ސީލިންގް ފަންކާގެ މަޑުމައިތިރި އަޑާއި، އެޕާރޓްމެންޓް ބޭރުގެ ހަލަބޮލި ޓްރެފިކް އަޑުތަކާއެކު އަޑުއަހަމުން ދިޔަ ލަވަ އިތުރަށް އަޑުގަދަ ކޮށްލުމައްފަހު، ސަމައިރާ ލޯގަނޑާ ކައިރިވެލިއެވެ. އެ ވަގުތުކޮޅު، އޭނާގެ ނަފުސުގެ ތެރޭގައި ހިނގަމުންދާ ހަލަބޮލިކަމަށްވުރެ ބޭރު ދުނިޔެ މާ އަމާންކަމަށް އިޙުސާސްވިއެވެ.
ސާބިތުކަމާއެކު، އޭނާ ރަތްކުލައިގެ ލިޕްސްޓިކް ނަގައި، ނުހަނު ފަރުވާތެރިކަމާއެކު ތުންފަތުގައި ޖައްސާލިއެވެ. އެއީ އޭނާގެ ބާރުގެ ދަށުން ބޭރުވަމުންދާ ދިރިއުޅުމުގެ ކަންކަމުން، މި ފުރިހަމަކަމުގެ ސަބަބުން އިތުރު ހިތްވަރަކާއި ފޯރިއެއް ލިބިދާނެ ކަމަށް ހީކުރާ ކަހަލައެވެ. ސަމައިރާ ލިޕްސްޓިކް ތުންފަތުގައި ޖައްސާލުމަށްފަހު ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައަށް ބަލާލިއެވެ. މޫނުގައި އުނގުޅާފައިވާ ފައުންޑޭޝަނުގެ ފުރިހަމަކަމާއި، ލޮލުގެ އައިލައިނާރގެ ތޫނުކަމާއި، އަދި ނުހަނު ރީތިކޮށް އަޅާފައިވާ ޝޯލްއަށް ބަލައި ހިތްހަމަޖައްސާލިއެވެ.
ނިޔަފަތީގައި ރަތް ކުލަ ޖައްސައި އަތުކުރީގައި އޮތް ގަޑި ރަނގަޅު ކޮށްލިއެވެ. އަދި ލައިގެން ހުރި ހެދުންވެސް ހުރީ ނުހަނު ގުޅޭގޮތަށް ތަރުތީބުކޮށެވެ. ހުރިހާ ކަމެއްވެސް ހުރީ ޕާރފެކްޓްކޮށެވެ. “އައި އޭމް ބިއުޓިފުލް.. އައި އެމް ސްޓްރޯންގް.” ސަމައިރާ ހިތާހިތުން ކިޔާލިއެވެ. އަދި މަޑުމަޑުން ހިނިތުންވެލިއެވެ.
ނަމަވެސް އެ ޚިޔާލާއެކުވެސް، އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދި، ބަނޑުތެރޭގައި ބަރުދަނެއް އިޙުސާސްވާން ފެށިއެވެ. އެއީ ހިތުގައި ފަރުދާވެފައިވާ، އޭނާއަށް އުނދަގޫކުރާ އިޙުސާސެކެވެ. އެމީހުން އޭނާގެ އިންތިޒާރުގައި ތިބޭނެއެވެ. އެމީހުން އަބަދުވެސް ތިބެނީ އިންތިޒާރުގައެވެ. އޭނާގެ ހާޒިރުވުމަށާއި، އޭނާގެ އަޑަށާއި، އޭނާގެ ޒަމާނީ ޚިޔާލުތަކަށާއި، އޭނާގެ ކުޅަދާނަ އަމަލުތަކަށެވެ. ސަމައިރާގެ މުޅި ދިރިއުޅުން އޮތީ އެމީހުން ބަލައި، ފާޑުކިޔައި، އުފާ ހޯދުމަށްޓަކައި އެކި ބައިބަޔަށް ބަހާލެވިފައެވެ.
