މިންހާ އިނީ ރަށުގެ އަތިރިމަތީގައެވެ. ޚިޔާލުގެ ކަނޑުތެރެއަށް ޣަރަޤުވެފައި އިންއިރު އޭނާއެކޭ ހަރަކާތެއް ނެތް ބުދެކޭ އެއްފަދައެވެ. ހުއްޓުމެއްނެތި ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާކަށްވެސް އޭނާ ނޫޅެއެވެ. އެގޮތުގައި ހޭދަވީ ކިހާއިރެއް ކަމެއް ޚުދު މިންހާއަކަށްވެސް ނޭނގެއެވެ. އެހެން އިންދާ އޭނާއަށް ޚިޔާލުތަކުން ނުކުމެވުނީ ޖަހާލި ގުގުރިއެއްގެ އަޑަށެވެ. ހަތަރު ފަރާތުން އުދަރެސް ބައްދާލާފައިވާތަން ފެނުމުން އޭނާ މޫނު ފޮހެލާފައި ތެދުވެ ގެއަށް ދާން ހިނގައިގަތެވެ.
ހަ މަހުގެ ބޮޑު ބަނޑާއެކު ރަށުގެ ބޮޑުމަގުން އާދައިގެ ހިނގުމެއްގައި މިންހާ ހިނގަމުން ދިޔައިރު ވާރޭ ހީވަނީ ހަމަ ދެންމެދެންމެ އޮއްސާލަފާނެހެންނެވެ. ވިދުވަރާއި ގުގުރީގެ އަޑުވެސް ހިނދެއް ހިނދަކަށް ދޭތެރެ ކައިރިވަމުން އައިސް ވާރޭ އޮއްސާލިއިރު، މިންހާއަށް ދެވުނީ މަގުގެ މެދާ ހިސާބަށެވެ. ނަމަވެސް ވާރެއިން ހިޔާވުމުގެ ވިސްނުމެއް ނެތް މިންހާ ހިނގާލާފައި ގޮސް ގެއަށް ވަދެވުނުއިރު، އޭނާ ހީކަރުވައިގަނެގެން ތުރުތުރުއަޅައެވެ. ނަމަވެސް އޭނައާ އަޅާލާނެ، އޭނާގެ ޙާލު ބަލާލާނެ އެކަކުވެސް އެ ބޮޑު ގެއަކު ނޫޅެއެވެ. މަހްރާން ފިޔަވައެވެ.
“މިއަދުވެސް ތިއައީ ބޭރަށް ގޮއްސަ ދޯ. މީހުން ކިޔާހާ އެއްޗިއްސާ ކުރާހާ މަލާމާތް ނޭނގެނީތަ؟ ލަދުން ބޯ ފަޅައިގެން ދާވަރުވޭ.” ގޯތިތެރެއަށް ނުކުތް މާރިޔާއަށް ތެމިފޯވެގެން ހުރި މިންހާ ފެނުމުން ރުޅިވެރިކަމާއެކު ބުނެލިއެވެ.
“މީހާ ތިހިރަގެން ރޫޅެނީ. އަދިވެސް ތި އެއްޗެހި ބަދަލުކުރަން ނޫޅެ ހުންނަނީތަ؟”
“އަހަންނަށް ކަމެއް ވެގެން ނޫނީ ކަމެއް ވެދާނެތީ މަންމަ ކަންބޮޑުވާކަށް ނުޖެހޭނެ. މިހެން ތެޅިތެޅިފައި މަރުވެގެން ހިނގައިދާނެ.” މިންހާ ގާތަށް ރުޅިއައީ ކުއްލިއަކަށެވެ. ޒިޔާދާއަށް އިތުރު އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ މިންހާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.
މިންހާ ދިޔަ ދިމާލަށް ޒިޔާދާއަށް ބަލަން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިންހާ ފުރަތަމަ ފަހަރަށް އެފަދަ ގޮތަކަށް އެއްޗެއް ބުނީތީއެވެ. ދެރަވެސް ވިއެވެ. ނަމަވެސް، މިންހާގެ ސަބަބުން މުޅި އާއިލާއަށް ކުރިމަތިވި ލަދުވެތިކަމާއި އޭނާގެ ތަރުބިއްޔަތާމެދު މީހުން އުފައްދާ ސުވާލުތަކުން މިންހާ ފެނުމުން އޭނާގެ ރުޅި ކޮންޓްރޯލް ނުކުރެވެނީއެވެ.
