ކޭޒީޕީ އެންޓަޓެއިންމެންޓުން އުފައްދާފައިވާ ލަވަ “އިންތިހާ” ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.
މިއީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު “ސަމްރާ” އިސްތިހާރު ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ލަވައެކެވެ.
ރާހީން އިބްރާހީމް ޑައިރެކްޓްކޮށްފައިވާ މި ލަވަ ކިޔާފައިވަނީ މުޅިން އަލަށް ތައާރަފުކުރާ ލަވަކިޔުންތެރިޔާ މުޙައްމަދު މާޒިންއެވެ. މާޒިންގެ ރާގަކަށް ކިޔާފައިވާ މި ލަވައިގެ ޅެން ތައްޔާރުކޮށްފައިވަނީ ޔޫކް މުޙައްމަދެވެ.
ފިލްމުގެ މައިގަނޑު ދެ ތަރިން ކަމަށްވާ ރަޝްފާ ފާރޫޤް އަދި އިބްރާހީމް ޒެން އަޙްމަދު ފެނިގެންދާ މި ލަވައިގައި ޒިދާން ޝަފީޤުގެ ހިތްގައިމު ސިނަމަޓޯގްރަފީ ފެނިގެންދާއިރު، ސްޕެޝަލް އިފެކްޓްސް ތައްޔާރުކޮށްދީފައިވަނީ މުޙައްމަދު އަމާންއެވެ.
މި ލަވައަކީ ފިލްމު ރިލީޒްކުރުމުގެ ކުރިން ބެލުންތެރިންނަށް ފިލްމުގެ ކޮންސެޕްޓް ކިޔައިދިނުމަށާއި، ފިލްމު އިސްތިހާރު ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ އަމިއްލަ ރާގުގެ ލަވައެކެވެ. ލަވައިގެ މަންޒަރުތައް ބައްޓަންކޮށްފައިވަނީ ފިލްމުގެ މައިގަނޑު ތީމާއި، ތަރިންގެ ކެރެކްޓާތައް ރަމްޒުކޮށްދޭ ފަދަ ގޮތަކަށެވެ.

“އިންތިހާ” ލަވައިގެ މަންޒަރުތަކެއް / ފޮޓޯ: ކޭޒީޕީ އެންޓަޓެއިންމެންޓް
ލަވައިގެ މަސައްކަތާ ގުޅޭގޮތުން ޕްރޮޑަކްޝަން ޓީމުން ބުނީ، މި ލަވައިގެ އެންމެ ފަހު ބައިގައި ވަރަށް ބޮޑު އިޙުސާސީ ބަދަލެއް ފެނިގެންދާނެ ކަމަށާއި، އެބައި ފިލްމުގެ އަސްލު ވާހަކައާ ވަރަށް ބޮޑަށް ގުޅިފައިވާނެ ކަމަށެވެ. މީގެ އިތުރުން، ލަވައިގެ ނިންމާލުމުގައި ދިވެހި ފިލްމެއްގެ ލަވައެއްގެ ކަވަރ ސެގްމެންޓެއް ހިމަނާފައިވާނެ ކަމަށާއި، އެ ލަވައިގެ ފުރިހަމަ ކްރެޑިޓް ދީފައިވާނެ ކަމަށްވެސް ޓީމުން މަޢުލޫމާތު ދެއެވެ.
އިބްރާހީމް ޒެން އަޙްމަދު ޑައިރެކްޓްކޮށްފައިވާ “ސަމްރާ” ފިލްމުގެ މި ފުރިހަމަ ލަވަ އަންނަ ހަފުތާގެ އާދީއްތަ ދުވަހު (10 މެއި) ގައި ކޭޒެޑްޕީގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް އާންމުންނާ ހަމައަށް ދޫކޮށްލުމަށް މިހާރު ދަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ކޭޒީޕީ ޕްރޮޑަކްޝަނުން ވަނީ ފިލްމަށް ބެލުންތެރިން ދޭ ސަޕޯޓަށް ޝުކުރު އަދާކޮށްފައެވެ.