މިއީ އޭނާ އަމިއްލައަށް ބިނާކުރި ދިރިއުޅުމެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބަލާ އަޑުއަހާ އެންމެ މަގުބޫލު އެއް ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކްގެ ދިވެހިންގެ ތެރޭގައި އޭނާ ނުދަންނަ މީހަކު މަދުވާނެއެވެ. އެއްމެ މަޤުބޫލު ދިވެހި ލައިވް ހޯސްޓަކަށް އޭނާ ވީއިރު، ކޮންމެ ވަގުތަކީ ފޯރިގަދަ ބަހުސްތަކާއި ކޮންޓެންޓްތައް ހަދަން ޖެހިފައިވާ، އަދި ކޮންމެ ހިމޭންކަމެއް ވާހަކައިން ފުރާލަން ޖެހިފައިވާ ދިރިއުޅުމެކެވެ.
ފެށުނުއިރު، މިއީ އެއްވެސް ގެއްލުމެއް ނެތް، މަޖާ ކަމެއްގެ ގޮތުގައި އޭނާއަށް އިޙުސާސްވިއެވެ. އޭނާގެ ދިރިއުޅުމުގެ ކުދިކުދި ކަންކަން ހިއްސާކޮށް، މިނިވަންކަމާއެކު ވާހަކަދައްކައި، ދުވަހަކުވެސް ބައްދަލުނުވާ ބަޔަކާއެކު ގުޅުން އުފެދިފައިވާ ކަމަށް ޤަބޫލުކުރެވުނެވެ. ނަމަވެސް، ކޮންމެވެސް ހިސާބަކުން ކަންތައްތައް ބަދަލުވާން ފެށިއެވެ. ނުވަތަ ތެދަށް ބުނާނަމަ، އޭނާ އަމިއްލައަށް ބަދަލުވީއެވެ.
ލައިވްއަށް ނުދަނީސް، އޭނާގެ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ނޮޓިފިކޭޝަންތަކުން ފޯނު ފުރުނެވެ. އެއީ އޭނާއަށް ނޭވާލާނެ ފުރުސަތެއް ދިނުމުގެ ކުރިން، މުޅި ދުނިޔެ އޭނާއަށް ގޮވާ، އޭނާގެ ސަމާލުކަމަށް އެދޭ ކަހަލައެވެ. މީހުން އޭނާ ޓެގްކުރަމުން ދިޔައެވެ. އޭނާގެ ނަމުގައި ބަހުސްކުރަމުން ދިޔައެވެ. މާޒީގެ ލައިވްތަކުގެ ކްލިޕްތައް ހިއްސާކޮށް، ވަޅުލެވިފައި އޮންނަންޖެހޭ ވާހަކަތައް އަލުން ދައްކައި، ދިރިއުޅުމައިގެން ކުރިއަށްދާން އުޅޭ މީހުންގެ ނަންތައް އަލުން ދަމައިގަތެވެ.
އޭނާ ފޯނަށް ބަލަމުން ދިޔަވަރަކަށް މޫނުމަތިން ނުތަނަވަސްކަން ފެންނަން ފެށިއެވެ. ސަބަބަކީ އެމީހުން އިންތިޒާރު ކުރަނީ ކޮން ކަމަކަށްކަން އޭނާއަށް ރަނގަޅަށް އެނގޭތީއެވެ. އެމީހުން އިންތިޒާރު ކުރަނީ އޭނާއަކަށް ނޫނެވެ. އެމީހުން އިންތިޒާރު ކުރަނީ “ޑްރާމާ” އަށެވެ. އިތުރު ތަފުސީލަކަށެވެ. އިތުރު ރިއެކްޝަނަކަށެވެ. އިތުރު ވާހަކައަކަށެވެ. އަދި ސަމައިރާ ދިޔައީ ތަކުރާރުކޮށް އެމީހުންނަށް އެ އެއްޗެހި ދެމުންނެވެ.
