ޓެނިސް ތަރި ރަފައެލް ނަޑާލްއާ ބެހޭ ގޮތުން ނެޓްފްލިކްސްއިން އުފައްދާ އައު ޑޮކިއުމެންޓަރީ ސީރީޒްގެ ފުރަތަމަ ޕޯސްޓަރު ބޮލީވުޑް ތަރި ކަރީނާ ކަޕޫރު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށް، އެ ސީރީޒްއަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
45 އަހަރުގެ ބަތަލާ ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި އެ ސީރީޒްގެ ފުރަތަމަ ޕޯސްޓަރު ހިއްސާކުރަމުން ލިޔެފައިވަނީ “އުއްފް” މިހެންނެވެ.
“ރާފާ”ގެ ނަމުގައި ތައްޔާރުކުރާ މި ހަތަރު ބައިގެ ޑޮކިއުމެންޓަރީ ސީރީޒްގައި 39 އަހަރުގެ ޓެނިސް ތަރީގެ 2024 ވަނަ އަހަރުގެ ސީޒަނާއި، އޭޓީޕީ ޓުއާގައި އޭނާ ހޭދަކުރި ފަހު އަހަރާއި، އަނިޔާއިން ރިހެބިލިޓޭޓްވި ގޮތާއި، ކެރިއަރުގެ ލެގަސީއަށް އަލިއަޅުވާލާނެއެވެ. މީގެ އިތުރުން، ނަޑާލްގެ ކުޑައިރުގެ ދިރިއުޅުމާއި މަޝްހޫރުވެގެން އައި ގޮތް ދައްކައިދޭ، ކުރިން ނުފެންނަ މަންޒަރުތައް ވެސް މި ސީރީޒްގައި ހިމެނޭނެއެވެ. އަދި ޓެނިސް ތަރިން ކަމުގައިވާ ރޮޖާ ފެޑެރާ އާއި ނޮވެކް ޖޮކޮވިޗްގެ ޚާއްޞަ އިންޓަވިއުތައް ވެސް ހިމެނޭނެއެވެ.
ރިލީޒްކުރި ފުރަތަމަ ޕޯސްޓަރުގައި ފެންނަނީ ވަރުބަލި މެޗަކަށް ފަހު ނަޑާލް ކޯޓުގައި އޮށޯވެ އޮންނަ މަންޒަރެވެ. އެ ޕޯސްޓަރުގެ ޓެގްލައިނަކީ “އެ ލައިފް ބިޔޯންޑް ލިމިޓްސް” އެވެ. ދެވަނަ ޕޯސްޓަރުގައި ފެންނަނީ ނަޑާލްގެ ކައިރިން ނަގާފައިވާ ސައިޑް ޕްރޮފައިލެކެވެ.
އޮސްކާ ނޮމިނީ ޒެކަރީ ހެއިންޒާލިންގ ޑައިރެކްޓްކުރާ މި ސީރީޒް ނެޓްފްލިކްސްގައި ޕްރިމިއާކުރާ ގޮތަށް ހަމަޖެހިފައިވަނީ 29 މެއި 2026 ގައެވެ.
