“ހޮޓް މަންމައެއް.. މީހަކަށް ބަލާނެ ކަމެއް ނެތް. މަޑުމަޑުން އެއަތަށް ކަނޑާލާ. މިތާކު ނޫޅޭނެ ބަލާނެ މީހެއް.” ގުދުގުދު ލަމުން، އެއްފިޔަވަޅު ފަހަތަށް ދެފިޔަވަޅު ކުރިޔަށް ކަހަލަ ގޮތަކަށް އަޅަމުން ގަސްތަކާއި ދިމާއަށް ދިޔަ ފިރްޝާއަށް ބަލައިލަމުން ސާދިން ވާހަކަ ދެއްކީ މިޒާން އާއެވެ. ފިރްޝާ ހުރި ހާލަތު ދެމީހުނަށް ވެސް ޔަޤީނާއި ގާތަށް އެނގެއެވެ.
ބޭނުންވި ފުރުސަތު ލިބުމާއިއެކު މިޒާން މަޑުމަޑުން އެއްފަރާތަށް ޖެހެލިއެވެ. މީހުންގެ ލޯތަކަށް ސިއްރުން ފިރްޝާއަށް ފާރަލާން ފެށިއެވެ. އެކަމެއް ފިރްޝާއަކަށް ނޭނގެއެވެ.
އިމާރާތުގެ ދެވަނަ ފަންގިފިލާއިން މީހެއްގެ ކުކުރުމުގެ އަޑު ކަހަލަ އަޑެއް އިވުނެވެ. ހީވާގޮތުން އެއީ އިޝްގީ މަސްތީ ކަނޑެއްގައި ފަތަމުންދިޔަ އަންހެނެއްގެ އަޑެވެ.
ތިން މީހުންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ސިއްރުސިއްރުން ވާހަކަ ދައްކާލުމަށްފަހު މަޑުމަޑުން މައްޗަށް އަރަން ފެށިއެވެ. އެތަނުގައި ހިނގާކަމެއް ބަލަން ތިން މީހުން ވެސް ބޭނުންވިއެވެ. އެތަނުގައި ފަނޑު އަލިކަމެއް ހުއްޓެވެ.
މުޅި އިމާރާތުން ކަރަންޓް ދިޔައީ ކުއްލިއަކަށެވެ. ވަރަށް ފަނޑުކޮށް ނަމަވެސް މަގުބައްތިއެއްގެ އަލިކަން ފޯރާފައި ހުއްޓެވެ. މީހަކު ދުއްވައިގަތް އަޑު އިވުނެވެ. ކޮންމެވެސް އެއްޗެއް ބިންދައިގެން ދިޔަ ކަހަލަ އަޑަކާއިއެކު ކުޑަދޮރުން ބޭރަށް މީހަކު ދެމިގަތްތަން ފެނުނެވެ. ފަހަތުން ދުއްވައިގަތް ސޮބުރީއަކަށް ކާމިޔާބެއް ނުވިއެވެ. ކައިރީ ހުރި ހޮޅިދަނޑިން ލޫދިގަނެގެން އެމީހަކު ރައްކާވެއްޖެއެވެ.
އެއީ އެންމެ މީހެކެވެ. އިވުނީ ވެސް އެންމެ މީހެއްގެ އަޑެވެ. ލަފާކުރެވުނު ގޮތުން އެއީ އަންހެން އަޑެކެވެ. އެތަނުން ދިޔައީ އަންހެނެއްކަމެއް ފިރިހެނެއް ކަމެއް އެކަކަށް ވެސް ޔަޤީނެއް ނޫނެވެ.
އަންހެނަކު އެކަނިމާއެކަނި މިފަދަ ތަނަކަށް، މިފަދަ ވަގުތެއްގައި ވަދެދާނެބާއެވެ. އަންހެނަކު އެހާ ހަލުވިވެފައި ބިރުކުޑަ ވެދާނެބާއެވެ.
