މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކާ ދުރުގައި، އަމާން ހިސާބެއްގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހުރެގެން މަރިޔަމް ބަލަމުންދިޔައީ އޮއްސެމުންދިޔަ އިރަށެވެ. އުމުރުން ސާޅީހާ ގާތްވެފައިވީ ނަމަވެސް، އޭނާގެ މޫނުމަތިން ފެންނަނީ މައުސޫމްކަމެވެ. މަރިޔަމަކީ ފިރި މަރުވެފައިވާ، ހިތްވަރުގަދަ މައެކެވެ. އޭނާގެ މުޅި ދުނިޔެއަކީ އުމުރުން ފަނަރަ އަހަރުގެ އަންހެން ދަރިފުޅު ސާރާއެވެ.
“މަންމާ! ކޮބައިތަ މަގޭ ނޫކުލައިގެ ހެދުން؟” ކޮޓަރި ތެރެއިން ސާރާގެ އަޑު އިވުމާއެކު މަރިޔަމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“ދަރިފުޅާ. އެ އޮތީ އިސްތިރިކޮށްފަ އަލަމާރީގަ ބާއްވާފަ.” މަރިޔަމް ކޮޓަރިއަށް ވަންނަމުން ބުންޏެވެ.
މަރިޔަމާއި ސާރާގެ ގުޅުމަކީ ހަމައެކަނި މައެއްގެ ބަސް އަހައިގެން އުޅޭ ދަރިއެއްގެ ގުޅުމެއް ނޫނެވެ. އެއީ ދެ އެކުވެރިން ފަދަ ގާތް ގުޅުމެކެވެ. މަރިޔަމްގެ ފިރިމީހާ ނިޔާވި ފަހުން، އޭނާގެ ހުރިހާ ވަގުތެއް ހުސްކުރީ ސާރާ ބޮޑުކުރުމަށެވެ. އެހެން ކައިވެންޏަކާމެދު އޭނާ ދުވަހަކުވެސް ނުވިސްނައެވެ. ނަމަވެސް މަރިޔަމްގެ އެންމެ ގާތް އެކުވެރިޔާ އައިންތު ދެކެނީ އެހެން ގޮތަކަށެވެ.
ދުވަސްތަކަކަށްފަހު އައިންތު މަރިޔަމާ ބައްދަލުކުރަން އައީ އޭނާގެ ކޮއްކޮ އަޙްމަދުގެ ވާހަކަ ހިފައިގެންނެވެ. އަޙްމަދަކީ ރާއްޖެއިން ބޭރުގައި މަސައްކަތް ކުރުމަށްފަހު އެނބުރި އައި، އަޚުލާޤު ރަނގަޅު، ހަރުދަނާ މީހެކެވެ.
“މަރީ، ކިހާ ދުވަހަކު ތިގޮތަށް އެކަނި އުޅޭނީ؟ ސާރާވެސް މިހާރު އެ ބޮޑުވަނީ. މާދަމާ އޭނާ ކައިވެނިކޮށްގެން ދިޔައީމަ މަރީ އެކަނިވާނެ.” އައިންތު މަޑުމައިތިރިކަމާއެކު ބުންޏެވެ.
“އައިންތު، އަހަރެންގެ ދުނިޔެއަކީ ސާރާ. އޭނާ ނުރުހޭ އެއްވެސް ކަމެއް އަހަރެން ނުކުރާނަން.” މަރިޔަމް ފުން ނޭވާއެއް ލަމުން ބުނެލިއެވެ.
“އަޙްމަދަކީ ސާރާއަށް ވަރަށް ހެޔޮލަފާ ބައްޕައަކަށް ވާނެ. އެންމެ ފަހަރަކު ނަމަވެސް ބައްދަލުކޮށްބަލަ.” އައިންތު އެދުނެވެ.
