ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަށު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ދިއްދުއަށް ޕޮއިންޓެއް

ދިވެހި ޕްރިމިއާރ ލީގު ފުޓްބޯޅަ މުބާރާތުގައި ހއ. ދިއްދޫއިން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު، ފަހު ވަގުތު އެއްވަރުގެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ. މިއަދު ހަވީރު ދިއްދޫ ސްޕޯރޓްސް އާއި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން ނެވެ.

މިއަދުގެ މެޗަކީ ދިއްދޫގެ ހަތަރުވަނަ މެޗު ނަމަވެސް، ނިއުރޭޑިއަންޓްގެ ތިންވަނަ މެޗެވެ. މި މެޗަށް ނުކުތްއިރު، ނިއުރޭޑިއަންޓް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. ދިއްދޫ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އަނެއް ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ނިއުރޭޑިއަންޓް ނަމަވެސް، މެޗު ފަށައިގެން މާ ގިނައިރެއް ނުވެ ދިއްދޫއިން ވަނީ ކުޅުން ރަނގަޅުކޮށް ނިއުރޭޑިއަންޓަށް ސިހުން ގެނުވާފަ އެވެ. ތިން ޑިފެންޑަރުންނާއިއެކު ޓީމު އެކުގައި ވަރަށް ބޮޑަށް ކުރިޔަށް ޖެހި ފަސޭހަ ގޭމަކުން މެޗު ފެށި ނިއުރޭޑިއަންޓް ކޮޅަށް ދިއްދޫން ވަނީ 10 ވަނަ މިނިޓްގައި ލަނޑު ޖަހާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ދިއްދޫއަށް ޖަހައިދިނީ އުލާފް އަބްދުﷲ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޝިޔާން މުޙައްމަދު ނިއުރޭޑިއަންޓްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ނިއުރޭޑިއަންޓްގެ ދެ ޑިފެންޑަރުންގެ މެދުން ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ދިއްދޫން ނެގި ލީޑަށް މާގިނައިރެއް ނުވެ އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. 13 ވަނަ މިނިޓްގައި އުލާފް އަބްދުﷲ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދިއްދޫއަށް މި ލަނޑު ޖަހައިދިނީ ޓެއްޓެހް ގިޑެއޮން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ނިއުރޭޑިއަންޓްގެ ޑިފެންޑަރުންގެ ފަހަތަށް އުލާފް ލައިދިން ބޯޅަ ދިފާއުކުރަން އޭރިޔާ ބޭރަށް ނުކުތް ނުކުތް ނިއުރޭޑިއަންޓްގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު އެވެ.

މިވެސް ކިޔާލަން:  ގުރޫޕްގެ ފުލުގައި އޮތް ސްލާވިއާ ޕްރާގުން ބާސާ ހިފަހައްޓައިފި

ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނިއުރޭޑިއަންޓުން ނަތީޖާގެ ފަރަގު ކުޑަކުރީ 34 ވަނަ މިނިޓްގައި އަލީ އަޝްފާގު (ދަގަނޑޭ) ޖަހައިދިން ލަނޑުން ނެވެ. ދަގަނޑޭ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ދެވަނަ ހާފުގައި އެކުގައި ކަހަލަ ގޮތަކަށް ނިއުރޭޑިއަންޓުން ލީޑުކުރިއިރު، ދިއްދޫ ކުޅުންތެރިންނަށް ފަރުވާދިނުމަށްޓަކައި އާދަޔާ ޚިލާފަށް ގިނަ ފަހަރު ކުޅުން މެދުކަނޑާލަން ޖެހިފައިވެ އެވެ.

މި މެޗު ނިއުރޭޑިއަންޓުން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅު އަބްދުﷲ ޔާޔާ ބިލިޓީ ޖަހައިދިން ލަނޑުން ނެވެ. ޔާޔާ ބިލިޓީ މި ލަނޑު ޖަހާފައިވަނީ މުޙައްމަދު ނާއިމް ގޯލާއި ދިމާއަށް ފޮނުވާލި ބޯޅައެއް ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރި ނިއުރޭޑިއަންޓަށް ވަނީ މެޗުގެ ފަހު ސިކުންތުކޮޅު ތެރޭ މޮޅުވާނެ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.

2-2 އިން އެއްވަރުވެގެން ނިމުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްދޫ ޓީމުގެ ޓެއްޓެހް ގިޑެއޮން އެވެ.

މި މެޗުން ލިބުނު ޕޮއިންޓާއިއެކު، ނިއުރޭޑިއަންޓަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ނިއުރޭޑިއަންޓާއި އެއްވަރަށް ޕޮއިންޓް ހޯދާފައިވާ ވިކްޓަރީ އެއްވަނައިގައި އޮތީ ނިއުރޭޑިއަންޓަށްވުރެ ފައިދާ ގޯލް ގިނަވުމުން ނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބް އީގަލްސް އާއި ޓީސީ ސްޕޯރޓްސް ކުލަބެވެ.

މިވެސް ކިޔާލަން:  ލީގު ބުރުގައި މާޒިޔާއަށް ބަލިނުކުރެވުނު ނިއުރޭޑިއަންޓް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top