އަހަރެމެންގެ ވަށައިގެން “އެނާޖީ ވެމްޕަޔަރުން” ނުވަތަ އަހަރެމެންގެ ނަފުސާނީ ހަކަތަ ދަމައިގަންނަ މީހުން ކޮންމެ ތަނަކުންވެސް ފެނިދާނެއެވެ. މިއީ އެމީހުންނާ ބައްދަލުވެ، ވާހަކަދައްކާލުމަށްފަހު ވަރުބަލިކަމާއި ނުތަނަވަސްކަން އިޙުސާސްކުރުވާ މީހުންނެވެ. މިފަދަ މީހުންނަކީ ތިބާގެ މަސައްކަތު މާހައުލުގެ އެކުވެރިއަކަށް، ބައިވެރިއަކަށް، ނުވަތަ އަވަށްޓެރިއަކަށްވެސް ވެދާނެއެވެ. އެމީހުން ބޭނުންވަނީ ތިބާގެ ހިތްހެޔޮކަމާއި، އެހެން މީހުންގެ ވާހަކަ އަޑުއެހުމަށް ހުންނަ ޝައުގުވެރިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ތިބާގެ ނަފުސާނީ ދުޅަހެޔޮކަން ބަލިކޮށްލާށެވެ. މިފަދަ މީހުންގެ ކިބައިން ސަލާމަތްވެވޭނީ އެމީހުން ދެނެގަނެވިގެންނެވެ. އެފަދަ މީހުންގެ ކިބައިން އާންމުކޮށް ފެންނަ ފަސް އާދައަކީ:
1 – ކޮންމެ ކަމެއް “ޑްރާމާ” އަކަށް ހެދުން
މިފަދަ މީހުންގެ ދިރިއުޅުމަކީ އަބަދުވެސް ބޮޑު ކާރިސާއެކެވެ. އެމީހުންނަށް ކޮންމެ ކުޑަ ކަމަކީ ބޮޑު މުސީބާތެކެވެ. އަދި ދިމާވާ ކޮންމެ އާދައިގެ ދަތިކަމަކީ ކެތްނުކުރެވޭވަރުގެ ބޮޑު އިމަޖެންސީއެކެވެ. އެމީހުން ކުދިކުދި ކަންތައްތައް ބޮޑުކޮށް، ވާހަކަތައް އޮޅުވާލައި، މައްސަލަތައް އިތުރަށް ގޯސްކުރެއެވެ. މިފަދަ މީހުން ތިބާގެ ދިރިއުޅުމަށް ނުރައްކާވަނީ، އެމީހުންގެ އެ ނުތަނަވަސްކަމުގެ ތެރެއަށް ތިބާ ދަމައިގަންނާތީއެވެ. އެމީހުންނާއެކު އުޅުމުން ތިބާގެ ދިރިއުޅުމުގެ ހަމަޖެހުން ގެއްލިގެންދެއެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް
2 – ޒިންމާ އުފުލުމުން ރެކުން
މިފަދަ މީހުންނަށް “ޑްރާމާ” ކިންގް ނުވަތަ ކުއީންގެ ލަގަބު ދެވިފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެމީހުންނަށް ކުރެވޭ އެއްވެސް ކުށެއްގެ ޒިންމާއެއް އެމީހުން ނުނަގާނެއެވެ. އަދި ކުށެއް ކުރެވުނުކަމަށް ޤަބޫލެއްވެސް ނުކުރާނެއެވެ. އެމީހުންނަކީ އަބަދުވެސް އެހެން މީހުންގެ ބޮލުގައި އިލްޒާމް އެޅުވުމަށް މާހިރުންނެވެ. ކަމެއް ގޯސްވުމުން، އެކަމުގެ ޒިންމާ އަމިއްލައަށް ނެގުމުގެ ބަދަލުގައި، އެހެން މީހަކާ ދިމާލަށް އިނގިލި ދިއްކުރާނެއެވެ. މިކަމުގެ ސަބަބުން އެމީހުންގެ ވަށައިގެން އުޅޭ މީހުންނަށް މާޔޫސްކަމާއި، ބާކީވެފައިވާކަމުގެ އިޙުސާސް ކުރެވޭނެއެވެ. މިފަދަ މީހުންނާ ވީހާވެސް ދުރުވުން ބުއްދިވެރިއެވެ.
