އަޒްރާގެ އުމުރުން ސާޅީސް އަހަރެވެ. އޭނާއަކީ ފަސް ކުދިންގެ މަންމައެކެވެ. އޭނާ ދިރިއުޅެމުން ދިޔައީ މާލެއާ މާ ދުރު ނޫން ރަށެއްގައެވެ. ކަނޑުގެ ނޫކުލައިގެ ރީތި މަންޒަރުތަކާއި، ހިތްގައިމު މަޑު ވައިރޯޅިތަކުން އެ ރަށަށް ގެނެސްދެނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ މާލޭގެ ކުޑަ ގޮޅިތަކާއި ކާރޫބާރޫ ބޮޑު ދިރިއުޅުމަށްވުރެން ލިބުނު ބޮޑު ނިއުމަތެކެވެ. މާލެއަކީ އޭނާ ބޮޑުވި، ކިޔެވި، އަދި އަމިއްލަ މުސްތަޤުބަލަކާ މެދު ފޮނި ހުވަފެންތަކެއް ދުށް ތަނެވެ.
މާލޭގައި އުޅުނުއިރު، އޭނާގެ ދުވަސްތައް ހޭދަވަނީ އުއްމީދީ ސާފު މަޤުސަދުތަކަކާއި ރޭވުންތަކެއްގެ ތެރޭގައެވެ. އޭނާގެ މަންމައާއި އާއިލާގެ ގާތްކަމުން ލިބޭ އޯގާތެރިކަމާއި ހެޔޮކަމަކީ އޭނާގެ ދިރިއުޅުމުގެ އުފަލެވެ. ނަމަވެސް، ކައިވެންޏަށްފަހު ފިރިމީހާގެ ރަށަށް ބަދަލުވާން ނިންމީ، ޚަރަދުތައް ކުޑަކޮށް، ދެމީހުން ދެކެމުންދިޔަ ހުވަފެނީ ގެ ބިނާކުރުމަށް އެއަށް ފައިސާ އެއްކުރުމުގެ މަޤުސަދުގައެވެ. އަޒްރާ އެ ނިންމުމަށް އިޙުތިރާމްކޮށް، އޭނާގެ އަމިއްލަ ހުވަފެންތައް ހިތުގެ ކަނެއްގައި ފޮރުވައިގެން، ލޯތްބަށްޓަކައިވާ ޤުރުބާނީގެ ނަތީޖާ ފޮނިވާނެ ކަމަށް ޤަބޫލުކޮށް ފިރިމީހާއާއެކު ދިޔައީ ކެތްތެރިކަމާއެކުގައެވެ.
އަހަރުތައް ފާއިތުވަމުން ދިޔައީ ހަމައެކަނި ވަގުތުތަކެއްގެ ގޮތުގައެއް ނޫނެވެ. އެއީ ޒިންމާތަކުގެ ފުނިވަރެކެވެ. އެއް ކުއްޖަކު ދެ ކުދިންނަށް، އަދި ދެ ކުދިން ފަސް ކުދިންނަށް ބަދަލުވެ، އޭނާގެ މުޅި ދުނިޔެ އެ ކުދިންގެ ބޭނުންތަކާއި، ހިނިތުންވުމާއި، ކަރުނައިގެ ވަށައިގެން އެނބުރެން ފެށިއެވެ. އަމިއްލަ އެދުންތަކާއި ބޭނުންތައް މަޑުމަޑުން ފަނޑުވެ، އަމިއްލަ ނަފުސަށްވެސް ނޭނގި އެ ކަންކަން ހަނދާން ނެތެން ފެށިއެވެ.
ވަޒީފާ ދޫކޮށްލީ އެއީ ވަގުތީ ކަމެއް ކަމަށް އަމިއްލަ ނަފުސަށް ވިސްނައިދެމުންނެވެ. ކިޔެވުން މެދުކަނޑާލީ ކޮންމެވެސް ދުވަހަކުން އަލުން ފަށާނެ ކަމުގެ އުއްމީދުގައެވެ. އޭނާގެ މުޅި ހަކަތައާއި، ޒުވާންކަމާއި، މުޅި ދިރިއުޅުން ހޭދަކުރީ އޯގާތެރިކަމާއެކު އާއިލާއެއް ބިނާކުރުމުގައެވެ. ނަމަވެސް، އެމީހުން އަބަދު ދައްކަމުންދިޔަ ހުވަފެނީ ގޭގެ ވާހަކަ އޮތީ ހަމައެކަނި ވާހަކައެއްގެ ގޮތުގައެވެ. އަމަލީ ސިފައެއް ނާދެއެވެ.
