ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުރާ ބަލިކޮށް ގައްދޫ އުންމީދު އާކޮށްފި
ފޮޓޯ: މުޙައްމަދު މަހްފޫޒް މޫސާ / އިމޭޖަސް.އެމްވީ

ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިން ފަސް ވަނަ މެޗުން ގައްދޫ މޮޅުވެއްޖެއެވެ.

2026/2027 ގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ ހުރާ ކޮމިއުނިޓީ އާއި ގައްދޫ ރެކްރިއޭޝަން ކްލަބެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ހުރާއިންނެވެ. ގޯލާއި ދިމާއަށް ހުރާ ޓީމު ކުޅުންތެރިޔާ ފޮނުވާލި ބާރު ބޯޅަ ގައްދޫ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ހުރާއިންނެވެ. 18 ވަނަ މިނެޓުގައި ހުރާއަށް މި ލަނޑު ޖަހައިދިނީ އަސިއާރ ގޯމޭޒް އަލްވަރޭޒެވެ. ގޯމޭޒް މި ލަނޑު ޖެހީ އެ ޓީމަށް ލިބުނު ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ލަނޑަށްފަހު ވެސް ހުރާއިން ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހުރާއަށް ހިފޭގޮތެއް ނުވިއެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ގައްދޫން ނަތީޖާ ހަމަހަމަ ކުރީ 25 ވަނަ މިނިޓްގަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޢަލީ މުޙައްމަދެވެ. ގައްދޫ ކުޅުންތެރިއަކު އޭރިޔާ ތެރެއަށް ޖައްސާލި ބޯޅަ ޢަލީ މުޙައްމަދު ގޯލުގެ ތެރެއަށް ފޮނުވާލީ ބޯޅަ ދިފާއުކުރަން މަސައްކަތް ކުރި ކީޕަރު ކައިރިންނެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅުނީ ހުރާއެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި އެ ފުރުސަތުތަކުގެ ބޭނުން ހުރާއަށް ނުހިފި ދިޔައިރު ގައްދޫން ވެސް ވަނީ ދޭތެރެއަކުން ހުރާގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ.

ގައްދޫން އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލީ 67 ވަނަ މިނިޓްގައެވެ. ގައްދޫއަށް ލިބުނު ކޯނަރު އެ ޓީމުގެ ކުޅުންތެރިއަކު މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން އެ ޓީމުގެ އެމަނުއެލް އަލުބެންގާ މަކިންޑެ ވަނީ ފުންމައިގެން އަރައި ބޮލުން ގޯލުގެ ތެރެއަށް އެ ބޯޅަ ވައްދާލާފައެވެ.

ލީޑު ލިބުމާއިއެކު ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެން ގައްދޫ ކުޅުނު ނަމަވެސް ހުރާއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު އެތައް ފުރުސަތެއް ހޯދައިފައެވެ.

ލިބުނު ފުރުސަތުތަކުގެ ބޭނުން ހުރާއަށް ނުކުރެވުނު މި މެޗު ނިމުނީ 2-1 އިން ގައްދޫ މޮޅުވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގައްދޫ ވަނީ ޓޭބަލްގެ ތިންވަނައަށް ޖެހިލައިފައެވެ.

2026/2027 ގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ ހަވަނަ މެޗު އޮންނާނީ މާދަމާ ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ ދިއްދޫ އާއި ޓީސީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top