ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ދަޢުވަތު – ކުރު ވާހަކަ

” އަހަރެންނަށްވުރެ ބޮޑަށް ލަތާފާ ދެކެ ލޯބިވާ އެއްވެސް މީހެއް ނުހުންނާނެ. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ކަން އޮތް ގޮތަކީ މިއީ. މީހުންނަށް ކަންދައްކަން، ކަންކަން ހާސިލުކުރަން މޮޅު އެކްޓް ދެއްކިދާނެ. ބައިވަރު ފައިސާ ހަރަދުކޮށް ބައިވަރު ކަންކަން ކުރެވި ވެސް ދާނެ. އެކަމު އެއީ ހުސް ފޭކް. އަހަރެން ގަބޫލެއް ނުކުރާނަން. އެއީ ހުސް ދެއްކުންތެރިކަން …. ބޭނުން ކަންތައް ހަމަ ވާއިރަށް ރައްކާވާނެ. ” ކެންޓީން ތެރޭގައި އިނދެގެން ވާހަކަ ދައްކަމުންދިޔަ މަކީން ވަށައިގެން ހޯދާލިއެވެ. އޭނާ ދައްކާ ވާހަކަ އަޑު އިވޭ ހިސާބުގައި އިތުރު މީހަކު ހުރިތޯ ޔަގީން ކޮށްލި ކަހަލައެވެ.

” ބުރޯ! ކަލޭ ހޭލަ ބަލަ. މިއީ ދޮންހިޔަލަ އާއި އަލިފުޅު، ސީރީން ފަރުހާދު، ރޯމިޔޯ އެންޑް ޖޫލިއަޓް އުޅުނު ޒަމާނެއް ނޫން. ތިބުނާ ޒާތުގެ ލޯބިވެރިންނެއް، އެމީހުނަށްޓަކައި މަރުދަންޖެހޭ ވަރަށް ލޯބިވާ މީހުނެއް މިހާރު ނޫޅޭނެ … ތިޔަ ޚިޔާލު ދޫކޮށްލާފަ އެހެން ކޮންމެވެސް ކަމަކާ އުޅޭ. ކާބަފައިންގެ ޒަމާން ދޫކޮށް މިޒަމާނަށް ބަދަލުވެބަލަ. ” ޝާދިން މަސައްކަތްކުރީ މަކީނަށް ވިސްނައި ދެވޭތޯ އެވެ. އޭނާ އެ ހާލުން ސަލާމަތް ކޮށްދެވޭތޯ އެވެ.

މިއަދު ވެސް ވީ އެހެން ދުވަސް ދުވަހު ވާހެންނެވެ. ޝާދިން ދެއްކި އެއްވެސް ވާހަކައެއް މަކީން ގަބޫލެއް ނުކުރިއެވެ. ގަބޫލުކުރާކަށް އޭނާ ބޭނުމެއް ވެސް ނުވިއެވެ. ކޮފީ ނިންމާލަން ޖެހުނީ އެއްގަލަކަށް ނޭރިއެވެ.

ދެ ދުވަހަކަށް މާލެ ޖައްސާލަން މަކީން ނިންމީ ކޮންމެހެން ވެސް ގަނެލަން ޖެހޭ ބައެއް ތަކެތި ހުރުމުން އަމިއްލައަށް ބަލާފައި ތަކެތި ގަންނާށެވެ. ތިމާ ބޭނުންވާ އެއްޗެއް ގަންނަން ތިމާއަށް ދެވޭނަމަ އެންމެ ރަނގަޅީ އެގޮތެވެ.

ދުވަހުގެ ހެނދުނު ވަގުތެވެ. މާލެ ދާން އޮތް ލާންޗަށް ރަށުން އެރީ މަކީން އާއި އެހެން މީހަކާއި ދެމީހުންނެވެ. ވާ މޮހާލައި ތޮށިގަނޑާއި ފެއަށް ޖައްސާލި ފަހުން ކުއްލިއަކަށް ލާންޗު ގާތްކޮށްލިއެވެ. ވީ ކީއްތޯ ބަލަން ބައެއް މީހުން އުޅެގަތް ގޮތުން މަކީން ވެސް ބޭރު ބަލާލިއެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތި ނަމަވެސް ގަބޫލުނުކޮށް ވާކަށް ނެތެވެ.

