ވާރޭ ވެހެން ފެށީއެވެ. ދިލަ ހޫނުގަދަ އަވީގެ ދުވަސްތަކަކަށްފަހުގައެވެ.
އަހަރެން ލޯ މަރާލައި، މޫނުގައި ޖެހެމުންދާ ވާރޭގެ ތިކިތަކުގެ އިޙުސާސް ކުރަމުން ދިޔައީމެވެ.
އަހަންނަކީ ވަރަށް ފަސޭހައިން ފިނިވެ، ބަލިވާ މީހެއްކަން އެނގޭއިރުވެސް، ވާރޭގެ ތެރޭގައި ހުރުމަށް އަހަރެން ހުރީ އިންތިހާއަށް ބޭނުންވެފައެވެ.
ތިބާ އަހަރެން ދޫކޮށް ދިޔަތާ މިހާރު ހަ މަސް ދުވަސް ވީއެވެ.
ކޮންމެ ދުވަހަކުވެސް ތިބާގެ ހަނދާންތައް އަހަރެންގެ ހިތަށް ބާރު ކުރެއެވެ. އަހަރެންގެ ދިރިއުޅުން ފުރިހަމަ ނޫންކަމުގެ އިޙުސާސް އަބަދުވެސް ކުރެވެއެވެ. ހިތް ވަނީ ހުސްވެ އެކަނިވެރިވެފައެވެ. މަގުއޮޅިފައިވާ މީހަކު ފަދައިން އަހަންނަށް އިޙުސާސް ކުރެވެއެވެ.
ތިބާ އަހަންނާ ދިމާކޮށް، ވާރޭގެ ތެރެއަށް އަހަރެން ނެރޭނެ ކަމަށާއި ފަސް މިނެޓަށްވުރެ ގިނައިރު އަހަންނަށް ކެތް ނުކުރެވޭނެ ކަމަށް ބުނެ އުޅުނު ހަނދާންވޭ ހެއްޔެވެ؟
އަހަންނަކީ މާޔާއެވެ. މިއީ އަހަރެންގެ ލޯބިވާ އަޖުމަލްގެ ވާހަކައެވެ. އަހަރުމެން ދެމީހުންގެ ވާހަކައެވެ.
އަޖުމަލްއަކީ ވާރޭދެކެ އިންތިހާއަށް ލޯބިވާ މީހެކެެވެ. ވާރޭގެ އިޙުސާސާއި އޭގެ އަޑަށް ލޯބިކުރާ މީހެކެވެ. ވާރޭ ވެހެން ފެށުމުން އަޖުމަލްގެ މޫނުމަތިން ފެންނަ އުފާވެރިކަން އިތުރުވެއެވެ. އަޖުމަލް ތައްޔާރުކުރާ ހޫނު ސައިތަށްޓާއި، މީރު ވަސްދުވާ ހޫނު ގުޅައަކީ އަހަންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
މި ވާރޭގެ ކޮންމެ ތިއްކެއް އަހަންނަށް ހަނދާންކޮށްދެނީ ތިބާގެ މަތިންނެވެ. އަޖުމަލްގެ އެ އޯގާތެރި، ރީތި، ފޮނި އަދި ހިތްހެޔޮ މޫނެވެ. އިޙުސާސްތަކުން ފުރިގެންވި އެ ފުން ދެލޮލެވެ. އަދި އަހަރެންގެ ރޫހާ ކުޅެލި އެ ހިތްގައިމު އަޑެވެ.
އަހަރެން މިހުރީ ވާރޭގެ ތެރޭގައި ތެމިފޯވެފައެވެ.
