ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުނަހަންދޫ ބަލިކޮށް ގަން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފި!
ފޮޓޯ: ގަން ކައުންސިލް ފޭސްބުކް ޕޭޖް

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސައުތު ރީޖަން ލީގުގައި މިއަދު ބައްދަލުކުރީ ލ. ގަމާއި ލ. ކުނަހަންދޫއެވެ.

މިއީ މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމެވެ. ފުރަތަމަ މެޗު ލ. ގަމުގައި ކުޅެވުނުއިރު އެ މެޗު 2-1 އިން ކާމިޔާބުކުރީ ގަމެވެ. މިއަދުގެ މެޗެއް ނުކުތްއިރު، ގަން އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި ކުނަހަންދޫ އޮތީ އެންމެ ފުލުގައެވެ.

މާބޮޑު ވާދަވެރިކަމެއް ނެތް މެޗެއްގެ ގޮތުގައި ފެނުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމުން ވެސް ވަނީ ހޯދައިފައެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔަ ދިއުމަށް ނިމުން ގެނައީ ގަމުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ގަމުން ޖެހީ ފުރަތަމަ ހާފުގެ 37 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހޫދު އަޙްމަދު ފަތުހީ އެވެ. ކުނަހަންދޫ ހާފުގެ މެދަކާއި ހިސާބުން ހޫދަށް ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، އޭނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ، އެ ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކުނަހަންދޫގެ ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

މި ލަނޑު ޖެހިތާ މިނެޓެއްހާއިރު ފަހުން ވެސް ގަމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ގާތްގާތުގައި ލިބުނު ދެ ފުރުސަތުގެ ވެސް، ބޭނުން ކުރުމުގެ ކުރިން ކުނަހަންދޫ ޑިފެންޑަރުން ވަނީ ބޯޅަ ހޯދައިފައެވެ.

ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާ އެކުއެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަތީޖާ ހަމަހަމަކުރުމަށް ކުނަހަންދޫން މަސައްކަތް ކުރިއިރު ގަމުން މަސައްކަތްކުރީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރާށެވެ.

ދެވަނަ ހާފުގައި ކުނަހަންދޫން ކުޅުން ރަނގަޅު ކުރިއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް އެ ޓީމުން ވަނީ ހޯދައިފައެވެ.

ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ލަނޑާއިއެކު 1-0 އިން ގަން މޮޅުވެގެން މި މެޗު ނިމުނުއިރު، މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ގަން ވަނީ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފައެވެ.

މިވަގުތު މި ރީޖަން އޮތްގޮތަށް ބަލައިލާއިރު ގަމަށް އެއްވަނަ ލިބެނީ 5 މެޗުން 10 ޕޮއިންޓާއި ފައިދާ 3 ގޯލް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ގައްދޫއަށް 3 މެޗުން 9 ޕޮއިންޓާއި ފައިދާ 7 ގޯލް އެބައޮތެވެ. މި ރީޖަންގެ ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު މިވަގުތު އޮތީ ގައްދޫއަށް އެކަންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top