ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި މިހާރު ކުރިޔައްދާ، އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިޕް 2026” ގެ ބާރަވަނަ މެޗުން މާޒިޔާ މޮޅުވެ ފައިނަލް ދެ ޖާގައިގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.
މިހާތަނަށް ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، ލީގު ބުރުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ދެވަނައިގައި އޮތް އޮޑި ސްޕޯރޓްސް ކުލަބަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ފައިދާ އެކާވީސް ލަނޑު މާޒިޔާއަށް ލިބިފައިވާއިރު، އޮޑީގެ ފައިދާ ލަނޑަކީ 11 އެވެ. ތިންވަނައިގައި އޮތް ނިއުރޭޑިއަންޓަށް 8 ޕޮއިންޓް ލިބިފައިވާއިރު، މި ތިން ޓީމު ފިޔަވާ އެހެން ޓީމަކަށް ފައިނަލަށް ދިއުމުގެ ފުރުސަތެއް ނެތެވެ.
ކޮންމެ ޓީމަކަށް އެއް މެޗު ކުރިޔަށް އޮތްއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި ބުރު ސްޕޯރޓްސް ކުލަބެވެ. އެ މެޗުން، ދެ ލަނޑުގެ ތަފާތުން ނިއުރޭޑިއަންޓް މޮޅުވެއްޖެނަމަ، އެ ޓީމަށް އެގާރަ ޕޮއިންޓާއި ފައިދާ 12 ލަނޑު ހަމަވާނެއެވެ.
ދެވަނަ މެޗުގައި ބައްދަލުކުރާނީ ކެޔޮދޫ އާއި ޓީސީ ސްޕޯރޓްސް ކުލަބެވެ. ލީގު ބުރުގެ އެންމެ ފުލުގައި މި ވަގުތު އޮތް ޓީސީ، މި މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގު ބުރުގެ ފަސްވަނައިގައި ނިންމާލުމުގެ ފުރުސަތު ލިބޭނެއެވެ.
ތިންވަނަ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ އާއި އޮޑިއެވެ. މި މެޗު އެއްވަރުވެއްޖެނަމަ، މި ދެ ޓީމުގެ ޕޮއިންޓް ނިއުރޭޑިއަންޓާއި އެއްވަރުވާނެއެވެ. އެ ހާލަތުގައި ފައިދާ ލަނޑުގެ ތަފާތުން މާޒިޔާއަށް އެއްވަނަ އަދި ނިއުރޭޑިއަންޓަށް ދެވަނަ ލިބޭނެއެވެ. އެހެން ގޮތަކަށް މެޗުގެ ނަތީޖާ ނުކުމެއްޖެނަމަ، އެތަނުން މޮޅުވާ ޓީމަކަށް 13 ޕޮއިންޓާއިއެކު އެއްވަނަ އަދި ނިއުރޭޑިއަންޓަށް ދެވަނަ ލިބޭނެއެވެ.
އިއްޔެ ކުޅެވުނީ މުބާރާތުގެ 12 ވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ މާޒިޔާ އާއި ކެޔޮދޫއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކެޔޮދޫން ދެއްކި މޮޅު ކުޅުން، ފަހުން ކުޅުނު އެއްވެސް މެޗެއްގައި ނުދެއްކުނެވެ.
ފަސޭހަކަމާއިއެކު މާޒިޔާ ކާމިޔާބުކުރި މި މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމުން ލީޑު ނެގިއިރު، 22 ވަނަ މިނިޓްގައި އެ ލީޑު ފުޅާކުރިއެވެ. އަދި ފުރަތަމަ ހާފުގައި އިތުރު ތިން ލަނޑު ޖެހިއިރު، ފަހު ހާފުގައި ދެ ލަނޑު ޖެހިއެވެ.
މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މާޒިޔާގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން މި މެޗުގައި ވެސް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި މެޗުގައި އިލާން ޖެހި ހަތަރު ލަނޑާއިއެކު މި މުބާރާތުގައި މިހާތަނަށް އޭނާ ޖަހާފައިވާ ލަނޑުގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރަމުންދާ އޮޑި ސްޕޯރޓްސް ހުސައިން ޝުހާދު ޖަހާފައިވާ ލަނޑުގެ އަދަދަކީ 7 އެވެ.
7-0 އިން މާޒިޔާ ކާމިޔާބުކުރި މެޗުގައި މާޒިޔާއިން ޖެހި އަނެއް ތިން ލަނޑު ޖެހީ، އަނޫފް ޢަބްދުﷲ އާއި ނައްސާހް އިބްރާހީމް ނާސިރު އަދި ނަހީކު އަޙްމަދު ނިޔާޒެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާއަށް ހަތަރު ލަނޑު ޖަހައިދިން މުޙައްމަދު އިލާން އިމްރާންއެވެ.