ފުރަތަމަ އެއީ ވަރަށް ކުދިކުދި ކަންކަމެވެ. ކޮމެންޓްތަކަށް ޖަވާބުދިނުމާއި، އަމިއްލަ ނަފުސު ދިފާއުކުރުމާއި، އޮޅުންއަރާފައިވާ ކަންކަން ސާފުކޮށްދިނުމެވެ. ނަމަވެސް މަޑުމަޑުން، އޭނާއަށް ނޭނގި ހުއްޓާ، މިއީ މުޅިން ތަފާތު ބޮޑު ކަމަކަށް ބަދަލުވިއެވެ. އޭނާ މީހުންގެ މާޒީގެ ވާހަކަ ދައްކަން ފެށިއެވެ. މިހާރު ދައްކަން ނުޖެހޭ ވާހަކަތައް ދައްކައި، އާންމުންނަށް ފެނިގެން ނުވާނެ ސްކްރީންޝޮޓްތަކާއި ފޮޓޯތައް ހިއްސާކުރަން ފެށިއެވެ. އެއްވެސް އިޒުނައެއް ނެތި، މީހުންގެ އަމިއްލަ ދިރިއުޅުން އޭނާގެ ޕްލެޓްފޯމަށް ދަމައިގަތެވެ.
މިގޮތަށް ކަންތައް ކުރި ކޮންމެ ފަހަރަކު، އޭނާގެ ވިއުއާސް އިތުރުވިއެވެ. ކޮމެންޓްތައް އޮހެން ފެށިއެވެ. ސަމާލުކަން އިތުރުވިއެވެ. ސަބަބަކީ، ސަމައިރާގެ ދުނިޔޭގައި “ސަމާލުކަމަކީ” ހަމައެކަނި ސަމާލުކަމެއް ނޫނެވެ. އެއީ މުދަލެކެވެ. އަދި އެންގޭޖްމަންޓަކީ.. ފައިސާއެވެ. އަދި އޭނާގެ ހިތްހަމަޖެހުމެވެ.
އެހެން އެންމެންނަށްވުރެ ބޮޑަށް އޭނާއަށް އެކަން ވިސްނެއެވެ. މީހުން ބަހުސްކުރި ވަރަކަށް، އެމީހުން ލައިވްގައި މަޑުކުރެއެވެ. މަޑުކުރި ވަރަކަށް، އޭނާއަށް ލިބޭ މަންފާ ބޮޑުވެއެވެ. އެހެންކަމުން، އަމިއްލަ ނަފުސަށް އިއުތިރާފު ނުވި ނަމަވެސް، އޭނާ ދިޔައީ އެ ފިތުނައަށް ކާނާ ދެމުންނެވެ. އޭނާގެ އެތެރެހަށިން “މިއީ ކުރީގެ ތިބާއެއް ނޫނޭ” ބުނެ ހުއްޓުމަށް ގޮވާލި ނަމަވެސް، އެ އަޑު ކެނޑިގެން ދިޔައީ ބޭރުގެ ހަޅޭކުގެ އަޑުގެ ތެރޭގައެވެ. މަޝްހޫރުވުމުންނެވެ.
ރިންގް ލައިޓްސް ދިއްލާލުމާއެކު، އޭނާގެ މޫނަށް އަލިވެ، ހުރިހާ އައިބެއް ފޮރުވިގެން ދިޔައެވެ. އެވަގުތު އޭނާގެ ނަފުސަށް އައި ބަދަލަކީ، އޭނާ ފަރިތަކޮށްފައިވާ “ރޯލެއް” ކުޅެން ފެށުން ކަހަލަ ކަމެކެވެ. “ޝޯވްޓައިމް ގާރލީސް.” އޭނާ މަޑުމަޑުން ބުނެލިއެވެ. އަދި ސްކްރީނަށް ފިތާލިއެވެ.
1-2-3 ގޯ ލައިވް!
ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ ލައިވްވިއެވެ. ކޮމެންޓްތައް އޮހެން ފެށިއެވެ. އޭގައި ހަލަބޮލިކަމާއި، ފާޑުކިޔުމާއި، ކަންކަން އޮޅުންފިލުވުމުގެ ޝައުޤުވެރިކަން އެކުލެވިގެންވިއެވެ. އޭނާގެ ހިނިތުންވުން ވަގުތުން ފެނިގެން ދިޔައެވެ. “ހާއި ލަވްސް، ލެޓްސް ޓޯކް.” އޭނާގެ އަޑުގައި ހުރީ ފޯރިގަދަކަމާއި ލާނެތްކަމެވެ. އެއާއެކު، ސަމައިރާ އެމީހުން ބޭނުންވާ ސޫރައަށް ބަދަލުވިއެވެ.
ވަގުތުތައް ހިނގަމުން ދިޔައީ ނުހަނު އަވަހަށެވެ. އޭނާ ނުހަނު މޮޅަށް ލައިވް ކުރިއަށް ގެންދިޔައެވެ. ހޭންވީ ވަގުތު ހީނލައި، މީހުން ހިފަހައްޓާނެ ވަރަށް ޖަވާބުދީ، ބައެއް ކަންކަން ސިއްރުކޮށް، މުޅި މަސްރަހު އޭނާ ބޭނުންވާ ގޮތަށް އަނބުރަމުން ދިޔައެވެ. އެމީހުން ލައިވްގައި ބައިތިއްބާނެ ގޮތް އޭނާއަށް އެނގެއެވެ. މީހުންގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި ހުއްޓާލަންވީ ވަގުތާއި، އިތުރު ސުވާލުތައް އުފެދޭނެ ގޮތަށް ޖަވާބުދޭންވީ ގޮތް އޭނާއަށް އެނގެއެވެ. ސަބަބަކީ ކޮންމެ ސުވާލަކީ އިތުރު ސުވާލަކަށް ހުޅުވޭ ދޮރަކަށް ވާތީއެވެ. ކޮންމެ ރިއެކްޝަނަކީ އިތުރު ރިއެކްޝަނަކަށް ލިބޭ ބާރަކަށް ވާތީއެވެ. އަދި އެމީހުން މަޑުކުރާ ކޮންމެ ސިކުންތަކީ އެންގޭޖްމަންޓެވެ. އެންގޭޖްމަންޓަކީ ފައިސާއެވެ.
ދެން، އަބަދުވެސް ވާގޮތަށް އެކަން ވިއެވެ. ކޮމެންޓެއް ފެނުނެވެ.
“އަސްލު ކައެމެން ތެރޭ ކޮން މައްސަލައެއް ޖެހިގެން ތި އުޅެނީ؟ ވީގޮތް ކިޔައިދީބަލަ.”
ސަމައިރާ މަޑުޖެހިލިއެވެ. އެއީ މީހުންގެ ޝައުޤުވެރިކަން އިންތިހާއަށް ދަންމާލުމަށްޓަކައެވެ. އެމީހުން ބޭނުންވަނީ ކޮން އެއްޗެއްކަން އޭނާއަށް އެނގެއެވެ. އަދި އެ އެއްޗެއް ދޭނެ ގޮތްވެސް އެނގެއެވެ. “ދެން.. އެންމެން ތިހާ ވަރަށް އަހާތީ ބުނާނަން، ހިއަރ އިޒް ދަ ޓީ.” އޭނާ ފެށިއެވެ.
އެއާއެކު، އަނެއްކާވެސް އެހެން މީހެއްގެ ވާހަކަ ކިޔައިދޭން ފެށިއެވެ. އެހެން މީހެއްގެ ނަން ބޭނުންކުރެވުނެވެ. މާޒީގެ ސަފުހާއެއް ހުޅުވާލެވުނެވެ. އެ މާހައުލުގައި ބައިވެރިވާން ބޭނުންނުވާ މީހަކު، އެމީހުންގެ ތެރެއަށް ދަމައިގަނެވުނެވެ. ކޮމެންޓްތައް ގިނަވެ، ވިއުއާސް އިތުރުވިއެވެ. އެ ވަގުތު އޭނާއަށް އިޙުސާސްވީ ހުރިހާ ކަމެއްގެ މައްޗަށް އޭނާގެ ބާރު އޮތްކަމުގެ އިޙުސާސެވެ. އައި އޭމް ދަ ކުއީން!
