ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އުމުރަށްވުރެ ބޮޑަށް މުސްކުޅިކޮށް ދައްކަނީ ކޮން ސަބަބުތަކަކާ ހުރެ؟ 
މުނިއަވަސް ގްރެފިކްސް

ވަކި އުމުރަކަށް ދިއުމުން، މީހާގެ ސިފައަށް އަންނަ ބަދަލުތައް ފާހަގަކުރުމަކީ މުޖުތަމައުގެ އާދައަކަށް އޮންނަނީ ވެފައެވެ. އެންމެ ނުރަ އިސްތަށިގަނޑެއް، ލޮލުގެ ވަށައިގެން ހުންނަ ވަރުބަލިކަން ނުވަތަ ފުންނާބު ފަޅައިގެން ދިއުން ފަދަ ކަމެއް ފެންނައިރަށް، “އޭނާ އެހުރީ މުސްކުޅިވެފައި” ކަމަށް ބުނާ އަޑު އިވެއެވެ.

ނަމަވެސް، ބައެއް ފަހަރު އަސްލު އުމުރަށްވުރެ މުސްކުޅިކޮށް ދައްކަނީ ހަމައެކަނި އުމުރުގެ ސަބަބުންނެއް ނޫނެވެ. އޭގެ ބަދަލުގައި، ހަށިގަނޑުން ފެން މަދުވުމާއި، އަވީގެ ސަބަބުން ލިބޭ ގެއްލުންތަކާއި، ވަރުބަލިކަމާއި، އަމިއްލަ ސިއްޙަތާއި ސާފުތާހިރުކަމަށް ދެވޭ ސަމާލުކަން ކުޑަވުމަކީ މީގެ މައިގަނޑު ސަބަބުތަކެވެ.

އުމުރުން ދުވަސްވުމަކީ ފިތުރީ ކަމެކެވެ. އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް، ކުދިކުދި ބައެއް ކަންކަމުގެ ސަބަބުން އަސްލު އުމުރަށްވުރެ މީހާ މާބޮޑަށް ވަރުބަލިކޮށް ނުވަތަ ދުވަސްވީ މީހެއްގެ ސިފަ ޖައްސައިދެއެވެ.

ތުނިވަމުން އަންނަ ބުމަ

ބުމައަކީ މޫނުގެ ބައްޓަން ފާޅުކޮށްދޭ މުހިންމު ބައެކެވެ. އުމުރުން ދުވަސްވުމާއި، ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި، އަދި ގިނަ ދުވަސްތަކެއް ވަންދެން ބުމަ އުފުރުމުގެ ސަބަބުން ބުމަ ތުނިވެ، މަދުވާގޮތް ދިމާވެއެވެ. ބުމަ ރީތިކޮށް ކޮށާލައި، ޤުދުރަތީ ސިފައެއްގައި ބެހެއްޓުމުން މޫނުމަތި އިތުރަށް ތާޒާކޮށް ދައްކައިދެއެވެ.

ލޮލުގެ ކައިރީގައި ހުންނަ ރޫތަކާއި ކަޅުވުން

ލޮލުގެ ވަށައިގެން ކަޅުވުމާއި ރޫތައް ލުމަކީ ޖެނެޓިކް ސަބަބުތަކާއި، އެލާޖީއާއި، ނިދި މަދުވުމާއި އަދި ހަންގަނޑު ތުނިވުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. ހަށިގަނޑުން ފެން މަދުވުމާއި ވަރުބަލިކަމުގެ ސަބަބުން މިކަން އިތުރަށް ބޮޑުވެއެވެ. އަދި ބައެއް ފަހަރު މިއީ އާއިލީ ޒިންމާތަކާއި، މާގިނައިރު ފޯނު ބޭނުންކުރުން ފަދަ ކަންކަމުގެ ނަތީޖާއަކަށްވެސް ވެދާނެއެވެ.