އައިންތުގެ ގިނަ އާދޭސްތަކަކަށްފަހު، މަރިޔަމް އެއްބަސްވީ އަޙްމަދާ ބައްދަލުކުރާށެވެ. ފުރަތަމަ ބައްދަލުވުމުގައިވެސް އަޙްމަދުގެ ހިތްތިރިކަމާއި ރީތި އަދަބުތައް މަރިޔަމަށް ކަމުދިޔައެވެ. އަދި އެންމެ މުހިންމު ކަމަކީ، ސާރާއާމެދު އަޙްމަދު ބެހެއްޓި އޯގާތެރިކަމެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޙްމަދަކީ އެ ގޭގެ މެހުމާނަކަށް ވެއްޖެއެވެ. ސާރާވެސް އަޙްމަދާ ވަރަށް ގާތްވިއެވެ. “އަޙްމަދުބޭ” އަކީ ސާރާއަށް ހަދިޔާ ގެނެސްދޭ، އޭނާގެ ހޯމްވޯކްތަކުގައި އެހީތެރިވާ، އަދި އޭނާގެ ވާހަކަތައް ކަނުލައި އަޑުއަހާ މީހަކަށް ވެއްޖެއެވެ. މަރިޔަމަށް ހީވީ އޭނާގެ ހުސްވެފައިވާ ދިރިއުޅުމަށް އުފާވެރިކަމުގެ އާ ބާބެއް ފެށުނީހެންނެވެ.
ނަމަވެސް، ކަންތައްތައް ބަދަލުވާން ފެށީ މަރިޔަމާއި އަޙްމަދުގެ ކައިވެނީގެ ވާހަކަ ދެކެވެން ފެށި ހިސާބުންނެވެ.
އެއްދުވަހަކު ހަވީރު، މަރިޔަމާއި އަޙްމަދު ސިޓިންރޫމްގައި ކައިވެނީގެ ކަންތައްތަކާމެދު މަޝްވަރާކުރަން ތިއްބާ ސާރާ ކޮޓަރިން ނުކުތެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.
“މަންމާ، އަހަރެން ބޭނުންވަނީ މިރޭ މަންމައާއެކު ބޭރަށް ދާން. އަޙްމަދުބޭ މިރޭ ދިޔަސް ހެޔޮނު؟” ސާރާގެ އަޑުގައި ހުރީ މަރިޔަމަށް ދުވަހަކުވެސް އިވިފައިނުވާ ކަހަލަ ހަރުކަށިކަމެކެވެ.
“ދަރިފުޅާ، އަޙްމަދުބޭ އެ އައީ ވަރަށް މުހިންމު ވާހަކައެއް ދައްކާލަން..” މަރިޔަމް ބުނަން އުޅުނެވެ.
“އެންމެ ރަނގަޅު މަރީ. އަހަރެން މިދަނީ. ސާރާ މަންމައާއެކު ވަގުތު ހޭދަކޮށްލާ.” އަޙްމަދު ހިނިތުންވުމާއެކު ތެދުވިއެވެ.
އަޙްމަދު ދިޔުމުން ސާރާ އޭނާގެ މަންމަގެ އަތުގައި ހިފެހެއްޓިއެވެ. “މަންމާ، އަހަރެން ބޭނުމެއް ނޫން މަންމަ އެހެން މީހަކާ ކައިވެނިކުރާކަށް. އަހަރެމެން ދެމީހުން އުޅޭ ގޮތް މާ ރަނގަޅެއްނު؟”
މަރިޔަމް ސާރާގެ ބޮލުގައި ފިރުމާލިއެވެ. “ދަރިފުޅާ، އަޙްމަދުބޭއަކީ ވަރަށް ރަނގަޅު މީހެއް. އޭނާ އައުމުން އަހަރެމެންގެ އާއިލާ ފުރިހަމައެއްނު ވާނީ.”
ނަމަވެސް ސާރާގެ ހިތުގައި އުފެދެމުންދިޔަ ހަސަދައިގެ ހުޅުގަނޑު މަރިޔަމަކަށް ނުފެނެއެވެ. ސާރާ ދެކުނީ އަޙްމަދަކީ އޭނާގެ މަންމަގެ ލޯބި ފޭރިގަންނަން އުޅޭ “ބީރައްޓެއްސެއް” ގެ ގޮތުގައެވެ. އޭނާގެ ޅަ ސިކުނޑިއަށް ވިސްނުނީ މަންމަގެ މުޅި ދުނިޔެއަކީ ހަމައެކަނި އޭނާ ކަމުގައި ވާންޖެހޭނެ ކަމަށެވެ.
ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ސާރާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އޭނާ ގަސްދުގައި ބަލިވެ އުޅޭކަމަށް ހަދަން ފެށިއެވެ. އަޙްމަދު އަންނަ ވަގުތުތަކުގައި ކޮޓަރިން ނުނުކުމެ އިނދެއެވެ. އަދި ބައެއް ފަހަރު އަޙްމަދާ ދިމާލަށް ނުރުހުމުގެ ބަސްތައް ބުނަން ފެށިއެވެ.
މަރިޔަމް އިނީ ދެކޮޅަށް ދުއްވާ މަގެއްގެ މެދުގައި ފިތިފައެވެ. އެއްކޮޅުން އޭނާގެ ލޯބިވާ ދަރިފުޅެވެ. އަނެއްކޮޅުން އޭނާއަށް އާ ދިރިއުޅުމެއް ހޯދައިދޭން އުޅޭ، އޭނާ އިތުބާރުކުރާ ބައިވެރިޔާއެވެ.
ކައިވެންޏަށް ހަފުތާއަކަށް ވެފައި ވަނިކޮށް، ވަރަށް ހިތްދަތި ހާދިސާއެއް ހިނގިއެވެ. މަރިޔަމް ބޭރަށް ގޮސް ވީ ވަގުތެކެވެ. އަޙްމަދު އިނީ ސޯފާގައި ފޯނުން މީހަކާ ވާހަކަދައްކާށެވެ. ސާރާ އިނީ ކާމޭޒު ކައިރީ ގޮނޑިއެއްގައެވެ. އަޙްމަދު އިންގޮތުން ސާރާއެއް ނުފެނެއެވެ. ސާރާގެ މޫނުމައްޗަށް އަރަމުންދާ ކުލަވަރާއި ނަފުރަތެއް އޭނާއަކަށް ނުފެނެއެވެ.
ސާރާ އެހެން އިންނައިރު ވަރަށް ރީތިކޮށް ބޭރު ފެނެއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ކޮތަޅުތަކެއް ހިފައިގެން ގެއަށް ވަންނަން އައި މަރިޔަމެވެ. އޭނާގެ ހިތަށް އެރި އެއްޗަކުން އޭނާ އަޑުގެ ނެތްތަނަށް ހަޅޭއްލަވަން ފެށިއެވެ. ސާރާގެ އަޑަށް ސިހިފައި އަޙްމަދަށް ފޯނު ބޭއްވުނެވެ. އަދި ކަންބޮޑުވުމާއެކު ދުވެފައި ގޮސް ސާރާގެ އަތުގައި ހިފެހެއްޓިއެވެ.
ގެއަށް ވަދެވަދެ ހުރި މަރިޔަމްގެ ކަންފަތުގައި އެ އަޑު ޖެހުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އޭނާ ދެފަޔަށް ލެވުނުހާ ބާރެއްލައި އެތެރެއަށް ދުއްވައިގަތެވެ.
“ސާރާ، ކިހިނެއްވީ؟” އަޙްމަދު އަހަމުންދިޔައެވެ.
“ދޫކޮށްލާ!” ސަލާމަތްވުމަށް ހަޅޭއްލަވާ ފަދައަކުން ހަޅޭއްލަވަމުން އެއްލި އަތަކުން މޭޒުމަތީ ހުރި ތަށިތަކެއް ތަޅާލިއެވެ.
“ސާރާ، ހަމަޖެހިބަލަ. ހަމަޖެހިބަލަ.” އަޙްމަދު ބުނަމުން ދިޔައެވެ.
މަރިޔަމަށް ދޮރު ހުޅުވާލެވުނުއިރު، އަޙްމަދު ހުރީ ސާރާގެ ދެއަތުގެ އުޅަނބޮށްޓާއި ހިސާބުގައި ހިފަހައްޓާފައެވެ. ސާރާ ސަލާމަތްވާން ތެޅިފޮޅެނީއެވެ. މަރިޔަމްގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ.
