ދީނީ ސުވާލެއް އޮތީތަ؟
ބިރުވެރި
ފިނިފެންމާ (މިނީ ސީރީޒް) – ހަތަރުވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އަސީލްގެ ގައިގައި ބައްދާލައިގެން ހުރި ރޫބީ ކުއްލިއަކަށް އަތް ނައްޓާލިއެވެ. އަސީލްގެ މޫނަށް ބަލާލުމަށްފަހު ދެވަނަ ފަހަރަށް އަސީލްގެ ގައިގައި ރޫބީ ބައްދާލީ އެކަން ޔަޤީންކުރާށެވެ. އޭނާއަށް ވީ ހީއެއް ނޫނެވެ. އެއީ ޔަޤީނެވެ. އަސީލްގެ ބުރަކަށީގައި އުންތަކެއް ކަހަލަ އެއްޗެއް ހުއްޓެވެ. ކަރަފާބޯވައިގެ އުންތަކެއް ކަހަލަ އުންތަކެކެވެ. ކޮންމެވެސް ވަރަކަށް އޮލަ ތެތްކަމެއް ވެސް ހުއްޓެވެ.

ރޫބީގެ ކަރުގައި ތުންފަތް ޖައްސައިގެން ހުރި އަސީލް ކުރިޔަށްވުރެ ބާރަށް ބައްދާލިއެވެ. އަނގައިގެ ހަރަކާތް އަވަސްވިއެވެ.

ކުއްލިއަކަށް ކަރަށް އިޙުސާސްވި ދިލަ ތަދާއިއެކު ރޫބީ ދިޔައީ ސިއްސައިގެންނެވެ. އަތަށް ލެވުނުހާ ބާރެއް ލާފައި އަސީލް ދުރަށް ކޮއްޕާލިއެވެ. އަސީލް ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ވިއްސައިގެން ގޮސް އޭނާ ޖެހުނީ މޫދުތެރެއަށެވެ.

މޫދުގައި ޖެހުމާއިއެކު އަސީލް ގަނޑުވި ކަހަލައެވެ. އެއްވެސް ހަރަކާތެއްނެތި އިރުކޮޅެއް ވާންދެން އޮތެވެ. މުޅި ހިސާބަށް ދުންފިނި ކަހަލަ ފުސްކަމެއް ވެރިވިއެވެ. އެކަމުގައި އިރުކޮޅެއް ހޭދަވިއެވެ.

މުޅި ސަރަހައްދު ފަރުހަކި ވަހުން އެއްވަސް ކޮށްލިއެވެ. އެއީ އަސީލެއް ނޫނެވެ. އެތަނުގައި އޮތީ ކަޅު، ބޮޑު އެންދެރިގަނޑެއް ކަހަލަ އެއްޗެކެވެ. މަޑުމަޑުން ލަސްލަހުން އޭތި ހަރަކާތް ކުރިއެވެ. އެއަށް ސިފަ ޖެހެމުން އައީ ވެސް އެހާމެ ލަސްލަހުންނެވެ. ދިގު ދެކަންފަތާއިއެކު އުފެދުނު ބޮލުގައި ބޮޑު އަނގައެއް ހުއްޓެވެ. ބުރަކަށިމަތިން ކޮތަރިއެއް ފާޅުވިއިރު، ދެލޮލުން އަލިފާންކަނި ވިދައެވެ. ދެއަތް ކުރުވެފައި އިނގިލިތައް ދިގެވެ. ދެފައި ހުރީ އެއްކޮށެވެ.

މަންޒަރު ފެނުނީ ރޫބީގެ ލޮލަށެވެ. ބާރު ބޮޑުވީ ސިކުނޑިއަށެވެ.

