ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަމީޝާ ޕަޓޭލް، ސަލްމާން ޚާންގެ ކާމިޔާބު ފިލްމު “ތޭރޭ ނާމް” އަށް ނޫނެކޭ ބުނެވުނީތީ ހިތާމަކުރާ ކަމަށް ހާމަކޮށްފިއެވެ. 2003 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަކީ ބޮޑު މަޤުބޫލުކަމެއް ހޯދި، ސަލްމާން ޚާންގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ފިލްމެކެވެ.
“ބޮލީވުޑް ބަބުލް” އަށް ދިން އިންޓަވިއުއެއްގައި އަމީޝާ ބުނީ، އެ ފިލްމުގެ ވާހަކައާއި ލަވަތައް އޭނާއަށް ވަރަށް ބޮޑަށް ކަމުދިޔަ ނަމަވެސް، އެ މަސައްކަތުގައި ބައިވެރިނުވެވުނީ އެ ދުވަސްވަރުގެ ހާލަތު ހުރިގޮތުން ކަމަށެވެ. އަމީޝާ ކިޔައިދިން ގޮތުގައި، ސަލްމާން އެންމެ ފުރަތަމަ އެ ފިލްމުގެ ވާހަކަ އޭނާއަށް ކިޔައިދިންއިރު، ފިލްމުގެ ޑައިރެކްޓަރަކު އަދި މަސައްކަތް ފަށާނެ ތާރީޚެއް ވެސް ކަނޑައެޅިފައެއް ނެތެވެ.
“އަހަންނަށް އެ ފިލްމަށް އާނބަސް ބުނެވުނު ނަމައޭ ހިތަށް އަރާ. ސަލްމާން އެ ފިލްމާމެދު ވަރަށް އުންމީދު ކުރި. އަދި އަހަންނަށް ވާހަކަ ކިޔައިދީ ލަވަތައް ވެސް އިއްވި. ނަމަވެސް، ފަހުން ސަތީޝް ކޯޝިކް ޑައިރެކްޓަރެއްގެ ގޮތުގައި ހަމަޖެހި، މަސައްކަތް ފެށުނުއިރު އަހަރެން އޮތީ އެހެން ޕްރޮޖެކްޓްތަކަކަށް ވަގުތު ދީ، އެހެން މީހުންނަށް ވަޢުދުވެފައި.” އަމީޝާ ބުންޏެވެ.
އަމީޝާ އިތުރަށް ބުނީ، ސަލްމާން އޭނާއަށް އެ ފިލްމުގެ ވާހަކަ ފުރަތަމަ ފަހަރަށް ކިޔައިދިން ދުވަސްވަރު ތާރީޚުތައް ހަމަޖެހިފައި އޮތްނަމަ، “ތޭރޭ ނާމް” ފަދަ ރީތި ފިލްމަކަށް ދުވަހަކުވެސް ނޫނެކޭ ނުބުނާނެ ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އަމީޝާ ސިފަކުރިއެވެ.
ސަތީޝް ކޯޝިކް ޑައިރެކްޓްކުރި “ތޭރޭ ނާމް” އަކީ 1999 ވަނަ އަހަރު ނުކުތް ތަމަޅަ ފިލްމު “ސެތޫ” ގެ ރީމޭކެކެވެ. މި ފިލްމުގައި ސަލްމާން ޚާންއާއެކު ބަތަލާގެ ބައި ކުޅުނީ ބޫމިކާ ޗާވްލާއެވެ. މި ފިލްމުގެ ލަވަތަކާއި، ސަލްމާންގެ އެކްޓިން އަދި ފިލްމުގެ އަސަރުގަދަ ލޯބީގެ ވާހަކައަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބުނެވެ.