މީހަކަށް އަހަރެން މިހާރު ފެނިއްޖެނަމަ، މޮޔަވީ ކަމަށް ހީވެދާނެއެވެ. ފަހަރުގައި އަހަރެން މޮޔަވީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު އަހަރެން އެކަމަކާ ފަރުވާލެއް ނެތެވެ. އަޖުމަލް ކޮންމެ ތަނެއްގައި ހުރި ނަމަވެސް، އަހަރެންގެ އިޙުސާސްތައް ކުރެވޭނެ ކަމަށް އުންމީދު ކުރަމެވެ. އުޑުމަތިން އަހަންނަށް ބަލާށެވެ. ވައިރޯޅިތަކުގެ ތެރެއިން އަހަންނާ ވާހަކަދައްކާށެވެ. ގުގުރީގެ އަޑުން އަހަންނަށް މެސެޖެއް ފޮނުވާށެވެ.
އަޖުމަލް.. އަހަރެން މިހުރީ ވާރޭގެ ތެރޭގައެވެ. އަހަރެންނަށް ފިންޏެއް ނުވެއެވެ. އަހަރެންގެ ހިތް ފިނިވީ ތިބާ އަހަރެން ދޫކޮށް ދިޔަ ދުވަހުއެވެ. ތިބާގެ ވަކިވުމުން އަހަރެންގެ ހަށިގަނޑުން ފުރާނަ ދިޔަ ފަދައެވެ. އަހަރެން މި ވާރޭގެ އިޙުސާސް ކުރަން އިންތިޒާރު ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.
މަޑުމަޑުން ގުގުރާލި އަޑު އިވުނެވެ.
އެއީ ނިމުމެއް ނެތް ކަމެއްގެ ހަނދާންތައް އާކޮށްދޭ ފަދަ އަޑެކެވެ. އެވަގުތު އަހަންނަށް އާދަޔާ ޚިލާފު ހޫނުކަމެއް އިޙުސާސް ކުރެވުނެވެ. އަހަރެންގެ ހަނދާނުގެ ތެރެއިން “ފަސް މިނެޓު” މި އަޑު އިވުނު ފަދައެވެ. އަހަރެން ކަރުނައިގެ ތެރެއިން ހީނލީމެވެ.
“ބަލާބަލަ، އަދިވެސް ގުނަނީތަ؟”
ތިބާގެ އިނގިލިތަކުން ފިރުމާލާ ފަދައިން، ތެމިފައިވާ އަހަރެންގެ އިސްތަށިގަނޑު ތެރެއިން ވައިރޯޅިއެއް ޖެހިލިއެވެ. ހިތް ބާރަށް ތެޅެން ފެށިއެވެ. އެއީ ތަދެއް ނޫނެވެ. އެއީ އުންމީދެކެވެ. ހަނދާންތައް އޮހިގަތީ ބަންޑުންވި ވާރޭ ފަދައިންނެވެ.
އަހަރެމެން ފުރަތަމަ ބައްދަލުވީ ދުވަހުވެސް ވެހެމުން ދިޔައީ ވާރެއެވެ. އެއީ ރާއްޖެއަށް އާންމުކޮށް ވެހޭ ކަހަލަ ބޯ ވާރެއެވެ. އަހަރެން ތެމެމުން ދުވެފައި ގޮސް ކެފޭއަކަށް ވަންނަން އުޅުނު ވަގުތު، ތިބާ އެ ދޮރު ހުޅުވައިދިނީމެއް ނޫންހެއްޔެވެ؟ ތިބާގެ ހިނިތުންވުމާއި، އެ މަޑުމައިތިރި އަޑުން އަހަރެންގެ ހިތް ފަތަހަ ކުރީމެއްނޫން ހެއްޔެވެ؟
އަހަރެމެންގެ ލޯބި އުފެދުނީ ވަރަށް އަވަހަށެވެ. ހަނަފަސް ބިމަކަށް ވެހޭ ވާރޭ ފަދައިން އެ ލޯބި އަހަރެމެންގެ ހިތްތަކަށް ފޭދިގެން ދިޔައެވެ. ތިބާއަކީ ވާރޭދެކެ ލޯބިވާ މީހެކެވެ. އަހަރެން އެކަމަށް އާދަވީ ތިބާގެ ސަބަބުންނެވެ. އަޖުމަލް ބުނާ ފަދައިން، “ވާރެއަކީ ހަމައެކަނި ފެނެއް ނޫނެވެ. އެއީ އިޙުސާސެކެވެ.”
