ފިލްމަށްޓަކައި ފަސް މަސް ދުވަހުގެ ޕްރެކްޓިސް ކުރުމަށްފަހު އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ އަލަތު ފިލްމު “މަހާރާޖާ”ގެ ޝޫޓިން މިއަދު އަނދޭރީގައި ފަށައިފިއެވެ.
ތިއޭޓަރުގެ ތަޖުރިބާ ލިބިފައިވާ ޖުނައިދު ޚާން މިއަދު އޭނާގެ އަލަތު ފިލްމު “މަހާރާޖާ”ގެ ޝޫޓިން ފަށައިފިއެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ސިދާތު ޕީ މަލްހޮތުރާ އެވެ. މި ފިލްމުގައި ދައްކުވައިދޭނީ 1862 ދުވަސްވަރުގެ ހާދިސާތަކެކެވެ.
ފިލްމު “މަހާރާޖާ”ގެ ޕްރޮޑިއުސަރ އަދިތިޔާ ޗޯޕްރާ އަކީ މީގެ ކުރިން ރަންވީރު ސިންހް، އަނުޝްކާ ޝަރްމާ އަދި ޕަރިނީތީ ޗޯޕްރާ ފަދަ ތަރިން އަލަށް ބޮލީވުޑަށް ނެރުނު ޕްރޮޑިއުސަރެވެ. އެހެންކަމުން އޭނާގެ މަގުދެއްކުމާއެކީގައި ވޭތުވެދިޔަ ފަސް މަސްދުވަހު ޖުނައިދުގެ ކެރެކްޓަރ އަށް ތައްޔާރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މި ފިލްމު ޝޫޓްކުރުމަށްޓަކައި ވިޖޭ ނަގަރްގައި ވަރުގަދަ ސެޓެއް ތައްޔާާރުކޮށްފައިވެއެވެ. އެ ސެޓްގައި ދައްކުވައިދޭނީ 1862ގައި އިންޑިޔާ އޭރު އޮތް ގޮތް ކަމަށް މަސްދަރަކުން ބުނެއެވެ.
މި ފިލްމުގައި ދީނީ ލީޑަރެއްކަމަށްވާ ޖާދޫނަތުޖީ ބްރިޖްރަތަންޖީ މަހާރާޖް، އިސްލާހަށް މަސައްކަތްކުރާ ނޫސްވެރިޔާ ކަރްސަންދާސް މުލްްޖީ ގޮވައިގެން ކޯޓަށް ދެއެވެ. އޭނާ ކޯޓަށް ދަނީ މުލްޖީ ލިޔާ ޚަބަރަކާއި ގުޅިގެންނެވެ. އެ ޚަބަރުގައި ދީނީ ލީޑަރު ޖާދޫނަތުޖީ ބްރިޖްރަތަންޖީ މަހާރާޖް އޭނާާގެ ކައިރީގައި ގެންގުޅޭ ދީނީ އަންހެންވެރިންގެ ތެރެއިން ބައެއް މީހުންނާއެކު ޖިންސީ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކޮށް ލިޔެފައިވެއެވެ.
މި ފިލްމުގައި ޖުނައިދު ފެނިގެންދާނީ ނޫސްވެރިޔާ މުލްޖީގެ ރޯލުންނެެވެ.