“ޔަގީން އަދި ވާނެ އެކަކު.” ސޮބުރީ ބުނީ އޭނާއަށް ޤަބޫލުކުރެވޭ ގޮތެވެ.
“އެކަން ބާއްވާފަ އަހަރުން ކުރަން އައި ކަންތައް ނިންމާލަން ހިނގާ. މާގިނައިރު މިތާ މަޑުކުރުން ސޭފެއް ނުވާނެ.” ވަށައިގެން ހޯދާލަމުން ވަދީއު ވާހަކަ ދެއްކިއެވެ. އޭނާގެ ވާހަކަތައް ސޮބުރީ އާއި ޖަބީންއަށް ވެސް ކަމުދިޔައެވެ.
ސިމެންތި ގުދަން ކައިރީ ފިލައި ހުރި އަންހެންކުއްޖާ ފެނުނީ ޖަބީން އަށެވެ. އޭނާއަށް ނޭނގޭނެހެން ސިއްރުސިއްރުން ސޮބުރީއަށް ޖަބީން އެ އަންހެންކުއްޖާ ދައްކައިލިއެވެ. އެ އަންހެންކުއްޖާއަކަށް އެއިން އެއްވެސް ކަމެއް ނޭނގެއެވެ.
“ބީރައްޓެއްސެއް.. މިއަދު އައި ގުރޫޕްގެ މަންޖެއެއް ކަންނޭނގެ. ކަޓަކަށް ވަދެ އެ އުޅެނީ.” ހަމައެކަނި ސޮބުރީއަށް އަޑު އިވޭވަރަށް ސިއްރުސިއްރުން ޖަބީން ވާހަކަދެއްކިއެވެ.
“މިއަށްވުރެ ރަނގަޅު ޗާންސެއް ނުލިބޭނެ. ހިނގާ ދާން.” ސޮބުރީ ބޭނުންވީ ލިބުނު ފުރުސަތުގެ ބޭނުން ހިފާށެވެ.
“ކުރަން އައި ކަންތައް ނިންމަން ހިނގާ.. ރުފިޔާ ހުރިއްޔާ ތިކަހަލަ ބައިވަރު ލިބޭނެ.” ޖަބީން ބުނީ އޭނާ ބޭނުންވާ ގޮތެވެ. އިތުރަށް އޭނާ ހާމަކުރީ އޭނާއަށް ޤަބޫލުކުރެވޭ ގޮތެވެ. ނުވަތަ އޭނާގެ ތަޖުރިބާއެވެ.
ހިތްހަމަނުޖެހުނު ނަމަވެސް ޖަބީން އާއެކު ސޮބުރީ ދިޔައެވެ.
ތިން ގޯނި ފުރެންދެން ސާމާނު އަޅައިގެން ތިން މީހުން ތިން ގޯނި ހިފައިގެން އެތަނުން ނުކުތްއިރު، މި ކުރެވެނީ ކިހާވަރެއްގެ ބޮޑު ފާފައެއްކަމާއިމެދު އެންމެ ފަހަރަކު ވެސް ވިސްނާލިހެނެއް ހިޔެއް ނުވެއެވެ. ބޭނުންވި ކަންތައް ވުމުން ތިން މީހުން ވެސް ތިބީ ހިތްހަމަޖެހިފައެވެ.
މުދާތައް ރައްކާކުރުމަށް އެންމެ ރަނގަޅު ތަނަކަށް ތިން މީހުންނަށް ވެސް ފެނުނީ ތުނޑިއާއި ދުރުނޫން ހިސާބެއްގައި ވަޅުލުމެވެ. އެއަށްވުރެ ރައްކާތެރި ތަނެއް އެމީހުނަކަށް ނުލިބޭނެއެވެ. ކުރިން ވެސް ކަންކުރި، އަދި އެންމެ ކާމިޔާބު އުސޫލަކީ އެއީއެވެ.