އެހެނަސް، މަންމައަކަށް ވުމީ އޭނާ އިންތިހާއަށް ލޯބިވި ކަމެކެވެ. އެ ކުޑަކުޑަ އަތްތަކުން އޭނާގެ ގައިގައި ބާރަށް ހިފަހައްޓާލުމާއި، “މަންމާ” އޭ ކިޔައި ގޮވާލާ އަޑާއި، ގޭތެރޭގައި އެކުދިން ޖަހާ ސަކަރާތަކީ އޭނާގެ ހިތުގެ ދިރުމެވެ. އެކަމަކު އެ ލޯބީގެ ތެރެއިންވެސް އޭނާގެ ހިތުގެ ކަނެއްގައި ރިހުމެއް އުފެދެއެވެ. އެއީ އޭނާގެ މަންމަގެ ފަރާތުން ކުރިން ލިބުނު އޯގާތެރިކަމަށް އެދޭ އެދުމެވެ. ހުރިހާ ކަމެއް ތަރުތީބުކޮށް ބަލަހައްޓާ މީހަކަށް ވުމުގެ ބަދަލުގައި، އޭނާގެ ގައިގައިވެސް މީހަކު ބާރަށް ބައްދާލައި، އަޅާލާނެ ވަގުތަކަށް އޭނާގެ ހިތް އެދެމުން ދިޔައެވެ.
ވަގުތަކީ އެއްވެސް މީހެއްގެ ހުއްދައަކަށް މަޑުކުރާ އެއްޗެއް ނޫނެވެ. އޭނާގެ ހަށިގަނޑަށް ބަދަލުތައް އަންނަން ފެށީ ނުހަނު އަވަހަށެވެ. ހުޅުތަކުގައި ރިއްސަން ފަށައި، ހަރަކާތްތެރިވުން ބުރަވެ، ލޮލުގެ ފެނުން ބަލިކަށިވާން ފެށިއެވެ. ކުރިން ކުރި ކުދިކުދި އުފާވެރި މަސައްކަތްތަކާއި، އަމިއްލަ ނަފުސަށް ދެމުން އައި ވަގުތުތައް މަޑުމަޑުން ހުއްޓުނެވެ. ދިރިއުޅުމުން އޭނާގެ ފަރާތުން އެދޭ ކަންކަން އިތުރުވަމުން ދިޔަ ނަމަވެސް، އެކަންކަން ކޮށްދިނުމުގެ ހަކަތަ ދިޔައީ ހުސްވަމުންނެވެ.
އޭނާގެ ދުވަސްތައް ބަދަލުވީ އެހެން މީހުންނަށް ކޮށްދިނުމާއި، އެހެން މީހުންގެ ބޭނުންތައް ފުއްދައިދިނުމުގެ ތަކުރާރުވަމުންދާ ބުރަ މަސައްކަތަކަށެވެ. އެހެންނަމަވެސް، އެ ހުރިހާ ކަމެއްގެ ތެރޭގައި އޭނާއަކީ އެއްވެސް މީހަކަށް ފެންނަ މީހަކަށް ނުވެއެވެ. އޭނާގެ ބޭނުން ޖެހެނީ ހަމައެކަނި ކަމެއް ބޭނުންވުމުންނެވެ.
“މަންމާ، ކޮބާ މިވެނި އެއްޗެއް؟”
“މަންމާ، ތިކަން ކުރިންތަ؟”
“މަންމާ، އަހަރެން މިވެނި ކަމަކަށް ބޭނުން..”
މި ހުރިހާ ސުވާލަކަށް ޖަވާބުދީ، އެމީހުން އެދޭ ކަންކަން ކޮށްދޭ ކޮންމެ ފަހަރަކު، އޭނާގެ ހިތް އުއްމީދު ކުރެއެވެ. އެންމެ ފަހަރަކު ނަމަވެސް މީހަކު އޭނާއަށް ބަލާލާފައި “މަންމަ ވަރުބަލިތަ؟” ނުވަތަ “މަންމަ ބޭނުމީ ކޮން ކަމެއް؟” ހޭ އަހާލާނެ ނަމައެވެ. އެކަމަކު އެއްވެސް މީހަކު އެ ސުވާލެއް ނުކުރެއެވެ.
އަހަރުތައް ފާއިތުވެ، އަޑުގަދަވެފައި އޮތް ގެ ހުސްވާން ފެށިއެވެ. އެކަކަށްފަހު އަނެކަކު ކިޔެވުމަށާއި ވަޒީފާއަށް މާލެއަށް ބަދަލުވާން ފެށިއެވެ. ކޮންމެ ކުއްޖަކު ފުރައިގެން ދާއިރު، އޭނާ ހިނިތުންވުމާއެކު ހިތްވަރުދީ، އެކުދިންނަށް ހެޔޮދުޢާ ކުރެއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ބުނެދޭން ނޭނގޭ ފުން ހިތާމައެކެވެ.
