ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.
މިއަހަރުގެ ޖުލައި 27 ގައި ފެށުމަށް މަސައްކަތްކުރަމުންދާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 14 ޖޫން އެވެ. މި މުބާރާތުގައި ބައިވެރިވުމަށް 7000.00 (ހަތްހާސް) ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.
ހަތަރު މުބާރާތެއްގެ ގޮތަށް ރާވާލައިފައިވާ މި މުބާރާތުގައި ފުރަތަމަ ކުޅޭނީ އަތޮޅު މުބާރާތް (އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026) އެވެ. މި މުބާރާތް ކުރިޔަށްދާނީ ހުރިހާ އަތޮޅެއްގެ އިތުރުން މާލޭ ރީޖަންގައެވެ. މި މުބާރާތުގައި ކުޅެވޭނީ އެ ރަށެއްގެ ރަޖިސްޓްރީގައިވާ ކުޅުންތެރިންގެ އިތުރުން ރާއްޖޭން ބޭރު އެއް ކުޅުންތެރިއަކަށެވެ.
ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އާއި ރަނަރަޕް ދެވަނަ މުބާރާތަށް (އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026) އަށް ކޮލިފައިވާނެއެވެ. މި މުބާރާތަށް ކޮލިފައިވާ ޓީމުތަކަށް ޓީމު ލިސްޓަށް ބަދަލު ގެނައުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޓީމު ލިސްޓަށް ބަދަލު ގެންނައިރު، އެހެން ރަށަކަށް ނިސްބަތްވާ ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި މުބާރާތުގެ ޗެމްޕިއަން އާއި ރަނަރަޕް ކޮލިފައިވާނީ ތިންވަނަ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ (އެފްއޭއެމް ފުޓްސަލް ރީޖަނަލް ޗެމްޕިއަންޝިޕް 2026) އަށެވެ. ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން އަދި ސައުތު ރީޖަންގެ ޗެމްޕިއަން ޓީމުތައް ކޮލިފައިވާނީ ޤައުމީ ފުޓްސަލް ލީގަށެވެ.
އެންމެ ފަހު މުބާރާތަކީ (އެފްއޭއެމް ނޭޝަނަލް ފުޓްސަލް ޗެމްޕިއަންޝިޕް 2026) އެވެ.
