ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިފޯން 18 އަށްވުރެ، 20 ވަނަ އަހަރީ އައިފޯނުގެ އިންތިޒާރު މާ ބޮޑު!

ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ މަގުބޫލު އެއް އުފެއްދުން ކަމަށްވާ އެޕަލް ކުންފުނީގެ އައިފޯނަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރުމަށް ތައްޔާރުވާ “20 ވަނަ އަހަރީ” އައިފޯނުގެ ވާހަކަތައް މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވާން ފަށާފައެވެ. ގިނަ ބަޔަކު ކުރިން އިންތިޒާރު ކުރަމުން އައި އައިފޯން 18 އަށްވުރެ، 2027 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ މި ހާއްސަ އައިފޯނަކީ މާ ފުރިހަމަ އަދި ބޮޑެތި ބަދަލުތަކެއް ފެންނާނެ ފޯނެއް ކަމަށް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ބުނަން ފަށައިފިއެވެ.

މި ޚަބަރުތައް ފެންމަތިވެފައިވަނީ ދުނިޔޭގެ ޓެކްނޮލޮޖީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުންނެވެ. އެޕަލް އިން އާންމުކޮށް ކޮންމެ 10 އަހަރަކުން އައިފޯނުގެ ޑިޒައިނަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެއެވެ. އެގޮތުން 2017 ވަނަ އަހަރު ނެރުނު “އައިފޯން އެކްސް” އަކީ އައިފޯނުގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް ނެރުނު ބޮޑު ބަދަލެކެވެ. މިހާރު ބެލެވޭ ގޮތުގައި 2027 ވަނަ އަހަރު ފާހަގަކުރާ 20 ވަނަ އަހަރީ މޮޑެލްގައި، އާދަޔާ ހިލާފު ތުނި ޑިޒައިނަކާއި، އެންމެ ފަހުގެ ޑިސްޕްލޭ ޓެކްނޮލޮޖީ ބޭނުންކުރާނެއެވެ.

އައިފޯން 18 އަކީ 2026 ވަނަ އަހަރު ބާޒާރަށް ނެރޭނެ ފޯނެއް ކަމަށް ލަފާކުރެވުނު ނަމަވެސް، ގިނަ މާހިރުން ބުނަނީ ހަގީގީ “ގޭމް ޗޭންޖަރ” އަކަށް ވާނީ އޭގެ ފަހުން އަންނަ 20 ވަނަ އަހަރީ މޮޑެލް ކަމަށެވެ. މީގެ ސަބަބަކީ އެޕަލް އިން އެ ކުންފުނީގެ ތާރީޚީ މުނާސަބަތުތަކާ ދިމާކޮށް، މުޅި މާކެޓް ހައިރާންކޮށްލާ ފަދަ އުފެއްދުންތައް ތައާރަފުކުރުމަށް އަބަދުވެސް އިސްކަންދޭތީއެވެ.

މި އާ އައިފޯނާ ބެހޭގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް އެޕަލް ކުންފުނިން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ލީކުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު މި ފޯނަކީ އައިފޯނުގެ ތާރީޚުގައި ވެސް ފެންނާނެ އެންމެ ތަފާތު ފޯނަށް ވާނެއެވެ. ޓެކްނޮލޮޖީއަށް ލޯބިކުރާ ދިވެހިންނާއި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި ފަރާތްތަކުން މިހާރުވެސް ތިބީ މި އާދަޔާ ހިލާފު ބަދަލަށް އިންތިޒާރުކޮށްގެންނެވެ.

20 ވަނަ އަހަރީ ފޯނުގައި ހުންނާނެ ކަމަށް ބުނާ ބައެއް ފީޗާތައް

އިންސްޓަންޓް ޑިޖިޓަލްއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެޕަލް އިން އައިފޯނުގެ އަރިމަތީގައި ހުންނަ ފިިތްތަކާއި، އަޑު މަޑުކޮށް ގަދަކުރާ ފިތްތަކާއި، އެކްޝަން ބަޓަންގެ އިތުރުން ކެމެރާ ކޮންޓްރޯލް ބަޓަންގެ ބަދަލުގައި ‘ހެޕްޓިކް ފީޑްބެކް’ (އިނގިލި ޖައްސާލުމުން ފިތަކަށް ފިތާލެވޭ ފަދަ އިހުސާސެއް ކުރެވޭ ޓެކްނޮލޮޖީ) ބޭނުންކުރަން ވަނީ ނިންމާފައެވެ.