ލާންޗަށް އެރީ ލަފާތާ އާއި އޭނާގެ ބައްޕަ ވަދީފް އެވެ. ލާންޗުގައި ހުރީ ހުސް ދެ ޖާގަ އެވެ. ދެ ތަނެއްގައި ދެ ޖާގަ ހުރިއިރު، ހުސް ހުރި ކޮންމެ ޖާގައަކާއި ޖެހިގެން އިނީ ފިރިހެނެކެވެ. އެތަނުން އެއް ޖާގައިގަ އިނީ މަކީން އެވެ.

ހިނިތުންވެލަމުން ކުރިޔަށް އައި ލަތާފާ އިށީނީ މަކީން އާ ޖެހިގެން އިން ޖާގައިގަ އެވެ.

ގުޅާގުޅާ ފޯނެއް ނުނެގި އެވެ. މެސެޖް ކޮށްކޮށް އަތް ވާޅުވީއިރު ވެސް މެސެޖައް ޖަވާބެއް ނުދިނެވެ. ސީދާ ކުރިމައްޗަށް އަރައި ވާހަކަ ދެއްކި ކޮންމެ ފަހަރަކަށް މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އަތުގައި ހިފުނީ ކެތްތެރިކަން ކޮޅުން ލުމުންނެވެ. ނަޖިހެއް އަތުގައި އުނގުޅުމުން ދަމައިގަތްހެން އަތް ދަމައި ގަތެވެ. ދުވަހަކު ވެސް ގައިގާ އަތްލައިގެން ނުވާނެއޭ ބުނީ ރުޅިއާއި ނަފްރަތުން ފުރިގެންވީ ބެލުމަކުން ބަލައި ލަމުންނެވެ.

ކަމެއް ވާނޭ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ. މިއަދާއި ޖެހެން ދެން އެ ހުރިހާކަމެއް ތަކުރާރު ވޭވެ ހުއްޓެވެ.

އަމާން އޮމާން ފެށުމުން ދަތުރު ފެށުނެވެ. ދުޢާއަކީ އެގޮތުގައި ދަތުރު ނިމުމެވެ.

މަކީންއާ ޖެހިގެން ލަތާފާ އިންއިރު އެއިން އެއްވެސް ކަމެއް އޭނާ ހަނދާން ނެތް ކަހަލަ އެވެ. އެދެމެދުގައި ދުވަހަކު ވެސް ކަމެއް ހިނގާފައި ނުވެސް ވާ ކަހަލަ އެވެ.

މޫސުމަށް ބަދަލު އައީ ކުއްލި އަކަށެވެ. ވިދާ ގުގުރައި އޮއްސާލި ބޯ ވާރޭއާއެކު ވައި ބާރުވެ ކަނޑު ގަދަވިއެވެ. އަންހެން ވެރިންނާއި ކުޑަކުދިން ރޮއިގަތެވެ. ކޮންމެ މީހަކު އެމީހެއްގެ މީހަކަށް އެހީތެރިވެވޭތޯ އުޅެގަތް ވަގުތު މަކީންގެ އަތުގައި ލަތާފާ ހިފިއެވެ. ހަނދާނެ ގޮތް ހުސްވެ ހަތަރު އުދެރެސް ފެނިޖެހިފައިވާ ފަދައަކުން ބަލާލި ލަތާފާގެ ލޮލުން ފާޅުވީ އާދޭހުގެ ކަރުނަ އެވެ. ގޮތް ހުސްވެފައިވާ ކަމުގެ އަލާމާތް ތަކެވެ.

އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައި ހުރި ވަދީފް އުޅުނީ އޭނާގެ ހާލާއިގެންނެވެ. އެހެން މީހަކަށް އެހީތެރިކަން ދެވޭ ވަރަށް ވުރެ އޭނާގެ ހާލަތު ގޯހެވެ.