ރޭގަނޑަށް ކައިގެން ކޮޓަރިއަށް ވަން އަސީލް ގެއިން ނުކުތީ ނުވައެއް ޖަހަން ދިހަވަރަކަށް މިނިޓަށް ވީ ފަހުންނެވެ. އެއްވެސް މީހަކަށް ނޭނގި އެހިސާބަށް ދާނަމަ ފަހަރެއްގައި ދަތުރު ދިގު ވެސް ވެދާނެއެވެ. އެހެން ވިޔަސް ދިހަވަރަކަށް މިނިޓުން އެހިސާބަށް ފޯރާނެކަމުގެ ޔަޤީންކަން އޭނާއަށް އޮތެވެ.

ވަރަށް ބަލަބަލައިގެން އެހާމެ ސިއްރުސިއްރުން އަސީލް ގޮސް އޮޑިހަރުގެތެކާއި ދިމާއަށް އަތިރިއަށް ނުކުތެވެ. އެއްވެސް މީހަކަށް ނޭނގި އެހިސާބަށް އާދެވުމުން އަސީލްގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ.

ހަނދުވަރުގެ ފަނޑު އަލިކަމެއް މުޅި ހިސާބަށް ފެތުރިފައި އޮތެވެ. ދެ އޮޑިހަރުގެ ދޭތެރެއިން ނުކުތް ރޫބީ، އަސީލަށް ފެނުނީ ތަންކޮޅެއް ފަހުންނެވެ. ދެމީހުނަށް ދެމީހުން ފެނުނެވެ. ވަށައިގެން ހޯދާލަމުން އެކަކު އަނެކަކާއި ދިމާއަށް މިސްރާބު ޖެހިއެވެ.

އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްލާކަށް އަސީލް ބޭނުމެއް ނޫނެވެ.

“ފައިސާ ގެނޭ. އަހަރެންނަކީ ދަރަންޏަށް ޚިދުމަތްދޭ މީހެއް ނޫން.” ރޫބީ ބުނީ ކަން އޮތްގޮތެވެ. ފައިސާގެ ކަންތަކުގައި އެއްވެސް މީހަކަށް އިތުބާރު ކުރުމަކީ އޭނާ ޤަބޫލުކުރާ ކަމެއް ނޫނެވެ. އެކަން އޭނާ ވަނީ ތަޖުރިބާ ވެސް ކޮށްފައެވެ.

ފައިސާގެ ކަންތައް ނިމުމާއިއެކު އަސީލް ބޭނުންވި ފުރުސަތު އޭނާއަށް ރޫބީ ދިނެވެ. މާހައުލާއިމެދު އަސީލަށްވުރެ ބޮޑަށް ވިސްނީ ރޫބީއެވެ. އޭނާއަށް އެ ސަރަހައްދު އަލެއް ނޫނެވެ. އަސީލް ގޮވައިގެން ރޫބީ ވަނީ އެތާ ކައިރީހުރި އޮޑިހަރުގެއަކަށެވެ.

ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް ދެ މީހުންކުރެ މީހަކަށް ނޭންގެއެވެ. ލިބިފައިވާ ފުރުސަތާއިމެދު އުފާކުރަމުން ޢަމަލު ކުރަމުން ދިޔަ އަސީލްގެ ހިތް ވަނީ ރޫބީއަށްޓަކައި ތަޢުރީފާއި ސަނާއިން ފުރިފައެވެ.

އިންސާނާގެ ހިތަކީ ފުރޭ އެއްޗެއް ނޫނެވެ. އަސީލަށް ވެސް ވީ އެފަދަ ގޮތެކެވެ. ހުއްޓާލާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ހިތެއް ނުފުރެއެވެ. ނުވެސް ފުރޭނެއެވެ. ހުއްޓުވަން ޖެހުނީ ރޫބީއަށެވެ. ހިތްހަމަނުޖެހުނު ނަމަވެސް އަސީލް ހުއްޓާލިއެވެ.

“ބާރަ ޖަހަން ވަނީ.. ދެން.. ހިނގާ ދާން.” އަވަސްއަވަހަށް ތައްޔާރުވެލަމުން ރޫބީ ވާހަކަ ދެއްކިއެވެ.