ނަމަވެސް، އަހަރެން އަޖުމަލް އެންމެ ފަހުން ދުށް ދުވަހަކީ ވިއްސާރަ ދުވަހެއް ނޫނެވެ. އެއީ ވަރަށް އަވިގަދަ ދުވަހެކެވެ. “އަހަރެން ވަރަށް އަވަހަށް އަންނާނަން.” އަޖުމަލް ބުނީމެއް ނޫންހެއްޔެވެ؟ އެއީ އަހަރެމެންގެ އެންމެ ފަހުގެ ބައްދަލުވުމެވެ. އެދުވަހު މެންދުރުފަހު ލިބުނު ފޯނު ކޯލަކާއެކު އަހަރެންގެ ދުނިޔެ ބަދަލުވިއެވެ. އެކްސިޑެންޓެކެވެ. ހޮސްޕިޓަލަށް ދިޔައިރު، ހުރިހާ ކަމެއް ވަނީ ނިމިފައެވެ. ވަދާޢީ ސަލާމެއް ނެތި ތިބާ އަހަރެން ދޫކޮށް ދިޔައީއެވެ.
އަހަރެން ވާރޭގެ ތެރޭގައި ކަކޫމައްޗަށް ތިރިވީމެވެ.
“ކީއްވެ އަހަރެން އެކަނިކޮށްލާފައި ދިޔައީ؟” އަހަރެން ރޮމުން އެހީމެވެ. އެވަގުތު އަނެއްކާވެސް އެ ހޫނުކަން އިޙުސާސް ކުރެވުނެވެ.
އަހަރެންގެ ކަންފަތް ކައިރީގައި “މާޔާ” އޭ ބުނެލި އަޑު އިވުނު ފަދައެވެ.
“އަޖުމަލް؟” އަހަރެންގެ އަޑު ތުރުތުރުލާ ހާލު ގޮވާލީމެވެ.
“އަހަރެން މިހުރީ މިތާ.” އެ އަޑު އަނެއްކާވެސް އިވުނެވެ. “އަހަރެން މޮޔަވީބާ؟” އަހަރެން އަމިއްލަ ނަފުސާ ސުވާލު ކުރީމެވެ.
“ނޫން.” އޯގާތެރި އަޑުން ޖަވާބު ދިން ކަހަލައެވެ.
“ތިބާ ކޮބައިތަ؟” އަހަރެން އެހީމެވެ.
“އަބަދުވެސް އަހަރެންގެ އިޙުސާސް ކުރެވޭ ތަނުގައި.” ތިބާ ބުނި ފަދައެވެ.
އަހަރެން ލޯ މަރާލީމެވެ. އެވަގުތު، ހަމައެކަނި ހިނދުކޮޅަކަށް ނަމަވެސް، އަޖުމަލްގެ ހޫނުކަން އަހަންނަށް އިޙުސާސް ކުރެވުނެވެ. އެއީ ހަނދާނެއް ނޫނެވެ. އެއީ ތަދެއްވެސް ނޫނެވެ. އެއީ ތިބާ އަހަރެންގެ ގާތުގައި ހުރިކަމުގެ ހަޤީޤީ އިޙުސާސެކެވެ.
“އަހަރެން ދުވަހަކުވެސް މާޔާ ދޫކޮށްލާފައެއް ނުދަން.” އަޖުމަލް ސިއްރުން ބުނެލި ކަހަލައެވެ.
އަހަރެންގެ ތުންފަތް ތުރުތުރުލާ ހާލު ބުނީމެވެ. “އެކަމަކު ތިބާ އަހަރެން ދޫކޮށް މިދުނިޔެ ދޫކޮށް.. މަރުވެއްޖެ.”
“އާނ. އެކަމަކު ލޯތްބެއް މަރެއް ނުވާނެ.”