ލަތާފާ ގެނެސް ގައިގާ ޖައްސާލަމުން މަކީން ހިތްވަރު ދިނެވެ. އެއް އަތުން އޭނާގެ އަތުގައި ހިފާލަމުން އަނެއް އަތުން ކޮނޑުގައި ހިފަހައްޓާލައި އޭނާއާއެކު މަކީން ހުރިކަން އަންގައި ދިނެވެ.

ނަސީބު ރަނގަޅު ކަމުން މާގިނައިރެއް ނުވެ މޫސުމް ރަނގަޅު ވިއެވެ. މީހުންތައް ހަމަޖެހި ރުއިމާއި އާދޭހުގެ އަޑުތައް ކެނޑުނެވެ.

ލަތާފާގެ ކޮނޑު ދޫކޮށްލައި މަޑުމަޑުން އޭނާއާ ދުރައް ޖައްސާލި ނަމަވެސް، މަކީންގެ އަތުން ދޫކޮށްލާކަށް ލަތާފާ ބޭނުމެއް ނުވިއެވެ. އެއަތުގައި އޭނާ ހިފީ ދުވަހަކު ވެސް ދޫކޮށްނުލާ ގޮތަށް ކަހަލަ އެވެ.

ދަތުރު ކުރިޔަށް ދިޔައެވެ. އެ ހުރިހާ މަންޒަރެއް ވަދީފް ބަލަމުން ދިޔަކަން މަކީންއަށް އެނގެއެވެ. އެނގޭ ކަމަށް ނުހަދާ އޭނާ އިނީ ގަސްދުގައެވެ.

ދެގަޑިއެއްހާއިރުގެ ދިގު ދަތުރަކަށްފަހު، އަމާން އޮމާން ކަމާއިއެކު މާލެ އާދެވުނެވެ.

ލާންޗުން ފައިބާން މަކީންގެ އެހީތެރިކަމަށް ލަތާފާ އެދުނެވެ. އެފަދަ ފުރުސަތަކަށް ފެން ބޮވައިގެންފައި ހުރި މަކީން އެކަން ކޮށްދިނީ އުފަލުންނެވެ.

ދާނެ ވަކިތަނެއް ނެތެވެ. ކުރަން ހުރި މަސައްކަތް ވެސް ފެށޭނީ ފިހާރަތައް ހުޅުވީމަ އެވެ. ފިހާރަތައް ހުޅުވަން އަދި ގަޑިއެއް ހާއިރު އެބައޮތެވެ.

އެއްގަމާއި ދިމާއަށް ހިނގައިގަތް މަކީން ހުއްޓުނީ މީހަކު ގޮވާލުމުންނެވެ. އަޑާއިމެދު ޝައްކު އުފެދުނަސް ބަލާ ނުލައި ވާކަށް ނެތެވެ.

ހާބަރު ސަރަހައްދުގައި ހުރި ކެފޭތަކާއި ދިމާއަށް މިސްރާބު ޖަހާފައިވާ ލަފާތާ އާއި ވަދީފު ތިބީ މަކީންއަށް ބަލާށެވެ. ހިނގުން މަޑުކޮށްލައި އެމީހުނާއި ދިމާއަށް ބަލާލުމާއިއެކު ސައިބޯން އަންނާށޭ ލަތާފާ ބުންޏެވެ. ވަދީފް އެދުނީ އެމީހުނާއި ބައިވެރި ވެލުމަށެވެ. ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރަމުން، ކުރިން ވެދިޔަ ކަންތައްތައް ހަނދާން ނައްތާލާށޭ ވެސް ބުންޏެވެ.

މަކީންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ހިތް ގޮވާލުމާއިއެކު ޢަމަލުން ވެސް އެކަމަށް ތާއިދު ކުރެވުނެވެ.

ސައިބޯން ތިބިއިރު ތިން މީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނު ނަމަވެސް މާ މުހިންމު ވާހަކައެއް ނުދެކެވެއެވެ. ދެކެވުނީ މާލެ އައި ބޭނުމުގެ ވާހަކަ އާއި ރަށަށް ދިއުމުގެ ކަންތައް އޮތް ގޮތުގެ ވާހަކަ ކަހަލަ އާންމު ދެތިން ވާހަކައެކެވެ. ވާހަކަ ދައްކަމުން ދިޔައިރު ވެސް ވަދީފަށް ސިއްރުން ނަމަވެސް ލަތާފާއަށް ބެލުން ފިޔަވާ އެހެން ކަމެއް މަކީނަކަށް ނުކުރެވުނެވެ.

