ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ޕާކިސްތާނާއި ބަނގުލަދޭޝް އެވެ.
ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނާއިއެކު މުބާރާތުގެ ފުރަތަމަ މެޗަށް ނުކުތް ބަނގުލަދޭޝްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ޕާކިސްތާނު ކައިރީ އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކޭ ގޮތެއްނުވިއެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ފަހިކުރި ޕާކިސްތާނަށް ވެސް ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ޕާކިސްތާނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ޕާކިސްތާނުން ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ ގިނަ ހަމަލާތަކެއް ބަނގުލަދޭޝްގެ ކީޕަރު ދިފާއު ކޮށްފައި ވެސް ވެއެވެ.
ރީނދޫ ކާޑު ގިނަ މި މެޗުގައި، ކުޅުމުން ބޭރުގައި ޕާކިސްތާނުގެ ކީޕަރަށް ހަމަލާ ދިނުމުގެ ސަބަބުން ބަނގުލަދޭޝްގެ ކެޕްޓަނަށް ވަނީ ރަތް ކާރޑެއް ވެސް ދައްކައިފަ އެވެ.
ދޭތެރެއަކުން މެޗުގެ ކޮންޓްރޯލް ހޯދި ބަނގުލަދޭޝްއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ވެސް ހޯދައިފައެވެ. އެ ދެ ފުރުސަތު ވެސް ހުއްޓުވީ ޕާކިސްތާނުގެ ޑިފެންޑަރުންނެވެ.
ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅެމުންދިޔަ ބަނގުލަދޭޝްގެ ގޯލު ފޫއަޅުވާނުލެވުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނގުލަދޭޝްގެ ކީޕަރު އެމްޑީ ހަސަން މެހެދީ އެވެ.
މި މުބާރާތުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. މި މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި އަފްގާނިސްތާން އެވެ.