“އަދި ކިތައް އެޕޮއިންޓްމަންޓް އެބައިން؟” އަސީލް ބަލައިލީ ސީދާ ރޫބީއަށެވެ.

“އެއީ ކަލެއާ ބެހޭކަމެއް ނޫން.” އަސީލްގެ ސުވާލު ރޫބީއަކަށް ކަމަކު ނުދިޔައެވެ.

އަސީލަށް އެއްވެސް ސަމާލުކަމެއް ނުދީ ރޫބީ ނުކުމެގެން ދިޔަގޮތަށް ދިޔައީއެވެ.

ފާޅުވަމުންދިޔަ އަލިކަމާއިއެކު ހަލަބޮލިކަން ރަށުތެރެއަށް ވެރިވާން ފެށިއެވެ. ދަތުރުވެރިން ދަތުރުތަކާއިގެން އުޅެގަތްއިރު މަސައްކަތްތެރިން އެމީހުންގެ މަސައްކަތްތަކާއިގެން އުޅެގެންފިއެވެ. މަގު ކުނިކަހާ މީހުނާއި ކަސްރަތަށް ހިނގާ މީހުން ވެސް ކޮންމެވެސް ވަރަކަށް މަގުތަކުން ފެނެއެވެ.

ޚަބަރު ހުސްވެގެން ގޮނޑުދޮށަށް ވެއްޓިފައި އޮތް ރޫބީ ފެނުނީ، މަގު ކުނިކަހަން ނުކުތް މީހުންގެ ތެރެއިން ބަޔަކަށެވެ. އިސާހިތަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމުގެ މަސައްކަތް ފެށުނެވެ.

އަސީލަށް ހޭލެވުނީ އޭނާގެ މަންމަ ގޮވަން ފެށިތާ އެތައް އިރެއް ފަހުންނެވެ. އަވަސްއަވަހަށް ލޯ ހުޅުވާލަމުން ގަޑި ބަލައިލިއިރު ހަތެއް ޖަހާ ބޮޑުވެއްޖެއެވެ. އަސީލް ތެދުވީ ތައްޔާރުވެލައިގެން އޮފީހަށް ދާށެވެ. އޭނާއަކަށް ހިނގައެއް ނުގަނެވުނެވެ. ހިނގައިގަންނާނެހާވަރު ފަޔަކު ނެތެވެ. ބޮލަށް ވެސް ހުރީ ފާޑަކަށް އެނބުރުން އަރާފައެވެ.

މަންމައަށް ގޮވާލާފައި އެވާހަކަ ބުނުމަށްފަހު އަސީލް އަނެއްކާ ވެސް އެނދުގައި އިށީނެވެ. އޮފީހަށް ސަލާމް ފޮނުވާލަމުން އޮށޯވެލީ ކުޑަކޮށް އަރާމް ކޮށްލުމަށްފަހު ތެދުވާށެވެ. މުޅި ގައިގައި ރިއްސާކަން އިޙުސާސްވީ އިރުކޮޅެއް ފަހުންނެވެ.

ހޭވެރިކަންވީއިރު ރޫބީގެ ސިކުނޑި ހަމައެއް ނުޖެހެއެވެ. ދެއްކީ މުޅިން ވެސް ތާކުންތާކު ނުޖެހޭ ވާހަކައެވެ. މާމަ ގެއަށް ދަމުން ހޫނުވާވަރުން އޭނާ އަތިރިއަށް ނުކުމެލި ވާހަކައެވެ. ގޮނޑުދޮށުން ރެދަން ވިދާތަން ފެނިގެން ބަލައިލަން ދިޔަ ވާހަކައެވެ. ބޮޑު، ކަޅު އެއްޗެއް ފެނުނު ވާހަކައެވެ. އޭގެ ދެލޮލުން އަލިފާންކަނި ބުރާ ވާހަކަ އާއި ބޮޑު އަނގައެއް ހުރި ވާހަކައެވެ. ބުރަކަށިމަތީ ކޮތަރިބައެއް ހުރި ވާހަކައާއި ދިގު ދެ ކަންފަތް ހުރި ވާހަކައެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައެވެ.

