ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭދަފުށްޓާއި ދިއްދޫ މެޗު އެއްވަރު
ފޮޓޯ: އޭދަފުށި ސްޕޯޓްސް ކްލަބް

މިހާރު ކުރިޔަށްދާ އެފްއޭއެމް ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަން ލީގުގައި މިއަދު ކުޅެވުނީ މި ރީޖަންގެ ފަހު ދެ މެޗެވެ.

އޭދަފުށީ ދަނޑުގައި އޭދަފުއްޓާއި ދިއްދޫ ވާދަކުރިއިރު މަނަދޫ ދަނޑުގައި ބައްދަލުކުރީ މަނަދޫ އާއި ހަނިމާދޫ އެވެ.

މި ރީޖަންގެ އެއްވަނަ ހޯދާފައިވާ ދިއްދޫ އާއި ދެވަނަ ހޯދާފައިވާ އޭދަފުށި މިއަދު ބައްދަލުކުރި މެޗަކީ ރީޖަނަލް ލީގުގައި މި ދެ ޓީމު ބައްދަލުކުރި ދެވަނަ މެޗެވެ.

ފުރަތަމަ މެޗު ދިއްދޫގައި ކުޅެވިފައިވާއިރު އެ މެޗު 2-1 އިން ކާމިޔާބުކުރީ ދިއްދޫ އެވެ.

މިއަދު ހަވީރު އޭދަފުށީ ދަނޑުގައި ކުޅެވުނު މެޗަކީ ވެސް ކުރީ މެޗު ފަދަ ފޯރިގަދަ މެޗެކެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނު އޭދަފުށިން ވަނީ މެޗުގެ 5 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރީފް އެވެ. ދިއްދޫ ޓީމުގެ އޭރިޔާ ތެރެއިން އިބްރާހީމް ޝަރީފަށް ލިބުނު ބޯޅަ ހިފައިގެން ކުރިއަށް ޖެހިލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް އޭދަފުށްޓަށް ލިބި ބޭނުން ނުކުރެވި ގޮސްފައިވެއެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު އޭދަފުށްޓަށްވުރެ ރަނގަޅަށް ކުޅުނީ ދިއްދޫ އެވެ. ރަނގަޅު ފުރުސަތުތައް ހޯދަމުންދިޔަ ދިއްދޫން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ރަޝީދު އެވެ. އޭދަފުށީ އޭރިޔާގެ ތެރެއިން ދިއްދޫ ކުޅުންތެރިއަކު ތިރިތިރިން ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި އޭދަފުށީ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ބޯޅަ ހުސެއިން ރަޝީދަށް ލިބުނުއިރު އޭނާ ހުރީ ގޯލް ލައިން ކައިރީ ކީޕަރު ކުރިމަތީ ހުސްކޮށެވެ. ހުސެއިން ރަޝީދު ވަނީ އެއްފަހަރުން އެ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ފުރަތަމަ ހާފު 1-1 އިން އެއްވަރުވެގެން ނިމުނު ނަމަވެސް، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ.

މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ދެ ޓީމުން ވެސް ދިޔައީ ކުރަމުންނެވެ.

ދިއްދޫން އޭދަފުށި ދެވަނަ ބަލިކުރަން މަސައްކަތް ކުރަމުން ދިޔައިރު، އޭދަފުށިން މަސައްކަތް ކުރަމުން ދިޔައީ ދިއްދޫން ދަމަހައްޓަމުން ދިޔަ މޮޅުވުމުގެ ރިކޯޑު ހުއްޓުވާށެވެ.

މެޗުގެ ފަހުކޮޅު އޭދަފުށީ ކުޅުންތެރިއަކަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑެއް ވެސް ދައްކައިފައެވެ.

ދެވަނަ ހާފުގައި ވެސް ލަނޑު ޖަހާނެ އެތައް ފުރުސަތެއް ދެ ޓީމަށް ވެސް ލިބުނެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށް 1-1 އިން މެޗު އެއްވަރުވުމެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު، ދިއްދޫ މި ރީޖަން ނިންމާލީ 16 ޕޮއިންޓާއި ފައިދާ 8 ގޯލާއިއެކު އެއްވަނައިގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top