ކޮޓަރިއަށް ވަދެވުމާއެކު މިންހާގެ ބަޑި ފަޅައިގެން ދިޔައެވެ. ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އޭނާ ވަނީ ހުވަފެނަކުންވެސް ނުދެކޭހާ ހިތްދަތިކަން ދެކެފައެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ހިތްދަތި ބަސްތަކާއި މަލާމާތްތަކާއި ކުރިމަތިލާން ޖެހެއެވެ. ފުރަތަމަކޮޅު މަލާމާތްތަކަށް ލަދުން ކޮޓަރިންވެސް ނުކުންނަން ނުކެރި އޭނާ އިނެވެ. ނަފުސާނީ ގޮތުން އެހާބޮޑަށް ބަލިކަށިކޮށްލި ވަގުތު ގޭތެރެއިންވެސް އޭނާއަށް ލިބުނީ ހިތްދަތިކަމާއި އިންޒާރެވެ. ދުނިޔޭގައި ހުންނަންވެސް ބޭނުން ނުވި އެ ދުވަސްވަރު އޭނައަށް ކުޑަވެސް ހިތްވަރެއް ލިބުނީ ކޮއްކޮ މަހްރާންގެ ސަބަބުންނެވެ.
މަހްރާންއަކީ މިންހާއަށް ހުރިހާ ކަމެއްގައި އަބަދުވެސް ހިތްވަރުދޭ، ކޮއްކޮއަކަށްވުރެ ބޮޑަށް ގާތް އެކުވެރިއެކެވެ. އެ ދެމެދުގައި ސިއްރުތަކެއް ނޯވެއެވެ. ނަމަވެސް އެންމެ ސިއްރެއް ފިޔަވައެވެ. މިންހާއަށް މިއަދު ކުރިމަތިވެފައި މިވާ ހިތްދަތިކަމުގެ އަސްލެވެ. މަހްރާންގެ އެތައް ސުވާލަކުންވެސް މިންހާ ޖަވާބު ނުދިންތާނގައި ޝައްކު ކުރެވޭނެފަދަ އިޝާރާތެއްވެސް ނުދިން ހަޤީޤަތެވެ. މަހްރާންއަށް އެނގެއެވެ. އެކަމުގައި ވަރަށް ބޮޑު ސަބަބެއް އެބައޮތެވެ. އެ ސަބަބު ހޯދަން އޭނާ ބޭނުމެވެ. އޭނާގެ ދޮންތައަކީ އެފަދަ ހިތްދަތިކަމެއް ޙައްޤުވާ މީހެއް ނޫނެވެ. އެއަށްވުރެ މާ ރަނގަޅު މީހެކެވެ. އެއްވެސް މީހަކާ ދޭތެރޭ ހިތް ބުރަކަމެއް ނުބާއްވާ، އަމިއްލަ އުފާތަކަށްވުރެ އެހެން މީހުންގެ އުފާތަކަށް އިސްކަން ދިން މީހެކެވެ.
މިންހާ އިނީ އެނދުގެ ފަޑީގައި ލެނގިލައިގެން ބަނޑުގައި އަތް ބާއްވާލައިގެންނެވެ. އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު، އޭނާގެ ހިތުގައި ރިހެމުން ދިޔައެވެ. އޭނާގެ ނަސީބާމެދު އޭނާ ޝަކުވާ ކުރިއެވެ. ކުއްލިއަކަށް ދޮރު ހުޅުވާލި އަޑަށް ސިހިފައި ދެލޯ ފޮހެލިއެވެ.
ކޮޓަރިއަށް ވަނީ ހާދީއެވެ. ވަނުމާއެކު ދޮރު ލެއްޕިއެވެ. އޭނާގެ ލޮލުގައި ވަނީ ނުރައްކާތެރި ނަޒަރެކެވެ. މިންހާއަށް ހިންދިރުވާލެވުނެވެ. ބައްޕަގެ އެ ނުރައްކާތެރި ނަޒަރަކީ އޭނާ ޖެހިލުންވާން މަޖުބޫރު ކުރުވާ ކަމެކެވެ. ޚާއްސަކޮށް ވޭތުވެދިޔަ ހަ މަސްދުވަހު އެ ނަޒަރުން ވަނީ އޭނާގެ މުޅި ހަށިގަނޑު އަންދާލާފައެވެ.
“މިންހާ! އަޑުއަހާ!” މިންހާގެ އަނގަމަތީ ދެފަރާތުން ހިފާ ފިއްތާލަމުން އަމުރުވެރިކަމާއެކު ހާދީ ބުންޏެވެ.