“އަޙްމަދު.” މަރިޔަމްގެ އަޑަށް ސިހިފައި އަޙްމަދަށް ސާރާގެ އަތުން ދޫކޮށްލެވުނެވެ.
“މަންމާ!” ސާރާ ރޮމުން ގޮސް މަރިޔަމްގެ ގައިގައި ބައްދައިގަތެވެ. މަރިޔަމް އަޙްމަދާ ދިމާލަށް ބަލާލީ ޝައްކާއި ބިރުވެރިކަމުން ފުރިގެންވާ ނަޒަރަކުންނެވެ.
“މަންމާ! އަޙްމަދުބެ.. އަޙްމަދުބެ އުޅުނީ.. އަހަރެން..” ސާރާގެ ޖުމްލަ މެދުކަނޑާލަމުން އަޙްމަދު ބުންޏެވެ.
“މަރީ. އަހަރެން ހުވާކޮށްފަ ބުނަން. އަހަރެން ސާރާގެ ގައިގައި އެކަހަލަ ގޮތަކަށް އަތްވެސް ނުލަން. އަހަރެން އިނީ ސޯފާގައި ފޯނުން ވާހަކަދައްކަން. އިންދާ ސާރާ ހަޅޭއްލަވައިގަތީމަ..” އޭނާގެ މޫނުމަތިން ފެންނަނީ ކުށެއް ނެތް މީހެއްގެ ބޮލުގައި އިލްޒާމު އެޅުވުމުން ލިބޭނެ ފަދަ ކުއްލި ސިހުމެކެވެ.
“ދޮގު! ދޮގު ހަދަނީ!” ސާރާ ހަޅޭއްލަވައިގަތެވެ.
“މަންމާ، އަހަރެން މަންމަ ގާތު ދޮގު ހަދާނެތަ؟ އަހަރެން މިހާރު މިގޭގައި ހުންނަން ބިރުގަނޭ!” ސާރާ ރޮމުން އިތުރުކޮށްލިއެވެ.
މަރިޔަމްގެ ސިކުނޑި މަސައްކަތެއް ނުކުރިއެވެ. އެއްކޮޅުން އޭނާ ފުރާނަ ފަދައިން ލޯބިވާ، ދުވަހަކުވެސް ދޮގެއް ހަދާފައިނުވާ ދަރިފުޅެވެ. އަނެއްކޮޅުން އޭނާގެ ޙަޔާތަށް އުފާވެރިކަން ގެނެސްދިން، އިތުބާރު ކުރެވޭ އަޙްމަދެވެ. ނަމަވެސް މައެއްގެ ވާޖިބު އިސްކޮށް، މަރިޔަމް ނިންމީ ދަރިފުޅުގެ ބަސް ޤަބޫލުކުރުމަށެވެ.
“އަޙްމަދު، ހަމަ މިހާރު މިގެއިން ދޭ! އަދި ދުވަހަކުވެސް އަހަރެމެންނާ ގާތްވާން މަސައްކަތް ނުކުރާތި!” މަރިޔަމްގެ އަޑު ތުރުތުރުލަމުން ދިޔައެވެ.
އަޙްމަދު އެއްޗެކޭ ބުނަން އުޅެފައިވެސް، މަރިޔަމްގެ ލޮލުން ފެންނަން ހުރި ނަފުރަތާއި ސާރާގެ މޫނުމަތީގައި ހުރި މަކަރުވެރި ހިނިތުންވުމުގެ ކުލަވަރު ފެނުމުން ހިމޭންވިއެވެ. އޭނާ އިސްޖަހާލައިގެން ގެއިން ނުކުމެގެން ދިޔައީ އެއްވެސް އިތުރު ދިފާއެއް ނުކޮށެވެ.