ސައިބޯން މަޑުކުރާކަށް މާގިނަ ވަގުތެއް އެމީހުންނަކަށް ނުލިބުނެވެ. ޑޮކްޓަރަށް ދައްކަން ދާން ޖެހޭތީ ވަދީފު ބޭނުންވީ ގަޑި ޖެހުމުގެ ކުރިން ހޮސްޕިޓަލަށް ދާށެވެ.

ޝުކުރު އަދާކޮށް ބިލް ދައްކާލުމަށްފަހު އެމީހުން ހިނގައިގަތްއިރު ވެސް ލަތާފާއަށް ބަލަހައްޓައިގެން އިނުން ފިޔަވާ އެހެން ކަމެއް މަކީން އަކަށް ނުކުރެވުނެވެ. ދުށުމަށް އެދިއެދި ހުރި އެ ސޫރަ ގޮސް ލޯ ކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން އިން މަކީނަށް ހޭވެރިކަން ވީ ފޯނު ރިންގުވާން ފެށުމުންނެވެ.

އަވަސް އަވަހަށް ފޯނު ނަގަމުން ބަލައިލިއިރު ގުޅަނީ އޭނާގެ މަންމަ އެވެ.

މަންމައާ ވާހަކަ ދައްކަމުން ދައްކަމުން މަކީން ގޮސް އެތަނުން ނުކުތެވެ.

ކުރަން އައި މަސައްކަތް އެންމެ ބޭނުންވާ ގޮތަށް ނުވުމުން މަކީން މާލޭގައި މަޑުކުރިއެވެ.

ރޭގަނޑު ދިހައެއް ޖަހާކަން ހާއިރެވެ. ރައްޓެއްސަކާއިއެކު ކޮފީއެއް ބޮއިގެން ކެފޭއިން ނުކުތް މަކީން ގެސްޓްހައުސްއާ ދިމާއަށް މިސްރާބު ޖެހީ ޓެކްސީއެއްގަ އެވެ.

ކުއްލިއަކަށް އައި ވައިބަރ މެސެޖާއިއެކު މަކީންގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. ކުރިން ބުނި އެޑްރެސް ނޫން އެހެން ތަނަކަށް ގެންގޮސް ދިނުމަށް އެދުނެވެ.

ރަސްފަންނު ކައިރިއަށް ޓެކްސީ މަޑުކޮށްލުމާއިއެކު މަކީން ފޭބިއެވެ.

ފެނުނު މަންޒަރު ގަބޫލުކުރާކަށް މަކީނަށް ފަސޭހައެއް ނުވިއެވެ. ޔަގީން ކޮށްލުމުގެ ގޮތުން، ދެ ފަހަރަކަށް ލޯ ފޮހެލެވުނު އިރު ވަށައިގެން ހޯދާ ވެސް ލެވިއްޖެއެވެ. ހިނިތުންވުމާއިއެކު މަކީނަށް ބަލަހައްޓައިގެން ހުރި ލަތާފާ ހަނާ އަޅާލިއެވެ.

ލަތާފާ އާއި މަކީން ވާހަކަ ދައްކަން މަޑުކޮށްލައިގެން ތިބީ ރަސްފަންނުގައިވާ ޖޯލިފަތިތަކުން ޖޯލިފައްޗެއްގަ އެވެ. މައާފަށް އެދެމުން ވާހަކަ ދައްކަމުންދިޔަ ލަތާފާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. މަކީން ކިތަންމެ ހިތްވަރެއް ދިން ނަމަވެސް، އެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މަކީނާއި މެދު އޭނާއަށް ކަންތައް ކުރެވިފައި ވަނީ ރަނގަޅަކަށް ނޫނެވެ. މައާފަށް އެދިއެދިފައި ލަތާފާ ތަކުރާރުކޮށް ކުށް ކުރެވުނީ އޭނާއަށް ކަމަށް ބުނަމުން ދިޔައެވެ.