އެންމެ ފަހުން ހަގު ކުއްޖާއަށް ދިހަ އަހަރު ފުރުމާއެކު، ގޭތެރެއިން ކުޑަކުދިންގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ގޭތެރެއަށް ވެރިވެފައިވަނީ ބީރައްޓެހި ހަމަހިމޭންކަމެކެވެ. ދިހަވަރަކަށް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އަޒްރާ ހަމަހިމޭންކަމާއެކު އިށީނދެލިއެވެ. ކުރަންޖެހޭ އަވަސް ކަމެއް ނެތެވެ. ގޮވާލާނެ ކުޑަ އަޑެއް ނެތެވެ.
އެ ހަމަހިމޭންކަމުގެ ތެރެއިން އޭނާއަށް އިޙުސާސްވީ އޭނާ މަގުއޮޅިފައިވާ ކަމެވެ. އެހެން މީހުންނަށްޓަކައި އުޅުމުގެ ތެރޭގައި، އެމީހުންނާ ނުލައި އޭނާއަކީ ކާކުކަން އޭނާ ހަނދާން ނެތިއްޖެއެވެ. ދުވަސްތައް ދިގުވެ، ފޫހިވެ، އެކަނިވެރިވާން ފެށިއެވެ. ބައެއް ފަހަރު ފޯނަށް ބަލަހައްޓައިގެން އިނދެ، މާލޭގައި ހުރި އޭނާގެ މަންމައަށް ގުޅަން އުޅެފައިވެސް، އޭނާގެ ހިތާމަތައް މަންމައަށް އިޙުސާސްވެދާނެތީ އެކަން ހުއްޓާލައެވެ.
އެއްދުވަހަކު ފޯނު ރިންގުވާން ފެށިއެވެ. އޭނާ ވަރަށް އަވަހަށް ފޯނު ނެގިއެވެ. “ހަލޯ؟”
“ހަލޯ މަންމާ.”
އެއީ އާދައިގެ، އަބަދުވެސް އިވޭ އަޑެކެވެ. އެހެނަސް އެ އަޑުން އޭނާގެ ހިތަށް ލިބުނު އުފާވެރިކަން ބުނެދޭންވެސް ނޭނގެއެވެ. “ލައްބަ ދަރިފުޅާ..” ވަރަށް މަޑުމައިތިރިކަމާއެކު އޭނާ ޖަވާބުދިނެވެ.
އޭނާ މަޑުކޮށްލީ އެ ވާހަކަކޮޅު ތަންކޮޅެއް ދިގުލައިދާނެ ކަމުގެ އުއްމީދުގައެވެ. އޭނާގެ ހާލަކީ ކޮބައިތޯ ނުވަތަ ދުވަސް ދަނީ ކިހިނެއްތޯ އަހާލާނެ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް އެ ފޯނު ކޯލު ވަރަށް އަވަހަށް ނިމުނެވެ.
“ފަހުން ގުޅާލާނަން މަންމާ.” އަނެއްކާވެސް އޭނާ އެކަނިވީއެވެ. އިންތިޒާރުގައެވެ.
އެހެން އުޅެނިކޮށް، އެއްދުވަހެއްގެ ހެނދުނު ހުރިހާ ކަމެއް ބަދަލުވިއެވެ. ފިރިމީހާ އޭނާގެ ގާތަށް އައީ ވަރަށް އޯގާތެރިކަމާއެކުގައެވެ. އަދި އެއްޗެހި ތައްޔާރުކުރުމަށް ބުންޏެވެ. އޭނާގެ އަޑުގައިވަނީ އާދަޔާ ޚިލާފު ސާބިތުކަމެކެވެ. “އަހަރެމެން މިދަނީ ހައްޖަށް.” އޭނާ ބުންޏެވެ.
އެއީ އަޒްރާއަށް ޤަބޫލުކުރަންވެސް ދަތިވި ވާހަކައެކެވެ. އެއީ އޭނާގެ ހިތުގެ އަޑީގައި ފޮރުވާފައި އޮތް ބޮޑު އުއްމީދެކެވެ. “އަޒްރާގެ މަންމައާއެކު.” ފިރިމީހާ އިތުރުކޮށްލިއެވެ. އެ ވަގުތު އަޒްރާއަށް ކެތެއް ނުކުރެވުނެވެ. އެތައް އަހަރެއްގެ ކަރުނަތައް އޮހިގަތެވެ.