އެ ހާދިސާއަށްފަހު މަރިޔަމް ކައިވެނި ކެންސަލް ކުރިއެވެ. އޭނާގެ މުޅި ދުނިޔެ އަނެއްކާވެސް ހަނިވީ ހަމައެކަނި ސާރާގެ ވަށައިގެންނެވެ. ސާރާ ހުރީ ވަރަށް އުފަލުންނެވެ. އޭނާއަށް ހީވީ އޭނާގެ މަންމަ “މިނިވަން” ކުރެވުނީހެންނެވެ. ނަމަވެސް މަރިޔަމްގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ އަބަދުވެސް އިނީ ފުން މާޔޫސްކަމެއްގެ ތެރޭގައެވެ.
މަރިޔަމް އައިންތު ގާތު އެވާހަކަ ދެއްކިއެވެ. ކައިވެނި ކެންސަލް ކުރި ސަބަބު ކިޔައިދިނެވެ.
“މަރީ ބުންޏަސް އަހަރެން ތިވާހަކައެއް ޤަބޫލެއް ނުކުރާނަން. އަޙްމަދަކީ އެކަހަލަ މީހެއް ނޫންކަން އަހަންނަށް ހުވާކޮށްފަވެސް ބުނަން ކެރިދާނެ. އެއީ އަހަރެންގެ ކޮއްކޮއަކަށް ވީމައެއް ނޫން. އެއީ އޭނައަކީ އެއްވެސް ދެއްކުންތެރިކަމެއް ނެތި، ހިތުގެ ފުންމިނުން އަންހެނުންނަށް އިޙްތިރާމްކުރާ މީހަކަށް ވީމަ.” އައިންތު ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.
މަސްތަކެއް ފާއިތުވެގެން ދިޔައެވެ. އެއްދުވަހަކު ސާރާގެ އެކުވެރިއަކު އެގެއަށް އައިސް އުޅެނިކޮށް، މަރިޔަމަށް އިވުނީ ސާރާ ދެއްކި ވާހަކައެކެވެ.
“އެއީ ހަމަ ކުޅެލި ޑްރާމާއެއް. އަހަރެން ބޭނުމެއް ނޫން މަންމަ އެހެން މީހަކަށް ދޭކަށް. އެހެންވެ އަޙްމަދުބޭ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވީ. މަންމަ ހީކުރީ އެއީ ހަޤީޤަތެއް ކަމަށް.” ސާރާ ފަޚުރުވެރިކަމާއެކު އޭނާގެ ރަހުމަތްތެރިޔާ ގާތު ބުނާ އަޑު މަރިޔަމަށް އިވުނެވެ.
“އާނއެކޭ. ހަމަ ޝައްކެއްވެސް ނުވޭ. އަހަރެން އެހާ ފެންވަރުގައޭ ޖައްސާލީ.” ސާރާ އިތުރަށް ބުނެލިއެވެ.
މަރިޔަމްގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަ ކަހަލަ އިޙުސާސެއް ކުރެވުނެވެ. އޭނާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އޭނާގެ ލޯބިވާ ދަރިފުޅު، އޭނާ އެންމެ އިތުބާރުކުރި މީހާގެ އަބުރާއި މުޅި ދިރިއުޅުން އެ ދުއްވާލީ ހަމައެކަނި އަމިއްލަ އެދުމަށްޓަކައެވެ.
މަރިޔަމް މަޑުމަޑުން ކޮޓަރިއަށް ވަނެވެ. ސާރާއަށް މަރިޔަމް ފެނުމާއެކު ސިހުނެވެ.
“މަންމާ.. މަންމަ ކޮން އިރަކު އައީ؟”
މަރިޔަމްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ސާރާއަށް ހުރިހާ އެއްޗެއް ވިސްނުނެވެ.
“ދަރިފުޅާ.. މަންމަ ދަރިފުޅަށްޓަކައި މުޅި ޙަޔާތް ޤުރުބާންކުރީ. އެކަމަކު ދަރިފުޅު މަންމަގެ އުފާވެރިކަން ފޭރިގަތީ ކޮންފަދަ ބޮޑު ދޮގަކުން؟” ލޮލުން ފައިބަމުންދިޔަ ކަރުނައިގެ ތެރެއިން ސާރާއަށް ބަލަހައްޓައިގެން ހުރެ މަރިޔަމް ބުންޏެވެ.