“މިކަމުގެ ހަޤީޤަތް އެއްވެސް މީހަކަށް އެނގިގެން ނުވާނެ. އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. މީހަކަށް ޝައްކުވާ ކަހަލަ އެއްޗެއް ބުންޏަސް ފިސާރި ކުޅި ދައްކާލާނަން.” ހާދީ މިންހާގެ އަނގައިން ދޫކޮށްލަމުން ބުނެލިއެވެ. މިންހާގެ ލޮލުގައި ވަނީ ބިރުވެރިކަމެވެ.
ހާދީ ނުކުމެގެން ދިޔުމުން އޭނާއަށް އަނގައިގެ ދެފަރާތުން ފިރުމާލެވުނެވެ. އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަތައް އޮހިގަތެވެ. އޭނާގެ ހިތަށް އަރައެވެ. އޭނާ މިގެއަށް އުފަން ނުވި ނަމައެވެ. އޭނާ އަންހެނަކަށް ނުވި ނަމައެވެ. އަންހެނަކަށް ވީތީ ލިބެން ޖެހޭ އަދަބަކީ މިއީ ހެއްޔެވެ؟
ކޮޓަރިތެރޭ ހުރި މަހްރާންގެ ނޭވާ ވަނީ ހާސްވެފައެވެ. ދެންމެ ފެނުނު މަންޒަރާއި އިވުނު އަޑުތަކުންނެވެ. އޭނާއަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އެކަމަކު ލޮލަށް ފެނުނު މަންޒަރާއި އިވުނު އަޑުތައް ދޮގު ކުރާނީ ކިހިނެއް ހެއްޔެވެ؟ ދޮންތައަށް ދިމާވި ހާލަތުގެ އަސްލަކީ ބައްޕައެވެ. ދޮންތަގެ ދުލުގައި ތަޅު އެޅުވިފައިވާ ސަބަބަކީ އެއީއެވެ. ބައްޕަގެ މުޑުދާރު ޢަމަލެވެ. އެ ތަޅު ހުޅުވަން ހަދާނީ ކިހިނެއްބާއޭ މަހްރާންގެ ހިތަށް އަރަމުން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް އަވަހަށެވެ. މަލާމާތާއި އިންޒާރުތަކާއި ހިތްވަރާއި އޯގާތެރިކަމުގެ ބަސްތަކުގެ ތެރޭ ދުވަސްތައް ހޭދަވަމުން ގޮސް މިންހާގެ ބަނޑަށް ދުވަސް ފުރި މިންހާ ވިހައިފިއެވެ. ފިރިހެން ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާގެ ސިއްޙަތު ވަރަށް ދެރައެވެ. މިންހާއަށް މާބަނޑު ދުވަސްވަރު ނަފުސާނީ ގޮތުން ލިބުނު އަނިޔާތަކާއި، ރަނގަޅަށް ނުކެވުމުގެ ނަތީޖާއެވެ.
ގޭތެރެއިން އެ ކުޑަ ދަރިފުޅުގެ ރުއިމުގެ އަޑު އިވޭ ކޮންމެ ފަހަރަކު ހާދީގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ. ރުޅިވެރިކަމެވެ. ބައެއްފަހަރު ކޮންމެވެސް ވަރަކަށް ނުތަނަވަސްކަމާއި ހާސްކަންވެސް ފެނެއެވެ. އެ ހުރިހާ ކަމެއް ގާތުން ބަލަމުން ދިޔައީ މަހްރާންއެވެ. އޭނާއަށް ފެނިފައިވާ މަންޒަރާއި އިވިފައިވާ އަޑުތަކުން އޭނާ ބައްޕައަށް ނަފުރަތު ކުރެއެވެ. އެ ބައްޕަގެ މުޑުދާރުކަން އެންމެންގެ ކުރިމައްޗަށް ގެންނަން އޭނާ ބޭނުމެވެ. ދޮންތައަށް އިންސާފު ހޯދައިދޭން އޭނާ ބޭނުމެވެ. ވަރަށް ދުވަހު ދޮންތަ ހިތާމަ ކޮށްފިއެވެ. ދެވަނަ މީހެއްގެ ސަބަބަކުން ނޫނެވެ. ދޮންތައަށް ހިމާޔަތް ދޭންވީ އެ ބައްޕަގެ ސަބަބުންނެވެ. ނަމަވެސް ދެން އިތުރަށް އޭނައަކަށްވެސް އެ މަންޒަރު ބަލަން ކެތެއް ނުވާނެއެވެ. އޭނާ ހުރީ ރަނގަޅު ފުރުސަތަކަށް ބަލަބަލައެވެ.