ބޯޑަރު ނުވަތަ ފްރޭމް ނެތް ފޯނެއް އުފެއްދުމުގެ ތަޞައްވުރު
މި އައު ‘ސޮލިޑް-ސްޓޭޓް’ ބަޓަން ސިސްޓަމަކީ އެޕަލްގެ ‘ބޯޑަރލެސް’ ނުވަތަ ފްރޭމް ނުހިމެނޭ ފޯނެއް އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ބޭނުމަކީ އައިފޯނުގެ ހަތަރު އަރިމަތިން ފެށިގެން ސްކްރީން ބޭރަށް ލެނބިފައި ހުންނަ ގޮތަށް ފަރުމާކޮށް، މުޅި ފޯނަކީ އެއްވެސް ތަނަކުން ކަނޑާފައި ނުވާ، އޮމާން ބިއްލޫރިގަނޑެއް ފަދަ އެއްޗަކަށް ހެދުމެވެ. މިފަދަ ބަޓަންތަކުގެ ސަބަބުން ފޯނުގެ ބޭރުފުށުން އެއްވެސް އުސްމިނެއް ނުވަތަ ލޯވަޅެއް ފެންނާކަށް ނުހުންނާނެއެވެ.

މިއީ އައިފޯނަށް މިފަދަ ބަޓަންތަކެއް އަންނާނެ ކަމަށް އަޑުފެތުރޭ ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު، ‘ޕްރޮޖެކްޓް ބޮންގޯ’ ގެ ދަށުން އައިފޯން 15 ޕްރޯއަށް މި ބަދަލު ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، ފަހު ވަގުތު އެ މަޝްރޫއު ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން އައިފޯން 16 ޕްރޯއަށް މި ބަދަލު ގެންނަން އުޅޭ ކަމުގެ ޚަބަރުތަކެއް ފެތުރުނު ނަމަވެސް، އެކަން ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ދެން ހިމެނިދާނެ ކަމަށް ބެލެވޭ ފީޗާތައް
އިންސްޓަންޓް ޑިޖިޓަލް އިން ވަނީ 2027 ވަނަ އަހަރު ނެރޭ ފޯނުގައި ހިމެނޭނެ ކަމަށް ބެލެވޭ އިތުރު ބައެއް ފީޗާތައް ވެސް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ‘ޑުއަލް ލޭޔަރ އޯ.އެލް.އީ.ޑީ’ ސްކްރީނާއި، ސްކްރީންގެ ދަށުގައި ފޮރުވިފައިވާ ފޭސް އައިޑީ އާއި ކުރީ ކެމެރާ، 6,000mAh ގެ ބޮޑު ބެޓެރީއެއް، ސްކްރީންގެ ދަށުން އަޑު އިވޭ ‘އަންޑަރ-ޑިސްޕްލޭ އޯޑިއޯ’، ވަޔަރލެސްކޮށް އެހެން ޑިވައިސްތައް ޗާޖުކުރެވޭ ‘ރިވާސް ވަޔަރލެސް ޗާޖިންގ’، އަދި އައު ޖީލުގެ ‘ސެރަމިކް ޝީލްޑް’ ހިމެނެއެވެ. ނަމަވެސް މިއީ ސަޕްލައި ޗެއިންގެ މަޢުލޫމާތެއްގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ކަމެއް ނުވަތަ ހަމައެކަނި ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް ކަމެއް އަދި ސާފެއް ނޫނެވެ.

މެކްރޫމާސް އިން ފާހަގަކުރާ ގޮތުގައި، ‘އިންސްޓަންޓް ޑިޖިޓަލް’ އަކީ މީގެ ކުރިން ވެސް އެޕަލްގެ އުފެއްދުންތަކާ ބެހޭ ސައްހަ މަޢުލޫމާތު ހިއްސާކޮށްފައިވާ އިތުބާރު ހުރި ފަރާތެކެވެ. އައިފޯނުގެ 20 ވަނަ އަހަރީ ދުވަހާ ދިމާކޮށް ނެރޭ މި ޚާއްޞަ ފޯނު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މިއީ 2007 ވަނަ އަހަރު އެންމެ ފުރަތަމަ އައިފޯން ތައާރަފުކުރި ފަހުން ފުރޭ ދެ އަހަރު ދުވަހެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top