ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަހިބަދޫ އާއި ކުޑަހުވަދޫ މެޗު އެއްވަރު
ފޮޓޯ: އެފްއޭއެމް ރީޖަނަލް ލީގު ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ އެފްއޭއެމް ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސެންޓްރަލް ރީޖަން ލީގުގައި މަހިބަދޫ އާއި ކުޑަހުވަދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ކުޑަހުވަދޫ ދަނޑުގައި ކުޅުނު މި މެޗަކީ މި ރީޖަންގެ 6 ވަނަ މެޗެވެ.

މެޗު ފަށައިގެން މާގިނައިރެއް ނުވެ މަހިބަދޫން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ.

ދެވަނަ މިނިޓްގައި މަހިބަދޫއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން އަލީ ސާލިމް އެވެ. ކުޑަހުވަދޫގެ ހާފުގެ މެދުތެރެއިން ސާލިމްއަށް ބޯޅަ ލިބުނުއިރު ކުޑަހުވަދޫގެ ކީޕަރު ހުރީ ގޯލްލައިން ދޫކޮށް ކުރިޔަށް ނިކުމެއެވެ. ބޯޅަ ހިފައިގެން ކުރިޔަށް ޖެހިލުމަށްފަހު، ސާލިމް މަތިމަތިން ފޮނުވާލި ބޯޅަ ގޮސް ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ ބޯ މަތިންނެވެ.

މަހިބަދޫން ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ކުޑަހުވަދޫން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ހަތަރުވަނަ މިނިޓްގައި ކުޑަހުވަދޫއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ޝަރުފާން އެވެ. މި ލަނޑަކީ ކުޑަހުވަދޫ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލާއި ދިމާއަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރި ވަގުތު، ބޯޅަ ދިފާއުކުރަން މަސައްކަތްކުރި މަހިބަދޫގެ ޑިފެންޑަރުން ފައި ދަށުން ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ހޯދައި، ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޝަރުފާން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރީތި ޕާސިންގެ ގޭމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި، އިތުރަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވިފައެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުން މޮޅުވެ ރީޖަންގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު މަހިބަދޫއަށް އޮތްއިރު، މި މެޗުން މޮޅުވެގެން ނޫނީ ރަނގަޅު ހިސާބަކަށް ދިއުމުގެ ފުރުސަތު ކުޑަހުވަދޫއަކަށް ނެތެވެ. އިތުރު ލަނޑެއް ޖެހޭތޯ ދެ ޓީމުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް މި ހާފުގައި ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ދިޔައެވެ.

1-1 އިން އެއްވަރުވި މި މެޗާއިއެކު މި ރީޖަންގައި ކޮންމެ ޓީމެއް ވަނީ 3 މެޗު ކުޅެފައެވެ. މިވަގުތު ޕޮއިންޓް ޓޭބަލް އޮތްގޮތަށް ބަލައިލާއިރު އެއްވަނައިގައި އޮތީ މީދޫއެވެ. ދެވަނައިގައި އޮތީ ހުރާއެވެ. 3 ވަނައިގައި އޮތް މަހިބަދޫ އާއި ހުރާއަށް އެއްވަރަށް ޕޮއިންޓް ލިބިފައިވި ނަމަވެސް ހުރާއަށް ދެވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. 2 ޕޮއިންޓާއިއެކު އޮތް ކުޑަހުވަދޫ އޮތީ ގުރޫޕްގެ ފުލުގައެވެ.

މި ރީޖަންގެ މެޗެއް ދެން އޮންނާނީ 13 ވަނަ ދުވަހުއެވެ. ދ. މީދޫ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ މީދޫ އާއި ހުރާ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top