މިންހާގެ ދަރިފުޅު މާހީ ކުޑަކޮށް ބަލިވެ އުޅުނު ދުވަހެކެވެ. އެކުއްޖާ ހުއްޓާނުލައި ރޮމުން ދިޔައެވެ. ހިތްތައް ކުދިކުދިވާ ފަދައަކުންނެވެ. އެވަގުތު ހާދީ ކޮޓަރީގެ ދޮރު ހުޅުވާލީ ރުޅިއައިސް ރަތްވެގެންނެވެ.
“މި ހަރާމް ކުއްޖާ ހުއްޓުވަބަލަ. މުޅި ގޭތެރެ ސުންޕާވެއްޖޭ.” ހާދީ ރުޅިވެރިކަމާއެކު ބުންޏެވެ. އޭރު ކޮޓަރި ތެރޭގައި މިންހާއާއެކު މަހްރާންވެސް ހުއްޓެވެ.
ހާދީގެ ބަސްތައް އިވުމާއެކު މަހްރާންގެ ދެއަތް މުށްކެވިގެން ދިޔައިރު، މިންހާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާގެ ދަރިފުޅަށް “ހަރާމް” އަދި “ސުންޕާ” އޭ ބުނުމުން، އެތައް ދުވަހެއްގެ ހިމޭންކަން ފުނޑުފުނޑުވިއެވެ.
“ހުއްޓާލާ!” މިންހާ ހަޅޭއްލަވައިގަތެވެ.
“ސުންޕާ މީހަކީ ކަލޭ! ތި މުޑުދާރު ބައްޕަ.” މަހްރާން އަޑު ބާރުކޮށް ބުންޏެވެ. މަހްރާންގެ ޖުމްލައާއެކު މިންހާއަށްވެސް ލިބުނީ ހައިރާންކަމެކެވެ.
“ދޮންތައަށް މިހެން ދިމާވީ ދޮންތަގެ ކުށަކުން ނޫން. މިހިރަ މުޑުދާރު ބައްޕަގެ ސަބަބުން.” މަހްރާންގެ ޖުމްލައިން އެތަނުގައި ހީވީ ބޮމެއް ގޮވިހެންނެވެ. މާރިޔާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ.
“މަހްރާން ކަލޭ ކީކޭ ކިޔަން ތި އުޅެނީ؟ މަގޭ އަތުން ބޮނޑިއެއް ބޯން ބޭނުން ނޫނިއްޔާ ތި އަނގަގަނޑު މައިތިރިކުރޭ!” ހާދީ ރުޅިވެރި ނަޒަރަކުން ބަލާލަމުން އިންޒާރު ދިނެވެ.
“ކުރާނެ ކަމެއް ކުރޭ! ހަޤީޤަތެއް ބަދަލެއް ނުވާނެ. އަހަރެން ކިތަންމެ ރެޔަކު ދުށިން ބައްޕަ ދޮންތަގެ ކޮޓަރިއަށް ވަންނަނިކޮށް. އަދި އެކަން ސިއްރުކުރަން ދޮންތައަށް އިންޒާރު ދެނިކޮށް އަޑުވެސް އެހިން.” މަހްރާން ބިރެއް ނުގަނެއެވެ. މިއަދު މިކަން ކޮޅެއްގައި ޖެހެން ޖެހޭނެއެވެ.
ހާދީ ކުރިއަށް ހިނގައިގަތް ވަގުތު މާރިޔާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
“ކަލޭ މަޑުން ހުރޭ!” މާރިޔާ ރުޅިވެރިކަމާއެކު ބުންޏެވެ.
މިންހާއަށް ވިސްނުނެވެ. މަހްރާންއަށް އަދި ހީވެގެން އެ އުޅެނީ ރަނގަޅަކަށް ނޫނެވެ. އޭނާގެ އެ ދަރިފުޅަކީ ހާދީގެ ލެޔެއް ނޫނެވެ. އެކަން އޭނާ ސާފުކޮށްދޭން ޖެހޭނެއެވެ. އޭނާ މަހްރާންގެ އަތުގައި ހިފާލިއެވެ. އަދި ހަމަޖެހުމަށް ބުންޏެވެ.