3 – ކޮންމެ ކަމަކީ އަމިއްލަ ނަފުސަށް އަމާޒުކުރެވޭ ކަމެއް ކަމުގައި ދެކުން
އާދައިގެ ބަހެއް ބުނި ކަމުގައިވިޔަސް، މިފަދަ މީހުން އެކަން ނަގާނީ އެމީހުންނަށް ދެވޭ ހަމަލާއެއްގެ ގޮތުގައެވެ. މިސާލަކަށް، ތިބާ ވަރުބަލިވެފައި ހުރި ވާހަކަ ބުނެފިނަމަ، އެމީހުންނަށް އެހީތެރިކަން ނުލިބޭ ކަމަށް ބުނެ ޒުވާބު ކުރަން ފަށާފާނެއެވެ. ތިބާއަށް ލިބޭ އުފާވެރި ޚަބަރެއް ހިއްސާކުރުމުންވެސް، އެމީހުންގެ ނަސީބު ދެރަކަމުގެ ވާހަކަ ދައްކައި، މުޅި މާހައުލު ހިތާމަވެރި ކޮށްލާނެއެވެ. މިފަދަ މީހުންނަކީ އަމިއްލަ އެދުން ބޮޑު ބަޔަކަށްވުމުން، ކޮންމެ ވާހަކައެއްގެ މިސްރާބުވެސް އެމީހުން އަނބުރާލާނީ އެމީހުންގެ އަމިއްލަ ނަފުސާ ދިމާލަށެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް
4 – އަބަދުވެސް ތިމާ މާ މޮޅުކަން ދެއްކުން
ތިބާއަށް ވަޒީފާގެ ކުރިއެރުމެއް ލިބިއްޖެނަމަ، އެމީހުން އެކަން ކުޑަކޮށްލާފައި އެމީހުންނަށް ލިބުނު މާ ބޮޑު ކާމިޔާބީއެއްގެ ވާހަކަ ދައްކާނެއެވެ. ތިބާ ކުރާ ކޮންމެ ކަމަކަށްވުރެ އެމީހުން ކުރާ ކަންތައް މާ މޮޅުވެފައި ބޮޑުކަމަށް ދައްކަން އެމީހުން މަސައްކަތް ކުރާނެއެވެ. މިފަދަ މީހުން ދެކޭގޮތުގައި ދިރިއުޅުމަކީ މުބާރާތެކެވެ. ތިބާގެ ތަޖުރިބާތަކަކީ ހަމައެކަނި އެމީހުންގެ މޮޅުކަން ދެއްކުމަށް ބޭނުންކުރާ ހަރުފަތްތަކެކެވެ. މިފަދަ މީހުން ފެނުމުން ދުރަށް ދިއުމަށް އަވަސްވެގަންނާށެވެ.
5 – ތިބާގެ މައްސަލަތައް ކުޑަކޮށްލައި، އެމީހުންގެ މައްސަލަތައް ބޮޑުކޮށްލުން

ފޮޓޯ: މުނިއަވަސް ގްރެފިކްސް
އެންމެ ފަހު ކަމަކީ، ތިބާ ކުރިމަތިލާ އުނދަގޫތަކަކީ އެއްވެސް ކަމެއް ނޫންކަމަށް ހަދައި، އެމީހުންގެ މައްސަލަތަކަކީ އެންމެ ބޮޑު ކަންތައްތައް ކަމުގައި ދެއްކުމެވެ. ތިބާ އުނދަގޫ އަހަރެއް ހޭދަކުރި ވާހަކަ ބުނެފިނަމަ، އެމީހުން ބުނާނީ “އެއީ އަދި މާ ބޮޑު ކަމެއް ނޫނޭ” ކަމަށެވެ. އެމީހުންގެ ކިބައިގައި ހުންނަ މި ސިފައެއްގެ ސަބަބުން، ތިބާގެ އަޑު އެއްވެސް މީހަކު އަހާކަމުގެ އިޙުސާސެއް ނުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން، ތިބާގެ އަމިއްލަ މައްސަލަތަކަކީ މުހިންމު ކަންތައްތަކެއް ނޫންކަމަށް ޤަބޫލުކުރެވެން ފަށައި، ހިތުގެ އުދާސްތައް އެހެން މީހުންނާ ހިއްސާކުރުން ހުއްޓާލާނެއެވެ. މިފަދަ “އެނާޖީ ވެމްޕަޔަރުން” ނުވަތަ ނަފުސާނީ ހަކަތަ ދަމައިގަންނަ މީހުން ދެނެގަނެ، ވީހާވެސް އަވަހަކަށް ތިބާގެ ދިރިއުޅުމުން އެމީހުން ދުރުކުރާށެވެ.