ތުނޑީގައި ޖަހަމުންދިޔަ ސަކަރާތުގެ އަޑު މާދުރަށް އިވެމުން ދިޔައެވެ. ގޯނިތައް ހިފައިގެން ވަލަށް ވަންގޮތަށް ތިން މީހުން ތިން ދިމާއަށް ޖެހިލިއެވެ. ބޭރުތެރޭން ހަނދުވަރުގެ އަލިކަން ފެންނަން އޮތަސް ގަސްތަކުތެރެއަށް އެކަމުން މާބޮޑު ލުޔެއް ނުލިބުނެވެ. ފޯނުގެ އަލި ދުރަށް ނުފެންނާނެހެން ގެންގުޅުމަށް ތިން މީހުން ވެސް ސަމާލުކަން ދިނެވެ.
ގޯނި ވަޅުލުމަށްފަހު ފިނިކޮށްލަން އަތިރިއަށް ނުކުތް ޖަބީންގެ ލޮލުގައި، އެދިމާ ގޮނޑުދޮށުގައި ހުރި އަންހެންކުއްޖާ އަޅައިގަތީ ކުއްލިއަކަށެވެ. ހީވާގޮތުން އެ އަންހެންކުއްޖާ ހުރީ ފޯނެއްގައެވެ. ތުނޑީކޮޅު ދިއްލާފައިހުރި ލައިޓްތަކުން ލައިޓެއްގެ އަލި ކޮންމެވެސް ވަރަކަށް އެހިސާބަށް ފޯރާފައި އޮތެވެ.
ގަސްތައް ކައިރިން ބޮނދަމުން ބޮނދަމުން އެދިމާއަށް އައި މިޒާން އަކަށް ޖަބީން އެތާ ހުރިކަމެއް ނޭނގެއެވެ.
ޖަބީނަށް މިޒާން ފެނުމާއިއެކު މަޑުމަޑުން ގަސްތަކުތެރެއަށް ޖެހިލައި އޭނާއަށް ސަމާލުކަން ދިނެވެ.
އަންހެންކުއްޖާގެ ފުރަގަހުން މަޑުމަޑުން ދިޔަ މިޒާން ކުއްލިއަކަށް ބައްދައިލުމުން އަންހެންކުއްޖާ ދިޔައީ ސިއްސައިގެންނެވެ. ލިބުނު ސިހުމާއިއެކު ސަލާމަތްވުމަށް ތެޅިގަތް ވަގުތު ދެމީހުން އެކުގައި ބިންމައްޗަށް ވެއްޓިއްޖެއެވެ.
އެ އަންހެންކުއްޖާ އޮތީ މިޒާންގެ ގައި ދަށުއެވެ. ބޭނުންވި ފުރުސަތު ލިބުމާއިއެކު މިޒާންގެ ހިތް އުފަލުން ނަށައިގަތެވެ. އޭނާގެ ހަރަކާތް އަވަސްވެފައި އަތްމަތި އަވަހަށެވެ. އެ އަންހެންކުއްޖާގެ އަތުގައި އޮތް ފޯނާއި ކޮނޑުގައި އޮތް ދަބަސް ދަމައިގަތެވެ. އޭނާ ކުރަމުންދިޔަ އާދޭހަކަށް ލަވަމުންދިޔަ ހަޅޭކަކަށް ސަމާލުކަމެއް ނުދިނެވެ.
ބިންމައްޗަށް ވެއްޓިފައި ތިބި ދެމީހުން، ފިރްޝާއަށް ފެނުނީ އެ އަންހެންކުއްޖާ ހަޅޭލަވައިގަތް އަޑު އިވިގެން އެދިމާއަށް ބަލައިލި ވަގުތުއެވެ. އަވަސްއަވަހަށް އެދިމާއަށް ބަލައިލިއިރު، މިޒާން އެކުއްޖާގެ ގައިމަތިން ތެދުވަނީއެވެ.