“ނޫން. އަދި މުޅިން ރަނގަޅަކަށް ނޫން ތިވާހަކަ ތި އަޑުއިވުނީ. ހަޤީޤަތް އަޑުއަހާ.” މިންހާ އެހެން ބުނުމުން ހާދީގެ މޫނުމަތީގެ ކުލަވަރު އިތުރަށް ބަނަވިއެވެ. އޭނާ މިންހާ ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ހުއްޓުވީ މާރިޔާއެވެ.
“މަންމަ ހަނދާން އެބަހުރިތަ ކައުންސިލް ތަޖުރިބާ ދަތުރެއްގައި މިތާ ކައިރި ރަށަކަށް ދާން އުޅުނު ދުވަސް. ދަތުރު ކެންސަލްވެގެންނޭ ކިޔާފައި އަހަރެން ގެއަށް އައީމެއްނު. މީ އެދުވަހު ލިބުނު ހަދިޔާ.” މިންހާ އެދުވަހުގެ އެ ބިރުވެރި ހާދިސާ ކިޔައިދިނެވެ.
*****
އެދުވަހު މިންހާ އޮފީސް މީހުންނާއެކު ދާން ތައްޔާރުވިއެވެ. ފުރަން ދަމުން ޒިޔާދުގެ ދަބަސް ބަލައި ގެއަށް އޭނައާއެކު ދިޔުމަށް އެދުނެވެ. މިންހާ ދިޔައެވެ. އެގެއަށް ވަންއިރު އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހެން ތައްޔާރުވެފައިވާކަން ކުޑަކޮށްވެސް ރޭކާނުލައެވެ. އާންމުކޮށްވެސް ޒިޔާދާއެކު އެގެއަށް އައިސް އުޅޭތީ އޭނާ ޒިޔާދުގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ބޮކި ދިއްލާލީ ފަހަތުން ވަން ޒިޔާދެވެ. އެވަގުތު ފެނުނު މަންޒަރުން މިންހާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ.
ކޮޓަރީގެ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި އެއިނީ ދެވަނަ މީހެއް ނޫނެވެ. ހާދީއެވެ. އޭނާގެ އަނގައިގައި ވަނީ ޓޭޕް އަޅާފައެވެ. ދެއަތާ ދެފައި ގޮނޑީގައި ބަނދެލާފައެވެ.
“ޒިޔާ.. މީ..” މިންހާ ފަހަތަށް އެނބުރެމުން އެހިސާބަށް ބުނެވުމާއެކު ޒިޔާދުގެ ހޫނު ހަމަލާއެއް މިންހާގެ މޫނުމައްޗަށް އެރިއެވެ. ޖެހިލެއް ބާރުކަމުން އޭނާގެ މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ހާދީއަށް ލޯ މަރާލެވުނެވެ. މިންހާ ވެއްޓުނު ވަގުތު ޒިޔާދު ކޮޓަރި ތަޅުލާފައި ތަޅުދަނޑި އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޖީބަށް ލިއެވެ.
“ޒިޔާ. ކިހިނެއް ވެގެންތަ ތި އުޅެނީ؟” މިންހާއަށް ވީ ތަދުންނާއި ވީ ދެރައިން ރުޅި އާދެވުނެވެ.
އެވަގުތު ޒިޔާދު އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން މިންހާއާ ދިމާލަށް ދާން ފެށިއެވެ. މިންހާއަށް ކަންކަން ރަނގަޅަށް ރޭކާލާން ފެށީ ދެނެވެ. ވާން މި އުޅެނީ ކިހިނެއްކަން އެނގުމުން އޭނާ އަވަހަށް ސަލާމަތްވާން މަސައްކަތް ކުރިއެވެ. އޭނާ ފަހަތަށް ފޭދެމުން ގޮސް އެނދުގައި ޖެހުމުން ތެދުވަން ހިފާލި ވަގުތު ޒިޔާދު އޭނައާ ދިމާލަށް ފުންމައިގަތެވެ. ޒިޔާދުގެ އަތްދަށުން ސަލާމަތްވެގެން ކޮޓަރި ދޮރާއި ދިމާލަށް ދުއްވައިގަތެވެ. ދޮރާއި ހަމައަށް ގޮސް ބަލާލިއިރު ދޮރުގެ ތަޅުދަނޑިއެއް ނެތެވެ.
“ހެޔޮނުވާނެ ޒިޔާ. އަހަރެން ދޫކޮށްލާ.” މިންހާ އާދޭސްކުރިއެވެ.
