަކަކީ ސާފު، އިންސާފުވެރި، އަދި ދެފަރާތުގެ އިޙްތިރާމް އެކުލެވިގެންވާ ގުޅުންތަކަކަށް ހަދަންޖެހެއެވެ. މުސްތަގުބަލުގައި، މީސްމީޑިއާ މެދުވެރިކޮށް އުފައްދާ މި ނުފޫޒަކީ އޭގެ ހަގީގީ އަގު ވަޒަންކުރެވޭ، އަދި މާލީ ގޮތުން ވެސް އިންސާފުވެރި އުޖޫރައެއް ލިބޭ ޕްރޮފެޝަނަލް މަސައްކަތަކަށް ވާންޖެހެއެވެ. މިއީ ހަމައެކަނި މީހުންނަށް ފެނުމެއް (އެކްސްޕޯޝާރއެއް) ނޫނެވެ. މިއީ ހަގީގީ މަސައްކަތެވެ.
މިއީ ލިބޭ ފުރުސަތުތަކަށް ނޫނެކޭ ބުނުމެއް ނޫނެވެ. އެކަމަކު އެ ފުރުސަތުތަކުގެ މަގުސަދާއި އަގު އަލުން ކަނޑައެޅުމެވެ. މިއަދު މި ބުނާ “ނުފޫޒު” ނުވަތަ “އިންފްލުއެންސް” އަކީ އިއްތިފާގުން ލިބޭ އެއްޗެއް ނޫނެވެ. އެއީ އިތުބާރާއި އަހުލާގީ މިންގަނޑެއް އެދި ބުރަ މަސައްކަތުން ބިނާކޮށް، ދަމަހައްޓާ ކަމެކެވެ.
އެހެންކަމުން، ސުވާލަކީ ޑިޖިޓަލް ކްރިއޭޓަރުންގެ މުހިންމުކަން އޮތްތޯ ނޫންތޯ ބެލުމެއް ނޫނެވެ. ސުވާލަކީ، ހަގީގަތުގައި އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގައި މުޖުތަމައު ފަސްޖެހެނީ ކީއްވެގެންތޯ އެވެ.