އެއްގަމާއި ދިމާއަށް ދުއްވައިގަތް މިޒާން އަކަށް މާދުރަކަށް ނުދެވުނެވެ. ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެސް ކުއްލިއަކަށް އެ އަންހެން ކުއްޖާ ތެދުވިގޮތް ފެނިފައި ފިރްޝާގެ ފިޔަވަޅުތަކަށް ހުއްޓުން އައެވެ. ދެފައި ތަޅުލެވުނު ކަހަލައެވެ. އޭނާއެކޭ ކަޅު އެންދެރިގަނޑެކޭ އެއްގޮތެވެ. ގައިގެ ކުލައެއް ލައިގެން ހުރި އަންނައުނެއް ވަތްކެއް ނުވެއެވެ. ފެނުނު މަންޒަރު ޤަބޫލުކުރަން ފަސޭހަ ނުވި ނަމަވެސް ޤަބޫލުކުރުން ނޫން ގޮތެއް ނެތެވެ.
އަންހެންކުއްޖާގެ ދެލޮލުން އަލިފާންކަނި ވިދާލިއެވެ. އެ ވިދުން އަނގުރު އަލިފާން ފަދަ ރަތްކުލައަށް ބަދަލުވާން ހޭދަވީ ދެތިން ސިކުންތެވެ. މިޒާންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
“ފުރޭތައެއް.. ޖިންނިއެއް.” ފެނުނު މަންޒަރާއިއެކު ފިރްޝާގެ ހުރިހާ ހިއްސެއް ހޭލައްވައިލި ކަހަލައެވެ. އަޑުގެ ކޮޅަށް ހަޅޭއްލަމުން، ފަހަތަށް އެނބުރި ދުއްވައިގަތެވެ. ސަލާމަތް ވެވޭނެ ގޮތެއް ކިރިޔާ ވެސް އޮތީ އެގޮތުންނެވެ.
ގަސްތަކުތެރޭ ހުރި ޖަބީނަށް އެދިމާއަށް ބަލައިލެވުނީ ވެސް އެވަގުތުއެވެ. ފެނުނީ ފެންނާނެކަމަށް ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ. މިޒާންގެ ކަރުގައި ހިފައި އަތުގެ ކޮޅަށް ހިއްލާލައިގެން ހުރި މީހަކީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ނިޔާވި އައިމިނައެވެ. އެއީ އޭނާ ނޫން މީހެއް ނޫނެވެ.
“އައިމިނަ.. އައިމިނަ.. ގަސްދަށުގޭ އައިމިނަ. މިޒާން މަރާލަނީ..” ޖަބީންގެ އަޑަށް ސޮބުރީ އާއި ވަދީއު ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް އެދިމާއަށް ބަލައިލިއިރު، ޖަބީން ދުވެފައި ގޮސް ވަލުން ނުކުންނަނީއެވެ.
ޖަބީންގެ ފަހަތުން ވަދީއު އާއި ސޮބުރީ ވެސް ދުއްވައިގަތެވެ.
ތުނޑީކޮޅަށް ކުއްލި ލޮޅުމެއް އައި ކަހަލައެވެ. ހާލަތު ބަދަލުވާން ހޭދަވީ ދެތިން ސިކުންތެވެ. ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ތިބި ދެމީހަކު ފިރްޝާއާ ދިމާއަށް ދުއްވައިގަތެވެ. މޫދަށް އެރުމުގެ ކުރިން އޭނާ ހިފެހެއްޓުނީ ކިރިޔާއެވެ. އެއާއެކު އޭނާ އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. ބަލައިލިއިރު ހޭވެރިކަމެއް ނެތެވެ.
ފިރްޝާ ގޮވި އެއްޗެއް އެންމެ ރަނގަޅަށް ސާފުވީ މަލީހްއަށެވެ. އޭނާ ހުރީ އެ ހުރިހާ ކަމަކަށް ވިސްނައިގެންނެވެ.
ބިންމައްޗަށް ވެއްޓިފައި އޮތް މިޒާން ފެނުނީ އިރުކޮޅެއް ފަހުންނެވެ. ގޮސް ބެލިއިރު އޭނާގެ ވެސް ހެޔެއް ނެތެވެ.