“އެހެން ކިހިނެއް ދޫކޮށްލެވޭނީ؟ މިންހާ އަހަރެންދެކެ ލޯތްބެއް ނުވޭތަ؟” ޒިޔާދު އަހާލިއެވެ.
“ޒިޔާ. އަހަރެން ޒިޔާދެކެ ލޯބިވަން. އެކަމު ތިއީކީ ލޯތްބެއް ނޫން. ހެޔޮނުވާނެ. ތިހެން ނުހަދާ. އަހަރެން ދޫކޮށްލާ.” މިންހާގެ އާދޭހުގެ އަޑެއް ޒިޔާދަށް ނީވޭ ކަހަލައެވެ.
ޒިޔާދު މިންހާގެ ގާތަށް ގޮސް މިންހާ ފާރާލައި ފިއްތާލިއެވެ. މިންހާގެ ދެއަތް ފާރާލައި ބާރަށް ހިފަހައްޓާލަމުން މޫނާއި މޫނު ގާތްކުރަމުން ދިޔައެވެ. މިންހާ ގަދަހަދަމުން މޫނު ފަރާތްފަރާތަށް އަނބުރަމުން ދިޔައެވެ. ހާދީވެސް ސަލާމަތް ވެވޭތޯ ދެއަތާ ދެފައި ތަޅުވަމުން ދިޔައެވެ. އެކަމުން ޒިޔާދަށް ޚާއްސަ އުފަލެއް ލިބޭ ކަހަލައެވެ. އޭނާ ހީނލަމުން މިންހާގެ އަތުން ދޫކޮށްލިއެވެ. މިންހާ ހާދީއާ ދިމާލަށް ދާން ހިނގައިގަތް ވަގުތު ޒިޔާދު އޭނާގެ އަތުގައި ހިފައި، ކުއްލިއަކަށް ބުރުގާ ބޭލިއެވެ.
މިންހާ ސިހިފައި ދުރަށް ދާން އުޅުނު ނަމަވެސް، ޒިޔާދު އޭނާގެ އަތުގައި ހިފާފައި ހުރީ މާ ބާރަށެވެ. ޒިޔާދުގެ އަނެއް އަތުން މިންހާގެ ބޮލުގައި ޖަހާފައިވާ ހުޅި މޮހާލިއެވެ. މިންހާ އާދޭސްކުރިއެވެ. ޒިޔާދު މިންހާގެ އިސްތަށިގަނޑުގައި ބާރަށް ހިފިއެވެ. މިންހާއަށް ތަދުވެގެން ހަޅޭއްލަވައިގަނެވުނެވެ. ޒިޔާދު އޭނާގެ އިސްތަށިގަނޑުގައި ހިފައިގެން ގޮސް މޭޒުމަތީގައި އޮތް ކަތުރެއް ނެގިއެވެ. އަދި ގޮސް ހާދީގެ ކުރިމަތީ މިންހާ ބޭންދިއެވެ.
“ޒިޔާ ނޫން. ޕްލީސް.” މިންހާ އަނެއްކާވެސް އާދޭސްކުރިއެވެ. ހާދީގެ ލޮލުންވެސް ފެންނަނީ މިންހާއަށް އެހެން ނުހެދުމަށް އެދި ކުރާ އާދޭހެވެ. ޒިޔާދު މިންހާގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން ހުރި ހިސާބުން ބުރިކޮށްލިއެވެ.
“ހަނދާން އެބަހުރިތަ އެދުވަސް؟ ހަނދާން އެބަހުރިތަ ރާބިޔާ؟” ޒިޔާދު އެހެން އަހާލުމުން ހާދީއަށް ސިހިފައި ބަލާލެވުނެވެ.
“ހަނދާން އެބަހުރި ދޯ. އެދުވަހު މަގޭ މަންމަވެސް ކިހާ އާދޭހެއް ކުރި. ކަލެއަށް އެއަޑު އިވުނުތަ؟ ކަލޭގެ ސަބަބުން މަގޭ މަންމަ މުޅި ރަށަށް ބަދުނާމުވީ. މަގޭ މުޅި އާއިލާ ހަލާކުވީ. އެ ހިތާމައިގައި މަގޭ މަންމަ ދުނިޔެ ދޫކުރީ. ކަލެއަށް އެ ހުރިހާ ކަމެއް ބަދަލު ކުރެވޭނެތަ؟” ޒިޔާދުގެ ވާހަކައިން ހާދީއަށް ދެލޯ މަރާލެވުނެވެ. އެއީ އޭނާގެ ޒުވާން ދުވަސްވަރުގައި އޭނާއަށް ކުރެވުނު އެންމެ ނުބައި ފާފައެވެ. ނަމަވެސް، ފަހުން މިފަދަ ގޮތަކަށް އެކަމުގެ ހިޔަނި އޭނާގެ ދިރިއުޅުމަށް އެޅިދާނެ ކަމަކަށް ހާދީ ހިތަކަށްވެސް ނާރައެވެ.
