ބޮލީވުޑްގެ “މިސްޓަރ ޕާފެކްޝަނިސްޓް” ގެ ނަމުން މަޝްހޫރުވެފައިވާ އާމިރު ޚާން، އޭނާ ކުޅޭ ފިލްމުތައް ސިއްރުން ނުވަތަ “ގޯސްޓް ޑައިރެކްޓް” ކުރާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ވަރަށް ސަރީހަ އިބާރާތުން ދޮގުކޮށްފިއެވެ.
ސްކްރީން އެކަޑަމީއާ ވާހަކަ ދައްކަމުން އާމިރު ބުނީ، އޭނާގެ 38 އަހަރުވީ ފިލްމީ ކެރިއަރުގައި ރަސްމީކޮށް ޑައިރެކްޓް ކުރީ އެންމެ ފިލްމެއް ކަމަށެވެ. އެއީ 2007 ވަނަ އަހަރު ނުކުތް “ތާރޭ ޒަމީން ޕަރް” އެވެ. މީޑިއާއިން ފަތުރާ މިފަދަ ޚަބަރުތަކަށް ރައްދު ދެމުން އާމިރު ބުނީ، “އަހަރެން މޮޅު މަސައްކަތެއް ކުރާނަމަ، އެހެން މީހެއްގެ ނަން އެ މަސައްކަތުގައި ޖަހަންވީ ކީއްވެ؟ އަހަރެން މޮޅުވީމަ ހެއްޔެވެ؟” މިފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް “ނޮންސެންސް” ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
އާމިރުގެ ކެރިއަރުގެ ކުރީކޮޅަށް ބަލާލަމުން އޭނާ ބުނީ، އޭނާގެ ފުރަތަމަ ފިލްމު “ޤަޔާމަތު ސޭ ޤަޔާމަތު ތަކް” އަށް ފަހު ވަރަށް ގިނަ ފިލްމުތަކެއްގައި ސޮއިކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފިލްމުތައް ފްލޮޕްވުމުން، އޭނާއަކީ ހަމައެކަނި އެއް ފިލްމުން ކާމިޔާބު ހޯދި “ވަން ފިލްމު ވޮންޑަރ” އެއް ކަމަށް ބައެއް މީހުން ބުނި ކަމަށެވެ. އެ ހިސާބުން އޭނާގެ މަސައްކަތުގެ އުސޫލު ބަދަލުކޮށް، ސްކްރިޕްޓްތައް ވަރަށް ބޮޑަށް ބަލައި، އެއްފަހަރާ އެންމެ ފިލްމަކަށް ސަމާލުކަން ދޭން ފެށީ ކަމަށް އޭނާ ކިޔައިދިނެވެ.
އޭނާގެ ހުރިހާ ފިލްމުތަކެއް ޑައިރެކްޓް ކުރަނީ އޭނާ ނޫންކަން ސާބިތުކޮށްދިނުމަށް އާމިރު ދެއްކި ހެއްކަކީ އޭނާގެ ފިލްމުތަކުގެ ތަފާތުކަމެވެ. “ލަގާން”، “ރަންގް ދޭ ބަސަންތީ”، “ސަރްފަރޯޝް” އަދި “3 އީޑިއަޓްސް” ފަދަ ފިލްމުތަކަކީ ތަފާތު ޑައިރެކްޓަރުންގެ ތަފާތު ތަސައްވަރުތައް ކަމަށާއި، އޭނާ ހުރިހާ ފިލްމެއް ޑައިރެކްޓްކުރާ ނަމަ، ހުރިހާ ފިލްމެއްގެ ރޫހާއި ހަކަތަ ހުންނާނީ އެއްގޮތަކަށް ކަމަށް އޭނާ ބުންޏެވެ.
ފިލްމު އުފެއްދުމަކީ މުޅި ޓީމެއްގެ މަސައްކަތެއް ކަމަށާއި، އޭނާއަކީ އެ ޓީމުގައި ހިމެނޭ އެތައް ބައެއްގެ ތެރެއިން އެކަކު ކަމަށް އާމިރު ފާހަގަކުރިއެވެ. އަދި ފިލްމު ކާމިޔާބުވުމުގެ އަސްލު ކްރެޑިޓް ދޭންޖެހެނީ ޑައިރެކްޓަރުންނާއި، ލިޔުންތެރިންނާއި ޓެކްނީޝަނުންނަށް ކަމަށް އޭނާ ބުންޏެވެ. އާމިރު ބުނި ގޮތުގައި ފިލްމު އުފެއްދުމަކީ ވަރަށް އުނދަގޫ މަސައްކަތެކެވެ. އެތައް ކަމެއް ކޮންޓްރޯލުން ބޭރުގައި އޮންނަ އިރު، އެކަން ޤަބޫލުކޮށްގެން މަސައްކަތުގެ އުފާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
