ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް އަފްޣާނިސްތާން ހޯދައިފި
ފޮޓޯ: ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ފޭސްބުކް

ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެ އާއި އަފްޣާނިސްތާން އެވެ.

ޔޫރަޕާއި އެހެންވެސް ބައްރުތަކުގެ އެކި ޤައުމުތަކުގެ އެކި ފަންތީގެ މުބާރާތްތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކަކާއިއެކު މެޗަށް ނުކުތް އަފްޣާނިސްތާނުން ވަނީ ފުރަތަމަ މިނިޓުން ފެށިގެން ރާއްޖޭގެ ޑިފެންސަށް ބާރުބޮޑު ކޮށްފައެވެ. ގާތްގާތުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވިއެވެ.

މަޑުމަޑުން މެޗުގެ ތެރެއަށް ވަތް ދިވެހިރާއްޖެއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވި ގޮސްފައިވެއެވެ.

މުޅި ހާފުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަފްޣާނިސްތާނުން ވަނީ ފުރަތަމަ ހާފުގެ ފަހުކޮޅު ވެސް ދިވެހިރާއްޖޭގެ ޑިފެންސަށް ބާރުބޮޑު ކޮށްފައެވެ. އަފްޣާނިސްތާނުން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި ދިވެހިރާއްޖޭގެ ޑިފެންޑަރުންނާއި ކީޕަރު ކާމިޔާބު ހޯދި މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ބަދަލުތަކާއިއެކު ދެވަނަ ހާފުގައި ދިވެހިރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދައިފައެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް އަފްޣާނިސްތާނަށްވުރެ ގިނައިން ދިވެހިރާއްޖެއަށް ލިބުނު މި ހާފުގައި، އަފްޣާނިސްތާނަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު އަފްޣާނިސްތާނުން ޖެހީ 79 ވަނަ މިނިޓްގަ އެވެ. މަތިމަތިން ދިވެހިރާއްޖޭގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ދިވެހިރާއްޖޭގެ ކުޅުންތެރިންނަށް ދިފާއު ނުކުރެވި އަފްޣާނިސްތާންގެ ކުޅުންތެރިޔާއަށް ލިބުމާއިއެކު އޭނާ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޯމަން ފާޒީ އެވެ.

މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ވަނީ ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވިފައެވެ.

މި މެޗުން މޮޅުވެ އަފްޣާނިސްތާނުން މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދިއިރު، މިއަދު ހަވީރު ޕާކިސްތާނާއި ބަނގުލަދޭޝް ބައްދަލުކުރި މެޗު އެއްވަރު އެއިން ކޮންމެ ޓީމަކަށް ވަނީ އެއް ޕޮއިންޓް ލިބިފައެވެ.

މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 4 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ޕާކިސްތާން އެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top