ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހަނދާންނެތޭ ބަލީގެ ނުރައްކާ ކުޑަކުރަން ނިދަންވީ ކިހާ އިރެއް ވަންދެން؟

ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ރެއަކު 7 އާއި 8 ގަޑިއިރާ ދެމެދު ނިދުން އެންމެ ރަނގަޅު ކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ.

ކެނެޑާގެ ޔޯކް ޔުނިވާސިޓީގެ ޓީމަކުން ކުރިއަށް ގެންދިޔަ މި ދިރާސާގައި، ކުރިން ހެދި 69 ދިރާސާއެއްގެ މަޢުލޫމާތު އެއްކޮށް ތަޙުލީލުކޮށްފައިވެއެވެ. ގާތްގަނޑަކަށް 4.5 މިލިއަން މީހުންގެ ޑޭޓާ ހިމެނޭ މި ދިރާސާގައި ބެލީ ޖިސްމާނީ ހަރަކާތްތެރިކަމާއި، އިށީނދެ ހޭދަކުރާ ވަގުތާއި، ނިދާ ވަގުތުގެ މިންވަރު ޑިމެންޝިއާއާ ގުޅޭ ގޮތެވެ.

ރެއަކު 7 ގަޑިއިރަށް ވުރެ މަދުން ނިދާ ނަމަ ޑިމެންޝިއާ ޖެހުމުގެ ފުރުސަތު 18 ޕަސެންޓް އިތުރުވާ ކަމަށް ދައްކާއިރު، 8 ގަޑިއިރަށް ވުރެ ގިނައިން ނިދާ ނަމަ އެ ފުރުސަތު 28 ޕަސެންޓް އިތުރުވާ ކަމަށް ދިރާސާއިން ދެއްކިއެވެ. މީގެ އިތުރުން، ދުވާލަކު 8 ގަޑިއިރަށް ވުރެ ގިނައިން އިށީނދެ ހޭދަކުރުމާއި، ހަފުތާއަކު 150 މިނެޓަށް ވުރެ މަދުން ކަސްރަތުކުރުމަކީ ވެސް ޑިމެންޝިއާގެ ނުރައްކާ ބޮޑުވާ ކަންކަން ކަމަށް ދެއްކިއެވެ.

“ގަވާއިދުން ޖިސްމާނީ ހަރަކާތްތެރިކަން ބެހެއްޓުމާއި، އިށީނދެ ހޭދަކުރާ ވަގުތު މަދުކުރުމާއި، ރެއަކު 7 އާއި 8 ގަޑިއިރާ ދެމެދު ނިދުމަކީ ޑިމެންޝިއާގެ ނުރައްކާ ކުޑަކޮށް، އެ ބަލި ފެށުން ލަސްކުރެވިދާނެ ކަންކަން” ދިރާސާވެރިން ލިޔެފައިވެއެވެ.

އެހެންނަމަވެސް ދިރާސާވެރިން ފާހަގަކޮށްފައިވާ ގޮތުގައި، މި ދިރާސާއިން ދައްކަނީ ގުޅުންތަކެވެ؛ ސީދާ ސަބަބާއި ނަތީޖާއެއް ނޫނެވެ. މާ ގިނައިން ނިދުމަކީ އެލްޒައިމާޒް ބަލި ފެށިފައިވާ ކަމުގެ ޢަލާމާތެއް ކަމުގައި ވެސް ވެދާނެ ކަމަށް ބައެއް ދިރާސާތަކުން ދައްކާ ކަމަށް އެ ޓީމުން ބުނެފައިވެއެވެ. ޑިމެންޝިއާ ކޭސްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބައި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ކަންކަން ރަނގަޅުކޮށްގެން ހުއްޓުވިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ދިރާސާގައި ބުނެފައިވެއެވެ. މި ދިރާސާ ޕްލޮސް ވަން ޖާނަލްގައި ޝާއިޢުކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top