އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސައުތު ރީޖަން ލީގުގައި ސ. ފޭދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.
ލ. ކުނަހަންދޫ ދަނޑުގައި ކުޅުނު މި މެޗަކީ ރީޖަނަލް ލީގުގައި މި ދެ ޓީމުގެ ވެސް ފުރަތަމަ މެޗެވެ.
ވަރުގަދަ އެޓޭކިން ގޭމަކުން މެޗު ފެށި ފޭދޫން ވަނީ މެޗު ފަށައިގެން މާ ގިނައިރެއް ނުވެ މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ. 3 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހާޒިމް ފައުޒީއެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ކުނަހަންދޫއަށް އެއްވެސް ފުރުސަތެއް ނުދީ ފޭދޫން ވަނީ 30 ވަނަ މިނިޓްގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު އިންޝަލްއެވެ.
ދެވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ މުޙައްމަދު ރަފާހް ޢަބްދުﷲ ވަނީ ފޭދޫ ޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ.
މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔަ ފޭދޫ 3-0 އިން ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފު ވެސް ފޭދޫން ފެށީ ވަރުގަދަކޮށެވެ.
ދެވަނަ ހާފުގައި ވެސް ފުރަތަމަ ލަނޑު ޖެހީ ފޭދޫންނެވެ. 51 ވަނަ މިނިޓްގައި ފޭދޫއަށް މި ލަނޑު ޖަހައިދިނީ 3 ވަނަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު ރަފާހް ޢަބްދުﷲ އެވެ.
މެޗުގެ ފަހުކޮޅު ކުނަހަންދޫން ވަނީ އާދަޔާ ޚިލާފު ހިތްވަރެއްލައި ކުޅުން ރަނގަޅު ކޮށްފައެވެ. އެތައް މަސައްކަތަކުން އެނބުރި މެޗު ތެރެއަށް ވަތް ކުނަހަންދޫން ވަނީ ފަހު ހާފުގައި ދެ ލަނޑު ޖަހައިފައެވެ.
ކުނަހަންދޫގެ ފުރަތަމަ ލަނޑު 69 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ޙުސައިން ޢަލީއެވެ. ކުނަހަންދޫގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އަނިލްއެވެ.
މި ރީޖަންގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ލ. ގަމު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ފޭދޫ އާއި ގަމެވެ.
