އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަން ލީގުގައި ބ. އޭދަފުށި ބަލިކޮށް ހދ. ހަނިމާދޫ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
މިއަދު ކުޅެވުނު މި ރީޖަންގެ ފަސްވަނަ މެޗު ކުޅެވުނީ ހަނިމާދޫގައެވެ.
މެޗު ފަށައިގެން މާގިނައިރެއް ނުވެ އޭދަފުށިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ފުރަތަމަ އުފެއްދި އެޓޭކްގައި އޭދަފުށްޓަށް މި ލަނޑު ޖަހައިދިނީ އިބްރާހީމް ޝަރީފްއެވެ. ދެވަނަ މިނިޓްގައި އޭދަފުށިން ކާމިޔާބުކުރި މި ލަނޑަކީ ހަނިމާދޫގެ ޑިފެންޑަރުންނަށް ސާފުކޮށް ނުލެވުނު ބޯޅަ އޭރިޔާ ތެރެއިން ހޯދައި ކީޕަރު ކައިރިން ތިރިތިރިން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނަ ކާމިޔާބު ކުރި ލަނޑެކެވެ.
އޭދަފުށިން ޖެހި ލަނޑާއިއެކު އެ ޓީމުން މެޗު ޑޮމިނޭޓްކުރި ނަމަވެސް، ހަނިމާދޫން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދައިފައެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު އޭދަފުށްޓަށްވުރެ ރަނގަޅަށް ކުޅުނީ ހަނިމާދޫންނެވެ. ހަނިމާދޫން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އޭދަފުށީގެ އޭރިޔާ ބޭރުން ހަނިމާދުއަށް ލިބުނު ފްރީކިކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލަން މަސައްކަތްކުރި ބޯޅަ ގޯލު ހުރަސްކޮށް ފަހަތަށް ދިޔަ ވަގުތު އެ ޓީމުގެ ކުޅުންތެރިއަކު ވަނީ ބޯޅަ ހޯދައި ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލައިފައެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވައިލީ އެވަގުތު ގޯލު ކުރިމަތީ ހުރި އެ ޓީމުގެ 5 ނަންބަރު މުޙައްމަދު ޚާލިދެވެ.
ފުރަތަމަ ހާފު ނިމުނީ މި ލަނޑާއިއެކު 1-1 އިން އެއްވަރުވެގެންނެވެ.
މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި ކޮންމެހެން ވެސް މޮޅެއް ހޯދަން ޖެހިފައިވާ މި މެޗުގައި ދެ ޓީމުން ވެސް ކުޅުނީ ވަރަށް ބޮޑަށް އެޓޭކަށް އިސްކަންދީގެންނެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑެއް ޖެހުމަށް ދެ ޓީމުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.
ފަހަތުން އަރައި ހަނިމާދޫން މޮޅުވި މި މެޗުގައި އެ ޓީމުން ލީޑު ނެގީ 68 ވަނަ މިނިޓްގައެވެ. ހަނިމާދޫ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ މުޙައްމަދު ޒަޔާންއެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ އޭދަފުށިން ކުރި މަސައްކަތަށް ކާމިޔާބެއް ނުލިބި، މެޗު ނިމުނީ 2-1 އިން ހަނިމާދޫ މޮޅުވެގެންނެވެ. މި ނަތީޖާއާއިއެކު ހަނިމާދޫން ގުރޫޕްގެ އެއްވަނައަށް ޖެހިލީ 6 ޕޮއިންޓާއިއެކު ފައިދާ 5 ގޯލު ހަމަކޮށްގެންނެވެ.
މި ރީޖަންގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ މަނަދޫ އާއި ދިއްދޫއެވެ.