“މިއަދު ކަލެއަށް އިޙުސާސްކުރެވޭނެ އަންހެނެއްގެ އިއްފަތްތެރިކަމަކީ އޭނައަށް ކިހާ މުހިންމު އެއްޗެއްކަން. ކަލޭ ކުރި ކުށުގެ ބަދަލު ދޭން ޖެހޭނީ ކަލޭގެ ދަރި މިންހާ. ކަލޭގެ ހިތުން ދުވަހަކުވެސް ނުފިލާވަރު ކޮށްލާނަން މިއަދު.” ޒިޔާދު އެހެން ބުނުމަށްފަހު ހާދީގެ ކުރިމަތީގައި މިންހާގެ ހެދުމުގައި ހިފައި އިރާލިއެވެ. މިންހާއަށް މޭމަތިން ދެއަތް ހުރަސްކޮށްލެވުމާއެކު އޭނައަށް އެހެން ނުހެދުމަށް އެދި އާދޭސްކުރިއެވެ. ހާދީއަށް ކުރެވުނުހާވެސް ކަމަކީ ގޮސް ހުސްވެފައި ލޯ މަރާލުމެވެ.
“ލޯ ހުޅުވާ! ކަލޭ ޖެހޭނެ މިތަން ބަލަން! މި މަންޒަރުގެ ހިތްދަތިކަން ކަލެއަށް ރަނގަޅަށް އިޙުސާސްވާން ޖެހޭނެ!” ހާދީގެ ގައިގައި ފައިން ޖަހަމުން ޒިޔާދު އަމުރުކުރިއެވެ. ހާދީއަށް ލޯ ހުޅުވަން މަޖުބޫރުވީ ޒިޔާދުގެ ދެވަނަ ހަމަލައެއް އައުމުންނެވެ.
ޒިޔާދަށް މި ކުރެވެނީ ކިހާ ނުބައި ކަމެއްކަން ނޭނގޭ ކަހަލައެވެ. އޭނާ ވަނީ އެތައް އަހަރެއްގެ ކުރިން ފެށިގެން ބަދަލު ހިފުމުގެ ރޫޙުން ފޯވެފައެވެ. އޭނާ މިކަމަށް ތައްޔާރުވަމުން އަންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. މިންހާއާ ލޯބީގެ ގޮތުން ގުޅުމަކީ އިއްތިފާޤެއް ނޫނެވެ. އެއީ އޭނާ ރޭވުންތެރިކަމާއެކު ޖެހި ވަރުގަދަ ދަންތުރައެކެވެ.
މިންހާ ސަލާމަތްވާން ގަދަހަދަމުން ދަނިކޮށް ޒިޔާދު އަނިޔާވެރިކަމާއެކު މިންހާގެ އިއްޒަތާއި އަބުރު ވެއްޔާއި މޮޑެލީ ހާދީގެ ލޯ ކުރިމަތީގައެވެ. ހާދީއަށް ކުރެވުނުހާވެސް ކަމަކީ ގޮތް ހުސްވެފައި ރޮއިލަ ރޮއިލާ އިނދެވުމެވެ.
ޒިޔާދު އޭނާގެ މަޤުސަދު ހާސިލްކޮށް ނިންމާލިއިރު، މިންހާއަށް އޮތީ ގުޑާވެސް ނުލެވިފައެވެ. މުޅި ގައިގައި ރިއްސަމުން ދިޔައިރު، އަތަކަށް ގުޑިލާނެހާ ހިތްވަރެއްވެސް ނެތެވެ. އިތުރަށް ރޯނެހާ ހިތްވަރުވެސް ނެތް ފަދައަކުން އޭނާ އޮތީ ހުއްޓުން އަރާފައެވެ.
ޒިޔާދު އޭނާގެ ފަޓުލޫނު ގޮށްތައް އަޅުވަމުން ދެން ބުނެލި ވާހަކައަކީ އެ ދެމީހުންގެ ދުލުގައި ބޮޑު ތަޅެއް އަޅުވަން މަޖުބޫރު ކުރުވި ވާހަކައެކެވެ.