ދުނިޔެ އެކަމަށް ސަމާލުކަންދީ ކަނުލާ އަޑުއަހާ ފަދައިން، ވާރޭ މަޑުވާން ފެށިއެވެ.
“މާޔާ އަހަރެން މަތިން ހަނދާންވާ ކޮންމެ ހިނދަކު، އަދި އަހަރެމެންގެ ހަނދާނެއް އާވެގެން ހިނިތުންވާ ކޮންމެ ފަހަރަކު، އަހަރެން ހުންނަނީ މާޔާގެ ގާތުގައި.”
“އަހަރެންގެ ހިތް ވަނީ އެކަނިވެރިވެ މާޔޫސްވެފައި.” އަހަރެން އިއުތިރާފުވީމެވެ.
“އެއީ މާޔާ އަހަރެން ވަކިވި ވަގުތު ހިފަހައްޓައިގެން ހުރީމަ. އަހަރެމެން އުޅުނު އުފާވެރި ދިރިއުޅުމުގެ މަތިން ހަނދާން ކުރުމުގެ ބަދަލުގައި.”
އަހަރެން ބޯ ހޫރާލާފައި ކުރިއަށްވުރެ ބާރަށް ރޮއިގަތީމެވެ. “އެ ހަނދާންތަކާ ވަކިވާންވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެ.”
“އަހަރެންގެ ހަނދާންތަކާ ވަކިވާކަށް ނުޖެހޭ.” އަޖުމަލް ބުންޏެވެ. “ހަމައެކަނި އެ ތަދާއި ހިތާމަ ދޫކޮށްލާ.”
“އަހަރެން ވާރޭ އަންނާނެ ވަގުތަކަށް އިންތިޒާރު ކުރިން.”
“އަހަންނަށް އެނގެއޭ މާޔާ.”
“އަހަރެން އުންމީދު ކުރިން.. ފަހަރުގައި އަޖުމަލްގެ އިޙުސާސް ކުރެވިދާނެ ކަމަށް.”
“މިހާރު އެ އިޙުސާސް ކުރެވޭ ދޯ؟”
އަހަރެން ފުން ނޭވާއެއް ލީމެވެ. އެތައް މަހަކަށްފަހު ފުރިހަމަ ނޭވާއެއް ލެވުނު މިއީ ފުރަތަމަ ފަހަރެވެ.
“އަޖުމަލް އަހަރެންގެ ގާތުގައި މަޑުކުރާނަންތަ؟” އަހަރެން ވަރަށް އުންމީދާއެކު އެހީމެވެ.
މަދު ސިކުންތުކޮޅެއްގެ ހިމޭންކަމަށްފަހު އަޖުމަލް ޖަވާބު ދިނެވެ.
“އަހަރެން އަބަދުވެސް ވާނީ މާޔާގެ އެއްބަޔަށް. އެކަމަކު މާޔާ، ތިބާ ދިރިއުޅެން ޖެހޭނެ.”
އަހަރެންގެ ހިތަށް ތަދުވިއެވެ. “އަޖުމަލްއާ ނުލައި ދިރިއުޅޭކަށް އަހަރެން ބޭނުމެއް ނޫން.”
“ތިޔަ ހުންނަނީ އަހަންނާ ވަކިންނެއް ނޫން.” އަޖުމަލް އޯގާތެރިކަމާއެކު ބުންޏެވެ. “މާޔާގެ މަޤުސަދަކީ އަހަރެމެން ފެށި ކަންތައް ކުރިއަށް ގެންދިއުން.”
“އަހަރެމެން ފެށީ ކޮން ކަމެއް؟” އަހަރެން އެހީމެވެ.
“ލޯބި.” އަޖުމަލް ޖަވާބު ދިނެވެ.
އަހަރެންގެ ތުންފަތްމައްޗަށް ކަރުނައާއެކު ހިނިތުންވުމެއް އައެވެ. “ތީ މާ ބޮޑު ކަމެއް.”
އަހަރެން މަޑުމަޑުން ހީނލީމެވެ. “ތީ ހަމަ އަޖުމަލް ބުނާނެ ކަހަލަ ވާހަކައެއް.”