ނަމަވެސް، މި ހުރިހާ ކަމެއްގެ ތެރެއިން ކޮންމެވެސް ބަދަލެއް އަންނަން ފެށިއެވެ. އެއީ ވިއުއާސްގެ އަދަދަކަށް ނޫނެވެ. ކޮމެންޓްތަކަކަށްވެސް ނޫނެވެ. އެ ބަދަލު އައީ އޭނާގެ އަމިއްލަ ނަފުސަށެވެ.
ގަޑިއިރުތަކަކަށްފަހު ލައިވް ނިންމާލިއިރު، ވެރިވި ހިމޭންކަން ކުރިއަށްވުރެ ބަރުހެން ހީވިއެވެ. އެ ހަޅޭކުގެ އަޑުތައް އޭނާގެ ނަފުސުގެ ތެރޭގައި ހަރުލާފައި ހުރި ކަހަލައެވެ. ސަމައިރާ މަޑުމަޑުން ލޯގަނޑު ކައިރިއަށް ދިޔައެވެ. މިފަހަރު އޭނާގެ ހަރަކާތްތަކުގައި ކުރީގެ ޔަޤީންކަމެއް ނެތެވެ. މޭކަޕްތައް ފޮހެމުން ސާފުކުރަމުން ދިޔައިރު، ދުނިޔެއަށް ދެއްކި ސޫރަ މަޑުމަޑުން ފިލައިގެން ދިޔައެވެ. “ތީ ކާކު؟” އޭނާ މަޑުމަޑުން ބުނެލިއެވެ.
އަނެއްކާވެސް ފޯނު ވައިބްރޭޓްވިއެވެ. މިފަހަރު އޭނާ އެކަން އަޅާނުލާ ދޫކޮށްލަން އުޅުނެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ފޯނު ހުޅުވާލިއެވެ. މެސެޖެކެވެ. “ކަލޭގެ ސަބަބުން އަހަރެންގެ ކޮއްކޮ އެހުރީ ޑިޕްރެޝަންގައެވެ. ކިރިޔާ މަރުން ސަލާމަތް ވެފަ.”
އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އިތުރު މެސެޖެއް އައެވެ. “އެއްވެސް ކުށެއް ނެތް މީހަކު ކަލޭގެ ފިތުނަވެރި ޑްރާމާގެ ތެރެއަށް ދަމައިގަތީއެވެ. މިހާރު ކަލޭގެ ޕަޕެޓުން ދަނީ އޮންލައިންކޮށް އޭނާއަށް ފުރައްސާރަ ކުރަމުންނެވެ.” ސަމައިރާ ފޯނުގައި ބާރަށް ހިފަހައްޓާލިއެވެ. “ކަލޭ ލަދުގަންނަން ޖެހޭނެއެވެ.”
އެއީ ހަމައެކަނި ކޮމެންޓްތަކެއް ނޫނެވެ. އެއީ ހަޤީޤަތެވެ. ނުހަނު ހިތްދަތި ހަޤީޤަތެކެވެ. އޭގެ ފަހުން އައި މެސެޖަކީ އޭނާގެ މަންމަގެ މެސެޖެކެވެ. “މިކަން ހުއްޓާލަން އެބަޖެހެއެވެ.” އޭނާގެ މޭ ތެޅެން ފެށިއެވެ. “މިކަމުގެ ސަބަބުން އަހަރެމެން އެންމެންގެ ދިރިއުޅުން މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.”