ހޮސްޕިޓަލަށް ގުޅައި އެވާހަކަ ބުނުމާއިއެކު އެމީހުން މަސައްކަތް ފެށިއެވެ.
ސާދިން މަސައްކަތްކުރީ ތަން ހަމައަކަށް އަޅުވާށެވެ. އެތަނުގައި ހަރަކާތްތެރިވި މީހުން ފިޔަވައި އެހެން މީހަކަށް ފެންނަން ނުޖެހޭ ތަކެތި ރައްކާކުރާށެވެ. ކަންތައްތައް ދިމާވިގޮތުން ބޮޑު ކަންތައްގަނޑެއް ހިލޭނެކަން އޭނާއަށް ޔަޤީނެވެ. ގޯހެއް ފަޅާއަރައިފިނަމަ އެންމެ ބާރު ބޮޑުވާނީ އޭނާއަށެވެ.
ފެނިގެން ދިޔައީ ހޮސްޕިޓަލްގެ މުއައްޒަފުން އެފަދަ ކަމަކަށް ތައްޔާރުވެފައި ތިބި ވަރެވެ. ޚަބަރު ދިންތާ ދެތިން މިނިޓްތެރޭ އެންބިއުލާންސްގައި މިޒާން އާއި ފިރްޝާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ސޮބުރީ އާއި ވަދީއުއަށް ޖަބީން ހިފެހެއްޓުނީ ދުވެފައި ގޮސް ގަބުރުސްތާނަށް ވަން ފަހުންނެވެ.
ޖަބީން ބޭނުންވަނީ މިހާރުން މިހާރަށް އައިމިނަގެ މަހާނަ ކޮންނާށެވެ. އޭނާ އެތަނުގައި އޮތްތޯ ޔަޤީންކުރާށެވެ. މިޒާންގެ ކަރުގައި ހިފައި ހިއްލާލައިގެން ގޮނޑުދޮށުގައި ހުރީ އައިމިނަކަން ޖަބީނަށް ޔަޤީނެވެ.
ޖަބީން ހިފެހެއްޓުމަކީ ސޮބުރީ އާއި ވަދީއުއަށް ފަސޭހަ ކަމަކަށް ނުވިއެވެ.
މެންދަމުގެ ހަމަހިމޭންކަމަށް ލޮޅުން އައެވެ. ހިނގައިދިޔަ ހާދިސާގެ ގޮތުން އިތުރު ބަޔަކު ހޭލައްވަން ޖެހުނެވެ. އެތަނުގައި ތިބި ބައެއް މީހުންގެ ޢާއިލާތަކުގެ މީހުން ހޮސްޕިޓަލަށް ޖަމާވާން ފެށިއެވެ. ޕޮލިހުން އެބޭކަލުންގެ މަސައްކަތް ފެށިއެވެ. ރަށުތެރެއަށް ހަލަބޮލިކަން އަންނަން ފެށީ ހީކުރި ވަރަށްވުރެ އަވަހަށެވެ.
“ބުރޯ! ކައެ ކޮންކަމަކާ ތި ހާސްވަނީ؟ އެއްކަމެއް ވެސް ނުވާނެ. މަ ބައްޕައަށް ގުޅާފަ ބުނެފިން.. ބުރޯ ނުޖެހޭނެ ތިކަމާ ވިސްނާ ބޯގޮއްވާކަށް. މަ ބައްޕަ އެކަން ހަމަޖައްސާނެ.” ކަންބޮޑުވުމާއި ހާސްކަމުން ފިތި ހެލިނުލެވިފައި ހުރި ސާދިންއަށް ސިތުމާ ދިނީ ޔަޤީންކަމެވެ. ސިތުމާއަށް އެކަން ވާނެކަން ސާދިންއަށް އެނގެއެވެ.
ޖަބީންގެ ޚަބަރު ހުސްވެގެން ވެއްޓުނީ ސޮބުރީ އާއި ވަދީއުގެ އަތް މައްޗަށެވެ.
