އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަން ލީގުގައި ބ. އޭދަފުށިން ނ. މަނަދޫ ބަލިކޮށްފިއެވެ.
މިއީ މި ރީޖަންގެ ހަތަރުވަނަ މެޗެވެ. އަދި މަނަދޫ އާއި އޭދަފުށީގެ ވެސް ދެވަނަ މެޗެވެ. މި މެޗާއި ކުރިމަތިލިއިރު ކުޅުނު ފުރަތަމަ މެޗުން މަނަދޫ ބަލިވެފައިވަނީ ހަނިމާދޫއާ ބައްދަލުކޮށް 5-0 އިންނެވެ. އޭދަފުށި ބަލިވެފައިވަނީ ދިއްދޫއާ ވާދަކޮށް 2-1 އިންނެވެ.
މިއަދުގެ މެޗާއި ކުރިމަތިލީއިރު ފެނުނު އެންމެ ބޮޑު ބަދަލަކީ އޭދަފުށީގެ ކޯޗަކަށް އިސްމާއިލް އާސިފް (ކުޑަހީނާ) ހަމަޖައްސާފައި ވުމެވެ. އަދި މި މެޗުގައި އެ ޓީމަށް އޭނާ އިރުޝާދު ދިނުމެވެ.
ނޯތު ރީޖަން ލީގު ކޮލިފައިން ޒޯން 2 ގެ ފައިނަލްގައި ވާދަކުރި މި ދެ ޓީމުގެ ކުރިމަތިލުން ވަނީ އެތައް ގޮތަކުން ޚާއްސަ ވެފައެވެ. މެންގްރޫވް ކަޕް މުބާރާތުން މާބޮޑު ކާމިޔާބެއް ނުލިބި ކަޓައިގެން އައި މަނަދޫ ވަނީ، ދިވެހި ފުޓްބޯޅައިގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް އޭދަފުށި ބަލިކޮށް ޒޯން ޗެމްޕިއަންކަން ހޯދައިފައެވެ.
ދެ ޓީމުގެ ފަރާތުން ވެސް ރީތި ޕާސިންގ ގޭމެއް ފެނިގެން ދިޔަ މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ދެ ޓީމުންކުރެ ޓީމަކަށް ބޭނުން ނުކުރެވިދިޔަ ދިއުމަށް ނިމުން ގެނައީ އޭދަފުށީންނެވެ.
މެޗުގެ ފުރަތަމަ ލަނޑު އޭދަފުށީން ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ބާޑިއައު ސުހުރަބް އެވެ. އޭދަފުށީ ކުޅުންތެރިން ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅަ ސުހުރަބް ގޯލުގެ ތެރެއަށް ފޮނުވާލީ ބޯޅަ ދިފާއުކުރަން ނުކުތް މަނަދޫ ޓީމުގެ ކީޕަރު ބޯމަތިންނެވެ.
ދެވަނަ ހާފުގައި ވެސް މަނަދޫއަށްވުރެ ރަނގަޅަށް ކުޅުނީ އޭދަފުށިންނެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި އޭދަފުށީ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންދިޔަ މަނަދޫން ވަނީ 58 ވަނަ މިނިޓްގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ޢަލީ އެވެ. އޭދަފުށީ ހާފުގެ ތެރެއިން މެދުރޮނގަށްވުރެ އޭރިޔާއާ ކައިރިން މަނަދޫއަށް ލިބުނު ފްރީކިކް އަޙްމަދު ޢަލީ ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ވޯލްގައި ތިބި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ.
ގާތްގާތުގައި ފުރުސަތުތައް ފަހިކުރަމުންދިޔަ އޭދަފުށި، މޮޅުވި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހީމް ޝަރީފް އެވެ. އިބްރާހިމް ޝަރީފް މި ލަނޑު ޖެހީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އިބްރާހީމް ޝަރީފް ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކުރިމަތީގައި ހުރި މަނަދޫ ކުޅުންތެރިޔާގެ ގައިގައި ޖެހިފައި މަތިމަތިން ގޮސް ކީޕަރުގެ ބޯ މަތިންނެވެ.
މި ރީޖަންގެ މެޗެއް ދެން އޮންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި މެޗުގައި ބައްދަލުކުރާނީ އޭދަފުށްޓާއި ހަނިމާދޫއެވެ.