ރޫބީ ބުނާގޮތުން އެއީ ކަނޑުފުރޭތައެކެވެ. ރޭގައި އޭތި ފައިބައިގެން ދިޔަޔަސް އަދި އަރާނެއެވެ. ކޮންމެވެސް މީހަކު މަރާލާނެއެވެ. ނޫނީ ގެންދާނެއެވެ. އެއީ ނުރައްކާތެރިކަން ބޮޑު ބިރުބޮޑު އެއްޗެކެވެ. އޭގެ ކިބައިން ސަލާމަތްވާން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހެއެވެ. މާ ލަސްވެއްޖެނަމަ ލިބޭ ގެއްލުން ބޮޑުވާނެއެވެ.

އަސީލަށް ތެދުވެ އުޅެލެވޭވަރުވީ މެންދުރެއްކަން ހާއިރުއެވެ. ބޭރަށް ނުކުމެލެވޭވަރު ވުމާއިއެކު އަސީލް އަވަސްވެގަތީ ޑޮކްޓަރަށް ދައްކާށެވެ. ޓެސްޓްތަކުން ދެއްކި ނަތީޖާ ޤަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. އަނެއްހެން މާބޮޑު މައްސަލައެއް ނެތް ނަމަވެސް ލޭގެ ކުޑަ މައްސަލައެއް ދިމާވިއެވެ. ލޭ ދަށްވާތީ އެކަން ހައްލުކުރަން ބޭހެއް ވެސް ދިނެވެ. އެކަމަށް ވިސްނައިގެން އުޅުމަށް ނަސޭޙަތް ދެމުން ކެއުންބުއިން ބަހައްޓަންވީ ގޮތް ކިޔައިދިނެވެ.

ރޫބީއަށް ދިމާވި ހާދިސާއާ ގުޅިގެން ރަށުތެރޭގައި އެތައް ވާހަކައެއް ދެކެވުނެވެ. ބައެއް މީހުން ބުނާގޮތުން ރޫބީ ފޭކު ޖައްސަނީއެވެ. ކޮންމެވެސް ކަމެއް ފަޅާއަރާފާނެހެން ހީވުމުން އެކަން އޮޅުވާލަން މޮޅު ވާހަކައެއް ދައްކަނީއެވެ. ނޫނީ ކޮންމެވެސް ބަޔަކު ބުނެގެން ޑުރާމާ ކުޅެނީއެވެ. އެފަދަ ކޮންމެ ހާދިސާއަކާއިއެކު ކަންތައްތަކެއް ހިނގައެވެ. އެސަރަހައްދަކުން ކޮންމެވެސް އެއްޗެއް ގެއްލެއެވެ. ނޫނީ ކޮންމެވެސް ބަޔަކު އެތަނުގައި ކޮންމެވެސް ކަންތައްގަނޑެއް ހިންގާލައެވެ. މާޒީއަށް ބަލާއިރު ކަން ވެފައި އޮތީ އެހެނެވެ.

“ކޮންތާކު؟ އެވާނީ ކޮންމެވެސް މީހަކު ގަނޑުގަނެފައި އެތަނަށް ދޫކޮށްލާފަ ދިޔައީ ކަމަށް. ވާނީ އެހެނެއްނު. ހޭވެރިކަމެއް ނުހުރޭވިއްޔާ.” ކެފޭތެރޭ ތިބި ޒުވާން ގުރޫޕް ދެއްކި ވާހަކަ އަސީލަށް ވެސް އަޑުއިވުނެވެ.