“އެހެރީނު ދޯ ކެމެރާ. މިތާ މި ހިނގި ހުރިހާ ކަމެއް އެޔަށް ރެކޯޑް ވެފައި ހުރީ. ދެމީހުންކުރެ އެކަކުވެސް މިވާހަކަ ދައްކައިފިއްޔާ މި ހިނގި ހުރިހާ ކަމެއްގެ ވީޑިއޯ ލީކް ކޮށްލާނަން. އެކަމު އެ ވީޑިއޯއިން ކަން ކުރިތަން ފެންނާނީ މަށެއް ނޫން. ކަލޭ!” ހާދީއާ ދިމާލަށް ޒިޔާދު ބުނެލިއެވެ.
މިންހާ ގެއަށް ދިޔައީ އެރޭ އަށެއް ޖަހަނިކޮށެވެ. މާރިޔާއަށް ލިބުނީ ހައިރާންކަމެކެވެ. ދެދުވަސް ވާނެކަމަށް ބުނެ ދިޔަ މިންހާ އެރޭ އެނބުރި އައީމައެވެ. ދަތުރު ކެންސަލްވީ ކަމަށް ބުނެ މިންހާ ދޮގު ހެދިއެވެ. މާގިނައިރު މަޑުކޮށްފިނަމަ އޭނާއަށް ރޮވިދާނެތީ އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
*****
މިންހާގެ ވާހަކަ ނިމުނުއިރު، މުޅި ގޭތެރެއަށް ވަނީ ހިމޭންކަން ވެރިވެފައެވެ. މާރިޔާ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އޭނާ ބަލާލީ ހާދީއާ ދިމާލަށެވެ. ހާދީ ހުރީ އިސްޖަހާލައިގެންނެވެ.
“ކަލޭ…” މާރިޔާގެ އަޑު ތުރުތުރުލައެވެ.
“ކަލޭގެ ސަބަބުން މަގޭ ދަރިފުޅުގެ ދިރިއުޅުން ނަރަކައަކަށް މިވީ.”
“ކަލެއަކީ ބައްޕައެއް ނޫން! ކަލެއަކީ ޖަނަވާރެއް.” މާރިޔާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ހާދީގެ ގައިގައި ތަޅަން ފެށިއެވެ. އެވަގުތު މާރިޔާގެ ހަނދާނަށް އައީ މިންހާ ބަލިވެ އިންކަން އެނގުނު ދުވަހުގެ އޭނާ މިންހާގެ މޫނުގައި ޖެހި ހަނދާނެވެ.
“ދަރިފުޅާ! މަންމައަށް މާފްކުރޭ. މިވީ ދުވަސްތަކުގައި މަންމައަށް ދަރިފުޅު ވަރަށް ހިތުގައި ޖެއްސުނު. އަދި މަންމަގެ އަތް އިސްކުރެވުނީތީވެސް މާފްކުރޭ.” މާރިޔާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މިންހާ މާރިޔާއަށް މާފްކުރިއެވެ.
ހަމަ އެރޭ މާރިޔާ ފުލުހުންނަށް ރިޕޯޓް ކުރިއެވެ. މިންހާގެ ބަޔާނާއެކު ތަހުޤީޤު ފެށުނެވެ. ޒިޔާދު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރެވުނެވެ. އަދި އޭނާގެ ފަރާތުން ލިބުނު މަޢުލޫމާތާއި ހެކިތަކާއެކު، ހާދީ ކުރި ކުށާއި މިންހާއަށް ބިރުދެއްކުމާއި ދިން އިންޒާރުތަކުގެ ސަބަބުން ހާދީވެސް ހައްޔަރުކުރެވުނެވެ.
ޤާނޫނޫގެ ކުރިމަތީގައި މިންހާއަށް އިންސާފު ލިބުނު ނަމަވެސް މިންހާގެ ހިތުގައިވާ ޒަޚަމްތަކަކީ ފަސޭހަވާނެ އެއްޗެއް ނޫނެވެ. އޭނާ އޭނާގެ ކުޑަކުޑަ ދަރިފުޅު އުރާލައިގެން ބޭރަށް ނުކުމެލިއެވެ. އުޑުމަތި ސާފެވެ. ނަމަވެސް މިންހާގެ ޙަޔާތަށް އެރި ތޫފާނުގެ އަސަރު އަދިވެސް ފިލައިގެނެއް ނުދެއެވެ. އޭނާ ދެން ދިރިއުޅޭނީ ހަމައެކަނި އޭނާގެ ދަރިފުޅަށްޓަކައެވެ.
