ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ގުޅުމެއް ރަނގަޅު ނޫންކަން ހާމަކޮށްދޭ ނުރައްކާތެރި 5 ނިޝާނެއް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ގިނަ ފަހަރަށް އަހަރެމެންނަށް ސިފަކުރެވެނީ ފުރިހަމަ ގުޅުމަކީ އެއްވެސް މައްސަލައެއް ނުޖެހޭ، އަބަދުވެސް ލޯތްބާއި އުފާވެރިކަން އޮންނަ ގުޅުމެއްގެ ގޮތުގައެވެ. ނަމަވެސް، ހަޤީޤަތަކީ އެއްވެސް ގުޅުމަކީ ސައްތައިން ސައްތަ ފުރިހަމަ ގުޅުމެއް ނޫންކަމެވެ. “ރެޑް ފްލެގްސް” ނުވަތަ ނުރައްކާތެރި ނިޝާންތަކަކީ ހަމައެކަނި އެ ގުޅުމެއް ދޫކޮށްލަން ޖެހޭ ސަބަބުތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އެ ގުޅުމަކާ މެދު ފުންކޮށް ވިސްނާ، މަޝްވަރާކޮށް، ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ފުރުސަތުތަކެކެވެ.

ނަފުސާނީ ސިއްޙަތާ ބެހޭ މާހިރެއް ކަމަށްވާ އަނަންދިތާ ވަގާނީ ބަޔާންކުރައްވާ ގޮތުގައި، “ފުރިހަމަ” ކަމަށް ބެލެވޭ ގުޅުންތަކުގައި އާންމުކޮށް ފާހަގަނުވެ ހުންނަ ފަސް ކަމެއް ވެއެވެ. އެ ފަސް ކަމަކީ:

1 – ދެބަސްވުންތަކާއި މައްސަލަތައް އެއްގޮތަކަށްވެސް ނުޖެހުން

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ދެމީހުންގެ ދެމެދުގައި އެއްވެސް ވަރަކަށް ޒުވާބު ނުވަތަ ދެބަސްވުން ނުހިނގުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް، ދުޅަހެޔޮ ކޮންމެ ގުޅުމެއްގައިވެސް ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއް ހުރުމަކީ ތަބީޢީ ކަމެކެވެ. ތަފާތު ދެ މިޒާޖެއްގެ، ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާ ދެމީހެއްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުމަކީ ނުވެ ނުދާނެ ކަމެކެވެ. “އަހަރެމެންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހޭ” ކަމަށް ބުނާއިރު، ގިނަ ފަހަރަށް އޭގެ މާނައަކީ އެކަކު އަނެކަކަށްޓަކައި އަމިއްލަ އިޙުސާސްތައް ހިފަހައްޓައިގެން ހުރުމެވެ. މިއީ ސުލްޙަވެރިކަން ދެމެހެއްޓުމަށްޓަކައި އެކަކު އަމިއްލަ ނަފުސު ޤުރުބާންކުރުމެވެ.

2 – ގުޅުމަކީ ތިމާގެ މުޅި އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ކަމުގައިވުން

ލޯބީގެ ގުޅުމެއްގެ ފެށުމުގައި ދެމީހުން އެކަކު އަނެކަކަށް މުޅިން ހުސްވުމަކީ އާންމު ކަމެކެވެ. ނަމަވެސް، ވަގުތު ފާއިތުވަމުންދާއިރު ތިމާ ކުރިން ކުރަމުން އައި ކަންކަމާއި، އަމިއްލަ ޝައުގުވެރިކަން ދޫކޮށްލާ، ހުރިހާ ކަމެއްގައި “އަހަރެމެން” މި ބަސް ބޭނުންކުރަން ފެށުމަކީ ސަމާލުވާންޖެހޭ ކަމެކެވެ. ތިމާގެ އުފާވެރިކަމާއި، އަމިއްލަ ނަފުސުގެ އަގު ވަޒަންކުރުން ހަމައެކަނި އެ ގުޅުމުގެ މައްޗަށް ބިނާވެފައި އޮތުމަކީ ނަފުސާނީ ގޮތުން ތިމާ ބަލިކަށިކޮށްލާނެ ކަމެކެވެ.