މިވެސް ކިޔާލަން:  އުމުރުން ދުވަސްވުމުން ހުޅުތަކަށް އެންމެ ފައިދާހުރި ކަސްރަތުތައް ސައިންސްވެރިން ހާމަކޮށްފި

ހަންގަނޑު ހިކުމާއި އުޖާލާކަން ކުޑަވުން

ހަންގަނޑު ހިކިފައި ހުރުމުގެ ސަބަބުން މޫނުގައި ހުންނަ ރޮނގުތައް ފާޅުކަން ބޮޑުވެ، މީހާ ވަރުބަލިކޮށް ދައްކައެވެ. އުމުރުން ދުވަސްވުމުން ހަންގަނޑުގެ ތެތްކަން ހިފެހެއްޓުމުގެ ޤާބިލުކަން ކުޑަވެއެވެ. އަދި ގަދަ ސައިބޯނި ބޭނުންކުރުމާއި، ހޫނު ފެނުން ފެންވެރުމާއި، އޭސީގައި ގިނައިރު ހުރުމުގެ ސަބަބުން މިކަން އިތުރަށް ގޯސްވެއެވެ. ރަނގަޅަށް މޫނު ސާފުކުރުމާއި، މޮއިސްޗަރައިޒާ ބޭނުންކުރުމާއި، އަދި ކޮންމެ ދުވަހަކު އަވިން ރައްކާތެރިވުމަށް ސަންސްކްރީން ބޭނުންކުރުމަކީ ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ކުރެވިދާނެ އެންމެ ފަސޭހަ ކަންކަމެވެ.

އަތުގެ ހަންގަނޑު

އަޅުގަނޑުމެން މޫނަށް ދޭ ސަމާލުކަން އަތަކަށް ނުދެމުއެވެ. ތަށިދޮވުމާއި، އެކި ބާވަތުގެ ކެމިކަލްތައް ބޭނުންކުރުމާއި، އަދި އަވީގެ ސަބަބުން އަތުގެ ހަންގަނޑު ކުރަކިވެ، މުސްކުޅި ސިފައެއް ޖަހައެވެ. ޤަވާއިދުން ހޭންޑް ކްރީމާއި ސަންސްކްރީން ބޭނުންކުރުމުން މިކަމަށް ހައްލެއް ލިބެއެވެ.

ފުންނާބު ފަޅައިގެން ދިއުން

މޫނު މޭކަޕްކޮށް، ރީތި ހެދުމެއްގައި ހުއްޓަސް، ފުންނާބު ފަޅައިގެން ގޮސްފައި ހުރުމަކީ މީހާގެ ފުރިހަމަކަން ގެއްލުވައިލާ ކަމެކެވެ. މިއީ ހަންގަނޑު ހިކުމާއި، ގިނައިރު ކޮޅަށް ހުރުމާއި، ނުވަތަ ހުޅުވިފައި ހުންނަ ފައިވާނަށް އެރުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ފައިގެ ހަންގަނޑަށް އެކަށީގެންވާ ފަރުވާދީ ތެތްކަން ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ.

ސަމާލުކަން ނުދެވޭ ކަރުގެ ހަންގަނޑު

މޫނަށް ބޭނުންކުރާ ސީރަމްތަކާއި ކްރީމްތައް ކަރަށް ބޭނުންކުރެވެނީ ވަރަށް މަދުންނެވެ. ނަމަވެސް، ކަރުގެ ހަންގަނޑަކީވެސް އަވީގެ ސަބަބުންނާއި އުމުރުގެ ސަބަބުން ބަދަލުތައް އަންނަ ތަނެކެވެ. އެހެންކަމުން މޫނަށް ބޭނުންކުރާ މޮއިސްޗަރައިޒާ އާއި ސަންސްކްރީން ކަރަށްވެސް ބޭނުންކުރުމަކީ އާދައަކަށް ހަދަންޖެހެއެވެ.

