ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ހަންސަލް މެހެތާގެ ކާމިޔާބު ފްރެންޗައިޒް “ސްކޭމް”ގެ ތިންވަނަ ސީޒަން “ސްކޭމް 3” ގެ މަސައްކަތް މާދަމާ، މެއި 13 ގައި ފެށުމަށް ނިންމައިފިއެވެ.
މި ފަހަރުގެ ސީޒަން ބިނާކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު “ސަހާރާ” ގްރޫޕްގެ ބާނީ ސުބްރަތާ ރޯއިގެ ޙަޔާތާއި، އޭނާގެ ވިޔަފާރީގެ ތެރޭގައި ހިނގާފައިވާ ބޮޑެތި މުއާމަލާތްތަކުގެ މައްޗަށެވެ. މި ސީރީޒްގައި ސުބްރަތާ ރޯއިގެ މައިގަނޑު ރޯލުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު ސިދާތު ބޮޑްކޭއެވެ.
މި މަޝްރޫޢާ ގުޅޭ ރަސްމީ އިޢުލާނެއް ސީރީޒްގެ އުފެއްދުންތެރިން ވަރަށް އަވަހަށް ކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. “ސްކޭމް 3” އަކީ އިންޑިއާގެ ތާރީޚުގައި ހިނގާފައިވާ ބޮޑެތި މާލީ އޮޅުވާލުންތަކުގެ މައްޗަށް ހަންސަލް މެހެތާ ތައްޔާރުކުރާ ސީރީޒްތަކުގެ ތެރެއިން ތިންވަނަ ބައެވެ.
މީގެ ކުރިން ނެރުނު “ސްކޭމް 1992: ދަ ހަރްޝަދު މެހެތާ ސްޓޯރީ” އަދި “ސްކޭމް 2003: ދަ ތެލްގީ ސްޓޯރީ” އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެހެންކަމުން، ސަހާރާ ގްރޫޕްގެ ވާހަކަ ގެނެސްދޭ މި އާ ސީޒަނަށް ވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. އިންޑިއާގެ ވިޔަފާރީގެ ދުނިޔޭގައި ނުފޫޒުގަދަ މީހެއްގެ ގޮތުގައި ފާހަގަކުރެވުނު ސުބްރަތާ ރޯއިގެ ވާހަކަ މި ސީރީޒްގައި ގެނެސްދޭނީ ވަރަށް ތަފުސީލީ ގޮތެއްގައި ކަމަށް ބެލެވެއެވެ.