” މިތަނުގައި ތިއްބާ ދަންނަ މީހަކަށް ފެނިއްޖެއްޔާ ރަށުތެރޭ ވަރަށް ވާހަކަ ދައްކާނެ. ހިނގާ ދާން ރޫމަށް … މަކީން އެކަންޏެއްނު އެތާ ހުންނަނީ. ” ލަތާފާ ބޭނުންވީ އެހެން އެންމެންގެ ލޯތަކަށް ސިއްރުން ބައްދަލު ކުރާށެވެ. އެ ދެމެދުގައި އެއްވެސް ގުޅުމެއް ހިނގި ނަމަ އެންމެންގެ ލޯތަކަށް ސިއްރުން އެކަމެއް ހިނގާށެވެ.

” އޭރުން ދެން … ” ލަތާފާ، މަކީންއާ ގާތްވެލިއެވެ. ހިނިތުން ވެލަމުން މަކީންގެ ގައިގާ ބައްދާލައި ލޯބި ކޮށްލިއެވެ.

ލިބުނު ފުރުސަތާއިއެކު މަކީން ވެސް ލަތާފާގެ ގައިގާ ބައްދާލި އެވެ. ލިބުމަށް އެދިއެދި ހުރި ފުރުސަތު ލިބުމާއިއެކު މަކީންގެ ހިއްސުތައް އެހެން ލެވެލް އަކަށް ދަތުރުކުރިއެވެ. އަތާއި ތުންފަތަށް އައި ހަރަކާތް ހުއްޓުވަން ލަތާފާއަށް މަޖުބޫރު ވިއެވެ.

” ބައިވަރު މީހުން އެތިބި ބަލަން … ބޭނުމިއްޔާ ހިނގާ ރޫމަށް. އޭރުން … ” މަކީންގެ އަތު ހިފައިގެން ލަތާފާ ހިނގައިގަތެވެ.

ފޯނު ރިންގުވާން ފެށުމުން ފޯނު ނަގައި ބަލާލި ލަތާފާގެ މޫނުމައްޗަށް ހިތްހަމަ ނުޖެހުން ވެރިވީ ކުއްލި އަކަށެވެ. ކުދި ކިޔަމުން ފޯނަށް ޖަވާބު ދިނުމާއިއެކު، ގުޅާނެ ކަމަށް ބުނަމުން ހޮސްޕިޓަލާއި ދިމާއަށް ހިނގައިގަތެވެ.

ރާކިން އާއި ލަތާފާގެ ކައިވެނީގެ ވާހަކަ ރަށުތެރެއަށް ފެތުރުނީ ކުއްލި އަކަށެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު، އެކަމާއި ސުވާލު އުފެއްދި ބަޔަކު ވެސް ތިއްބެވެ. އޭގެތެރެއިން ބައެއް މީހުން އެވާހަކަ ދެއްކިއެވެ. ރާކިންއާ ހަމައަށް ވެސް އެއަޑުތައް ދިޔައެވެ.

” ކަލެއާ މެދު މިހާރު މަށަށް ޝައްކު. އަސްލު ކަލޭ ތީ މަށަށް ހެޔޮ އެދިގެން ވާހަކަ ދައްކާ މީހެއް ނޫން …. ކަލޭ ތިޔަ އުޅެނީ މަ އޭނާއާ ކައިވެނި ކުރާތީ ޖޭ ވެގެން. ކުރިން މަށަށް ވީ ޝައްކު. އެކަމު … މިހާރު ޔަގީން ވެއްޖެ. ” ރާކިން ހިތްހަމަ އެއް ނުޖެހުނެވެ. ހިތަށް އައިހާ އެއްޗެއް ޝާދިންއާ ދިމާއަށް ގޮވާލީ ހިޔާލެއް ފިކުރެއް ނެތިއެވެ.

