ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާއި ކާމިޔާބު ޑައިރެކްޓަރު އަނީސް ބަޒްމީ ގުޅިގެން އުފައްދާ އާ ފިލްމު، 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެނައުމަށް ނިންމައިފިއެވެ.
މަޝްހޫރު ޕްރޮޑިއުސަރު ދިލް ރާޖޫގެ “ސްރީ ވެންކަޓޭޝްވަރާ ކްރިއޭޝަންސް” އިން އުފައްދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 4 ޑިސެމްބަރު 2026 ގައެވެ. މިއީ އާއިލީ ކޮމެޑީއެއްގެ ގޮތުގައި ތައްޔާރުކުރާ ފިލްމެކެވެ.
މި ފިލްމަކީ ގާތްގަނޑަކަށް 15 އަހަރުގެ މެދުކެނޑުމަކަށްފަހު އަކްޝޭ އާއި އަނީސް ބަޒްމީ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މީގެ ކުރިން މި ދެ ފަންނާނުން ވަނީ “ވެލްކަމް” އަދި “ސިންގް އިޒް ކިންގް” ފަދަ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައެވެ. އެންމެ ފަހުން މި ދެމީހުން އެކުގައި މަސައްކަތްކުރީ 2011 ވަނަ އަހަރު ނުކުތް “ތޭންކް ޔޫ” ގައެވެ.
އަދި ނަން އިޢުލާނުކޮށްފައިނުވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ވިދްޔާ ބާލަން އާއި ރާޝީ ކަންނާ ފެނިގެންދާނެއެވެ. މީގެ އިތުރުން ރާޖްޕާލް ޔާދަވް، ވިޖޭ ރާޒް އަދި ސުދޭޝް ލެހެރީ ފަދަ ތަރިންވެސް މި ފިލްމުން ފެންނާނެއެވެ.
ފިލްމުގެ ޝޫޓިންގެ ބައެއް ކެރެލާގައި މިހާރު ނިންމާލާފައިވާއިރު، އަކްޝޭ ކުމާރް ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި ރީތި މަންޒިލެއްގައި ރަނގަޅު ޓީމަކާއެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
އަކްޝޭ ކުމާރްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 2026 ގެ ޖޫން މަހު ރިލީޒްކުރާ “ވެލްކަމް ޓު ދަ ޖަންގަލް” އާއި “ހައިވާން” ފާހަގަކޮށްލެވެއެވެ. އާ ފިލްމުގެ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ޕްރޮޑަކްޝަން ހައުސް އިން ބުނެއެވެ.
