އެފްއޭއެމްއިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ރީޖަން އަކީ ސެންޓްރަލް ރީޖަން އެވެ. މާލޭ ރީޖަންގެ ޗެމްޕިއަންކަން ބިސްބުރު ހޯދިއިރު ނޯތު ލީގު ޗެމްޕިއަންކަން ހއ. ދިއްދޫ ހޯދައިފިއެވެ. ސައުތު ލީގު ޗެމްޕިއަންކަމާއި ގައްދޫ އޮތީ ނުހަނު ކައިރީގައެވެ.
މި ރީޖަންގެ ދެ މެޗު މިއަދު ކުޅެވުނުއިރު، ކޮންމެ ޓީމަކަށް ދެން އޮތީ އެންމެ މެޗެކެވެ.
މިއަދު ހުރާ ދަނޑުގައި ކުޅުނު މެޗުގައި ބައްދަލުކުރީ މަހިބަދޫ އާއި ހުރާ އެވެ. މިއީ ރީޖަނަލް ލީގުގައި މި ދެ ޓީމު ބައްދަލުކުރި ދެވަނަ މެޗެވެ. ފުރަތަމަ މެޗު މަހިބަދޫ ދަނޑުގައި ކުޅެވިފައިވާއިރު، އެ މެޗު ކާމިޔާބުކުރީ މަހިބަދޫ އެވެ.
ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗަކީ، ރީތި ޕާސިންގް ގޭމެއް ފެނިގެންދިޔަ ހިތްގައިމު މެޗެކެވެ. ކުޅިވަރުގެ ރޫހާއިއެކު ދެ ޓީމުން ވެސް މޮޅުވާން މަސައްކަތްކުރި މެޗެކެވެ.
މި މެޗުން މޮޅުވެގެން ޗެމްޕިއަންކަމާއި ކައިރިއަށް ޖެހިލާން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް ނުކުތް ހުރާ ޓީމުގެ ފަރާތުން ފެނުނީ ވަރުގަދަ އެޓޭކިންގް ގޭމެކެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެ ހަމަލާތަކެއް ވެސް އެ ޓީމުން އުފެއްދިއެވެ.
ހުރާއިން ރަނގަޅަށް ކުޅެ ފުރުސަތުތައް ފަހިކޮށް، ބޭނުން ނުކުރެވި އުޅެނިކޮށް، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ހާފުގެ ކުރީކޮޅު މަހިބަދޫއަށް ވެސް ލިބުނެވެ. އެ ފުރުސަތުގެ ބޭނުން މަހިބަދޫއަށް ނުހިފުނުއިރު އޭގެ ފަހުން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ވެސް ނުހިފުނެވެ.
މަހިބަދޫއަށްވުރެ ރަނގަޅަށް ކުޅެމުންދިޔަ ހުރާއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 42 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ފައުޒާން އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލުމަށްފަހު މަތިމަތިން ފައުޒާން ފޮނުވާލި ބޯޅަ ގޮސް ވަނީ ގޯލްގެ ކަނަށެވެ.
ފުރަތަމަ ހާފު 1-0 އިން ހުރާ ކުރީގައި އޮވެގެން ނިމުނު ނަމަވެސް، ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ފުރުސަތުތަކެއް މަހިބަދޫއަށް ލިބުނެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ހުރާއިންނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދީ ވެސް ހުރާއިންނެވެ. ހުރާއިން ރަނގަޅަށް ކުޅުނު ނަމަވެސް ދޭތެރެއަކުން މެޗުގެ ކޮންޓްރޯލް ހޯދައި މަހިބަދޫ ވެސް ދިޔައީ ފުރުސަތުތައް ފަހިކުރަމުންނެވެ.
މެޗުގެ ދެވަނަ ލަނޑު ހުރާއިން ޖެހީ މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ. 87 ވަނަ މިނިޓްގައި ހުރާއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު މާއީސް މައުސޫމް އެވެ. ހުރާއަށް ލިބުނު ކޯނަރު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު މާއިސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލީ ވަރަށް ހުސްކޮށް ހުރެއެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ރީޖަންގެ އެއްވަނައަށް ހުރާ ޖެހިލީ 10 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ރީޖަންގެ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ކުޑަހުވަދޫ ދަނޑުގައި ބައްދަލުކުރާނީ ހުރާ އާއި ކުޑަހުވަދޫ އެވެ. އަދި މީދޫ ދަނޑުގައި ބައްދަލު ކުރާނީ މަހިބަދޫ އާއި މީދޫ އެވެ.
