ޕްރިޔަންކާ ޗޯޕްރާގެ ކާމިޔާބީގެ ލިސްޓަށް އިތުރު ބޮޅެއް އިތުރުވެއްޖެއެވެ. އެގޮތުން 2026 ވަނަ އަހަރު ބާއްވާ ‘ގޯލްޑް ގާލާ’ ގައި އޭނާއަށް ޚާއްޞަ ޝަރަފެއް އެރުވުމަށް މިހާރު ވަނީ ނިންމާފައެވެ.
މަޝްހޫރު ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ ‘ގޯލްޑް ހައުސް’ އިން ހާމަކޮށްފައިވާ ގޮތުގައި، ޕްރިޔަންކާގެ އިތުރުން މަޝްހޫރު ފިލްމީ ތަރި ޖެޓް ލީ އަދި ސިމޫ ލިއު އަށް ވެސް މި ހަފުލާގައި ޝަރަފު އެރުވޭނެއެވެ.
ގޯލްޑް ހައުސްގެ އިންސްޓަގްރާމް އެކައުންޓުގައި ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ބާއްވާ މި ހަފުލާއަކީ މި ސިލްސިލާގެ ފަސްވަނަ ހަފުލާއެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ސަގާފަތް ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ބޮޑު ހަރަކާތެކެވެ.
މި އަހަރުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ “އަ ނިއު ގޯލްޑް ވޯލްޑް”ގެ ޝިއާރުގެ ދަށުންނެވެ. މި ހަރަކާތުގެ މަގްސަދަކީ ދުނިޔެ ބައިބައިވަމުންދާ ދަނޑިވަޅެއްގައި، އެންމެން ގުޅިގެން ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް ބާރުއެޅުމެވެ. މި ހަފުލާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ 650 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވާނެއެވެ. ހަފުލާގެ ދެވަނަ ބައި ހުޅުވައިދޭނީ ބޮވެން ޔަންގް އަދި ޕޫރްނާ ޖަގަންނާތަން އެވެ. މީގެ އިތުރުން، ހޭލީ ކިޔޯކޯގެ ޚާއްޞަ ހުށަހެޅުންތަކެއް ވެސް މި ހަފުލާގައި ފެންނާނެއެވެ.
ޕްރިޔަންކާއަށް މި ޝަރަފު ލިބިފައި މިވަނީ އޭނާގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ‘ދަ ބްލަފް’ގެ ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ މަޝްހޫރު ޑައިރެކްޓަރު އެސް.އެސް ރާޖަމޯލީގެ ފިލްމު ‘ވަރަނާސީ’ އިންނެވެ.
މަހޭޝް ބާބޫ އާއި ޕްރިތުވީރާޖް ސުކުމާރަން ވެސް މުހިންމު ރޯލުތަކުން ފެންނަ މި ފިލްމު ސިނަމާތަކަށް އަންނާނީ 2027 ވަނަ އަހަރުއެވެ.
