ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިއްދޫއިން މަނަދޫ ވެސް ބަލިކޮށްފި
ފޮޓޯ: ދިއްދޫ ސްޕޯޓްސް ފޭސްބުކް ޕޭޖް

އެފްއޭއެމުން އިންތިޒާމްކޮށްގެން ބާއްވާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަނަލް ލީގުގައި ކުޅުނު ތިންވަނަ މެޗުން ވެސް ދިއްދޫ މޮޅުވެއްޖެއެވެ.

ކުރިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ދިއްދޫ މިއަދު ބައްދަލުކުރީ މަނަދޫއާއެވެ.

މި ރީޖަންގެ އެއްވަނަ ޓީމާއި ހަތަރު ވަނަ ޓީމުގެ މި ކުރިމަތިލުން އޮތީ ކެނދިކުޅުދޫ ދަނޑުގައެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް އެންމެ ފުރަތަމަ ލިބުނީ މަނަދޫ އަށެވެ. އެ ފުރުސަތުގެ ބޭނުން އެ ޓީމަކަށް ނުހިފުނެވެ.

މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނައިގަ ހަމަޖެހިލަން، މެޗަށް ނުކުތް ދިއްދޫން ވަނީ 20 ވަނަ މިނިޓްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ. މަނަދޫ ކުޅުންތެރިއަކު އެ ޓީމުގެ ހާފު ތެރެއިން ޖައްސާލި ޕާސް ހޯދައިގެން އޭރިޔާ ތެރެއަށް ވަދެ، އޭނާ ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ދިއްދޫއަށް މި ލަނޑު ޖަހައިދިނީ ޔޫސުފް އަފުލްއެވެ.

ދިއްދޫން ލަނޑެއް ޖެހި ނަމަވެސް މަނަދޫން އައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސް ކުރަމުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެވެ. އިތުރު ލަނޑެއް ޖެހުމަށް ދިއްދޫން މަސައްކަތް ކުރަމުން ދިޔައިރު، މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަނަދޫން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ހާފެކޭ އެއްފަދައިން ދެވަނަ ހާފުގައި ވެސް ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތުތައް ދެ ޓީމުގެ ކުޅުންތެރިން އަތުން ވެސް ވަނީ ބޭކާރުވެގެން ގޮސްފައެވެ.

ދިއްދޫން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. ހާފުގެ މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން އައިސް އޭރިޔާ ބޭރުން ތިރިތިރިން ބެނާޑް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ މަނަދޫ ޓީމުގެ ކީޕަރުގެ އަތްދަށުން ކަހަލަ ގޮތަކަށެވެ.

2-0 އިން މި މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއިއެކު ދިއްދޫން ވަނީ ނުވަ ޕޮއިންޓް ހޯދައިފައެވެ.

މި ރީޖަންގެ މެޗެއް ދެން އޮންނާނީ 13 ވަނަ ދުވަހުއެވެ. އެ މެޗުގައި ބައްދަލު ކުރާނީ އޭދަފުށްޓާއި ހަނިމާދޫއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top