ކޮޓަރިތެރެ ކުޑަވެ، ހިމޭންވި ނަމަވެސް، އެ ބަސްތައް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް، އޭނާ ވިއުސް އަކަށް ނުވިސްނައެވެ. އެންގޭޖްމަންޓަކަށް ނުވިސްނައެވެ. ފައިސާއަކަށް ނުވިސްނައެވެ. އޭނާ ވިސްނީ މީހުންނާ މެދުގައެވެ. އޭނާ ދެއްކި ވާހަކަތަކުގެ ޝިކާރައަކަށްވި މީހުންނާ މެދުގައެވެ. އެމީހުންގެ ދިރިއުޅުމަށް ވާނެ ގޮތަކަށް ބެލުމެއް ނެތް، އޭނާގެ އަމިއްލަ އެދުމާމެދުގައެވެ.
ސަމައިރާ މަޑުމަޑުން އިށީނދެލިއެވެ. ލޯގަނޑުން ފެންނަން ހުރީ އޭނާގެ އަސްލު ސޫރައެވެ. އެ ސޫރައިގައި މިހާރު ކުރީގެ އޮފުކަމެއް، ފުރިހަމަކަމެއް، ނުވަތަ ކޮންޓްރޯލެއް ނެތެވެ. ހުރީ ހަމައެކަނި ހަޤީޤަތެވެ.
“މިކަން ކުރީ ހަމަ އަހަރެން.” އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ.
މިފަހަރު އޭނާ އެކަން ދިފާއެއް ނުކުރެއެވެ. އަމިއްލަ ނަފުސު ބަރީއައެއް ނުކުރެއެވެ. އޭނާ އެ ހަޤީޤަތާ ކުރިމަތިލިއެވެ. ހިތުގެ ފުންމިނުން އެކަމުގެ ބަރުދަން އިޙުސާސްވުމާއެކު ލޮލުން ކަރުނަ އޮހެން ފެށިއެވެ. އެއީ މީހުންގެ ފާޑުކިޔުމަކަށް ނުވަތަ ނަފުރަތަކަށްޓަކައި އައި ކަރުނައެއް ނޫނެވެ. އެއީ ހަޤީޤަތް ޤަބޫލުކުރެވުމުން އައި ކަރުނައެވެ.
ސަމައިރާ ތުރުތުރުއަޅާ އަތަކުން އަލުން ފޯނު ނެގިއެވެ. މިފަހަރު ރިންގް ލައިޓެއް ނުދިއްލައެވެ. މޫނުގެ އެންގަލްތައް ރީއްޗެއް ނުކުރެއެވެ. އެއްވެސް ތައްޔާރުވުމެއް ނެތި ކެމެރާ ހުޅުވާލިއެވެ. އަދި ރެކޯރޑިންގް ސްޓާރޓް ކުރިއެވެ.
“އަހަރެންނަށް ކުރެވުނީ ކުށެއް.” މަޑުމަޑުން، ތުރުތުރުއަޅާ އަޑަކުން އޭނާ ބުންޏެވެ. “މިއީ ދުވަހަކުވެސް ކަންތައް ވާންވީ ގޮތެއް ނޫން.”
އޭނާ ފުން ނޭވާއެއް ލިއެވެ. “އަހަރެން މީހުންނަށް ދެރަ ދީފިން. ސިއްރު ކުރަންޖެހޭ ކަންކަން ފަޅާއަރުވާލައިފިން. އަދި އެކަންކަން ކުރަމުން ދިޔައީ ހަމައެކަނި ސަމާލުކަން ހޯދުމަށް.. އެންގޭޖްމަންޓް އިތުރުކުރުމަށް..”
ސަމައިރާގެ އަޑު މަޑުވިއެވެ. “ސަބަބަކީ އެންގޭޖްމަންޓަކީ ފައިސާ ކަމަށްވާތީ.”
އޭނާގެ ލޯ މަރާލިއެވެ. “ނަމަވެސް އެއީ އެކަން ކުރަންޖެހޭ ސަބަބެއް ނޫން.”
ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ފައިބަމުން ދިޔައިރު، މިފަހަރު އޭނާ އެކަން ފޮރުވާކަށް މަސައްކަތެއް ނުކުރެއެވެ. “އަހަރެން މާފަށް އެދެން.” އޭނާ ބުންޏެވެ. އެ ބަސްތައް ބުނީ ހިތުގެ އަޑިންނެވެ.
ސަމައިރާ ރެކޯޑިންގް ނިންމާލިއެވެ. އަދި ވަރަށް ގިނަ ދުވަސްތަކަށްފަހު ފުރަތަމަ ފަހަރަށް.. އޭނާ އަލުން ލައިވްއަކަށް ނުވަދެއެވެ.
އެރޭ، އެންމެ ފަހު ފަހަރަށް ލޯގަނޑު ކުރިމަތީގައި ހުރިއިރު، ކުރިން އުނދަގޫކުރި ނުތަނަވަސްކަން މިހާރު ތަފާތެވެ. އެއީ މިހާރު ފިލަން ދުވަންޖެހޭ ބިރެއް ނޫނެވެ. އެއީ އޭނާއަށް މިހާރު ވިސްނޭ، ޤަބޫލުކުރެވޭ ހަޤީޤަތެކެވެ. އެ އިޙުސާސްގެ ބަދަލުގައި އޭނާގެ ހިތުގައި އާ ކަމެއް އުފެދެން ފެށިއެވެ.
އެއީ ސަމާލުކަމެއް ނޫނެވެ. އެއީ މީހުންގެ ތަރުހީބެއްވެސް ނޫނެވެ. އެއީ އަމިއްލަ ނަފުސުގެ ޒިންމާ އުފުލުމާއި، ހިތުގެ ހަމަޖެހުމެވެ.
ސަމައިރާ ހިމޭންކަމާއެކު އޭނާގެ ސޫރައަށް ބަލާލިއެވެ. މިހާރު އޭނާ ހޯދަނީ ފުރިހަމަކަމެއް ނޫނެވެ. ނުވަތަ ބަލާނެ ބަޔަކަށް ތައްޔާރުވަނީކީވެސް ނޫނެވެ. އޭނާއަށް އޭނާގެ އަސްލު ސޫރަ ފެނިއްޖެއެވެ.
“ލައިވް ނިިވާލުމުން، މީހުން ނުބަލާ ހުންނަ ވަގުތު، ކުޅެންޖެހޭ ރޯލެއް ނެތް ހިނދު.” އޭނާ ސާބިތުކަމާއެކު މަޑުމަޑުން ބުންޏެވެ. “ހިމޭންކަމުގައި އަމިއްލަ ނަފުސާއެކު އިށީނދެވޭނަމަ، އަދި ހިތުގެ ހަމަޖެހުން އިޙުސާސްވާނަމަ، އަދި އެއްވެސް މީހަކަށް ދެރައެއް ނުދޭކަން ޔަޤީންވާނަމަ..”
ކަރުނަ ތިއްކެއް ސަމައިރާގެ ލޮލުން ފޭބި ނަމަވެސް، އޭނާ އެކަމާ އަޅައެއް ނުލިއެވެ. “އަދި ރޭގަނޑު ލޯ މަރާލައިގެން އަރާމުގައި ނިދާލެވޭނަމަ..”
ސަމައިރާ މަޑުމަޑުން ނޭވާއެއް ލިއެވެ. “އެވަރުން ފުދެއެވެ. އަލްހަމްދުލިﷲ!”
އަދި މިފަހަރު، ސަމައިރާ އިޚްތިޔާރުކުރީ އެ ދިރިއުޅުމެވެ. އެއްވެސް މީހަކަށް ނުފެންނަ، އެއްވެސް ތަނަކުން ދައްކަން ނުޖެހޭ، އަދި އޭނާގެ ނަފުސަށް ހަޤީޤީ ހަމަޖެހުން ލިބިދޭނެ ދިރިއުޅުމެވެ.
(ނިމުނީ)