ހޭއެރުމާއިއެކު މިޒާން މަސައްކަތްކުރީ އެނދުން ފައިބާށެވެ. އޭނާ ބަލައި އައިމިނަ އެބަ އާދެއެވެ. ގަސްދަށުގޭ އައިމިނަ އޭނާ މަރާލާނެއެވެ. އައިމިނަގެ ކިބައިން އޭނާއަކަށް ސަލާމަތެއް ނުވެވޭނެއެވެ. އައިމިނަގެ އަތުން އޭނާ އަތުލި ފޯނާއި އަތްދަބަސް އޭނާއާ ހަވާލުކުރަން މިޒާން ބޭނުންވިއެވެ. އޭނާއަށް ކުޑަވެސް ލުޔެއް ލިބެން އޮތީ އެކަން ކޮށްގެންނެވެ.
މިޒާންގެ ޚަބަރު ހުސްވިއެވެ. އަނެއްކާ އިރުކޮޅެއް ފަހުން ހޭއެރިއެވެ. އޭނާގެ ބުއްދި ހަމައެއް ނޫނެވެ. ސިކުނޑީގައި ކޮންމެ ވެސް މައްސަލައެއް އެބައުޅެއެވެ. މިފަހަރު ވެސް ދެއްކީ ކުރިން ދެއްކި ފަދަ ވާހަކައެވެ. މުޅި ގޮނޑުދޮށުން ރެދަން ވިދާތަން ފެނިގެން ކައިރި ކޮށްލިއިރު ކޮންމެވެސް މީހަކު އެތަނުގައި ހުއްޓެވެ. އޭނާ ހުރީ ފޯނެއްގައެވެ. އޭނާ ވައްޓާލާފައި ފޯނާއި އޭނާގެ އަތްދަބަސް މިޒާން ދަމައިގަތެވެ. އޭނާގެ ކިބައިން މިޒާންއަކަށް ސަލާމަތެއް ނުވެވުނެވެ. މިޒާންގެ ކަރުގައި ހިފައި އޭނާ ހިއްލާލިއެވެ. އެއީ ގަސްދަށުގޭ އައިމިނައެވެ. ނޫނެކެވެ. އެއީ އައިމިނައެއް ނޫނެވެ. ބޮޑު ކަޅު އެންދެރިގަނޑެއް ކަހަލަ އެއްޗެކެވެ. އޭގެ ދެލޮލުން އަލިފާންކަނި ބުރައެވެ. ބޮޑު އަނގައެއް ހުއްޓެވެ. ބުރަކަށިމަތީ ކޮތަރިބަޔެކެވެ. ދިގު ދެ ކަންފަތް ވެސް ހުއްޓެވެ.
އެންބިއުލާންސްގެ އެހީގައި ޖަބީން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފެށުނެވެ.
ފިރްޝާ ހޭއެރީ އޭގެ އިރުކޮޅެއް ފަހުންނެވެ. ހޭއެރުމާއިއެކު ފުންމައިގެން ތެދުވަމުން ވަށައިގެން ހޯދާލިއެވެ. ކޮންމެވެސް މީހަކު ހޯދަން މަސައްކަތްކުރި ކަހަލައެވެ.
“މިހުރީ އޭނާ.. މީނަ އުޅުނީ އޭނާ މަރާލަން.. އެކަމު.. ކަލޭ ތީ އަސްލު މީހެއްތަ؟ ކަލޭ ކީއްވެ އެހާ ބާރު ގަދައީ؟ ކީއްވެ އޭނަ މަރާލަން އުޅުނީ.” ފިރްޝާ ބަލަހައްޓައިގެން އިނީ ނަޖުދާއަށެވެ.
ނަޖުދާއަކީ ގަސްދަށުގޭ އައިމިނަގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ނަޖުދާ އާއި އައިމިނަ އަކީ ވަރަށް އެއްގޮތް ދެމީހުނެވެ.
(ނުނިމޭ)