“އަހަރެން މި ބުނީ ހަމަ އެހެން.”
މިހާރު ވާރޭ ވަނީ ވަރަށް ކުޑަކޮށް ހިމަފޮދުވާރެއަކަށް ބަދަލުވެފައެވެ.
“ފަސް މިނެޓު.” އަޖުމަލް ސަމާސާ ރާގަކަށް ބުނެލިއެވެ.
އަހަރެން ކަރުނައިގެ ތެރެއިން ހިނިތުންވީމެވެ. “މިފަހަރު އަހަރެން މާ ގިނަ އިރު ކެތްކޮށްފިން.”
“އަހަންނަށް އެނގޭ މާޔާއަށް ކެތްކުރެވޭނެކަން.”
އެ ހޫނުކަން މަޑުމަޑުން ފަނޑުވާން ފެށިއެވެ. އެއީ ވަދާޢު ކިޔަން ބޭނުންނުވާ އިރުއޮއްސޭ މަންޒަރެއް ފަދައިންނެވެ.
“އަޖުމަލް..” އަހަރެން އަވަސްއަވަހަށް ގޮވާލީމެވެ.
“ކީކޭ؟”
“އަހަރެން ވަަރަށް ލޯބިވޭ.”
“އަހަންނަށް އެނގެއޭ. އަދި އަހަރެންވެސް ވަަރަށް ލޯބިވޭ.. މި ދިރިއުޅުމަށްވުރެ ބޮޑަށް، މި އުޑަށްވުރެ މަތިން، އަދި ވާރޭގެ ކޮންމެ ތިއްކަކަށްވުރެ ފުންކޮށް.”
ވައިރޯޅިތައް ހުއްޓުނެވެ. އެ ހޫނުކަން ގެއްލުނެވެ. އަހަރެން އަނެއްކާވެސް އެކަނިވީއެވެ.
ނަމަވެސް މިފަހަރު އަހަރެންގެ ހިތް ހުހެއް ނޫނެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ. ހެދުން ވަނީ ވާރޭގެ ސަބަބުން ބަރުވެފައެވެ. އެކަމަކު ހިތް ވަނީ ވަރަށް ލުއިވެފައެވެ. ތިބާ ދިޔަ ފަހުން އަހަރެންގެ ހިތަށް މިހާ ބޮޑު ހަމަޖެހުމެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އަހަރެންގެ ހިތް ކުދިކުދިވެފައިވާ ކަމުގެ އިޙުސާސެއް މިހާރު ނުކުރެވެއެވެ.
އަހަރެން އަމާންވެފައިވާ އުޑުމައްޗަށް ބަލާލީމެވެ. “އަހަރެން ދިރިއުޅޭނަން.” އަހަރެން މަޑުމަޑުން ބުނީމެވެ. “މިއީ ވަޢުދެއް.”
އެވަގުތު ޖެހިލި މަޑު ވައިރޯޅިއަކީ އެކަމަށް ލިބުނު ރުހުމެއް ކަހަލައެވެ. އަހަރެން ހިނިތުންވީމެވެ.
ގެއަށް ދާން ހިނގައިގަތްއިރު، އަހަރެން ވާރެއަކުން ސަލާމަތްވާކަށް ނުދުވަމެވެ. އަހަރެން ހިނގަމުން ދިޔައީ ވާރޭގެ ތެރޭގައެވެ. ވަރަށް މަޑުމައިތިރިކަމާއެކުގައެވެ.
މިހާރު އަހަންނަށް ވިސްނިއްޖެއެވެ. ވާރެއަކީ ހަމައެކަނި ފެނެއް ނޫނެވެ. އެއީ ތިބާއެވެ. އަދި ވާރޭ ވެހޭ ކޮންމެ ފަހަރަކު، އަހަރެން ދެން ދުވަހަކުވެސް އެކަނިވެރިއެއް ނުވާނަމެވެ.
(ނިމުނީ)