” އޯކޭ … ކަލޭ ބޭނުން ގޮތަކަށް ކުރިޔަށް ގެންދޭ … އަދި ބުނަން … ހަނދާން ކުރާތީ! ތިޔަ ކަންތަކުގެ އަސްލު އެނގޭ ދުވަހު މަ ކައިރިއަށް ރޮމުން ނާއްނާތި. ” ޝާދިން ތެދުވެގެން ހިނގައިގަތެވެ. އޭނާގެ ކިބައިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.

އެފަދައިން ޝާދިން ކަންތައް ކޮށްފާނެ ކަމަކަށް މަކީން ހިޔެއް ނުކުރެއެވެ.

ކުއްލި އަކަށް ރަށުތެރެއަށް ފެތުރުނު އަޑާއިއެކު އެންމެނަށް ލިބުނީ ހައިރާން ކަމެވެ. އެއްބަޔަކު އެވާހަކަ ގަބޫލު ކުރިއިރު އަނެއް ބަޔަކަށް އެވާހަކަތައް ގަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ. ދެކެވެމުންދިޔަ ވާހަކަތަކުގައި ކުދިކުދި ތަފާތު ހުއްޓަސް ވާހަކައިގެ އަސްލު އެއްގޮތެވެ. ހުރިހާ އެންމެންގެ ވެސް ޕޮއިންޓަކީ ލަތާފާ އެވެ.

ލަތާފާ އިނީ ރަށްމެދަށް ބަލިވެއެވެ. ސިއްހީމަރުކަޒުން ހެދި ޓެސްޓްތަކުން އެކަން ވަނީ ޔަގީން ވެފައެވެ. އެކަމާއި ދެކޮޅު ހަދަމުންދިޔަ ލަތާފާގެ އަނގަ މިހާރު ބެދިއްޖެ އެވެ.

ކަންކަން ހިނގައިދިޔަ ގޮތާއިމެދު މަކީންއަށް ވިސްނާ ލެވުނީ މިހާރު އެވެ. ލަތާފާ އިނީ ބަލިވެއެވެ. އޭނާ މަސައްކަތްކުރީ މަކީންގެ ބޮލުގައި އެކަން އަޅުވައި އެ ލަނދުން ސަލާމަތް ވާށެވެ. އަވަހަށް ކައިވެނިކޮށް އެދަރިއަކީ އޭނާއާ މަކީން ކައިވެނި ކޮށްގެން ލިބުނު ދަރިއެއްކަން ދުނިޔެއަށް ދައްކާށެވެ.

ވޭތުވެދިޔަ މަހެއްހާ ދުވަހު ކަންކަން ހިނގާފައިވާ ގޮތާއިމެދު ވިސްނާލުމުން މަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ. މާލެ ދާން ލާންޗަށް އެރި ހިސާބުން ފެށިގެން މިއަދާއި ހަމައަށް ވިސްނާލިއިރު، ލަތާފާ އެންމެ ބޮޑަށް މަސައްކަތް ކޮށްފައި ވަނީ އޭނާގެ އިޝްގީ މަސްތީ މަޅީގައި މަކީން ޖައްސާށެވެ. ވީހާ ވެސް މަކީންއާ ގާތް ވާށެވެ. މަކީން އޭނާއާ ގާތް ކުރުވައި އެހަށިގަނޑުގެ އަވާގައި ޖައްސާށެވެ. އެހެން މީހުންގެ ލޯތަކަށް ސިއްރުން ބައްދަލުވުންތައް ބާއްވާށާއި ކައިވެނި އަވަސް ކުރާށެވެ.

ހިތްހަމަ ނުޖެހުނު ނަމަވެސް، ގާތް އެކުވެރިންނާއި މަންމަ ދެއްކި ވާހަކަތައް އަޑު އެހުނީތީ މަކީން އުފާކުރިއެވެ.

ސަލާމާތްވާން ހުރި އަޅަކު ސަލާމަތް ވާނެއެވެ. ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ. ލަތާފާ އޭނާއަށް ދިން ދައުވަތުގެ ބޭނުން ފަޅާއަރައި އެކަމުން ސަލާމަތް ވީތީ، ޝުކުރު ދަންނަވަން ޖެހޭ ފަރާތަށް ޝުކުރު ދެންނެވުމަށް މަކީން އަވަސް ވިއެވެ.

ނިމުނީ

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top