ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ލޯބީގެ ގުޅުމެއްގައި ވަސް ވަރަށް މުހިންމު
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އާ މީހަކާ ބައްދަލުވާއިރު، އެމީހެއްގެ ހިނިތުންވުމާއި، ހެދުން އެޅުމުގެ ވައްޓަފާޅި ނުވަތަ ހީނލާ ގޮތް ތިބާއަށް ފާހަގަވެދާނެއެވެ. ނަމަވެސް، ތިބާގެ ހިތް އެމީހަކަށް ލެނބުމަށް ބާރުއަޅާ، ތިބާއަށް ރޭކާނުލާ އިތުރު ކަމެއް ވެއެވެ. އެއީ ވަހެވެ. މީހެއްގެ ކިބައިގައި ހުންނަ ވަހަކީ، ފުރަތަމަ ފެނިލުމުން އުފެދޭ ޝައުގުވެރިކަމުން ފެށިގެން، ދިގު މުއްދަތުގެ ގުޅުމަކަށް އެކަށީގެންވާ މީހެއްކަން ކަނޑައެޅުމާ ހަމައަށް، ހައިރާންވާފަދަ ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.

2018 ވަނަ އަހަރު “ޕާފިއުމް ސޮސައިޓީ” އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ހުސްހަށިބަޔަށް ތިބޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (43 އިންސައްތަ) މީހުން ޤަބޫލުކުރާ ގޮތުގައި، ބައިވެރިއެއްގެ ކިބައިގައި ހުންނަ ވަހަކީ ބައްދަލުވުން ކާމިޔާބުވުމަށް ނުވަތަ ނުވުމަށް ބާރުފޯރުވާ ކަމެކެވެ. މީގެ އިތުރުން، ހަތަރު މީހުންގެ ތެރެއިން އެކަކު (26 އިންސައްތަ) މީހެއްގެ ސިފައަށްވުރެ ބޮޑަށް އެމީހެއްގެ ވަހަށް އިސްކަންދެއެވެ. އަންހެނުންގެ ތެރެއިން ތިންބައިކުޅަ އެއްބައި (31 އިންސައްތަ) މީހުންނަށް، ރީތި މީހަކަށްވުރެ ބޮޑަށް ފާހަގަވަނީ މީރުވަސްދުވާ ފިރިހެނުންނެވެ.

“ރޫމް އެރޯމާސް” ގެ ތަރުޖަމާނު ޓޯބީ ބްރޭންސްޓަން، “ޓައިމްސް އޮފް އިންޑިއާ” އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، މީހުންގެ މެދުގައި އުފެދޭ ޝައުޤުވެރިކަމަށް ވަހުގެ ސަބަބުން ކުރާ އަސަރު ގިނަ މީހުންނަށް ވަޒަން ނުކުރެވޭ ކަމަށެވެ. ވަހަކީ އިންސާނާގެ ހަށިގަނޑުގެ ޤުދުރަތީ ކެމިސްޓްރީއާ ގުޅި، މީހުން އެކަކު އަނެކަކަށް ދަމައިގަންނަ ފަދަ ސިގްނަލްތަކެއް ސިކުނޑިއަށް ފޮނުވައިދޭ އެއްޗެކެވެ.

އިވޮލިއުޝަނަރީ ބަޔޮލޮޖިސްޓް ކްލޯސް ވެޑެކިންޑް ހާމަކުރެއްވި ގޮތުގައި، އަންހެނުން އާންމުކޮށް ގަޔާވަނީ އެމީހުންގެ އަމިއްލަ ޖީންސްތަކާ ނުވަތަ “އެމް.އެޗް.އެސް” ޖީންސްތަކާ ތަފާތު ޖީންސް ހުންނަ ފިރިހެނުންގެ ވަހަށެވެ. 1995 ވަނަ އަހަރު އޭނާ ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، މިގޮތަށް ތަފާތު ޖީންސް ހުންނަ މީހުންނަށް ޝައުގުވެރިވުމަކީ ދަރިފަސްކޮޅުގެ ދިފާއީ ނިޒާމު ވަރުގަދަވުމަށް މަގުފަހިވާ ކަމެކެވެ.

ވަހަކީ ލޯބީގެ ގުޅުންތަކުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވަނީ ކީއްވެ؟

ލޯބީގެ ގުޅުންތަކުގައި ވަހުގެ އަސަރު ފޯރަނީ ސިކުނޑީގެ “ލިމްބިކް ސިސްޓަމް” މެދުވެރިކޮށެވެ. މިއީ އިންސާނާގެ އިޙުސާސްތަކާއި ހަނދާންތައް ކޮންޓްރޯލްކުރާ ބައެވެ. އެހެންކަމުން، ވަހުގެ ސަބަބުން ވަގުތުން އިޙުސާސްތަކަށް ބަދަލު އައިސް، ވަކި މީހަކަށް ހިތް ލެނބުމަށް މަގުފަހިވެއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ޗާލްސް ސްޕެންސް ވިދާޅުވާ ގޮތުގައި، މީހެއްގެ ކިބައިން ދުވާ މީރުވަހުގެ ސަބަބުން އެމީހެއްގެ ރީތިކަމާއި ޝަޚުޞިއްޔަތާމެދު ކުރެވޭ ތަސައްވުރު އިތުރަށް ފުރިހަމަވެގެންދެއެވެ.

