ބޮލީވުޑްގެ ކާމިޔާބު ފިލްމު ސިލްސިލާ “ވެލްކަމް” ގެ ތިންވަނަ ބައި “ވެލްކަމް ޓު ދަ ޖަންގަލް” އިން، އެ ސިލްސިލާގެ ފުރަތަމަ ފިލްމުގެ އެންމެ މަޤުބޫލު ދެ ލަވަ ކަމަށްވާ “އޫންޗާ ލަމްބާ ކަޑް” އަދި “ވެލްކަމް” ގެ ޓައިޓަލް ޓްރެކް އަލުން އިވިގެންދާނެކަން ހާމަވެއްޖެއެވެ.
އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް ތައްޔާރުވަމުންދާ މި ފިލްމާ ގުޅޭގޮތުން ޚަބަރުތައް ބުނާގޮތުގައި، މި ދެ ލަވަ އަލުން އުފައްދަން ނިންމީ ބެލުންތެރިންގެ މެދުގައި އޮތް ފޯރި އިތުރުކުރުމަށާއި ކުރީގެ ހަނދާންތައް އާކޮށްދިނުމުގެ މަޤުސަދުގައެވެ. މި ފިލްމުގައި ޖުމްލަ 4 ނުވަތަ 5 ލަވަ ހިމެނޭއިރު، އޭގެ ތެރޭގައި މި ދެ ލަވައިގެ އިތުރުން ފިލްމަށް ޚާއްޞަކޮށް އުފައްދާފައިވާ އޮރިޖިނަލް ލަވަތައް ވެސް ހިމެނެއެވެ.
އަޙްމަދު ޚާން ޑައިރެކްޓްކުރާ މި ފިލްމަކީ ބޮޑު ކާސްޓެއް ފެނިގެންދާނެ ފިލްމެކެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރް، ސުނިލް ޝެޓީ، ޕަރޭޝް ރާވަލް، އަރްޝަދު ވަރްސީ، ޖޯނީ ލީވާ، ރާޖްޕާލް ޔާދަވް، ރަވީނާ ޓަންޑަން، ލާރާ ދައްތާ، ޖެކްލީން ފެނާންޑޭޒް އަދި ދިޝާ ޕަޓާނީ ހިމެނެއެވެ. މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ދޭލަރް މެހެންދީ އާއި މީކާ ސިންގް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތައް އަންނަ ހަފުތާގައި ފެށުމަށް އުފެއްދުންތެރިން ދަނީ ތައްޔާރުވަމުންނެވެ. ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު އަންނަ މި ފިލްމަކީ މަޖާ އަދި މުނިފޫހިފިލުވުމުގެ ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ. އަދި މީގެ އިތުރުން މި ފިލްމަކީ އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން 20 އަހަރަށްފަހު އެއް ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.
