– “ހޮޓް ޖުޕިޓަރ” އަކާއި “މިނީ ނެޕްޓޫން” އެއް އެކުގައި ފެނިއްޖެ
ފަލަކީ ޢިލްމުވެރިންނަށް މީގެ ކުރިން ގަބޫލުކުރަން ދަތި، އާދަޔާ ހިލާފު ތަރީގެ ނިޒާމެއް (ސޯލާ ސިސްޓަމެއް) ނާސާގެ “ޓްރާންސިޓިންގ އެކްސޯޕްލެނެޓް ސަރވޭ ސެޓަލައިޓް” (ޓެސް) ބޭނުންކޮށްގެން ހޯދައިފިއެވެ. ދުނިޔެއާ ގާތްގަނޑަކަށް 455 އަލި އަހަރު ދުރުގައިވާ “TOI-1408” (ޓީއޯއައި-1408) ކިޔާ މި ތަރީގެ ނިޒާމުން ފެނިފައިވަނީ ފިޒިކްސްގެ ގާނޫނުތަކާއި ގްރަހީ ނިޒާމުތައް އުފެދޭ ގޮތުގެ ތިއަރީތަކާ ގޮންޖަހާލާ ފަދަ ދެ ޕްލެނެޓެކެވެ.
މި ހޯދުމުގައި ސައިންސްވެރިންނަށް ފެނިފައިވަނީ ވަރަށް ބޮޑު ގޭސް ޖަޔަންޓެއް ކަމަށްވާ “ހޮޓް ޖުޕިޓަރ” (ޓީއޯއައި-1408b) އެއްގެ ވަރަށް ކައިރީގައި، އޭގެ ބާރުގެ ދަށުގައި އޮތް މާ ކުޑަ “މިނީ ނެޕްޓޫން” (ޓީއޯއައި-1408c) އެކެވެ. މިއީ މިހާތަނަށް ފަލަކީ އިލްމުވެރިންނަށް ފެނިފައިވާ މިފަދަ އެންމެ އާދަޔާ ހިލާފު އެއް ނިޒާމެވެ.
މި ނިޒާމު ހާއްސަވާ ސަބަބަކީ، އާންމުކޮށް “ހޮޓް ޖުޕިޓަރ” ފަދަ ބޮޑެތި ޕްލެނެޓްތައް އެމީހުންގެ މައި ތަރިއާ ގާތަށް ދަތުރުކުރާއިރު، އޭގެ ވަރުގަދަ ދަމާބާރުގެ ސަބަބުން ކައިރީގައި ހުންނަ ކުދި ޕްލެނެޓްތައް ނިޒާމުން ބޭރުކޮށްލާތީއެވެ. އެހެންކަމުން، މިފަދަ ބޮޑު ޕްލެނެޓެއްގެ ގާތުގައި ކުޑަ ޕްލެނެޓެއް އޮތުމަކީ ނުވާނެ ކަމެއް ކަމަށް މީގެ ކުރިން ވަނީ ބެލެވިފައެވެ. ނަމަވެސް، ޓީއޯއައި-1408 ނިޒާމުގައި މި ދެ ޕްލެނެޓް އެކުގައި އޮތުމުން، ގްރަހީ ނިޒާމުތައް އުފެދޭ ގޮތާ މެދު ސައިންސްވެރިން ކުރިން ގެންގުޅުނު ތިއަރީތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ދިރާސާވެރިން ބުނެއެވެ.
މި ދިރާސާ ކުރިއަށް ގެންދިޔަ ޓީމުން ބުނާ ގޮތުގައި، މި ކުޑަ ޕްލެނެޓް (ޓީއޯއައި-1408c) އޮތީ އޭގެ ތަރިއާ މާ ބޮޑަށް ގާތުގައެވެ. އަދި ބޮޑު ޕްލެނެޓްގެ ދަމާބާރުގެ ތެރޭގައި މިހާ ގާތުގައި މިފަދަ ކުޑަ ޕްލެނެޓެއް ސަލާމަތުން އޮތުމަކީ ކާއިނާތުގެ އުފެދުމުގައި ހުރި ކުޅަދުންވަންތަކަމާއި ސިއްރުތައް ހާމަކޮށްދޭ ކަމެކެވެ.
މި ހޯދުމުގެ ސަބަބުން، އަހަރެމެންގެ އިރުގެ ނިޒާމުން ބޭރުގައިވާ އެހެން ތަރިތަކުގެ ނިޒާމުތައް އުފެދިފައިވާ ގޮތާއި، އެ ތަންތަނުގައި ޕްލެނެޓްތައް ދަތުރުކުރާ ގޮތް އިތުރަށް ދެނެގަތުމަށް އާ ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.