ރޫބީއާ ގުޅުވައި ދެކެވެމުންދިޔަ ވާހަކަތަކުގެ ސަބަބުން އަސީލް ހުރީ ކޮންމެވެސް ވަރަކަށް ނުތަވަސް ވެފައެވެ. ރޫބީ ބުނާ އެއްޗަކުން އޭނާގެ އަގު ވެއްޓިދާނެއެވެ. ފަލީހަތްވެ ބޭޒާރު ވެދާނެއެވެ. އެވާހަކަތައް އަޑުއިވި ސުވައިލާ އޭނާއާ ގުޅުން ކަނޑާލަފާނެއެވެ. އެއަށްވުރެ އޭނާ ދެރަވާނެކަމެއް މިހާރު ނެތެވެ.

އަރާމުކޮށްލަން ޑޮކްޓަރު ލަފާ ދީފައިވާތީ ކެފޭގައި މާގިނައިރަކު އަސީލް މަޑެއް ނުކުރެއެވެ.

ކުޑަކޮށް ވެސް ރޫބީ ހަމައަކަށް އެޅުނީ އަޞްރުން ތިރިވި ފަހުންނެވެ. ބޭހާއި އިންޖެކްޝަންގެ އިތުރުން މުދިންބެ ކިޔެވި ފެންތައްޓެއް ވެސް ދޭން ޖެހުނެވެ.

އެކަނިމާއެކަނި ކޮޓަރީގައި އޮވެގެން އަސީލް ވިސްނަމުން ދިޔައެވެ. އޭރު އޭނާގެ ހާލު ބޮޑުތަނުން ރަނގަޅު ވެއްޖެއެވެ. ފޯނު ރިންގުވާން ފެށުމުން ބަލައިލިއިރު، ގުޅަނީ ސާދިންއެވެ.

“ބުރޯ! ކޮބާ ރެޑީތަ؟ މިރޭ މިއުޅެނީ ހާފްނައިޓަކަށް ތުނޑިއަށް ދާން. މާލޭ ކޮޅުން އައި ބިޓުންތަކެއް ގޮވައިގެން.” ފޯނަށް ޖަވާބު ދިނުމާއިއެކު ސާދިން ވާހަކަ ދެއްކިއެވެ.

“ވަރަށް ބަލިކޮށް މިއުޅެނީ. ނުދެވޭނެ.” ދާން ބޭނުންވިޔަސް އަސީލަކަށް ދެވޭކަށް ނެތެވެ. މިރެއަށް އޭނާ ކޮށްފައިވާ ޕްލޭން މާ މުހިންމެވެ. އެހެންވެ އޭނާ ދެއްކީ އެކަމުން އެންމެ ފަސޭހައިން ސަލާމަތް ވެވޭނެ ބަހަނާއެވެ.

“އޭތް. ކަޑަ ނުހަދާ. ވަރަށް ފައްކާ ޗިކުން. ހަބޭސް. ގޮސް މަޖާކޮށްލަނިކޮށް ތިކަން ވެސް ރަނގަޅު ވެދާނެ. އެއްފަހަރުން ތިޔަ ރޯގާ ފިލާ ކަހަލަ ބޭހެއް ވެސް ދީފާނަމޭ.” ސާދިން ބޭނުންވީ އަސީލް ގެންދާށެވެ.

ސާދިން ކިތަންމެ އާދޭހެއް ކުރިޔަސް އަސީލަކަށް ދެވޭކަށް ނެތެވެ. އަސީލް ގެންދަން ސާދިން ކުރި މަސައްކަތް ހުއްޓާލީ އެހެން ގޮތެއް ނެތިގެންނެވެ.

އެކި މީހުން ކުރާނީ އެކި ކަންކަމެވެ. ރަނގަޅު އާމްދަނީއެއް ލިބޭނަމަ ހަލާލެއް ހަރާމެއް ބައެއް މީހުނަށް ނޯވެއެވެ. މިއޮތީ ވާ ދުނިޔެއެކެވެ. ވައްކަމާއި ފޭރުމާއި އަނެކުންގެ ޙައްޤުތަކަށް އަރައިގަތުން އެއީ އެއްވެސް ކަމެއް ނޫނެވެ. އެމީހަކާއި އެމީހެކެވެ.

