އެފްއޭއެމްއިން އިންތިޒާމްކޮށްގެން މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ މާލޭ ރީޖަންގެ ޗެންޕިއަންކަން ބިސްބުރު ސްޕޯރޓްސް ކުލަބް ހޯދައިފިއެވެ.
ބިސްބުރަކީ ހަތަރު ރީޖަންއަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ ޗެންޕިއަންކަން ހޯދި ފުރަތަމަ ޓީމެވެ. ސައުތު ރީޖަން އާއި ސެންޓްރަލް ރީޖަން އަދި ނޯތު ރީޖަންގެ މެޗްތައް އަދި ނުނިމެއެވެ.
މާލޭ ރީޖަންގެ ފަހުމެޗް ގަލޮޅުދަނޑުގައި ރޭ ކުޅެވުނުއިރު، މުބާރާތުގެ ޗެންޕިއަންކަން ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ. އަދި ރޭގެ މެޗްގައި ވާދަކުރި ބިސްބުރާއި ލޮރެންޒޯގެ އިތުރުން، މިމެޗްގެ ނަތީޖާ ނުކުންނަ ގޮތަކުން އެފުރުސަތު އޮތީ ޕީކޭ ވެސް އޮތެވެ.
ބޯކޮށް ވާރޭ ވެހި ދަނޑުގައި ފެންހެދިފައި އޮތުމުން ކުޅެން އުނދަގޫވި މިމެޗް ފަށައިގެން ރަނގަޅަށް ކުޅުނީ ބިސްބުރުންނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބުނު މިމެޗްގެ ފުރަތަމަ ލަނޑު ޖެހީ ބިސްބުރުން ނެވެ. 31 ވަނަ މިނިޓްގައި ބިސްބުރަށް މިލަނޑު ޖަހައިދިނީ ނަޝީދު އެވެ. ނަޝީދު މި ލަނޑު ޖެހީ ބިސްބުރު ކުޅުންތެރިއަކު އޭރިޔާތެރެއަށް ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ ލޮރެންޒޯއިން މަސައްކަތް ކުރަމުން ދަނިކޮށް އަނެއްކާ ވެސް ފެނުނީ ބިސްބުރުގެ ލަނޑެކެވެ. ބިސްބުރު ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ނަގައިދިން ހުރަސް، ކީޕަރުގެ ބޯމަތިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބު ކޮށްދިނީ ސައީދު އެވެ.
ފުރަތަމަ ހާފު 2-1 އިން ބިސްބުރު ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅުނީ ލޮރެންޒީ އިންނެވެ. ފުރުސަތުތައް ހޯދަމުންދިޔަ ލޮރެންޒޯއިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ 60 ވަނަ މިނެޓްގައެވެ. ބިސްބުރުގެ އޭރިޔާ ބޭރު އަރިމަތިން ލޮރެންޒޯއަށް ލިބުނު ފްރީކިކް މަތިމަތިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބު ކޮށްދިނީ މަމްދޫހް އެވެ. މަމްދޫހު ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައެވެ.
ގާތްގާތުގައި ފުރުސަތުތައް ތަނަވަސްކުރި ލޮރެންޒޯއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރީ 69 ވަނަ މިނިޓްއެވެ. ލޮރެންޒޯއަށް ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބު ކޮށްދިނީ ހަނާން އެވެ. ހަނާން ފޮނުވާލި ޕެނަލްޓީ ގޯލްގެތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފަ ގޯލްގެ ދަނޑީގައި ވެސް ޖެހިފައެވެ.
ލޮރެންޒޯއިން ނަތީޖާ ހަމަހަމަކުރިތާ މާގިނައިރެއް ނުވެ ބިސްބުރުން ވަނީ އަނެއްކާ ވެސް ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާ ލައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަފްނާން އެވެ. ބިސްބުރުގެ ކުޅުންތެރިއަކު މަތިމަތިން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަފްނާން ގޯލްގެ ތެރެއަށް ފޮނުވާލީ ފުންމައިގެން އަރައި ބޮލުންނެވެ.
ތިންވަނަ ލަނޑާއިއެކު މެޗްގެ ކޮންޓްރޯލް ހޯދި ބިސްބުރުން އެޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ 74 ވަނަ މިނިޓްއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ސައީދު އެވެ. ބިސްބުރުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިޔާތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ސައީދު ގޯލްގެ ތެރެއަށް ފޮނުވާލީ މުޅިން ހުސްކޮށް ހުރެއެވެ.
ލަނޑު ޖަހާނެ ފުރުސަތު ލޮރެންޒޯއަށް ވެސް ލިބުނު މިހާފުގައި ދެން ވެސް ފެނުނީ ބިސްބުރުގެ ލަނޑެކެވެ. ބިސްބިރުން އެޓީމުގެ ފަސްވަނަ ލަނޑުޖެހީ މެޗްގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓްއެވެ.
މިނަތީޖާއާއެކު މިރީޖަންގެ ޗެންޕިއަންކަން ބިސްބުރަށް ލިބުނީ ޕޮއިންޓްގެ ގޮތުން ޕީކޭއާ އެއްވަރުވެ ފައިދާ ގޯލް ގިނަވުމުން ނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ނަޝީދުއެވެ. މިއީ މިމެޗްގައި ނަޝީދު ޖެހި ދެވަނަ ލަނޑެވެ.
މި ރީޖަންގެ އެންމެމޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިސްބުރު ސްޕޯރޓްސް ކުލަބްގެ މަހްމޫދު އަސްރަފް އެވެ.