އެ ދަތުރަކީ އޭނާ ހީކުރި ވަރަށްވުރެ މާ ފުރިހަމަ ދަތުރެކެވެ. މަންމައާއެކު މުޤައްދަސް ބިންތަކުގައި ހުރިއިރު، އޭނާގެ ހިތަށް ވަނީ ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބިފައެވެ. އެއީ އޭނާގެ ހިތުގެ ޒަޚަމްތަކަށް ލިބުނު ފަރުވާއެކެވެ. އޭނާ ދުޢާކުރީ ހަމައެކަނި އާއިލާއަކަށް ނޫނެވެ. އަމިއްލަ ނަފުސަށްޓަކައިވެސް ސިއްރުން ދުޢާކުރިއެވެ.
ދަތުރު ނިންމާފައި އެނބުރި އައިއިރު، އޭނާއަށް ކޮންމެވެސް ބަދަލެއް އިޙުސާސްވަމުން ދިޔައެވެ. ދޯނި ރަށާ ގާތްވަމުން ދިޔައިރު، އޭނާގެ ހިތުގައި އޮތީ ހައިރާންކަމާއި ހަމަޖެހުމެވެ. ފިރިމީހާ އޭނާގެ ލޯ މަރާލަން ބުނުމުން، އެއްވެސް ސުވާލެއް ނެތި އޭނާ ލޯ މަރާލިއެވެ.
“ދެން ލޯ ހުޅުވާލާ.” ފިރިމީހާ މަޑުމަޑުން ބުންޏެވެ. އޭނާ ލޯ ހުޅުވާލި ވަގުތު.. މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އޭނާގެ ކުރިމަތީގައި ހުރީ ގެއެކެވެ. އެއީ ހަމައެކަނި ގެއެއް ނޫނެވެ. އެއީ އޭނާގެ ހުވަފެނީ ގެއެވެ. އޭނާގެ ހިތުގެ ކަނެއްގައި ކުރަހާފައިވާ، ދުވަހަކުވެސް ހަޤީޤަތަކަށް ވެދާނެ ކަމަށް އުއްމީދު ނުކުރާ ފަރުމާއެވެ. ކޮންމެ ކުލައަކުންނާއި ކޮންމެ ކަނަކުން ފެންނަނީ އޭނާގެ ޝައުޤުވެރިކަމެވެ. އޭނާގެ ހުވަފެނެވެ. އޭނާގެ ހިތެވެ.
އެވަގުތު އިވުނީ.. “މަންމާ!”
އޭނާ އެނބުރި ބަލާލިއިރު، ފަސް ކުދިން ދުވަމުން އަންނަނީއެވެ. އެ ކުދިންގެ މޫނުމަތިން ފެންނަނީ ލޯތްބާއި ކުލުުނެވެ. އެކުދިން އޭނާގެ ގައިގައި ބައްދާލި ބައްދާލުމުން، އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ހުސްކަމެއް ފުރިގެން ދިޔައެވެ.
“މަންމާ، މާފުކުރޭ..” އެއިން ކުއްޖަކު މަޑުމަޑުން ބުންޏެވެ. “މަންމަގެ ޤުރުބާނީތަކެއް ކުރިން އަހަރެމެންނަކަށް ނުފެނޭ..”
“އެކަމަކު މިހާރު އަހަރެމެންނަށް މަންމަ ފެނޭ.”
ފިރިމީހާ ކުރިއަށް ޖެހިލާފައި، ވަރަށް އޯގާތެރި އަޑަކުން ބުންޏެވެ. “ދަރިފުޅުގެ މަންމަ އަހަރެމެންނަށްޓަކައި ހުރިހާ އެއްޗެއް ޤުރުބާން ކުރީ. މިއީ މަންމައަށްޓަކައި ކުރި ކަމެއް.”
އަޒްރާގެ ލޮލުން ކަރުނަ އޮހެމުން ދިޔަ ވަގުތު، ހަގު ދަރިފުޅު ދުވެފައި އައިސް، ވަރަށް އުފާވެރި އަޑަކުން ހަޅޭއްލަވައިގަތެވެ. “ހެޕީ މަދަރސް ޑޭ.. ދުނިޔޭގެ އެންމެ ލޯބި މަންމަ!”
އެ ވަގުތު، އޭނާގެ މުޅި އުމުރު ހޭދަކުރި ލޯބިވާ މީހުންގެ މެދުގައި، އޭނާގެ ހުވަފެނީ ގޭގެ ކުރިމަތީގައި ހުރިއިރު، އަޒްރާއަށް އިޙުސާސްވީ އޭނާގެ ދިރިއުޅުން ފުރިހަމަވެއްޖެ ކަމެވެ.
(ނިމުނީ)