ދީފައިވާ ފަނޑު ހަނދުވަރުގެ އަލި މުޅި ރަށަށް އޮތީ ފެތުރިފައެވެ.

މެންދަން އަތަށް އަޅާލުމުން ރަށުތެރެއަށް ހަމަހިމޭންކަމާއި ފަޅުކަން ވެރިވެގެން ދިޔައެވެ. މަގުތަކުން މީހުން ހުސްވެ އާންމު މައިދާންތައް ފަޅުވިއެވެ. ރޭގަނޑުގެ އަރާމު ނިންޖަށްވުރެ ބޮޑު އިސްކަމެއްދީ މިވަގުތަށް އިންތިޒާރު ކުރަމުންދިޔަ ބަޔަކު ވެސް ތިއްބެވެ.

އަލަށް އިމާރާތް ކުރަމުންދިޔަ ގެސްޓްހައުސް ތެރެއަށް ވަދީއު އާއި ސޮބުރީ އަދި ޖަބީން ވަނީ އެތަނުގެ ދޮރު ހަލާކު ކޮށްލައިގެންނެވެ. މަސައްކަތް ކުރިއިރު އަލިކުރުމަށް ބޭނުންކުރި ބައެއް ލައިޓް ނިއްވާނުލައި ހުރުމުން ކޮންމެވެސް ވަރެއްގެ އަލިކަމެއް އިމާރާތުގެ ތެރެއިން ފެންނަން އޮތެވެ. އެކިފަހަރު އެކިތަން ހާވަމުން ދަނިކޮށް މުދާތައް ހުރި ކޮޓަރިއެއް ފެނިއްޖެއެވެ. އިމާރާތުގެ ވައިރިން ނިންމުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެތަނުގައި ހުއްޓެވެ.

އެކަކު އަނެކަކަށް ބަލައިލަމުން ހިނިތުންވެލިއެވެ. ލިބުނު ކާމިޔާބަށް އުފާކުރަމުން ވަށައިގެން ހޯދައިލިއެވެ. މުދާތައް ގެންދެވޭނެ އެންމެ ފަސޭހަ ގޮތެއް ތިން މީހުން ވެސް ބޭނުންވިއެވެ.

ތުނޑީކޮޅުގައި ހަރާކާތްތެރިވަމުންދިޔަ ޒުވާނުންނަށް ޢީދެއް އައިސްގެން އުޅޭ ކަހަލައެވެ. ކަރޯކޭ ޖައްސާ މީހުން ކަރޯކޭ ޖައްސަނީއެވެ. ނަށާ މީހުން ނަށަނީއެވެ. ބުއިންތަކާއިގެން މަސްޢޫލްވެ ތިބި މީހުން އެކަމުން އުފަލާއި ހިތްހަމަޖެހުން ހޯދަނީއެވެ. ދެ ޖިންސުގެ ޒުވާނުންގެ މަސްހުނިވުން ފަހަރަކަށްވުރެ ފަހަރެއް ވީ އިތުރެވެ.

“ހޮޓް މަންމައެއް.. މީހަކަށް ބަލާނެ ކަމެއް ނެތް. މަޑުމަޑުން އެއަތަށް ކަނޑާލާ. މިތާކު ނޫޅޭނެ ބަލާނެ މީހެއް.” ގުދުގުދު ލަމުން، އެއްފިޔަވަޅު ފަހަތަށް ދެފިޔަވަޅު ކުރިޔަށް ކަހަލަ ގޮތަކަށް އަޅަމުން ގަސްތަކާއި ދިމާއަށް ދިޔަ ފިރްޝާއަށް ބަލައިލަމުން ސާދިން ވާހަކަ ދެއްކީ މިޒާން އާއެވެ. ފިރްޝާ ހުރި ހާލަތު ދެމީހުނަށް ވެސް ޔަޤީނާއި ގާތަށް އެނގެއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top