ހޮލީވުޑުން މިހާރު ތައްޔާރުވަމުންދަނީ 2026 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ “ވެރިޓީ” އަށެވެ. މިއީ މަޝްހޫރު ލިޔުންތެރިޔާ ކޮލީން ހޫވާގެ އެންމެ މަޤުބޫލު އެއް ނޮވެލްއަށް ބިނާކޮށް އުފައްދާ ސައިކޮލޮޖިކަލް ތުރިލާއެކެވެ. ފިލްމުގެ އަނދިރި އަދި ކަރުހިކިގެންދާ ފަދަ ވާހަކައާއި، ފެނިގެންދާ މަޝްހޫރު ތަރިންގެ ސަބަބުން މިހާރުވެސް ދުނިޔޭގެ ސަމާލުކަން ވަނީ މި ފިލްމަށް ހުއްޓިފައެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އާމްދަނީ ހޯދުމަށް ދަތިވެފައިވާ ލިޔުންތެރިއެއް ކަމަށްވާ ލޯވެން އޭޝްލީގެ މައްޗަށެވެ. މަޝްހޫރު ލިޔުންތެރިޔާ ވެރިޓީ ކްރޮފޯޑަށް ދިމާވި ސިއްރުވެރި އެކްސިޑެންޓެއްގެ ސަބަބުން އޭނާގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭތީ، އޭނާގެ ފޮތްތައް ނިންމުމުގެ ޒިންމާ ލޯވެންއާ ހަވާލުކުރެވެއެވެ. ވެރިޓީގެ ގޭގައި ހުރި ދުވަސްތަކުގައި، ލޯވެންއަށް ފެންނަނީ ވެރިޓީގެ ދިރިއުޅުމާއި، އޭނާގެ ފިރިމީހާ ޖެރެމީ ކްރޮފޯޑާ ބެހޭ ބިރުވެރި އަދި ހައިރާންކުރުވަނި ސިއްރުތަކެއް ހާމަވާ ފަދަ އަތުލިޔުމެކެވެ. ލޯވެން އެ ގޭގެ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ވަރަކަށް، ހަޤީޤަތާއި ހީކުރުންތަކުގެ މެދުގައިވާ ފަރަގު އޮޅި، މަކަރާއި ހީލަތުގެ ތެރެއަށް އޭނާ ގެނބިގެންދެއެވެ.
މި ފިލްމުން ފެނިގެންދާނީ ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނެވެ.
● އޭން ހެތަވޭ: ވެރިޓީ ކްރޮފޯޑްގެ ރޯލުން
● ޑަކޯޓާ ޖޯންސަން: ލޯވެން އޭޝްލީގެ ރޯލުން
● ޖޯޝް ހާޓްނެޓް: ޖެރެމީ ކްރޮފޯޑްގެ ރޯލުން
މި ފިލްމުގެ ޑައިރެކްޓަރަކީ މައިކަލް ޝޯވޯލްޓާއެވެ. ސްކްރީންޕްލޭ ތައްޔާރުކުރީ ނިކް އެންޓޮސްކާއެވެ. އޭމަޒޯން އެމް.ޖީ.އެމް ސްޓޫޑިއޯސް އާއި އިތުރު އުފެއްދުންތެރި ކުންފުނިތަކެއް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި ލިޔުންތެރިޔާ ކޮލީން ހޫވާ ވެސް އަމަލީގޮތުން ބައިވެރިވެއެވެ.
“ވެރިޓީ” ދުނިޔޭގެ ސިނަމާތަކަށް ނެރުމަށް ތާވަލުކޮށްފައިވަނީ 2 އޮކްޓޯބަރު 2026 ގައެވެ.
މި ފިލްމަށް އިންތިޒާރުކުރެވެނީ ކީއްވެ؟
ކޮލީން ހޫވާގެ ގިނަ ފޮތްތަކަކީ ލޯބީގެ ވާހަކަތަކަށް ވީ ނަމަވެސް، “ވެރިޓީ” އަކީ ނަފުސާނީ ގޮތުން މީހާ ނުތަނަވަސްކޮށްލާ، އޮޅުވާލުމާއި ހިތާމައިގެ ތެރެއިން އުފެދޭ ސުވާލުތަކެއްގެ މައްޗަށް ބިނާވެފައިވާ ފިލްމެކެވެ. ފިލްމުގެ ކުރު ވީޑިއޯތަކުންވެސް ބެލުންތެރިންގެ މެދުގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، މިއީ 2026 ވަނަ އަހަރު ނުކުންނާނެ އެންމެ ފާހަގަކޮށްލެވޭ އެއް ތުރިލާ ފިލްމަށް ވާނެކަމަށް ބެލެވެއެވެ.