3 – މާފަށް އެދޭއިރު އަބަދުވެސް އުޒުރުތަކެއް ދެއްކުން

“މާފުކުރޭ، އެކަމަކު އަހަރެން ސްޓްރެސްވީމަ މިހެން އުޅެވެނީ.” މިފަދަ ބަސްތަކަށް ބަލާލަމާ ހިނގާށެވެ. މިތަނުގައި މާފަށް އެދުނުކަމަށް ވިޔަސް، އޭގެ ފަހަތުން އަންނަ “އެކަމަކު” މި ބަހުގެ ސަބަބުން މުޅި މައްސަލައިގެ ޒިންމާ އެހެން ކަމަކަށް ބަދަލުކޮށްލައެވެ. މިގޮތަށް މާފަށް އެދުމުން، އަނިޔާ ލިބުނު މީހާއަށް އިޙުސާސް ކުރެވެނީ އޭނާގެ ހިތްހަމަނުޖެހުމަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ ގޮތުގައެވެ. އުޒުރުތަކަކާ އެކު އެދޭ މާފަކީ ހަޤީޤީ މާފެއް ނޫނެވެ.

4 – ކުރިމަތިވެދާނެ ހިތްހަމަނުޖެހުމަކުން ސަލާމަތްވުމަށް ކުދިކުދި ކަންކަމުގައި ދޮގުހެދުން

ގިނަ ފަހަރަށް މިއީ ބޮޑު ދޮގެއްގެ ގޮތުގައި ފެށޭ ކަމެއް ނޫނެވެ. އެއީ ކަމެއްގެ ބައެއް އުނިކޮށްލުން ނުވަތަ އަނެކާ ރުޅިއަތުވެދާނެތީ ހަޤީޤަތް ކުޑަކޮށް ބަދަލުކޮށްލުމެވެ. ރައްކާތެރި ގުޅުމެއްގައި ހަޤީޤަތަކީ ހަމައެކަނި މަޢުލޫމާތެކެވެ. އެ މަޢުލޫމާތު ހިއްސާކުރާއިރު އަނެކާގެ ރިއެކްޝަނަށް ބަލައިގެން ބަސްތައް ބަދަލުކުރާކަށް ނުޖެހޭނެއެވެ. ދިރިއުޅުމުގެ ހަޤީޤަތްތައް އަނެކާ ހިތްހަމަޖައްސައިދިނުމަށްޓަކައި އުނިކޮށް އިތުރުކުރަން ފެށުމަކީ ގުޅުމުގައި އޮންނަންޖެހޭ އިތުބާރު ގެއްލެން ފަށާފައިވާކަމުގެ ނިޝާނެކެވެ.

5 – ލޯބި އިޙުސާސްވަނީ ހަމައެކަނި އަނެކާގެ މޫޑު ރަނގަޅުވުމުން ކަމަށްވުން

ލޯތްބަކީ އަނެކާގެ މޫޑަށް ބިނާވެފައި އޮންނަންޖެހޭ އެއްޗެއް ނޫނެވެ. އަނެކާ ރުޅިއައިސްފައި ހުންނައިރު ނުވަތަ މޫޑު ގޯސްވުމުން ލޯބި އިޙުސާސް ނުވުމާއި، އޭނާ ހިތްހަމަޖައްސައިދިނުމަށް ތިމާ އަބަދުވެސް ސަމާލުވެގެން ހުންނަން ޖެހުމަކީ ނުރައްކާތެރި ކަމެކެވެ. މިއީ ރައްކާތެރިކަން ނެތް މާހައުލެއްގައި އުފެދޭ އާދައެކެވެ. ތިމާގެ އަމިއްލަ ހަމަޖެހުމާއި އުފާވެރިކަން އަބަދުވެސް އަނެކާގެ މޫޑާ ގުޅިފައި އޮތުމަކީ ދުޅަހެޔޮ ކަމެއް ނޫނެވެ.

ނޯޓް: މިއީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމަށް ލިޔެފައިވާ ލިޔުމެކެވެ. މިފަދަ ކަންކަމުގައި އެހީތެރިކަން ބޭނުންވާނަމަ، ކަމާބެހޭ ފަންނީ މާހިރެއްގެ ލަފާ ހޯދުމަށް އިލްތިމާސްކުރަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top