“މަންމާ، އަހަރެން މަންމަ ދެކެ ލޯބިވާތީ އެހެން ހެދީ.” ސާރާ ރޮމުން މަރިޔަމްގެ އަތުގައި ހިފަން އުޅުނެވެ.
“ނޫން، އެއީ ލޯތްބެއް ނޫން. އެއީ އަމިއްލަ އެދުން. ލޯތްބަކީ އަނެކާގެ އުފަލަށްޓަކައި ޤުރުބާންވުން. ދަރިފުޅު ތިކުރީ ވަރަށް ބޮޑު ފާފައެއް. ކުށެއް ނެތް މީހެއްގެ އަބުރަށް އެރީ.” މަރިޔަމް ހަރުކަށިކަމާއެކު ބުންޏެވެ.
އެރޭ މަރިޔަމް އަޙްމަދަށް ގުޅިއެވެ. އަދި މާފަށް އެދުނެވެ. ނަމަވެސް އަޙްމަދުގެ ޖަވާބަކީ ވަރަށް ހިތްދަތި ޖަވާބެކެވެ.
“މަރީ، އަހަރެން މަރީއަށް މާފުކޮށްފިން. އެކަމަކު އަހަރެމެންގެ ދެމެދުގައި އޮތް އިތުބާރުގެ ފާރު ވަނީ ވެއްޓިފައި. ސާރާއަށް ވިސްނައިދީ، ދިރިއުޅުމަކީ ހަމައެކަނި އަމިއްލަ އެދުން ނޫންކަން. އޭނާގެ އެ އަމަލުގެ ސަބަބުން މިއަދު އަހަރެމެން އެންމެން މިތިބީ ވަކިވެފައި.”
މަރިޔަމް ފޯނު ބޭއްވިއެވެ. އޭނާއަށް ވިސްނުނީ ދަރިންނަށް މާ ބޮޑަށް ލޯބިދީ، އެކުދިން ކުރާ ކޮންމެ ކަމަކީ ރަނގަޅު ކަމެއް ކަމަށް ދެކުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމެވެ. ހައްދެއް ނެތް ލޯތްބަކީ ބައެއް ފަހަރު އަމިއްލަ ނަފުސަށާއި މުޅި އާއިލާއަށް ވިހައަކަށް ވެދާނެ ކަމެވެ.
އެދުވަހަށްފަހު، މަރިޔަމާއި ސާރާގެ ގުޅުން ކުރީގެ ގޮތަކަށް ނުއޮތެވެ. މަރިޔަމް ސާރާ ބަލައިބޮޑުކުރިއެވެ. ނަމަވެސް އެ ދެމެދުގައި އޮތް އެކުވެރިކަމާއި އިތުބާރު ވަނީ ނެތިފައެވެ. ސާރާއަށް އޭނާގެ ކުށް އިޙްސާސްވީ ނަމަވެސް، ގެއްލިގެން ދިޔަ ވަގުތުތަކާއި ހަލާކުވި ގުޅުންތައް އަލުން އިއާދައެއް ނުކުރެވުނެވެ.
މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ތެރެއިން މަރިޔަމް ހިނގަމުން ދިޔައިރު، އޭނާގެ ހިތުގައި އޮތީ އެންމެ ސުވާލެކެވެ. “އަހަރެންގެ ލޯބިން ސާރާ ހަލާކުކުރީތަ؟ ނޫނީ ސާރާގެ ލޯބިން އަހަރެންގެ ދިރިއުޅުން ހަލާކުކުރީތަ؟” މިއީ ވަރަށް ގިނަ މައިންބަފައިންނަށް ކުރިމަތިލާން ޖެހޭ ހިތްދަތި ހަޤީޤަތެކެވެ. ލޯބިވާންވާނީ ވަކި ހައްދެއްގެ ތެރޭގައެވެ. ހައްދުން ނެއްޓުމުން ކޮންމެ އެއްޗަކީވެސް ނުރައްކަލެކެވެ.
(ނިމުނީ)