މިވެސް ކިޔާލަން:  އާދަކޮށް ކުރާ އެއްކަހަލަ ކަންތައްތަކުގެ ސަބަބުން އަވަހަށް މުސްކުޅިވަނީބާ؟

އިސްތަށިގަނޑާއި ހަށިގަނޑު ބަހައްޓާ ގޮތް

އުމުރުން ދުވަސްވުމުން އިސްތަށިގަނޑު ތުނިވެ، ނުރަވެ، އަދި ކުރަކިވާން މެދުވެރިވެއެވެ. ނުރަ އިސްތަށިގަނޑަކީ މީހާ މުސްކުޅިކޮށް ދައްކާ ސަބަބެއް ނޫނެވެ. ނަމަވެސް، އިސްތަށިގަނޑަށް އެކަށީގެންވާ ފަރުވާ ނުދިނުމަކީ މީހާ ބާވެފައި ހުރި ކަމަށް ދައްކާނެ ކަމެކެވެ. ހަމައެއާއެކު، ހަށިގަނޑު ބަހައްޓާ ގޮތް ނުވަތަ ޕޯސްޗާއަކީވެސް މުހިންމު ކަމެކެވެ. އަބަދު ފޯނަށް ބަލަން ގުދުވެގެން އިނުމާއި، ކޮނޑު އަޅުވައިގެން ހުރުމަކީ މީހާ މާބޮޑަށް ވަރުބަލިކޮށް ދައްކާ ކަންކަމެވެ.

އަސްލު ބޭނުމަކީ 25 އަހަރުގެ ކުއްޖެއްހެން ހުރުމެއް ނޫން

އެއްވެސް ކްރީމަކަށް ވަގުތު ހުއްޓުވައެއް ނުލެވޭނެއެވެ. އަދި ރީތި މީހެއްގެ ގޮތުގައި ބެލެވެން އަބަދު ޒުވާންކޮށް ހުރުމަކީ މަޖުބޫރު ކަމެއް ވެސް ނޫނެވެ. އެހެންކަމުން، “އަހަރެން ޒުވާންކޮށް ފެންނާނީ ކިހިނެއް؟” މި ސުވާލުގެ ބަދަލުގައި، “އަހަރެން ދުޅަހެޔޮކޮށް، އަރާމު ލިބިފައިވާ، އަދި އަމިއްލަ ނަފްސަށް އުފާވެރި މީހެއްގެ ގޮތުގައި ފެންނާނީ ކިހިނެއް؟” މި ސުވާލު ކުރުން މާ ރަނގަޅެވެ.

އަވިން ރައްކާތެރިވުމާއި، ހަންގަނޑުގެ ތެތްކަން ހިފެހެއްޓުމާއި، ހަމަނިދި ހޯދުމާއި، އަދި އަތްފައިގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ބޮޑު ބަދަލެއް ގެނުވާނެ ކަންކަމެވެ. މޫނުގައި ހުންނަ ރޫތަކަކީ ނުވަތަ ނުރަ އިސްތަށިގަނޑަކީ މައްސަލައެއް ނޫނެވެ.

އުމުރުން ދުވަސްވުމަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ. ނަމަވެސް އަމިއްލަ ނަފްސަށް އަޅާނުލާ ދޫކޮށްލުމަކީ އޮތް ފުރުސަތެއް ނޫނެވެ. ބައެއް ފަހަރު އެންމެ ރަނގަޅު ފަރުވާއަކީ އަގުބޮޑު އުފެއްދުމެއް ނޫނެވެ. އެއީ ހަމައެކަނި އަމިއްލަ ނަފްސަށް ދެވޭ ލޯތްބާއި ސަމާލުކަމެވެ.

މިވެސް ކިޔާލަން:  ދުވަސްވުމަކީ ލިބޭ ނަސީބެއް: ޑްރޫ ބެރީމޯ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top