ހަށިގަނޑުގެ ޤުދުރަތީ ވަހާއި ހަމުގެ ކެމިސްޓްރީ

ކޮންމެ މީހަކީވެސް އެމީހެއްގެ ޖީންސް، ކާނާ، ހޯރމޯންސް އަދި ދިރިއުޅުމުގެ އާދަކާދައަށް ބިނާވެފައިވާ ތަފާތު ޤުދުރަތީ ވަހެއް ހުންނަ މީހެކެވެ. މި ވަސް، އަހަރެމެން ގައިގައި އުނގުޅާ ސެންޓާއި ލޯޝަން ފަދަ ތަކެއްޗާ އެކުވުމުން ކޮންމެ މީހަކަށްވެސް ޚާއްޞަ “ވަހުގެ ޕްރޮފައިލް” އެއް އުފެދެއެވެ.

ބްރޭންސްޓަން ކިޔައިދިން ގޮތުގައި، އެކަކަށް މީރުވަސް ދުވާ ސެންޓެއް އަނެކަކަށް މީރު ނުވެދާނެއެވެ. ސަބަބަކީ ކޮންމެ މީހެއްގެ ހަމުގެ ޕީ.އެޗް ލެވެލްއާއި، ހޫނުމިނާއި، ހަމުގައި ހުންނަ ތެޔޮކަން ތަފާތުވުމެވެ. މިއީ ބަޔޮލޮޖިކަލް ގޮތުން ދެމީހަކު ގުޅޭތޯ ބަލަން އެހީތެރިވެދޭ ނިޝާނެކެވެ.

ފެރޮމޯންސް އާއި ކެމިކަލް ސިގްނަލްތައް

އިންސާނުންގެ ހަށިގަނޑުން ބޭރުކުރާ ކެމިކަލްތަކަކީ އަނެކުންނަށް އިޙުސާސްކުރެވޭ އެއްޗެކެވެ. މި ސިގްނަލްތަކަކީ ދެމީހެއްގެ ދެމެދުގައި އުފެދޭ “ކެމިސްޓްރީ” ގެ އަސްލެވެ. ތިބާއަށް ހޭލުންތެރިކަމެއް ނެތިވެސް، މި ކެމިކަލް ސިގްނަލްތަކުގެ ސަބަބުން މީހަކާމެދު ގާތްކަމެއް އިޙުސާސްވުން ނުވަތަ ކޮންމެވެސް ކަމެއް ގޯސްކަމުގެ އިޙުސާސް ކުރެވިދާނެއެވެ.

ވަހުގެ ސަބަބުން ދިގު މުއްދަތުގެ ގުޅުންތަކަށް ކުރާ އަސަރު

ވަހަކީ ހަމައެކަނި ފުރަތަމަ ބައްދަލުވުމުގައި މުހިންމު އެއްޗެއް ނޫނެވެ. ގުޅުން ދެމެހެއްޓުމަށާއި، އެކަކު އަނެކަކަށް އޮންނަ އިޙުސާސްތައް ފުންކުރުމަށްވެސް ވަސް އެހީތެރިވެދެއެވެ.

1 – ވަހުގެ ހަނދާނާއި ގުޅުން ބަދަހިވުން: ވަހަކީ ހަނދާންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. ބައިވެރިޔާގެ ވަސް ދުވުމުން، ހިތްހަމަޖެހުމާއި، ރައްކާތެރިކަމާއި، ލޯބީގެ އިޙުސާސްތައް އާވެގެންދެއެވެ. ބައިވެރިޔާ ކައިރީގައި ނެތް ވަގުތުތަކުގައި، އޭނާގެ ހެދުމެއް ނުވަތަ ބާލީހަކުން ދުވާ ވަހުން ހިތްހަމަޖެހުން ލިބެނީ މި ސަބަބާ ހުރެއެވެ.

2 – ހާސްކަން ކުޑަކޮށްދިނުން: ދިރާސާތަކުން ދައްކާ ގޮތުގައި، ލޯބިވާ ބައިވެރިޔާގެ ވަސް ދުވުމުން ހަށިގަނޑުގެ ހާސްކަން ކުޑަކޮށްދެއެވެ. އަންހެނުންގެ މައްޗަށް ކުރެވުނު ދިރާސާއަކުން އެނގުނު ގޮތުގައި، ބައިވެރިޔާގެ ވަސް ދުވުމުން ހަށިގަނޑުގެ ކޯޓިޒޯލް (ސްޓްރެސް ހޯރމޯން) ލެވެލް ދަށްވެއެވެ. މީގެ އިތުރުން، ބައިވެރިޔާގެ ވަހަކީ ނަފުސާނީ ގޮތުން ހަމަޖެހުމާއި ރައްކާތެރިކަން އިޙުސާސްކޮށްދޭ ކަމެކެވެ.

ސެންޓު ބޭނުންކުރުމުގައި ސަމާލުވާންވީ ކަންތައްތައް

ވަހުގެ މަސައްކަތް ހިނގާ ގޮތް އެނގުމުން، ސެންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެވިދާނެއެވެ. ބްރޭންސްޓަން ލަފާދޭ ގޮތުގައި، ބޭނުންކުރަންވާނީ ތިމާގެ ޤުދުރަތީ ވަސް މުޅިން ފޮރުވާލާ ފަދަ ސެންޓެއް ނޫނެވެ. އޭގެ ބަދަލުގައި، ތިމާގެ ހަށިގަނޑުގެ ޤުދުރަތީ ވަހާ ގުޅޭ، އެ ވަސް އިތުރަށް ފުރިހަމަކޮށްދޭ ފަދަ ސެންޓެއް ބޭނުންކުރުމުން، އެކަށީގެންވާ ބައިވެރިޔަކު ދަމައިގަތުމުގެ ފުރުސަތު ބޮޑުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top